ގއ. މާމެންދޫގައި އަހުމަދު އުދައްޔު މަރާލި މައްސަލާގައި ކްރިމިނަލް ކޯޓުގައި ކުށް ސާބިތުނުވެ ސަލާމަތްވި މީހެއްގެ މައްސަލަ އިސްތިއުނާފް ކުރުމަށްޓަކައި ދައުލަތުގެ ފަރާތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.
ފެބްރުއަރީ, 2021 ގައި ގްރޫޕަކުން ގޮސް އުދައްޔުއަށް ހަމަލާދީ މަރާލި މައްސަލާގައި ކްރިމިނަލް ކޯޓުގައި ކުށް ސާބިތުވީ ގއ. މާމެންދޫ ރިހިފަރުދާގޭ އަހުމަދު ޝަމީމާއި އެރަށު ގުލްފާމްގޭ މުހައްމަދު މާޒިންގެ މައްޗަށެވެ. އެހެންވެ, އެ ދެ މީހުން މެރުމަށް އެ ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ.
ނަމަވެސް އެ މައްސަލާގައި ދައުވާލިބުނު އެރަށު ބިލަތްމާގޭ ޝަރަފް ރަޝީދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް އެ ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ. އެހެންކަމުން އެ މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން މިހާރު ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ.
އެހެން ނަމަވެސް އެ މައްސަލަ ހައި ކޯޓުން ބަލައިގަތުމާ މެދު ވަކި ގޮތެއް ނުނިންމަ އެވެ.
އުދައްޔުގެ މަރާ ގުޅިގެން ކުރި ދައުވާ ޝަރަފްގެ މައްޗަށް ސާބިތުނުވި ނަމަވެސް ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ ސާބިތުވެ, އޭނާގެ މައްޗަށް ހަތް އަހަރުގެ ޖަލު ހުކުމެއް އޮތީ އިއްވައިފަ އެވެ.
އުދައްޔުގެ މަރާ ގުޅިގެން ކުޑަކުއްޖެއްގެ މައްޗަށް ކުރި ދައުވާ ސާބިތުވެ, އެ ކުއްޖާ 25 އަހަރަށް ޖަލަށްލުމާއެކު މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން ޖުވެނައިލް ކޯޓުން ވެސް ކުރިން އޮތީ ހުކުމްކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!