ހދ. ނޮޅިވަރަމުގެ ބަނދަރު ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ އަދި މަގުތައް ހެދުމުގެ މަސައްކަތް އާރުޑީސީއާ މިއަދު ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުތައް ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ނޮޅިވަރަމަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.
ބަނދަރު ހެދުމުގެ މަޝްރޫޢު
ބަނދަރު ހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ.
މި މަޝްރޫޢުގެ ދަށުން ނޮޅިވަރަމުގެ އިރުމަތީ ފަރާތުގައި ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މި މަސައްކަތަށް 85.4 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވޭއިރު، 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
ބަނދަރު ހެދުމުގެ މަޝްރޫޢުގެ ތެރޭގައި 362 މީޓަރުގެ ބްރޭކްވޯޓަރ އަދި 238 މީޓަރުގެ ރިވެޓްމަންޓް ޖެހުމުގެ އިތުރުން، 394 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި، 12 މޫރިންގް ބޮއި އަދި މަގުބައްތި ހަރުކުރުން ހިމެނެއެވެ. އަދި 1,895 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް އެޅުމުގެ މަސައްކަތްވެސް ކުރެވޭނެއެވެ.
ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު
މި މަޝްރޫޢުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ.
ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން 779 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް އަދި 164 މީޓަރުގެ ބޮޑުހިލަ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތަށް 52.9 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވޭއިރު، 250 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
މަގު ހެދުމުގެ މަޝްރޫޢު
ނޮޅިވަރަމް މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫޢުގައި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އާރްޑީސީގެގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!