ހދ. ނެއްލައިދޫގައި މިހާރު ބޭނުންކުރާ ބޯޅަ ދަނޑު ލައިޓް ޖަހައި ފުރިހަމަކޮށްދީ، އެރަށުގައި ފުޓްސަލްއާއި ހޭންޑްބޯޅަ ދަނޑެއް ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފަސް ވަނަ މަންޒިލްގެ ގޮތުގައި މިއަދު ނެއްލައިދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ ނެއްލައިދޫގައި މިހާރުވެސް ރަނގަޅު ފުޓްބޯޅަ ދަނޑެއް އޮތް ނަމަވެސް، އެ ދަނޑު އަދި ފުރިހަމަ ނުވާ ކަމެވެ. މިހާރުގެ ސަރުކާރުގެ ސިޔާސަތަކީ، ރޭގަނޑު ކުޅެވޭގޮތަށް ލައިޓް ހަމަކުރެވިފައި، ފެންސްޖެހިފައި ހުންނަ ފުރިހަމަ ދަނޑެއް ތަރައްގީކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، ނެއްލައިދޫގެ ފުޓްބޯޅަ ދަނޑަށް ލައިޓް ހަރުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށި، މި އަހަރުގެ ތެރޭގައި އެ މަސައްކަތް ނިންމާލައި، ރައްޔިތުންނަށް ފުރިހަމަކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާއިން އިތުރު މަޝްރޫޢުތަކެއް ވެސް އެރަށަށް އެބަހުރިކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ، ފުޓްސަލްއާއި ހޭންޑްބޯޅަ ދެ ކުޅިވަރު ކުޅެވޭ ފުރިހަމަ ދަނޑެއް ނެއްލައިދޫގައި އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށެވެ. މި ދަނޑުވެސް ހަދާނީ ފެންސްޖަހައި، ލައިޓް ހަރުކޮށް، ރަނގަޅު ފެންވަރަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެ ލަސްވެގެން އަންނަ އަހަރުގެ ޖަނަވަރީ މަހު މި މަޝްރޫޢު ފެށޭނެ ކަމަށާއި، އަވަހަށް ފެށެން އޮތް ނަމަ، މި އަހަރުގެ ނޮވެމްބަރު ނުވަތަ ޑިސެމްބަރު ހިސާބުގައިވެސް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫޢުތަކާއެކު ކުޅިވަރުގެ ގިނަ ކަންކަމަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ޚާއްޞަކޮށް ފުޓްބޯޅަ ކުޅުމުގައި ވަރަށް ހުނަރުވެރި ކުދިން ތިބި ރަށަކަށް ވާއިރު، މިއީ ރަށުގެ ކުޅިވަރަށް ވަރަށް ބޮޑު ކުރިއެރުމެއް ވާނެކަމަށް ރައީސް ޔަޤީންކުރައްވާ ކަމަށް ވިދާޅުވިއެވެ.