ދިވެހި ޤައުމީ ދުވަސް އެދުވަހަކަށް ނިސްބަތްވާ ރަބީޢުލްއައްވަލު މަހުގެ 1 ވަނަ ދުވަހަކީ ތިލަދުންމަތިން އުފެދުނު ޤައުމީ ބަދަލު އުތީމު މުޙައްމަދު ތަކުރުފާނު، އެޒަމާނުގެ ކަނޑުގެ "ބާޒު" ގޮތުގައި ސިފަކުރެވުނު ވަރުގަދަ ޕޯޗުގީޒުންގެ ވަކިތަކުން މި ދިވެހި އުންމަތް މިނިވަން ކުރެއްވި ދުވަހެވެ. މުޅި ރާއްޖެއަށް ޕޯޗުގީޒުންގެ ހަންފަތުރައި، އަނިޔާ ވެރިކަން އިންތިހާއަށްގޮސް، ޣައިރު ދީނަށް ދިވެހިން މަޖުބޫރުން ވައްދަމުން ދިޔަ ދިޔުން ހުއްޓުމަށް ނުކުންނެވީ ތިލަދުންމަތީ ހއ. އުތީމު ތިންބެއިން އިސްވެ ތިއްބަވައިގެންނެވެ.
މާދަމާ އަކީ މިއަހަރުގެ ރާއްޖޭގެ ޤައުމީ ދުވަހެވެ. މި ދުވަސް ރަސްމީކޮށް ފާހަގަކުރަން ސަރުކާރުން ނިންމާފައި ވަނީ އުތީމު ތިންބެއިން އެ ފަސްގަނޑަކަށް ނިސްބަތްވާ ހއ.އުތީމުގައެވެ. ވިދިވިދިގެން ދެ ވަނަ އަހަރު ރަސްމީގޮތެއްގައި އުތީމުގައި މި ދުވަސް ފާހަގަކުރަން ނިންމަވާފައިވާއިރު، މި އަހަރަކީ ވެރިރަށް މާލެ ފިޔަވައި ޤައުމީ ދުވަހުގެ ޖަލްސާ ރަށެއްގައި އެންމެ މަތީ ފެންވަރުގައި ބާއްވާ އަހަރެވެ. އަދި ރަށެއްގައި މިދުވަސް އެންމެ ކުލަގަދަކޮށް ފާހަގަކުރާ އަހަރެވެ.

މި ދުވަހަށް އުތީމު ތައްޔާރުކުރުމުގައި އާރުކާޓީއެއްގެ ގޮތުގައި ހުންނެވި އުތީމު ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ވަނީ ވަރަށް އަވަދިނެތި އުޅުއްވަމުން ވެސް ތައްޔާރީ ތަކުގެ ޚުލާޞާއެއް ''ތިލަދުން'' އާއި ހިއްސާކުރަށްވާފައެވެ.
ހުއްޓާނުލާ ޤައުމީ ދުވަހަށް ތައްޔާރުވާތާ ދޮޅުމަސް
އުތީމު ރައީސް ޢަބުދުﷲ ރަޝީދު ވިދާޅުވިގޮތުގައި ސަރުކާރުން މިއަހަރުގެ ޤައުމީ ދުވަސް ރަސްމީކޮށް އުތީމުގައި ފާހަގަކުރަން ނިންމަވައި، އެކަަމަށް ބަޖެޓް ހަމަޖައްސަވައިދެއްވި ދުވަހުން ފެށިގެން އުތީމު ރައްޔިތުން އަންނަނީ މި ދުވަހަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން ވޭތުވި ދޮޅު މަހެއްހާ ދުވަހު އެއްމެ ދުވަހެއްވެސް މެދުކަނޑާނުލައި ތައްޔާރީތަކުގެ މަސައްކަތް ކުރެވުނުކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ފާއިތުވި ހަފުތާއެއްހާ ދުވަހު، ހޭލާ ތިބެގެންހެން މަސައްކަތްކޮށް ތައްޔާރީތައް ފުރިހަމަކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އުތީމު ރައްޔިތުން ޤައުމީ ދުވަހަށް ތައްޔާރުވުމުގެ މަސައްކަތުގައި، ފޮޓޯ: އުތީމު ކައުންސިލް
އެކުވެރިކަމުގެ ނަތީޖާ ފޮނި، އުމްރާނީ ބޮޑު ކުރިއެރުމެއް
ޢަބުދުﷲ ރަޝީދު ފާހަގަކުރެއްވިގޮތުގައި މި ތައްޔާރީތައް ފުރިހަމަކަމާއެކު ނިންމާލެވުނު ރަށުގެ ރައްޔިތުން ދެއްކި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ސަބަބުންނެވެ. މިގޮތުން މީގެ 10 ވަރަކަށް އަހަރު ކުރިން އެރަށު ބަނދަރުގައި ހަދާފައިވާ ކަޅުއޮއްފުއްމީގެ މޮނިއުމަންޓް އަލުން ހަދައި، ނަލަކޮށްލެވިފައިވާކަން ރަޝީދު ފާހަގަކުރެއްވިއެވެ.
އުތީމު ބަނދަރުގައި ހަދާފައިވާ ކަޅުއޮއްފުންމި މޮނިއުމެންޓް، ފޮޓޯ: އުތީމު ކައުންސިލް
މީގެ އިތުރުން އެރަށު ބަނދަރުގައި ވަނީ ވަރަށް ޗާލު ހަޓެއް ވަނީ ހަދާފައެވެ. އުތީމަކީ ވަރަށް ގިނަ އަދަދަކަށް އޮނުގަސް ހުންނަ ރަށެއްކަމުން ''އޮނު ހިޔާ'' ނަންދީފައިވާ މި ހަޓް ޤައުމީ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވާނެއެވެ.
މީގެ އިތުރުން ވެރިރަށް މާލޭގައި ހުންނަ ކަހަލަ ބޮޑު ދިދައެއް ނެގުމުގެ ތައްޔާރީތައް ނިމިފައިވާއިރު، އެ ދިދަ ވެސް ޤައުމީ ދުވަހުން ފެށިގެން އުތީމުގެ ފަޒާގައި ވިހުރެންފަށާނެއެވެ.
މި މަސައްކަތުގެ ތެރެއިން މުޅިރަށް ސާފުކޮށް ޒީނަތްތެރިކޮށްފައިވާއިރު، ރަށަށް އުމްރާނީ ގޮތުންވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. މިގޮތުން މި ދުވަހަށް ޚާއްޞަކޮށް ބެލެނިވެރިންގެ ހިޔާ އަކާއި ކުޑަކުދިންގެ ޕާކެއް ވަނީ ތަރައްގީކޮށްފައެވެ،
ހަމައެހެންމެ، މާދަމާ އުތީމަށް ލިބިގެންދާނެ އެންމެ ބޮޑު އެއް އުފާވެރިކަމަކީ ''އުތީމު ގޭޓު'' ބިންގާ އެޅިގެން ދިޔުމެވެ. އާރުޑީސީގެ ސީއެސްއާރުގެ ތެރެއިން ހަދަން ނިންމާފައިވާ މި ގޭޓް ލަހެއްނުވެ ނިމިގެން ދިޔުމަކީ އުތީމު ރައްޔިތުންގެ އުންމީދެވެ.
އުތީމު ރައްޔިތުން ޤައުމީ ދުވަހަށް ތައްޔާރުވުމުގެ މަސައްކަތުގައި، ފޮޓޯ: އުތީމު ކައުންސިލް
ޤައުމީ އިނާމް ފުރަތަމަ ފަހަރަށް މާލެއިން ބޭރަށް
މާދަމާ އުތީމުގައި ބާއްވާ ޤައުމީ ދުވަހުގެ ޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މާލެއިން ބޭރު ތަނެއްގައި މި އިނާމްތައްދޭ ފުރަތަމަ ފަހަރެވެ. އެހެންކަމުން އުތީމަށް ވަނީ މި ޝަރަފް ކަށަވަރުވެފައެވެ.
ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު އުތީމު ރައްޔިތުންނަށް
އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި، އުތީމު ރައްޔިތުން އަދާކުރައްވައިފައިވާ ދައުރާއި، އެކަމަށް ދެއްވި އަހައްމިއްޔަތުގެ އަގު މިއަދުގެ ސަރުކާރުން ވަޒަންކުރަށްވައި، އަދި އުތީމުގެ ލޮބުވެތި ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާއެކުގައި އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރު ވެފައިވާތީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު އުތީމު ރައްޔިތުންނަށް އެރުވުމަށް ނިންމާފައެވެ. އެ ޝަރަފްވެސް ޤައުމީ ދުވަހު އުތީމަށް ލިބިގެންދާނެއެވެ.

މޮނިއުމެންޓްގައި ދިވެހި ބަހުން އުތީމު، ތައުރީފް އޮހެނީ
ރަށްރަށުގައި ހަދާފައި ހުންނަ މޮނިއުމަންޓްތަކުގައި ރަށުގެ ނަން ޖެހުމުގައި އާންމުކޮށް ތާނަ އަކުރުން ޖަހާފައި ހުންނަ ނަން ފެންނަނީ ފަނޑުކޮށެވެ. އާންމުކޮށް ބޮޑުކޮށް ފެންނަނީ އިނގިރޭސި އަކުރުން ޖަހާފައި ހުންނަ ނަންތަކެވެ. ގިނަ ރަށްރަށުގައި ހަދާފައި ހުންނަ މޮނިއުމެންޓްތަކުގައި ދިވެހި އަކުރު ބޭނުންކޮށްގެން ނަން ޖަހާފައި ނުވެސް ހުރެއެވެ.
މިކަމުގައި ވެސް އުތީމު ތަފާތެވެ. ''އުތީމު'' ތާނައަކުރުން ބޮޑުކޮށް ޖަހާފައިވާ އުތީމުގެ ނަން ރަމްޒުކޮށްދޭ މޮނިއުމެންޓް ވަރަށް ޗާލެވެ. އެހެންވެ އެ މޮނިއުމަންޓަށް ގިނަބަޔެއްގެ ތައުރީފް އަންނަނީ އޮހެމުންނެވެ.
ޤައުމީ ދުވަހަށް އުތީމު ތައްޔާރުވެފައި، ފޮޓޯ: އަހްމަދު އާމިރު
އާދަޔާ ޚިލާފް ޤައުމީ ރޫހެއް
ރަށްރަށުގައި ހިލޭ ސާބަހަށް މަސައްކަތްކޮށް ރައްޔިތުންގެ ބައިވެރިވުމާއެކު ބޮޑު މަސައްކަތެއް ނިންމާލުމަކީ އަދުގެ ހާލަތުގައި ފަސޭހަކަމެއްނޫނެވެ. ޚާއްޞަކޮށް ދިގުދެމިގެން ގޮސް ގިނަ ދުވަސްތަކެއް ހޭދަވާ މަސައްކަތެއްގައި ރައްޔިތުންގެ ޝާމިލްވުން ބޮޑު މިންވަރަކަށް ހޯދުމަކީ ވެސް ދަތިކަމެކެވެ. ތަރައްގީ ހާސިލް ކުޅައުމަށް ވެސް ހިލޭ ސާބަހަށް ރަށު ރޫހުގައި ރައްޔިތުންގެ ބައިވެރިވުން ކުޑަވާހަކައަކީ ހިތާމަވެރި، ނަމަވެސް މިއަދު ހަގީގަތެކެވެ.
އުތީމު ރައްޔިތުން ޤައުމީ ދުވަހަށް ތައްޔާރުވުމުގެ މަސައްކަތުގައި، ފޮޓޯ: އުތީމު ކައުންސިލް
މިކަންކަމުގައި އުތީމު ތަފާތު ދައްކުވައި ދީފިއެވެ. ދޮޅުމަސްވަންދެން އެއްވާމެއްގައި ޤައުމީ ރޫހް ދައްކުވައި ދީފިއެވެ. ހިލޭ ސާބަހަށްނުކުމެ ރަށް ޒީނަތްތެރިކޮށް، ބިނާތައް ހަދައި ޤައުމީ ދުވަހަށް ތައްޔާރުކޮށްލައިފިއެވެ. ހިތްވަރު ދިނުމުގެ ސައިތަކާއި ކެއުންތައް ފޯރުކޮށްދެމުން ދިޔައީ ވެސް ހަމަ ހިލޭ ސާބަހަށެވެ. އެހެންކަމުން ޤައުމީ ދުވަހަށް ތައްޔާރުވުމުގައި އުތީމު ރައްޔިތުން މިވަނީ ނަމޫނާ، ޤައުމީ ރޫހެއް ދައްކުވައިދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!