ކުރީގެ ރައީސް މައުމޫން އަބުދުލްޤައްޔޫމާއި، ކުރީގެ ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމަކީ ''އުޑާ ބިމާހާ ތަފާތު'' ދެވެރިން ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުހައްމަދު (ލަތީބެ) ވިދާޅުވެއްޖެއެވެ.
ލަތީފް މިހެން ވިދާޅުވީ މެންދުރު ޓީވީން ހުކުރު ދުވަހުގެ ރޭ ގެނެސްދިން ''ޖަވާބުދާރީ'' ޕްރޮގްރާމްގައި އެ ދެބޭފުޅުންގެ ތަފާތާއި ބެހޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ލަތީފް ރައީސް މައުމޫން ސިފަކުރެއްވީ ޚުލްޤުހެޔޮ، ކެތްތެރިކަމާއި ރުޅިމަޑު ބޭފުޅެއްގެ ގޮތުގައެވެ. މައުމުނާއެކު ބާއްވާ ބައްދަލުވުމެއް ''ކިތަންމެ ހޫނުވެގެން ދިޔަ ނަމަވެސް'' މައުމޫން އެބޭފުޅުންނާއި މުއާމަލާތް ކުރައްވަނީ ކެތްތެރިކަމާއެކު ފުރިހަމަ ލީޑަރެއްގެ ސިފަތަކާއެކު ލަތީފް ވިދާޅުވިއެވެ. އަދި ރައީސް މައުމޫނަކީ އެއްވެސް ހަރުކަށިކަމެއް ނޭއްގާނީކަމެއް ނުގެންގުޅުއްވާ މަޑުމައިތިރިކަމާއި، ހިތްތިރިކަމުގެ ވެރިއެއް ކަމަށް ލަތީފް ވިދާޅުވިއެވެ.
ނަމަވެސް ރައީސް ޔާމީން ސިފަކުރައްވަމުން ލަތީފް ވިދާޅުވީ، ރައީސް މައުމޫނާއި ރައީސް ޔާމީނުގެ ސިފަތައް މުޅިން ތަފާތުކަމަށެވެ. ރައީސް ޔާމީނަކީ ވަރަށް އަވަހަށް ރުޅިއަންނަ، ކަންކަމުގައި ދެކޮޅު ނުބަލާ އަމިއްލަ އަމިއްލައަށް ކަންކަން ނިންމެވުމުގެ ވިސްނުން ގެންގުޅުއްވި ބޭފުޅެއްކަމަށް ލަތީފް ވިދާޅުވިއެވެ.
''ޔާމީނަކީ އެހެން މީހުންނަށް އިހްތިރާމް ކުޑަ، އެހެން މީހުން ދެކެ ރުޅިއަރާ ފޫހިވާ، ޔާމީންގެ ނުހުންނާނެ ކެތްތެރިކަމުގެ ސިފައެއް،" ލަތީފް ވިދާޅުވިއެވެ.
ލަތީފް އިތުރަށް ވިދާޅުވީ، ޕާޓީއަކީ ވަރަށް ގިނަ ބަޔަކު ގޮވައިގެން އުޅެންޖެހޭ އެއްޗެއް ކަމަށާއި، ޕާޓީގެ މެމްބަރުންނާއި މުއާމަލާތްކުރަން ޖެހޭނީ ކެތްތެރިކަމާއެކު ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ކިބައިގައި އެ ސިފަ ނުހުންނަ ކަމަށް ލަތީފް ފާހަގަކުރެއްވިއެވެ.
"ރައީސް ޔާމީނަށް ހުރިހާ ވެސް މީހަކީ ރައީސް ޔާމީން، ރައީސް ޔާމީންގެ ވިސްނުންފުޅަކީ ތިމަން މަނިކުފާނުގެ ވިސްނުންފުޅަކީ ރަނގަޅު ގޮތޭ، ތިމަން މަނިކުފާނު ކުރާ ކަންތައްތަކަކީ އެންމެ ރަނގަޅު ކަންތައްތަކޭ، ތިމަން މަނިކުފާންކީއޭ ހުރިހާވެސް މީހަކީ،" ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވި ގޮތުގައި، ރައީސް ޔާމީނަކީ އެހެން މީހުންނަށް ނަފުރަތުކުރާ، ފޫހިވާ، ރުޅިއަންނަ އަދި އެހެން މީހުންނަށް ގޯނާ ކުރުމުގެ އާދަ މިޒާޖުގައި ހުންނަ ބޭފުޅެއް ކަމަށާއި، އަދި އެކަންކަން ރަނގަޅުވެސް ނުކުރެއްވި ކަމަށެވެ. އެހެންކަމުން، ރައީސް ޔާމީނާއެކު މަސައްކަތް ކުރުމަކީ ކިތަންމެ ރަނގަޅު، ކިތަންމެ ކެތްތެރި ބަޔަކަށް ވެސް ވަރަށް އުނދަގޫ ކަމެއް ކަމަށް ލަތީފް ވިދާޅުވެފައިވެއެވެ.
''ވެރިއަކަށް ހުންނާތީ ކެތްތެރިވެގެން ތިބޭ ބަޔަކު ވެސް ތިބޭނެ، އެކަމަކު ރައީސް މައުމޫނާއި އުޑާ ބިމާހާއި ތަފާތު ރައީސް ޔާމީނާ، އުޑާ ބިމާހާއި ތަފާތު ދެވެރިން އެޔަކީ، ރައީސް މައުމޫނަކީ ވަރަށް ކެތްތެރި ވަރަށް ޚުލްގުހެޔޮ، ގައުމުން އަޚްލާޤީގޮތުން ނުދެކޭހާ ބޭފުޅެއް، އެހާ ރަނގަޅު އަޚްލާގީގޮތުން'' ލަތީފް ވިދާޅުވެފަވެއެވެ.
ލަތީފް ވަނީ އޭނާ 18 ވަނަ މަޖިލީހުގެ މެމްބަރަކަށް ހުންނެވި ދުވަސްވަރު، ރައީސް ޔާމީން ދޫކޮށްލަން ޖެހުނު ސަބަބު ވެސް ވިދާޅުވެފައެވެ. މިގޮތުން ޔާމީނު ދޫކޮށްލައި، އެ ސަރުކާރާއި ފެޔަށް ޖެހިވަޑައިގަތީ ޕާޓީގެ މެމްބަރުންގެ މެދުގައި ތަފާތުކުރުންތައް ބޮޑުވުމާއި ގުޅިގެން ޕާޓީގެ ތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ތެރެއިން ވިދާޅުވިއެވެ. އަދި އެވަގުތު ރައީސް މައުމޫން ހުންނެވީ ރައީސް ޔާމީނާއި ޚިޔާލުތަފާތުވެ، ސަރުކާރާއި ފެޔަށް ޖެހިވަޑައިގެންފައި ކަމުން، އެ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އޭނާ އަށް ނެގުނީ ރައީސް މައުމޫންގެ ކޮޅު ކަމަށް ވެސް ލަތީފް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!