ކުރީގެ އަދަދާއި ގުޅޭ:

މިހާރު އަހަންނަކީ އޭނާއަށް ބަލާއަކަށް ވީއޭ ހިތަށް އެރުމާއެކު އެތެރޭގައި ހިފެހެއްޓިފައި ހުރި ނޭވާ، ދޫވެއްޖެއެވެ. އަވަސް އަވަހަށް އަހަރެން ހުރި ތަނަށް ތިރިވީމެވެ.

Ad
rt

ޒިޔާދުގެ ބަސްތަކުން އަހަރެން ވަރަށް ހިތުގައި ޖެހުނެވެ. އަހަރެން ދައްކާ ވާހަކަ އޭނާއަށް އަޑު އިވެނީ ދިމާ އިދިކޮޅަށް ހެއްޔެވެ؟ އޭނާއަށް ނުވިސްނެނީ ކީއްވެހެއްޔެވެ؟ އަނެއްކާ އަހަންނަށް ބުނެވޭ ގޮތް ކަމުނުދަނީ ހެއްޔެވެ؟

ޝަކުވާތަކުން އަހަރެންގެ ބޮލަށް އުނދަގޫ ވާން ފެށިއެވެ. ހިތަށް ތަސައްލީއެއް ލިބޭތޯ ބަލަން، ލިލީ ގާތު ގޮސް އަހަރެން އޮށޯތީ ބަރު ހިތަކައިގެންނެވެ. އެ މައުސޫމް މޫނު ފެނި، އަހަންނަށް އިތުރަށް ރޮވެން ފެށިއެވެ. އެ ކުޑަކުޑަަ ހަށިގަނޑުގައި ބައްދާލުމާއެކު ލިލީ ތެޅިލިއެވެ. އެހެންވެ، ކުޑަކޮށް ދުރަށް ޖެހިލުމަށްފަހު ނިތްމަތީ އަތް ބާއްވާލީމެވެ.

ހުއްޓިފައި ހުރި ފަންކަލުގެ ފިޔަތަކަށް ނަޒަރު ހުއްޓައިގެން އަހަރެން އޮތީ ކެތްކުރެވޭތީއެއް ނޫނެވެ. ޒިޔާދުގެ ސަބަބުން ހިތަށް ލިބޭ ތަކުލީފުތައް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އޭނާއަށް ކެއާ ކުރަން ހަމަ ނޭނގެނީހެއްޔެވެ؟ އުފާތަކުން އަހަރެން މަހުރޫމްވަމުން ދާކަން އިހުސާސް ވެސް ނުވަނީ ހެއްޔެވެ؟ އެ ފަދަ ވިސްނުންތަކެއްގައި އޮއްވާ އަހަރެންގެ ދެ ލޮލަށް ބަރުވެ، ނިދި ސަވާރުވާން ފެށިއެވެ. އެއީ ވެސް ނަސީބެކޭ އަހަރެންގެ ހިތަށް އެރިއެވެ.

ލިލީ ސްކޫލަށް ލައިފައި ގެއާ ދިމާލަށް އަހަރެން މިސްރާބުޖެހީމެވެ. އޭރު ވެސް މިއަދު ހެނދުނު ކުރި ޒުވާބުގަނޑު މަތިން ހަނދާނެއް ނުނެތެއެވެ. ލިލީ ކޮބައިތޯ ވެސް މިއަދު އޭނާ ނުބަލައެވެ. އެހެންވެ، އަދިވެސް އެ ހުރީ އަހަރެންދެކެ ރުޅި އައިސްފައިކަން އަހަންނަށް ޔަގީން ކުރެވުނެވެ. ގެ ހުންނަ މަގަށް ސައިކަލް ވެއްދުމަށްފަހު ވެސް އަހަރެންގެ ހިތް އެދުނީ ގެއާ ދުރަށް ދާށެވެ. އެ ނުތަނަވަސް މާހައުލަށް އެނބުރި ގޮސް ވަންނަން ބޭނުން ނުވީއެވެ. ހިތްހަމަޖެހުމާއި އުފާވެރިކަމަކީ އަހަރެންގެ ވެސް ހައްގެއްކަން އަހަންނަށް އިހްސާސް ކުރެވުނެވެ.

ސައިކަލް އަނބުރާލުމަށްފަހު ގޮސް ރަސްފަންނަށް ވަނީމެވެ. އެ ސަރަހައްދަށް ވައި ހިލަމެއް ނުވާތާ، އެހާމެ ހޫނު ވެސް ގަދައެވެ. ކިތަންމެ ދިލަ ހޫނެއް ދިނަސް، އަހަރެންގެ ހަށިގަނޑުން ނަގަމުންދާ ދިލައިގެ ހޫނުކަން މާ ގަދައޭ ހިތަށް އެރިއެވެ.

ސައިކަލް ޕާކުކޮށްފައި ގޮސް ރަސްފަންނަށް ނަޒަރު ހިންގާލީމެވެ. އެއާއެކު އަހަރެންގެ ލޮލުގައި އަޅައިގަތީ މާ ދުރު ނޫން ހިސާބެއްގައި ހުރި އުނދޯއްޔެކެވެ. ކަންނެތްކަމާއެކު ގޮސް އުނދޯލީގައި އިށީނދެ، ކުރިމަތީގައި އޮތް ކަނޑަށް ނަޒަރު ހުއްޓާލެވުނީ ހިތްވަރު އެލިފައި އިނދެއެވެ.

ހަރަކާތްތައް ހުއްޓާލުމަށްފަހު، ފުން ނޭވާއެއް ދޫކޮށްލީ ގަދަކަމުންނެވެ. އެއާއެކު އަހަންނަށް އިހްސާސް ކުރެވުނީ ހަށިގަނޑު ބަރުހެލިވެ، ލޮޑުވެފައިވާ މިންވަރެވެ. އެންމެ ކުޑަމިނުން ލޮލުގެ އެސްފިޔަތައް ހަރަކާތްކޮއްލަން ވެސް އަހަންނަށް ވީ ބުރައަކަށެވެ. ދެ ލޯ މަރާލި ގޮތަށް ހުޅުވާލާ ހިތެއް ނުވިއެވެ. ހަށިފުރާ ދެ ތިން ފަހަރު ނޭވާ ބޭރުކޮށްލުމާއެކު ހަށިގަނޑަށް ލުއިކަން ވެރިވާން ފަށައިފިކަމުގެ އިހްސާސް ކުރެވުނެވެ.

ކުއްލިއަކަށް ދަބަހުގައި އޮތް ފޯނު ވައިބްރޭޓްވާ އަޑަށް އަހަންނަށް ތެޅިގަނެވުނެވެ. އަވަސް އަވަހަށް ދަބަހުން ފޯނު ނަގައި ސްކްރީނަށް ބަލައިލެވުނީ ހިތްހަމަ ނުޖެހިފައި ހުރެއެވެ.

" ނޫރާ؟ ނޫރާ ކީއްކުރަންބާ މި ގުޅަނީ؟" އަހަންނަށް ބުނެވުނެވެ.

ނޫރާއަކީ އަހަރެންގެ ދުވަސްވީ އެކުވެރިއެކެވެ. ނަމަވެސް ހަބަރެއް ނުވާތާ މިހާރު އަހަރެއްހާ ދުވަސް ވެއްޖެއެވެ.

" ފޯނު ހާވަނިކޮށް ތައިބާގެ ނަންބަރު ފެނިގެން ގުޅާލާ ހިތްވީ. މާލެ އާދެވުނީމަ ހަނދާންވީ." ނޫރާ ބުންޏެވެ.

" އެހެންތަ؟ ނޫރާ މާލެއައީތަ؟ އަހަންނާ މީޓް ނުކޮށް ނުދައްޗޭ. ކޮންތާކު ހުންނަނީ؟" އަހަރެން ސުވާލު ކުރީ އުފަލުންނެވެ.

" ކުއްޔަށް ރޫމެއް ނެގީ. މިހާރު މި ނިކުތީ އައިޖީއެމްއެޗުން ޑޮކްޓަރަށް ދައްކައިގެން." ނޫރާ އެހެން ބުނުމާއެކު އަަހަންނަށް ތެޅި ގަނެވުނެވެ.

" އޭ. އަހަރެން ދަންތަ ނޫރާ ބަލައި. މިތާ ރަސްފަންނުގައި މިއިނީ. " އަހަރެން ބުނީމެވެ.

" އަންނާނެ ކަމެއް ނެތް. އަހަރެން މި ދަނީއޭ ތި ދިމާލަށް. މަޑުކުރޭ ތިތާ." ނޫރާގެ އަޑުގައި ވެސް ހުރީ އުފާވެރިކަމެވެ.

ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނޫރާއާ ބައްދަލް ވެއްޖެއެވެ. އުނދޯލީގައި އިށީންނަމުން ނޫރާ އަހަރެންގެ މޫނަށް ފުން ނަޒަރަކުން ބަލައިލިކަން އަހަންނަށް އެނގުނެވެ. މޫނުމަތީގައިވާ އުދާސްތައް ފޮރުވަން މަސައްކަތް ކުރަމުން އަހަރެން ހިނިތުންވެލީމެވެ.

" ކީއްވެ މި ގަޑީގައި މިތާ އެކަނި ތި އިންނަނީ؟" ނޫރާ ސުވާލު ކުރިއެވެ.

" ދަރިފުޅު ސްކޫލަށް ލައިފައި އައިސް އިށީނދެލީ މިތާ. މީހުން މަދުވާނީ ވެސް މި ގަޑީގައެއްނު." އަހަރެން ބުނީމެވެ.

" އެހާ ދުވަސްކޮށްފައި އަހަންނާ ބައްދަލްވީމަ ވެސް ތައިބާ ހީވަނީ ވަރަށް މޫޑީވެފައި އިންނަހެން." ނޫރާ ބުންޏެވެ.

ސްކޫލް ދައުރުން ފެށިގެން އަހަންނަށް ނޫރާ އެނގެއެވެ. އޭނާއަކީ ހިތަށް އަންނަ އެއްޗެއް ވަގުތުން ދުލުން ބޭރުކުރާ މީހެކެވެ. އަހަރެންގެ ހިތުގެ ޝަކުވާތައް އޭނާ ދެނެގަތީ އަހަރެންގެ މޫނުމަތީގެ ކުލަވަރުންނެވެ.

" މޫޑީ ދެން. ގޭގައި އެކަނި އިންނާތީ ވަރަށް ފޫހި. ޒިޔާދު ވެސް ވަރަށް ބިޒީ މީހެއް. ދެން ވައި ވާނެއެއްނު." އަހަރެން ބުނީމެވެ.

" އަހަންނަށް ހެޔޮ ހަތަރުދަމު އެކަނި އުޅެން ޖެހުނަސް. ފޯނު އޮތިއްޔާ އެ ނިމުނީ." ނޫރާ ބުނެލީ މަޖާވެލާފައެވެ.

" އަހަރެން ނުވެ އަބަދު ފޯނު ބަލަން އޮންނަ ހިތެއް. " ޝައުގުވެރިކަން ނެތްކަން އަހަރެން ހާމަ ކުރީމެވެ.

އޭރު ވެސް އޭނާގެ ފޯނަށް ނޮޓިފިކޭޝަންތައް އަންނަ އަޑު މެދުކެނޑުމެއްނެތި އިވެމުން ދެއެވެ. ހެވިފައި އިނދެ ފޯނު ނަގައި އަހަންނަށް ސްކްރީން ދައްކާލިއެވެ.

" ބަލާބަލަ. މިއީ ސްނެޕްޗެޓް. މީހުން ކުރާ ކަންތައްތައް ވަގުތުންވަގުތަށް ފެންނާނެ. ފޫހި ފިލާނެ ވަރަށް. މިހާރު ސްނެޕް އެޅީމަ ނުޖެހޭނެ ހާލު ބަލަން ރައްޓެހިންނަށް ގުޅާކަށް ވެސް. ބައްޔެއް ވިޔަސް، ކޮންމެ ކަމެއް ވިޔަސް އެނގޭނެ." ނޫރާ އިތުރަށް އޮޅުން ފިލުވައިދިނެވެ. އަދި އޭނާގެ ފޯނުން އަހަންނަށް އެ ހުރިހާ މަންޒަރެއް ދެއްކިއެވެ.

" އަހަރެމެން ދެ މީހުން ވެސް އެއް އަހަރު ވެއްޖެއެއްނު ހަބަރެއް ވެސް ނުވަނީ. މި އެޅީމަ ހަބަރު ނުވެއެއް ނުހުންނާނެ. އުޅޭ އަޅަން. އޭރުން ދަރިންކޮޅު ކުރާ ކަންތައްތައް ވެސް ފެންނާނެ އެއްނު." އާދޭހުގެ ރާގަކަށް ނޫރާ އެހެން ބުނުމުން އަހަންނަށް ހިނިގަނޑެއް ޖަހާލެވުނެވެ.

" ގެނޭ ފޯނު. މި އަޅާފައި އަހަރެން ދާނީ ވެސް. އެހެން ނޫނީ ދެން މި ދާ ގޮތަށް އަހަރެމެން އަނެއްކާ ވެސް އަނެއް އަހަރަށް ގެއްލޭނީ." އޭނާ ވެސް ވާހަކަ ދެއްކީ ހެމުންނެވެ.

" އަހަންނަކަށް ނޭނގެ ތީގަ ވާއެއް ނުވާއެއް. " ނޫރާގެ އަތަށް ފޯނު ދިއްކޮށްލަމުން އަހަރެން ބުނީމެވެ. އެއާއެކު އަތުގެ އިޝާރާތުން މަޑުކުރުމަށް އޭނާ އެދުނެވެ.

" މި ޑައުންލޯޑް ވީމަ ކިޔައިދޭނަމޭ." ނޫރާ ބުންޏެވެ.

އަހަރެން ގެއަށް އައީ ވަރަށް އުފަލުންނެވެ. ނޫރާއާ ދިމާވެގެން އޭނާއާއެކު ހޭދަ ކުރެވުނު ކުޑަ ވަގުތުކޮޅުގެ ތެރޭގައި އަހަރެންގެ ބޮލުގެ ރިހުން މުޅިންހެން ފިލައިގެން ދިޔަ ކަހަލައެވެ. އެކަނިވެރިކަމަކީ ވެސް ބައްޔެކޭ އެ ވަގުތު އަހަރެންގެ ހިތަށް އެރިއެވެ. ވާހަކަ ދައްކާލާނެ އެކުވެރިއެއް ހުރުމަކީ މުހިއްމުކަމެކޭ ވެސް ހިތަށް އެރިއެވެ.

ރޭގަނޑުގެ ދަން ވަގުތެކެވެ. ލިލީ ނިންދެވުމަށްފަހު އަހަރެން ވެސް އޮށޯތީމެވެ. ނަމަވެސް މާ އަވަހަށް ދެ ލޮލަށް ނިދި ސަވާރުވާން ފެށުމުން، އަވަހަށް ތެދުވީ ނިދަން ބޭނުން ނުވެގެންނެވެ. އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބޭނީ ޒިޔާދު ގެއަށް އައިސް އަހަންނާ ރީތިކޮށް ވާހަކަ ދެއްކީމައެވެ. އޭނާއަށް ގުޅާލަން އެތައް ފަހަރަކު ފޯނަށް ވެސް ބެލިއްޖެއެވެ. ނަމަވެސް ޒިޔާދު އަހަރެން މަތިން ހަނދާން ނުކުރަންޏާ، އަހަރެން ވަކި އޭނާއަށް ގުޅަންވީ ކީއްކުރަންތޯ ހިތާހިތުން ސުވާލު ކުރީމެވެ.

ހަމަ އެ ވަގުތެވެ. ތަޅަށް ތަޅުދަނޑި ޖަހާލި އަޑަށް އަހަރެން ދިޔައީ ސިހިގެންނެވެ. އަވަސް އަވަހަށް ތެދުވެ، ސޯފާގައި ލެނގިލީމެވެ. އެތެރެއަށް ޒިޔާދު ވަނުމާއެކު އޭނާގެ މޫނަށް ފަރުވާތެރިކަމާއެކު އަހަރެން ބަލައިލީމެވެ. އަދިވެސް އޭނާގެ މޫނުމަތިން ފެންނަނީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ.

" އަދިވެސް ހިތްހަމަ ނުޖެހިފައިތަ؟" އަހަރެން އެހީމެވެ.

އޭރު އޭނާ އިނީ ބޫޓު ބާލާށެވެ. އަހަރެންގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމާއެކު އިސް އުފުލައި އަހަންނާ ދިމާލަށް އޭނާ ބަލައިލިއެވެ. އަދި އެއް މިޔަކަނުން ހީލަމުން ވާހަކަ ދައްކަން ފެށިއެވެ.

" ގެއަށް ވަންނައިރަށް ތި ހުންނަނީ ޝަކުވާ ކުރަން ތައްޔާރަށްތަ ހަމަ؟" ޒިޔާދު ބުންޏެވެ.

އެތެރޭގައި ހިފަހައްޓާފައި ހުރި ނޭވާ ބޭރުކޮށްލަމުން އަހަންނަށް ގައިން ވާގި ދޫކޮށްލެވުނެވެ. އަހަރެން ދެން ބުނާނީ ކީކޭ ހެއްޔެވެ؟ ބޯ ހާސް ދުވަހެއް އެކަނިވެރިކަމުގައި ހޭދަކުރުމަށްފަހު ވެސް އަހަރެން މި އިންތިޒާރު ކުރީ ޒިޔާދަށެވެ. ދެ މީހުންގެ މެދުގައި އޮތް ހަމަނުޖެހުން ދުރުވޭތޯ ވާހަކަ ދައްކާލަން ބޭނުން ވެގެންނެވެ.

" އަނެއްކާ ވެސް އަހަރެން ކުއްވެރިވީތަ؟" އަހަރެން އެހީމެވެ.

" ޕްލީޒް ތައިބާ. ޒުވާބު ކުރަން ނަހަދާ. މަ ވަރަށް ސްޓްރެސް." ޒިޔާދު ބުންޏެވެ.

އޭނާ އަވަސް އަވަހަށް ތެދުވެ، ކޮޓަރިއާ ދިމާލަށް ހިނގައިގަތުމާއެކު އަަހަރެން ވެސް ތެދުވީމެވެ. އަދި ބާރަށް ގޮސް އޭނާގެ ގައިގައި ފަހަތުން ބައްދާލީމެވެ.

" ދުރު ނުކުރައްޗޭ. ޕްލީޒް. އަަހަރެން ދުރު ނުކުރޭ. " އަހަންނަށް ރޮވޭ ގޮތްވިއެވެ.

ޒިޔާދު އެއްވެސް އެއްޗެއް ނުބުނެ މަޑުކޮށްގެން ހުއްޓެވެ. އޭނާގެ ބުރަކަށީގައި މޫނު ޖައްސައިގެން ހުރެ، ހަށިފުރާ ނޭވާލަމުން ދިޔައީމެވެ.

" ދެން؟ ކިހާ އިރެއް ވަންދެން މިހެން އަހަރެން ހުންނަންވީ؟" ޒިޔާދުގެ އަޑު އިވުމާއެކު އަހަރެން ވަގުތުން އޭނާގެ ގައިން ދޫކޮށްލީމެވެ. އަދި އޭނާގެ ކުރިމަތީގައި ހުއްޓި، ދެ ލޯ ކުޑަކޮށްލަމުން ޒިޔާދުގެ މޫނަށް ބަލައިލީމެވެ. އޭރު އަހަރެންގެ ދެ ލޮލަށް ކަރުނަ ޖަމާވަމުން ދެއެވެ.

" އަހަންނާމެދު ހަމަ ކުޑަވެސް ހަމްދަރުދީއެއް ނެތީތަ؟ " އަހަރެން އެހީމެވެ.

" ދެން ތިއީ ކޮން ވާހަކައެއްތަ؟ ތައިބާ މިހާރު އަބަދުވެސް ތި ކަހަލަ ބޭކާރު ސުވާލުތަކެއް ކުރަނީ؟ އެންމެ ފަހަރަކު ވެސް އަހަރެން އުޅޭ ގޮތެއް އަހާލިންތަ؟ ހާދަ ބިޒީކޮށް އުޅެފައޭ މި އަންނަނީ." ޒިޔާދު ބުންޏެވެ.

އޭނާގެ ހިތުގެ ޝަކުވާތައް އަހަންނަށް ނުހަނު ގާތުން އިވުނު ކަހަލައެވެ. ހިތްވަރުކޮށްފައި އަހަރެން ޒިޔާދުގެ ދެ އަތުގައި ހިފާލީމެވެ. އަދި އޭނާގެ ދެ އަތަށް ބޮސްދިނުމަށްފަހު އަނެއްކާ ވެސް އޭނާގެ މޫނަށް ބަލައިލީމެވެ. އޭރު ހިފެހެއްޓުމެއްނެތި އަހަރެންގެ ދެ ލޮލުން ކަރުނަތައް އޮހޮރެމުން ދެއެވެ.

" އަހަރެމެން ދެ މީހުންގެ މެދުގައި މައްސަލަ ޖެހުނީމަ ހައްލު ކުރަން އަހަރެން އަބަދުވެސް މަސައްކަތް ކުރަން. އެކަމަކު ޒިޔާދު ބޭނުންވާނީ މައްސަލަ އޮތް ގޮތަށް ބާއްވަން. އެހެން ކަމުދާނެތަ؟ އަހަރެން ނުނިދާ މި އިނީ ވެސް ޒިޔާދު އަންނަން ދެން. " އަހަރެން ބުނީމެވެ.

" ހުއް؟ ޝަކުވާ ކުރަން؟" އަހަރެންގެ އަތުން އަތް ދަމައިގަންނަމުން އޭނާ ބުނެލިއެވެ.

އަހަންނަށް ދެ ލޯ މަރާލެވުނެވެ. އަދި މަޑުމަޑުން ދެ ފަރާތަށް ބޯ ހޫރާލަމުން ނޫނެކޭ ބުނީމެވެ.

" ނޫން ޒިޔާދު. ތިހެން ނުބުނެބަލަ. އަހަރެން ދުލުން ބޭރުކުރާ ކޮންމެ ޖުމްލައެއް، ޒިޔާދުއަށްވަނީ ޝަކުވާއަކަށް. ހެނދުނު ނިކުމެގެން ދިޔައީ އަހަރެންދެކެ ވަރަށް ރުޅި އައިސްގެން.. އެހެންވެ އެ ރުޅީގައި ނިދަން ބޭނުންވާތީވެ އަހަރެން މި އިންނަނީ. ކޮންމެ ދުވަހަކު ވެސް ސުލްހަ ވުމަކީ ރީތި ގޮތެކޭ. އޭރުން ލޯބިވެސް ވާނެ." އަހަރެން މަސައްކަތް ކުރީ އޭނާއަށް ވިސްނައިދެވޭތޯއެވެ.

" އަހަރެން ބޭނުން ވަރަށް އަވަހަށް ނިދަން. މާދަމާ މި ގެ ހުސްކުރަން މީހުން އަންނާނެ. މާދަމާ އަހަރެމެން އާ ގެއަށް ބަދަލުވާން ޖެހޭނެ. ތި ދެ މައިންގެ އުފަލަށް އަހަރެން ކުރާ ކަންތައްތައް ހަނދާން ނުހުންނާތީ އަހަރެން ރުޅި އަންނަނީ. " އޭނާ އެހެން ބުނެ އަހަރެންގެ ގޮނޑުގައި އަތް ޖައްސާލައި އެއް ފަރާތަކަށް ޖައްސާލުމަށްފަހު، ކޮޓަރިއަށް ވަދެއްޖެއެވެ.

ހުރި ފިޔަވަޅުމަތީ އިރުކޮޅަކު އަހަރެން ހުރީމެވެ. ވިސްނަންވީ ކޮން ގޮތަކަށް ކަމެއް އަހަންނަކަށް ނުވިސްނުނެވެ. ބޮލުގައި ހިފަހައްޓާލައިގެން ހުރެ އަހަރެން އަނެއްކާ ވެސް ގޮސް ސޯފާގައި އިށީނީމެވެ.

އަހަރެމެންގެ އުފަލަށްޓަކައި ޒިޔާދު ވަރަށް މަސައްކަތް ކުރެއެވެ. އޭނާގެ ވިސްނުން ހުންނަނީ ހަމައެކަނި އެންމެ ދިމާލަކަށެވެ. އޭނާގެ އަމާޒަަކަށް ވަނީ ވެސް އެކަމެވެ. އެެއީ ތަނަވަސްކަމާއި މުއްސަނދިކަމެވެ. އެ ތަނަވަސްކަމުގައި ލިލީއާއި އަހަރެން ގެންގުޅެވިއްޖެނަމަ އޭނާއަށް ހުރިހާކަމެއް ވެސް ފުދުނީއެވެ.

ވަރުބަލިވީ ވަރުން އަހަރެން ސޯފާގައި އޮށޯތީމެވެ. އަދި ދެ އަތުން މޫނު ސާފުކޮށްލުމަށްފަހު ނިތްމަތީ އަތް ބާއްވާލައިގެން ހަމަޖެހިލީމެވެ.

ޒިޔާދުގެ ވިސްނުން ދުވަހަކު ވެސް ބަދަލު ނުވާނެކަން އަހަންނަށް ކަށަވަރުވިއެވެ. އޭނާގެ އެ ރުޅިގަނޑާއި ގޮތްދޫނުކުރާ އާދަ ވެސް އަހަންނަށް ބަދަލު ނުކުރެވޭނެކަން އެނގުނެވެ. ކިތަންމެ ކުޑަ މައްސަލައެއް ޖެހުނަސް، ގަޔަށް، ބޮލަށް އަރައިގެން ވެސް އޭނާ ހަމައަކަށް އަޅުވަން އަހަރެން ބޭނުންވެއެވެ. އެތައް އިރެއް ވަންދެން ވިސްނަން އޮތުމަށްފަހު، އަހަރެން ތެދުވެގެން ގޮސް ކޮޓަރިއަށް ވަނީމެވެ. އެ ވަގުތު ޒިޔާދު ނިދާފައި އޮތްތަން ފެނުމުން އަަހަރެން އިތުރަށް ދެރަވިއެވެ. ނަމަވެސް އެތެރެއަށް ވަދެ މަޑުމަޑުން ޒިޔާދުއާ ދާދި ގާތުގައި އިށީނދެލީމެވެ.

މަޑުމަޑުން އޭނާގެ ބޮލުގައި ފިރުމާލުމަށްފަހު ސޮރީއޭ ބުނެލީމެވެ.

" ހޫމް ދެން. ނިދަނީއޭ. " ޒިޔާދު ބޯ ދުރުކޮށްލަމުން ބުންޏެވެ.

ހީވާ ގޮތުން އަހަރެން އަތް ލުމުން ވެސް އޭނާއަށް އުނދަގޫވީއެވެ. އޭނާގެ އަމަލުތަކުން އަހަރެންގެ ހިތް ކުދިކުދި ވީ ކަހަލައެވެ. ގަނޑުވެފައި އަހަރެން އިނީއެވެ.

އިރުކޮޅަކުން އޭނާ ބޯ ހިއްލާލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.

" ތައިބާ ވެސް ނިދާބަލަ އަވަހަށް. މާދަމާ ހާދަ ބިޒީ ވާނެޔޭ." އޭނާ ބުންޏެވެ.

އެއަށްފަހު އަނެއްކާ ވެސް އޭނާ ނިދީގެ ތެރެއަށް ގެނބިއްޖެއެވެ. އިތުރަށް އެތާ އިންނަން ބޭނުން ނުވެގެން އަހަރެން ބާރުބާރަށް ތެދުވެގެން ގޮސް ސިޓިންރޫމަށް ނިކުމެ ސޯފާއަށް ވެއްޓިގަތީމެވެ. އެއާއެކު ކުއްލިއަކަށް މޭޒުމަތީގައި އޮތް ފޯނު ދިއްލުނުތަން ފެނުނެވެ.

ލިބުނީ ނޫރާގެ ސްނެޕެކެވެ. ބޭއިހްތިޔާރުގައި އަހަންނަށް ހިނިތުންވެވުނެވެ. އަނެއްކާ ވެސް ސޯފާގައި ޖައްސާލުމަށްފަހު ސްނެޕް ހާވާލީމެވެ. މާ ގިނަ ރައްޓެހިންނެއް ވެސް ނެތެވެ. އަދި މާ ބޮޑަށް ސްނެޕްޗެޓް ބޭނުން ކުރާކަށް ވެސް އަހަންނަކަށް ނޭނގެއެވެ. ނުދަންނަ މީހުންގެ ފްރެންޑްރިކުއެސްޓްތައް އޮއްސަމުންދެއެވެ. ނަމަވެސް ނޭނގޭ މީހުންނާ ވާހަކަ ދެއްކުމަކީ އަހަރެންގެ އާދައެއް ނޫނެވެ. އެހެންވެ، އެކަމަކަށް އެއްވެސް ފަރުވާލެއް އަހަރެން ނުބަހައްޓަމެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދޭނީ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.

ނޯޓު: ވާހަކަ ލިޔުންތެރިޔާ ސަލާ އަށް ދިމާވި ކަމެއްގެ ސަބަބުން ވާހަކަ ނުގެނެސްދެވި ދިޔަކަމަށްޓަކައި ސަލާ އާއި ''ތިލަދުން'' ޓީމުގެ ފަރާތުން ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދެމެވެ.

(ނިމުނީ)