ހުސްވެފައިވާ އުއްތަމަފަނޑިޔާރުގެ މަގާމަށް، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ޢައްޔަނުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާ ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 147 ވަނަ މާއްދާގެ ދަށުން އުއްތަމަފަނޑިޔާރުގެ މަޤާމަށް ޣަނީ ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ނިންމެވި ގޮތުގެ ރިޕޯޓްގެ މަރުހަލާ ކުރިއަށް ގެންދަވާފައެވެ.
އެއަށްފަހު ވޯޓުގަޑީގައި ވަނީ އުއްތަމަފަނޑިޔާރުގެ މަގާމަށް ޣަނީ ޢައްޔަނުކުރަން ފެނޭތޯ ވޯޓަށް އަހާފައެވެ. މި ވޯޓުގައި ޣަނީ އެ މަގާމަށް ޢައްޔަނުކުރަން ފާސްވީ 62 ވޯޓުންނެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެފައިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން 21 ޖުލައި 2025 ގައި ޝަރަފްވެރިކަމާއެކު މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.
އުމުރުން 57 އަހަރުގެ ޣަނީއަކީ މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީއިން އެލްއެލްބީ (ހޮނަރސް) ޑިގްރީ އިން ލޯ އެންޑް އިސްލާމިކް ޖުރިސްޕްރޫޑެންސް އާއި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއިން މާސްޓަރސް އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ ސަނަދު ހާސިލް ކުރަށްވާފައިވާ ބޭފުޅެކެވެ. ޣަނީ މިހާރު ގެންދަވަނީ އިސްލާމިކް ޔުނިވާސިޓީއިން ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ޖުޑިޝަލް ސައިންސް އެންޑް ލެޖިސްޓިވް ޕޮލިސީ (ޕީއެޗްޑީ) ފުރިހަމަކުރަށްވަމުންނެވެ.
ޣަނީގެ ތަޖުރިބާއަށް ބަލާއިރު، މިވަގުތު ޣަނީ ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައެވެ. ޣަނީ ވަނީ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމާއި، ހައިކޯޓުގެ އިސް ފަނޑިޔާރުކަމާއި، ހައިކޯޓުގެ ފަނޑިޔާރުކަމާއި، ހައި ކޯޓުގެ ދެކުނު ގޮފީގެ ޗީފް ޖަޖުކަމާއި، ހައި ކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުކަމާއި، ތިން ފަހަރެއްގެ މަތީން ޖޭއެސްސީގެ މެމްބަރުކަމާއި އަދި ސިވިލް ކޯޓުގެ ޣާޒީކަން ވެސް ކުރަށްވާފަވެއެވެ.
ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ޝަރީޢާ އެންޑް ލޯ ފެކަލްޓީގެ ސީނިއާ ލެކްޗަރަ އެއްގެ އިތުރުން 2021 ވަނަ އަހަރުން ފެށިގެން ވިލާކޮލެޖުގެ ޕާޓް ޓައިމް ލެކްޗަރަރއެއްގެ ގޮތުގައި އާއި 2023 ވަނަ އަހަރުން ފެށިގެން ޒިކުރާ އިންޓަނޭޝަނަލް ކޮލެޖްގެ ޕާޓް ޓައިމް ލެކްޗަރަރއެއްގެ ގޮތުގައި ޚިދުމަތްކުރަށްވަމުން ގެންދަވާ ޣަނީ އަކީ 2008 ވަނަ އަހަރުން ފެށިގެން ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮންނަ ޣަނީ އަކީ ރާއްޖޭގައި ހުކުރުކުރުމުގެ ހުއްދަ ވެސް އޮންނަ ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!