"އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ (އާރުޓީއެލް) އަށް 100 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީ ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.
މިކަމާ ގުޅޭ އެމްއޯޔޫ ގައި މިއަދު ސޮއިކޮށްފައިވާއިރު، އިންޑިއާ ސަރުކާރުގެ "ގްރާންޓް އެސިސްޓެންސް ފޯ ހައި އިންޕެކްޓް ކޮމިއުނިޓީ ޑިވަލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ދެވޭ މި އެހީއާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޚާރިޖީ ވުޒާރާގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލާއި، ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީނެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ހިސް އެކްސެލެންސީ ބާލަ ސްބަރަމާނިއަމް އެވެ.
ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މި އެހީގެ ފައިސާ ބޭނުންކުރެވޭނީ ރާއްޖޭގެ އެކި ސަރަޙައްދުތައް ކަނޑު ދަތުރުފަތުރުން ގުޅުވާލުމަށް ޤާއިމުކުރެވޭ އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް މަޝްރޫޢަށެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އެކި ރަށްރަށާއި އަތޮޅުތަކުގެ މެދުގައި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާވެ، ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ދަތުރުކުރެވޭނެ މަގު ތަނަވަސްވެގެންދާނެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވިދާޅުވީ، މި އެހީގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށާއި، ރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އިންޑިއާގެ ސަފީރު ބާލަ ސްބަރަމާނިއަމް ވިދާޅުވީ، ދިވެހިރާއްޖޭގެ ތަރައްޤީއަށް އެހީތެރިވުމަކީ އިންޑިއާގެ އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށާއި، މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޒަމާނީ ފެންވަރުގެ ފެރީ ޓާމިނަލްތައް ޤާއިމުކުރެވި، އަދި ރަނގަޅު ފެންވަރުގެ އުޅަނދުފަހަރު ގަނެވޭނެ ކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ޚިދުމަތް އެންމެ ފުރަތަމަ ފަށާފައި ވަނީ ހދ. އަތޮޅުގައެވެ. އެއީ 11 ޖޫން 2022 ގައެވެ. ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ސްޕީޑް ފެރީގެ ޚިދުމަތް މުޅިރާއްޖޭގައި ފުޅާކުރާއިރު، ރާއްޖޭގެ 188 ރަށުގައި ފެރީ ޓަރމިނަލްތައް ޤާއިމްކޮށް، މުޅި ރާއްޖޭގައި ޚިދުމަތް ދިނުމަށް 82 ހައި-ސްޕީޑް ފެރީ އުޅަނދެއް ބޭނުންކުރުމަށް ނިންމާފައިވާކަމަށް ސަރުކާރުން އެއިރު ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!