1446 ވަނަ އަހަރު ހައްޖަށް ދެވޭނެ ކަމަށް ކިއުގައި ޖެހިފައިވާ އެންމެނަށް ވެސް މިއަހަރު ހައްޖަށް ދިޔުމަށް ޖާގަ ދީފައިވާނެކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެ މިނިސްޓްރީގެ މީޑިއާ ގްރޫޕަށް އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އަހްސަން މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާންކުރަށްވާފައިވާގޮތަށް 1446 ވަނަ އަހަރު ހައްޖަށް ދެވޭނެ ކަމަށް ކިއުގައި ޖެހިފައިވާ އެންމެނަށް ވެސް މިއަހަރު ހައްޖަށް ދިޔުމަށް ޖާގަ ވަނީ ހަމަޖައްސައިދީފައިވާނެކަމަށެވެ.
މީގެ އިތުރުން މިއަހަރުގެ ކޯޓާގެ ތަފްޞީލު މި މަހުގެ 26 ވަނަ ދުވަހު އިއުލާންކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފަވެއެވެ. އަދި ކޮންމެ އަހަރަކު ވެސް ކޯޓާ ބޭނުން ކުރާ ގޮތުގެ ތަފްޞީލް މިނިސްޓްރީން ހާމަކުރާނެ ކަމަށް ވެސް ބުންޏެވެ.
''1446 ވަނަ އަހަރު ހައްޖަށް ދެވޭނެ ކަމަށް ކިއުގައި ޖެހިފައިވާ އެންމެނަށް ހައްޖަށް ދެވޭނެކަމަށް ރައީސް އިއުލާން ކުރެއްވި ގޮތައް މި އަހަރަށް ކިއުގައި ތިބި އެންމެނަށް ޖާގަ ދެވިފައިވާ ވާހަކަ ދަންނަވަން. މިއަހަރުގެ ކޯޓާގެ ތަފްޞީލު 26 މެއިގައި އިއުލާންކުރާނެ ވާހަކަ ދަންނަވަން، ކޮންމެ އަހަރަކު ވެސް ކޯޓާ ބޭނުން ކުރާ ގޮތުގެ ތަފްޞީލް މިނިސްޓްރީން ހާމަކުރާނެ.'' އަހްސަން ވިދާޅުވެފަވެއެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މި އަހަރުގެ ހައްޖު ކިއުގައި ތިބި އެންމެންނަށް މިއަހަރު ހައްޖަށް ދެވޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަހަރުގެ މާރިޗް މަހުގެ 23 ވަނަ ދުވަހުގެ ރޭ ވިދާޅުވެފައެވެ.
ޙައްޖު ކޯޕަރޭޝަނަށް ފައިސާ ދެއްކުމަށްފަހު، ފަރުޟު ޙައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް، ޙައްލު ހޯދައިދިނުމުގެ ގޮތުން، ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލަށް ބަދަލު ގެނައުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު މިދިޔަ ޖެނުއަރީ މަހު ރައީސް ނިންމަވާފައިވާއިރު، މި ބަދަލުތަކުގެ ތެރޭގައި އަލަށް ޙައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދިނުމަށާއި ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން ޢުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރުން ފެށިގެން މަތީގެ ފަރާތްތަކަށް ކޮންމެ އަހަރަކު ވަކި އިންސައްތައެއް ޚާއްޞަކުރުމަށާއި ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ޢުމުރުން 75 (ހަތްދިހަ ފަހެއް) އަހަރުން މަތީގެ ފަރާތްތަކުގެ ތެރެއިން ސިއްޙީ ޙާލަތަށް ބަލައި އެހީތެރިއަކު ގެންދަންޖެހޭ ފަރާތްތަކަށް އެހީތެރިއަކު ހަމަޖައްސަން ފުރުސަތު ދިނުން ހިމެނެއެވެ.
މީގެ ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ ފަރާތަކަށް އިތުރު ފުރުސަތެއް ދެވޭނީ، އެންމެ ފަހުން ޙައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ސަނަތުން 05 (ފަހެއް) އަހަރު ވުމުންކަމަށްވެސް މި އުސޫލަށް ގެނައި ބަދަލުގައި ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން ޙައްޖު ކޯޕަރޭޝަނަށް ފައިސާދައްކައިގެން ޙައްޖު ކިއު ލިސްޓުން ޖާގަ ކަށަވަރު ވީނަމަވެސް ފަރުޟު ޙައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ރާއްޖެއަށް ލިބޭ ރަސްމީ ޙައްޖު ކޯޓާ އިތުރުކުރުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ރާއްޖެއަށް މިވަގުތު ދީފައިވާ ކޯޓާގެ އަދަދަކީ 1000 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!