އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބުރައީސް ކަމަށް އަބްދުﷲ ނާޝިދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
އޭސީސީގެ ނައިބު ރައީސްކަމަށް ނާޝިދު ޢައްޔަނުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހުންގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމުން، އެ މައްސަލަ ދިރާސާކުރެއްވި މިނިވަން މުވައްސަސާތަކުގެ ކޮމެޓީ ރިޕޯޓް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ. އެ ރިޕޯޓް އިއްވުމަށްފަހު ބަހުސްކުރަން ހުޅުވާލައި އަދި ވޯޓު ގަޑީގައި ވަނީ އެ ދެނަމަށް ވޯޓަށް އަހާފައެވެ.
އޭސީސީގެ ނައިބުރައީސް ކަމަށް އަބްދުﷲ ނާޝިދު އައްޔަންކުރަން ފެންނަ ކަމަށް ފާސްވީ ވޯޓު ދެއްވި 69 މެންބަރުންގެ ވޯޓުންނެވެ. ފާސްކުރަން ބޭނުން ވަނީ 35 ވޯޓެވެ. ވޯޓަށް އެހިވަގުތު ތަޅުމުގައި ތިއްބެވީ މަޖިލީހުގެ 93 މެމްބަރުންގެ ތެރެއިން 70 މެމްބަރެކެވެ.
އިލެކްޝަންސް ކޮމިޝަންގެ ޤާނޫނާއި، އެންޓިކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށް އެންމެ ފަހުން ގެނެވުނު އިޞްލާޙުގެ ދަށުން، އެ ދެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރު ލިބިދީފައި ވަނީ ރައީސް އަށެވެ.
އެ ބާރު ރައީސަށް ލިބިދީފައި ވިޔަސް، އެ މަގާމުތަކަށް މީހުން އައްޔަނުކުރެވެނީ ރައީސް ޚިޔާރުކުރަށްވާ ނަންތައް މަޖިލީހަށް ހުށަހަޅައި، މަޖިލީހުން ރުހުން ހޯދައިގެންނެވެ.
ރައީސް މުޢިއްޒު އޭސީސީ އަށް ދެ މެމްބަރަކު ޢައްޔަނުކުރެއްވީ މިދިޔަ ޖެނުއަރީ މަހުއެވެ. އެއީ އަބްދުﷲ ނާޝިދުގެ އިތުރުން އަހުމަދު ނާޝިދުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!