ހދ. ކުޅުދުއްފުށި ސިޓީގައި އޮންނަ އެއާޕޯޓާއި، ށ. ފުނަދޫ އެއާޕޯޓްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އިއްޔެ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސް ވިދާޅުވިގޮތިގައި، ޖިއޮގްރެފިކަލީ ރާއްޖެ އުފެދިފައި އޮންނަ ގޮތުން، އެއްރަށުން އަނެއް ރަށަށް ދަތުރުފަތުރު ކުރުމަކީ، ޒަރޫރީ ބޭނުމަކަށް ވެފައި އޮންނަކަމެކެވެ. އެހެންކަމުން އާންމު ރައްޔިތުންނަށް ވެސް ޒަމާނުއްސުރެ އޮތް ދަތުރުފަތުރުގެ ދަތިކަމަށް ޙައްލުހޯދައި ދިނުމަށާއި، ފަތުރުވެރިކަމުގެ ސިނާޢަތްވެސް ކުރިއެރުވުމަށް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމަށް ސަރުކާރުން އެތައް މަސައްކަތްތަކެއް ކުރިއަށް ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޓަރމިނަލް މިއަހަރު އޮކްޓޫބަރުގެ ކުރިން ހުޅުވުމާއި، ހަނިމާދޫ އެއަރޕޯޓާއި، އައްޑޫ ގަން އެއަރޕޯޓް މިއަހަރު ހުޅުވުމާއި، މ. މުލީ އެއަރޕޯޓް އެޕްރީލް މަހު ހުޅުވުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.
''މީގެ އިތުރަށް ހދ. ކުޅުދުއްފުށި އަދި ށ. ފުނަދޫ އެއާޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް އަޅުގަނޑު ވަޢުދުވެފައިވާގޮތަށް މަސައްކަތްތައް މިއަހަރު ފެށިގެންދާނެ'' ރައީސް ވިދާޅުވެފަވެއެވެ.
މީގެ އިތުރުން އެމަނިކުފާނު ވައުދުވެވަޑައިގެންގޮތަށް، 14 އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަރުހަލާތައް މި އަހަރު ހިނގަން ފަށާނެކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރަށްވާފައެވެ.
މީގެ އިތުރުން ކަނޑުމަގުންވެސް ދަތުރުފަތުރު ކުރުމުގެ ނިޒާމު ފުޅާކޮށް ހަލުއިކޮށް ރައްޔިތުންނަށް ލުއިފަސޭހަވާނެ މަގުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތެއްކަން ފާހަގަކުރަށްވައި، އެހެންކަމުން މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރް.ޓީ.އެލްގެ ފެރީ ޚިދުމަތް ދޭން ފަށާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިގޮތުން ދެން އެންމެ ފުރަތަމަ އާރް.ޓީ.އެލް ޚިދުމަތް ފެށޭނީ ރ އަތޮޅުގައި ކަމަށާއި، އެ އަތޮޅުގައި މިއަހަރުގެ ޖޫން މަހު އެ ޚިދުމަތް ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އޭގެ ހަމަ ކުޑަ ދުވަސްކޮޅެއް ފަހުން ޖުލައި މަހުގެތެރޭގައި ބ. އަތޮޅުގައި ވެސް މި ޚިދުމަތް ފެށޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!