މިދިޔަ ވެރިކަމުގެ ދައުރުގައި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި އުފެއްދި ސެޓްލްމަންޓް ކޮމިޓީން ނިންމައިގެން އެކި ފަރާތްތަކަށް ބަަދަލުދިން މައްސަލައިގައި އޭރުގެ ރައީސް ޞާލިޙާއި، އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ޝިޔާމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

އެ މައްސަލަ މިއަދުގެ ކޮމިޓީގައި ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. ތާއީދުކުރެއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. މި މައްސަލަ ފާސްވީ ކޮމިޓީގެ ހަ މެންބަރުންގެ ވޯޓާ އެކުގަ އެވެ.

Ad
rt

މި މައްސަލައާއިގުޅިގެން މަމްދޫހް ވިދާޅުވީ، 6 ރަށާއި ފަޅާއި، 2،000،000،000.00 އަށް ވުރެ ގިނަ ރުފިޔާ، 17 ނޮވެމްބަރު 2018 އިން 16 ނޮވެމްބަރު 2023 އަށް ބަދަލުގެ ގޮތުގައި އޭރުގެ ވަރިޔަކަށް ހުންނެވި ރައީސް ޞާލިޙް އިސްވެ ހުންނަވާ އުފެއްދި 'ސެޓުލްމެންޓް ކޮމިޓީ' މެދުވެރިއަކަށް ބާއްވައިގެން، ދީފައިވާކަން ފެންނަން އެބައޮތް ކަމަށެވެ.

''މިއީ ރަނގަޅު ގޮތުގައި، ބޭނުން ކުރެވުނު ނަމަ، އެތައް ބިލިއަނެއްގެ ފައިދާ ރާއްޖެއަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، ހޯދައިދެވޭނެ ކަންކަން'' މަމްދޫހް ވިދާޅުވެފަވެއެވެ.

މި މައްސަލާގައި މާލިއްޔަތު ކޮމެޓީން ފާސްކުރި ނިންމުމުގައި ވަނީ، ދައުލަތުގެ އިސް މަގާމެއްގައި ހުރެ, ގާނޫނުއަސާސީ އާއި ގާނޫނުން މަތިކޮށްފައިވާ ވާޖިބުތަކާ ޚިފަށް, ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވެ, އެ ފައިސާ އާއި މުދަލުގެ ޙައްޤުވެރިން ފިޔަވައި އެހެން ފަރާތަކަށް ލިބިދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

މި ތުހުމަތުކުރެވޭތީ، އެ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަޙްޤީޤެއް ކުރުމަށް ޕީޖީއަށް ދެންނެވުމަށް ފެންނަ ކަމަށާއި ދައުވާ ކުރެވޭ ވަރަށް ހެކި ލިބިއްޖެ ނަމަ ދައުވާ ކޮށްދިނުމަށް ދެންނެވުމަށް މާލިއްޔަތު ކޮމެޓީން ފާސްކުރި ނިންމުމުގައ ވަނީ އެދިފައެވެ.