ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް، ކުޅުދުއްފުށި ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު އެ ސިޓީއަށް ވަޑައިގަންނަވައިފިއެވެ.

ނައިބު ރައީސް ކުޅުދުއްފުށީ ސިޓީއަށް ވަޑައިގެންނެވުމުން އެއާޕޯޓުން މަރުޙަބާ ދެންނެވީ އެ ސިޓީގެ މޭޔަރު މުޙައްމަދު އާތިފެވެ. މީގެ އިތުރުން އެ ސިޓީގެ އެކި މުއައްސަސާތަކުގެ ވެރިންނާއި، މުވައްޒަފުންނާއި އަދި އާންމުން ވެސް ވަނީ ނައިބު ރައީސަށް މަރުޙަބާ ދެންނެވުމަށް އެއާޕޯޓަށް ގޮސްފައެވެ.

Ad
rt

ރައީސް އޮފީހުން މައުލޫމާތުދިން ގޮތުގައި ނައިބުގެ މި ދަތުރުފުޅުގައި "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމް އިފްތިތާޙުކޮށްދެވާނެއެވެ.

"ހަށިހެޔޮ ރާއްޖެ" ޕްރޮގުރާމަށް ލީޑާރސް ތަމްރީނުކުރުމަށްޓަކާ ހަ ޒޯނަކަށް ބަހާލައިގެން، "ލީޑިން ލީޑަރސް"ގެ ނަމުގައި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން، މިހިނގާ ނޮވެންބަރ މަހުގެ 4 ވަނަދުވަހު ވަނީ ޕްރޮގުރާމެއް ފަށްޓަވާފައެވެ.

މި އިފްތިތާހުކުރާ ޕްރޮގްރާމަކީ މި ސަރުކާރުގެ ހަފުތާ 14ގެ ވަޢުދުތަކުގައި ހިމެނޭ، މޮޅެތި އެތުލީޓުން އުފެއްދުމާބެހޭ ދިގު ރާސްތާގެ ޕްރޮގްރާމް ފަރުމާކުރުމުގެ ސިޔާސަތުގެ ތެރެއިން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ފަރާތުން ކުރިއަށް ގެންދަވާ ހަރަކާތެއްކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކުޅިވަރާބެހޭ ވަޒީރު ޢަބުދުﷲ ރާފިޢު އާއި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލް ހިމެނޭހެން ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.