ކުރީގެ އަދަދާއި ގުޅޭ،

އެ ވަގުތު ދާއިންގެ ތުންފަތްމައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. އަދި އޭނާއަށް އަރޫޝާ ދެކެ ލޯބި ވެވުނީތޯ ހިތާހިތާ ސުވާލު ކުރެވުނެވެ.

Ad
rt

" މިހާރު އެނގިއްޖެޔޭ މަ ކައިރީ ނުބުނަންކަން ތި އުޅެނީ." އާބިދު ބުންޏެވެ.

އޭނާ ގޮނޑީގައި ލެނގިލުމަށްފަހު ދާއިންއަށް ބަލައިލިއެވެ.

" މި ފަހަކަށް އައިސް އަރޫއާ އަހަންނާ ވަރަށް ގިނައިން ވާހަކަ ދައްކަން." ދާއިން ހެވިފައި ބުންޏެވެ.

އާބިދުއަށް ދެ ބުމަ ހިއްލައިލެވުނީ ލާނެތް ހިނިތުންވުމަކާ އެކުއެވެ.

" މަށަށް އިނގެޔޭ ތިކަން ތިހެން ވާނެ ކަން. މާ ފެމިލީ ވެގެން އުޅުނަސް އެހާ ކިޔުޓްކޮށް ހުންނަ ކުއްޖަކު ގޭގައި އުޅެންޏާ މަ ނަމަވެސް އަޅައިގަންނާނެތާ!" އާބިދު ވާހަކަ ދެއްކީ އުފާވެރި ރާގެއްގައެވެ.

" މަ ވަރަށް ލައިކްވޭ އޭނައާ. ހީވޭ އޭނަ ވެސް ވަރަށް ގަޔާވާ ހެން. އެކަމަކު... ޑައިރެކްޓްކޮށް އަހަރެމެން ލޯބީގެ ވާހަކައެއް ނުދައްކަން. ފުރަން އޮތް ރޭ ނަންބަރު ވެސް ދިނިން. އެކަމަކު އޭނަ އަދިވެސް މަށަށް ގުޅައިވެސް ނުލާ." ދާއިން ބުންޏެވެ.

އާބިދު އޭރު ވެސް އިނީ ހެވިފައެވެ.

" އަނހާ! ކިހިނެއް އެވީ؟ އޭނަ ލައިކް ވަންޏާ ގުޅާނެ. އެހެންވީމަ އަރޫ މިސްވެސް ނުވަނީތާ! އަޅެ ދެ ތިން ދުވަސް ވަންދެން މަޑުކޮށްބަލަ އަރޫ އަމިއްލައަށް ހަބަރެއް ވޭތޯ. ފަހަރެއްގައި ވެދާނެ ކަލެޔަށް ތި ހީކުރެވެނީ ކުށްހީ އެއް ކަމަށް ވެސް." އާބިދު ބުންޏެވެ. ހެމުންހެމުންނެވެ.

" އާނ ދެން އަހަރެން ވެސް ނޫޅެން މަތިންބައިން ޖެހިގެން ގުޅާކަށެއް. މަ މީ އަންހެން ކުދިން ފަހަތުން ދުވާ ޓައިޕެއް ނޫން. " ދާއިންއަށް ވެސް ހެވިއްޖެއެވެ.

އެނދުމައްޗަށް ބަންޑުން ވެއްޓިގެން އޮވެ ޒައިނާ ރޮމުން ދިޔައެވެ. ނަދީމްއާއި ޒައިނާގެ ކުރީގެ މެސެޖްތައް ބަލަމުން އޭނާ ދިޔައީ ނަދީމް މަތިން ހަނދާން ކުރަމުންނެވެ. ނަދީމްގެ ނަންބަރު އެތައް ފަހަރަކު އޭނާއަށް އަންބްލޮކް ކުރެވެއެވެ. ނަދީމްގެ އެންމެ ފޮޓޯގަނޑެއް ވެސް އޭނާ ޑިލީޓެއް ނުކުރެއެވެ. ތާ އަބަދު ނަދީމްގެ ހަނދާނުގައި ރުއިން ނޫންކަމެއް ޒައިނާއަކަށް ނުކުރެވެއެވެ.

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ދާއިންގެ ހަނދާންތަކުން އަރޫޝާއަށް އުނދަގޫވަމުން ދެއެވެ. ކެތްތެރިކަން ކޮޅުން ލުމުން އަރޫޝާ ދާއިންއަށް މެސެޖެއް ކޮށްލިއެވެ. ހަމައެކަނި ހާލު އަހާލުން ފިޔަވައި އިތުރަށް ލިޔާނެ އެއްޗެއް އޭނާއަކަށް ނޭނގުނެވެ. ހިތުގެ ހާލަތު ބުނަން ނުކެރެނީ ދާއިން އޭނާއާމެދު ދެކޭ ގޮތް ނޭނގޭތީއެވެ.

އޭރު މެންދަމުން އަލިވެ ތިނެއް ވެސް ޖަހައިފިއެވެ. އެއްވެސް ޖަވާބެއް ނުލިބުމުން ދާއިން ނިދާފައި އޮތީކަމަށް އަރޫޝާ ނިންމިއެވެ. މާދަމާ ދާއިންގެ މެސެޖެއް ލިބޭނެ ކަމަށް އުއްމީދު ކުރެވުމާއެކު އަރޫޝާއަށް ހިނިތުންވެލެވިއްޖެއެވެ.

ޖެހިގެން އައި ދުވަހެވެ. އަރޫޝާ ބަދިގެއަށް ދިޔައިރު މަދީހާއާއި ރިޒާ ދައްކަމުން ދިޔައީ ދާއިންގެ ވާހަކައެވެ. ދާއިން ނުގުޅާތީ ކަންބޮޑު ވުމުގެ ބަދަލުގައި އެ މީހުން އަދިވެސް ކިޔަނީ އެއްޗެއްސެވެ. ދާއިންގެ އުޅުމެއް ނެތް ވާހަކައެވެ. ވިޔާނުދާ ވާހަކައެވެ. އަދި މަސައްކަތެއް ނުކޮށް މާލޭގައި ގަނަތެޅެނީކަމުގައި އެ މީހުން ތިބީ ނިންމައިގެންނެވެ.

" މީހަކާ އިނަސް އޭނަ ވާނީ އޭނައަށް. އަނބިމީހާއަށް ހަރަދެއް ކުރާނީކީ ނޫން. އެކަހަލަ މީހުންނަށް ދަރިޔަކު ލިބިއްޖެއްޔާ އަދި ކިހިނެއް ވާނީ؟ އަހަރެން ގާތު އާބިދު މަންމަ ބުންޏޭ އާބިދު ކައިރީއޭ ދާއިން އުޅެނީ. އާބިދަކީ ވިސްނުމެއް ހުންނަ މީހެއް ނޫން. ދެން އާބިދަށް ލިބޭ އެއްޗެއް ކައިގެން އުޅޭނީ. " މަދީހާ ވާހަކަ ދެއްކީ ލޮލުގެ ހިމަކޮޅުން އަރޫޝާއަށް ބަލަމުންނެވެ.

މަދީހާގެ ކޮންމެ ޖުމްލައަކުން އަރޫޝާއަށް ވަރަށް އަސަރު ކުރިއެވެ. އެހެންކަމުން އޭނާގެ މޫނުމައްޗަށް މާޔޫސްކަން ވެރިވާކަށް މާ ގިނަ ވަގުތުތަކެއް ނުނެގިއެވެ. މަދީހާގެ ބޭނުމަކީ ދާއިންއާ މެދު އަރޫޝާގެ ހިތް ކިލަނބު ކޮށްލުމެވެ.

" ދާއިންއަކީ އަހަރެމެން އެއްވެސް އުއްމީދެއް އޮތް ކުއްޖެއް ނޫން. އަހަރެމެންގެ ބަސްނާހާ އެހެން އުޅޭތީ އޭނަ ބޭނުން ގޮތަކަށް އުޅެން އެހުރީ ދޫކޮށްލާފައި." މަދީހާ އިތުރުކޮށްލިއެވެ.

" އެކަމަކު ނަދީމް ނުވާނެ އެހެންނެއް. އެއީ ވަރަށް އުޅުން ހުރި ޒިންމާދާރު ކުއްޖެއް. އެކަހަލަ ރަނގަޅު ކުއްޖަކު ލިބޭނީ ވަރަށް ވެސް ނަސީބު ވެރިއަކަށް." މަދީހާ ބުންޏެވެ.

އުނދުން ނިއްވާލުމަށްފަހު މަދީހާ އައިސް އިށީނީ އަރޫޝާގެ ކުރިމަތީގައި ހުރި ގޮނޑީގައެވެ. އޭރު ރިޒާ އިނީ ސައިބޯށެވެ. މަދީހާ ދައްކަމުން ދިޔަ ވާހަކަތަކަށް އޭނާ ވެސް އެއްޗެއް ނުބުނެއެވެ.

" ދައްތައާއި ބޭބެ ދަރިފުޅު ގާތު ވަރަށް ބޮޑު ކަމަކަށް އެދެންތަ؟" ރިޒާއަށް ބަލައިލުމަށްފަހު މަދީހާ އަރޫޝާއަށް ބަލައިލަމުން ބުނެލިއެވެ.

އެއާއެކު އަރޫޝާއަށް ހިންދިރުވާލެވުނެވެ. އޭނާގެ ލޮލުގައިވަނީ ބިރުގަނެފައިވާ ކަމުގެ އަސަރުތަކެވެ. މަދީހާ ބުނަން އުޅޭ އެއްޗެއް އޭނާއަށް އެނގޭ ކަހަލައެވެ.

" އެއްވެސް ހާލެއްގައި ދުރު ބައެއްގެ އަތްމައްޗަށް ދަރިފުޅު ދޫކޮށްލާކަށް ދައްތައެއް ނޭދެން. މީހަކާ އިނދެގެން ނުވެސް ދަންނަ ބައެއް ގާތަށް ގޮސް ދަރިފުޅަށް ދެރައެއް ލިބިދާނެތީ ހިތްބިރުގަނޭ. ތިއީ އަހަރެމެންގެ ހުރި ހަމައެކަނި އަންހެން ދަރި. " މަދީހާގެ ލޮލުން ކަރުނަ ހިލިއްޖެއެވެ.

އަރޫޝާ އިނީ ހުއްޓުން އަރާފައެވެ. އޭނާ ބަލަމުން ދިޔައީ ސީދާ މަދީހާގެ ދެ ލޮލަށެވެ.

" ނަދީމްއާ އަރޫޝާގެ ކައިވެނި ކުރެވޭތަން ދުށުމަކީ މި މަންމަ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެން. " އަސަރާއެކީ މަދީހާ ބުންޏެވެ.

އެވަގުތު އަރޫޝާއަށް ލިބުނީ ކުއްލި ސިހުމެކެވެ. އޭނާގެ ހިތަށް ދިޔައީ ފިނިވެގެންނެވެ. މުޅި ހަށިގަނޑު ހުއްޓުމަކަށް އައި ކަހަލައެވެ. ހައިރާންކަމާއެކު އަރޫޝާއަށް ބެލެނީ އަދިވެސް މަދީހާގެ މޫނަށެވެ. ދުލުގައި ހީވީ ތަޅު އެޅުނު ހެންނެވެ. ރައްދުގައި ބުނާނެ އެއްޗެއް ހިތަކަށް ވެސް ނައެވެ.

" ދައްތައަށް އެނގޭ ދަރިފުޅުވެސް ދައްތައާއި ބޭބެ ދޫކޮށްފައި އެހެން ތާކަށް ދާކަށް ބޭނުމެއް ނުވާނެކަން. ބުނެބަލަ! ނަދީމް ކަމުދޭތަ؟ އެއީ ގައިމުވެސް ހުތުރު ކުއްޖެއް ވެސް ނޫން. ނުކިޔަވާ ހުރި ކުއްޖެއް ވެސް ނޫން. ދެން ވެސް ދައްތަ ގާތު ބުނެބަލަ. ދައްތަގެ އެ ދަރިފުޅު ކަމުދޭތަ؟" އިތުބާރާއި ޔަގީންކަމާއެކު މަދީހާ އަރޫޝާއާ ސުވާލު ކުރަމުން ދިޔައީ އަރޫޝާގެ ދެ ކޮނޑުގައި ހިފައިގެން ހުރެއެވެ.

އަރޫޝާއަށް ދެ ތިން ފަހަރު ހިންދިރުވާލެވުނެވެ. ނަމަވެސް އަދިވެސް އަރުތެރެ ހުރީ ހިކިފައެވެ. އަރޫޝާއަށް ޝޮކެއް ލިބޭނެކަން އެ ވާހަކަ ދައްކާއިރު ވެސް މަދީހާއަށް އެނގެއެވެ.

" ދަރިފުޅު އިންކާރު ކޮށްފިނަމަ ބޭބެމެން ވަރަށް ދެރަވާނެ.. ގައިމުވެސް ނަދީމްއަށް ވުރެ ރަނގަޅު ކުއްޖަކު މި ރަށަކުން ހިއެއް ނުވެ ލިބޭނެހެންނެއް." މިފަހަރު އިވުނީ ރިޒާަގެ އަޑެވެ.

އަރޫޝާއަށް ބޭއިހްތިޔާރުގައި ރިޒާގެ މޫނަށް ބަލައިލެވުނެވެ. އޭރު އަރޫޝާގެ ސިކުނޑީގައި އެނބުރެމުންދަނީ ދާއިންގެ ހިޔާލުތަކެވެ. ދާއިންއާ ބައްދަލުވި ރޭރޭގެ ފޮނި ހަނދާންތަކެވެ. ނަދީމްގެ ކައިވެންޏަށް މަދީހާ އެދުނު ވަގުތު، އަރޫޝާގެ ހިތުގައި ވިންދު ޖަހަނީ ދާއިންއަށްކަން އަރޫޝާއަށް ޔަގީން ކުރެވުނެވެ. ދާއިންގެ މީހަކަށް ނުވެދާނެތީ ހިތަށް ބިރުވެރިކަން އުފެދުނީ ވެސް ހަމަ އެ ވަގުތެވެ.

" ހަނު ހުރުމުގެ މާނައަކީ ކޮބާ؟" ކުއްލިއަކަށް އިވުނު މަދީހާގެ އަޑުން އަރޫޝާ ދިޔައީ ސިހިގެންނެވެ.

" ބޭނުމެއް ނުވޭތަ؟" އަނެއްކާ ވެސް މަދީހާ އެހިއެވެ. ދެރަވެލާފައެވެ. އޭނާ އުޅެނީ ގަދަކަމުން ނަމަވެސް އަރޫޝާގެ ރުހުން ހޯދާށެވެ.

" ނަދީމް ކަމު ނުދަނީތަ؟" އަރޫޝާގެ ދަތްދޮޅީގައި ހިފާލުމަށްފަހު މަދީހާ ސުވާލު ކުރީ ނުހަނު ލޯބިންނެވެ.

" ނަދީމްވެސް މި ކައިވެންޏަށް ރުހެޔޭ. " މި ފަހަރު މަދީހާ ބުނި ޖުމްލައިން އަރޫޝާއަށް ދެ ލޯ މަރައިލެވުނެވެ. މަދީހާ ދޮގު ހެދީ އަރޫޝާގެ ރުހުން ލިބޭތޯއެވެ.

ކައިވެންޏަށް އެއްބަސް ވާން އޭނާއަށް މަޖުބޫރުވީ އެހިސާބުންނެވެ. އެއާއެކު މަދީހާ އަރޫޝާގެ ގައިގައި ބައްދާލީ ނުހަނު އުފަލުންނެވެ.

ކޮޓަރިއަށް އައި ގޮތަށް އަރޫޝާއަށް ރޮވިއްޖެއެވެ.

" ދާއިންދެކެ ލޯބިވެވުނުކަން އަހަންނަށް އިހުސާސްވި އިރު މި ޖެހުނީ އެހެން މީހެއްގެ ހައްގަކަށް ވާން. މިއީ ކޮންކަހަލަ އިންސާފެއް؟ " ލޯގަނޑު ކުރިމަތީ ހުރެގެން އަރޫޝާއަށް ބުނެވުނެވެ. އިރުގަނޑެއް ވަންދެން އޭނާ އަމިއްލަ ސޫރައަށް ބަލަން ހުރީ އޭނާގެ ބަދުނަސީބުވެރިކަމާމެދު ހިތާހިތާ ޝަކުވާ ކުރާށެވެ.

" އެ މަންޖެ ދާއިންގާތު މި ވާހަކަތައް ދައްކާނެ އެއްނު. " ރިޒާގެ އަޑުގައި ހުރީ ކަންބޮޑުވުމުގެ އަސަރުތަކެވެ.

ރިޒާއާ ޖެހިގެން ހުރި ޖޯލިފަތީގައި މަދީހާ އިނީ ދުފާށެވެ. ރިޒާގެ ވާހަކައިން މަދީހާ ކުޑަކޮށް ވިސްނާލިއެވެ.

" ދެން ދެއްކީމަ ވާ ގޮތެއް ވެސް އެނގިދާނެތާ. ދައްކަންޏާ ދައްކަންވީ. ދާއިންއާ އިންނާކަށް މަށެއް ގަބޫލެއް ނުވާނަން. " މަދީހާ ބުނެލީ ރުންކުރު ގޮތަކަށެވެ.

ގުގުރީގައި ނިދާފައި އޮތް ދާއިންއަށް ހޭލެވުނީ އާބިދު އައިސް ގޮވުމުންނެވެ.

" އޭ! އަހަރެން އޮފީހަށް ދިޔަ ގޮތަށް ކަލެޔަށް މި ގުޅަނީ. ހާދަ ވަރަކަށޭ ތި ނިދަނީ." އާބިދު ހުރީ ރުޅިގަދަވެފައެވެ.

" ކިހިނެއް ވީ؟" ދާއިން އަވަސް އަވަހަށް ސުވާލު ކުރިއެވެ.

" ރިސޯޓަކުން ކަލެޔަށް އިންޓަވިއުއަށް ގުޅައިފިއޭ. މަ އިންނާނީ މަގޭ ނަންބަރު ދީފަ. އެގާރަ ޖަހާއިރަށް ދެ ނަންބަރު ޖެޓީއަށް ދާށޯ. މިހާރު ދިހަގަޑި ބައި ވީ. ދެން ވެސް އަވަސް ކުރަން އުޅޭ." އާބިދު އެހެން ބުނުމާއެކު ދާއިން ދިޔައީ ދެ ލޯ ބޮޑު ވެގެންނެވެ.

" މަ އެތަނަށް ވައްޓާލަން ދާން ކަލޭ މަޑުކުރައްޗޭ. " ދާއިން ބުންޏެވެ.

އޭނާ ތައްޔާރުވީ ވަރަށް ވެސް އަވަހަށެވެ. އެނދުމަތީ އޮތް ފޯނު ނަގައި ބެކްޕެކަށް ވައްޓާލީ އަވަސް ހަރަކާތްތަކާއެކުއެވެ.

" އިންޓަވިއު ނިންމާ ގޮތަށް މަށަށް ގުޅައްޗޭ. " ސައިކަލަށް އަރަމުން އާބިދު ބުނެލިއެވެ.

އޭރު ދާއިން ވެސް ހުރީ އުފަލުން ގޮސް ހިތް އަވަސް ވެފައެވެ.

" ކީކޭ! އަރޫޝާއާއޭ؟" އެނދުމަތީ އިން ނަދީމް ފުންމައިގެން ތެދުވެއްޖެއެވެ.

ރިޒާއާއި މަދީހާއަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނީ ނަދީމްގެ މޫނުމައްޗަށް އެރި ކުލަވަރުންނެވެ. މަންމައާ ބައްޕައަށް އެކަން ފާހަގަ ކުރެވުނުކަން އެނގުމުން ނަދީމް އަވަސް އަވަހަށް މޫޑު ރަނގަޅު ކުރަން މަސައްކަތް ކުރިއެވެ.

" އާނ! ދަރިފުޅު ކިޔަވާ ނިމިގެން ރަށަށް އަންނަން ދެން މި ވާހަކަ ނުދައްކާ މި ތިބެނީ. އަނެއްކާ ތިހާ ކަންބޮޑު ތިވީ ދަރިފުޅު އެހެން ކުއްޖަކާ ވާހަކަ ދައްކަނީތަ؟" މަދީހާ ސުވާލު ކުރިއެވެ.

އެއާއެކު ނަދީމް އިސްޖަހާލިއެވެ. ޒައިނާގެ ވާހަކަ މަންމަމެން ގާތު ބުނާ ހިތުން އޭނާ ކުރިން އުޅުނީ ކެތްމަދު ވެގެންނެވެ. ނަމަވެސް މިއަދު ޒައިނާގެ ނަން ވެސް އެ މީހުންގެ ކުރިމަތީގައި ހާމަ ކުރާކަށް އޭނާގެ ހިތެއް ނޭދުނެވެ.

" ނޫން. ކުއްލިއަކަށް ކައިވެނީގެ ވާހަކަ ދެއްކީމަ...." ނަދީމް ބުނެލީ ދެ ފަރާތަށް ބޯ ހޫރާލަމުންނެވެ.

" ދަރިފުޅު މި ކައިވެންޏަށް ރުހިއްޖެއްޔާ މަންމަ އާއި ބައްޕަ ވަރަށް އުފާވާނެ. " މަދީހާ ބުނެލީ ނަދީމްގެ ބުރަކަށީގައި ފިރުމާލަމުންނެވެ.

މަންމައާއި ބައްޕަގެ އެއްވެސް އެދުމަކަށް ދުވަހަކު ވެސް ނަދީމް ފުރަގަސްދީފައެއް ނުވާނެއެވެ. އެންމެ ކުޑައިރުއްސުރެ މަންމައާއި ބައްޕަގެ ފަރާތުން ނަދީމްއަށް ލިބެމުންދާ ފުރިހަމަ ލޯބީގެ ސަބަބުން އެ މީހުން އެދޭ އެއްވެސް ކަމަކަށް އިންކާރު ކުރާކަށް ނުކެރެއެވެ.

" އެކަމަކު... އެއްވެސް ވަރަކަށް އަހަންނަކަށް އޭނައެއް ނޭނގެ. އަދި އަރޫޝާ ރުހޭނެކަމެއް ވެސް ނޭނގެއެއްނު." އިސްޖަހައިގެން ހުރެ ނަދީމް ބުނެލީ މަޑުމަޑުންނެވެ.

" މަންމަ ބުނެފިއްޔާ އަރޫޝާ ދެކޮޅެއް ނަހަދާނެ. އޭނަ ނޫނެކޭ ނުބުނާނެ. " މަދީހާ ބުންޏެވެ.

" ދެން ނަދީމް ބުނެބަލަ އާނއެކޭ. އޭރުން ދޯ މިކަންތައް އަވަހަށް ކުރިއަށް ގެންދެވޭނީ." ތަންކޮޅެއް ބާރަށް ރިޒާ ބުންޏެވެ.

އެ އަޑަށް ސިހިފައި ނަދީމްއަށް ބޯ ޖަހައިލެވުނީ ކުޑަކޮށް ޖެހިލުންވެ ހުރެއެވެ.

"އަހަރެން... އަހަރެން... ކައިވެނި... ކޮށްފާނަން. " ނަދީމްއަށް ޖުމްލަ ދޫކޮށްލެވުނީ ނުހަނު އުނދަގުލުންނެވެ.

އެވަގުތު މަދީހާއާއި ރިޒާގެ މޫނުމަތިން އުޖާލާކަން ފެނިގެން ދިޔައެވެ.

ރިސޯޓުގެ ޖެޓީއަށް ދާއިން ފޭބީ އެކުގައި ދަތުރު ކުރި ފަސް ވަރަކަށް މީހުންނާއެކުއެވެ. ޖެޓީ މަތީގައި ހުރި ސްޓާފެއް އެ މީހުންނަށް ހޫނު މަރުހަބާއެއް ކިޔެވެ. އޭނާގެ ފަހަތުން ދާއިންމެން ގޮސް ވަނީ ބޮޑު ހޯލެއްގެ ތެރެއަށެވެ. ދުރުދުރުގައި ދެތިން މޭޒު އަތުރާފައި ހުއްޓެވެ. އެއީ އެކި ޑިޕާޓްމަންޓްތަކަށް ހާއްސަކޮށްފައި ހުރި މޭޒު ތަކެވެ. ދާއިންމެން އެތަނުގައި މަޑުކޮށްގެން ތިބީ އިންޓަވިއު ޕެނަލްގެ މީހުން އަންނަން ދެނެވެ.

މެންދުރު ވީ އިރު ވެސް އަރޫޝާ އޮތީ ވިސްނާށެވެ. އޭނާގެ ދިރިއުޅުމުގެ މިސްރާބު އެހެން ބަޔަކު އައިސް ބަދަލުކޮށްލައިފިއެވެ. ހިތުގައި އުފެދުނު އާ ޖަޒްބާތުތަކާމެދު ވިސްނައިނުލެވި އުޅެނިކޮށް، ހިތަށް ކުއްލި ލޮޅުމެއް އަތުވެއްޖެއެވެ. ދާންވީ ދިމާލެއް ހަދަންވީ ގޮތެއް ހުދު އޭނާއަކަށް ވެސް ނޭނގުނެވެ.

އެންމެ ފަހުން އެނދުގައި ނޯވެވިގެން އޭނާ ތެދުވެއްޖެއެވެ.

" އަހަންނަށް ދާއިންދެކެ ލޯބި ވެވުނުކަން އިހުސާސްވީ އިރު، އަހަރެންގެ ހަށިގަނޑުގައި މިވަނީ މަޖުބޫރީގެ ސާލެއް އޮޅިފައި. ކިތަންމެ ވަރަކަށް ތެޅުނަސް، އެއިން ސަލާމަތެއް ނުވާނެކަން އަހަންނަށް އެނގެނީ. ހަތަރެސްފައި ބަނދެވި ބައެއް ފަހަރު ނޭވާ ވެސް ހާސްވާހެން މިހާރު އެބަ ހީވޭ." އަރޫޝާއަށް ބުނެވުނެވެ،

ލޯގަނޑު ކުރިމަތީގައި ހުއްޓި ހުރި އިރު އަރޫޝާގެ ކުރިމަތިން އޭނާއަށް ހީވަނީ ދާއިންގެ ސޫރަ ފެންނަ ހެންނެވެ.

ދާއިން އޭނާއަށް ބަލާ ގޮތާ، ވާހަކަ ދައްކާ ރާގާއި އޭނާއަށް ދޭ ސަމާލުކަން ހަނދާންވާން ފެށިއެވެ.

" ދާއިން އަހަރެންދެކެ ލޯބި ވެޔޭ ފާޅުގައި ނުބުންޏަސް އަހަންނަށް އެކަން އެބަ އިހުސާސް ކުރެވެޔޭ! ދާއިން ޕްލީޒް.. އެންމެ ފަހަރަކު ވެސް އަހަންނަށް ގުޅާލަބަލަ. ދާއިން މަތިން އަހަރެން ހާދަ ހަނދާންކުރަމޭ." އަރޫޝާއަށް އަނެއްކާ ވެސް ވާހަކަ ދެއްކުނެވެ.

އެތައް ގޮތަކަށް ވިސްނުމަށްފަހު އަރޫޝާ ދާއިންއަށް ގުޅިއެވެ. އޭރު އޭނާގެ ހިތް ބާރުބާރަށް ތެޅެއެވެ. ފޯނު ކަންފަތުގައި ޖައްސައިގެން ހުރެ އަރޫޝާ ދެކޮޅަށް ހިނގަމުން ދިޔައެވެ. މޫނުމަތީގައިވާ ހާސްކަމާއެކު ނޭވާގެ ހިނގުން ވެސް އަވަސްވާކަން އޭނާއަށް އެނގެއެވެ.

ދަބަސް އޮތީ ދާއިންގެ އުނގުމަތީގައެވެ. އޭގައި އޮތް ފޯނު ވައިބްރޭޓްވާކަން ދާއިންއަށް އެނގެއެވެ. ނަމަވެސް އޭރު އޭނާ އިނީ އިންޓަވިއުގައެވެ. އެ އިންޓަވިއުއަކީ އޭނާގެ ކުރިމަގުކަން އާބިދު އޮތީ މާ ކުރިން ވިސްނައިދީފައެވެ. އާ ދިރިއުޅުމެއް ފެށެން އުޅޭކަމުގެ އުފާވެރި އިހުސާސްތަކުގެ އަސަރު އޭނާގެ ހިތަށް އޭރުވެސް ވެރިވަމުން ދެއެވެ. އެހެންވެ، އޭނާ އިނީ އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދީގެންނެވެ.

އަށެއްކަ ފަހަރު ގުޅުމަށްފަހު އަރޫޝާއަށް އެނދުމައްޗަށް ފޯނު ހޫރާލެވުނެވެ. އޭރު އޭނާގެ ލޮލަށް ކަރުނަ ޖަމާވާން ފަށައިފިއެވެ. ދާއިންގެ ހަބަރެއް ނުވާތީއާއި ފޯނު ނުނެގުމުން ދާއިން ބަދަލުވީ ކަމުގައި އޭނާ ނިންމިއެވެ. އަނެއްކާވެސް އޭނާ ގޮސް ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ.

" ފަހަރެއްގައި ދާއިންއަށް އަހަރެން މިކަމުން ސަލާމަތް ކުރެވޭތޯ ބަލަން ވެގެން މި ގުޅީ. އެކަމަކު... މި ރަށުން ދިޔުމާއެކު ދާއިން އަހަރެން މަތިން ހަނދާން ނައްތާލީ. އެންމެ ފަހަރަކު ވެސް އަހަރެންދެކެ ލޯބިވެޔޭ ބުނެލަބަލަ. މި ކައިވެންޏަށް އަހަރެން އިންކާރު ކުރާނަން... އާނ! އަހަރެން އިންކާރު ކުރާނަން.." އަރޫޝާއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ.

ދެ ލޮލުން ފައިބަމުންދާ ކަރުނަތައް އަތުގެ ނުފުށުން ފުހެމުން އޭނާ އަނެއްކާ ވެސް އަމިއްލަ ނަފްސާ ވާހަކަ ދައްކަން ފެށިއެވެ.

" ކީއްވެ އިންކާރު ނުކުރަންވީ؟ ދައްތަމެން ބޭނުންވަނީ އަހަރެން މި ގޭ ދަރިޔަކާ އިނދެގެން މި ގޭގައި ހުންނަން. ދާއިންއަކީ ވެސް ހަމަ ދައްތަގެ ދަރިއެއްނު. އެހެންވީމަ އަހަންނާ ދާއިން ލޯބިވަންޏާ އަހަރެމެން ދެ މީހުން ކައިވެނި ކުރީމަ މާ ރަނގަޅުވާނެ. މާ އުފާވެރިވެސް ވާނެ." އަރޫޝާއަށް ވާހަކަ ދެއްކުނީ ރޮމުންނެވެ.

" އެކަމަކު... ދާއިންއަށް މިހާރު މާ ރީތި ކުދިން ފެނުނީ. ދާއިން ލައިކްވާ ކަހަލަ ކުދިން ފެނުނީ. އޭރު އަހަންނާ ވާހަކަ ދައްކާލައިގެން ޓައިމް ޕާސް ކޮށްލީ. މިހާރު އެގޮތަށް ވާހަކަ ދައްކާލާނެ މާ ރީތި މާ ހިތްގައިމު ކުދިން ދާއިންއަށް ލިބޭތީ، އެންމެ ފަހަރަކު ވެސް އަހަންނަށް މެސެޖެއް ވެސް ކޮށްނުލާ. " އަރޫޝާއަށް މޫނުގައި ދެ އަތް އެޅުނީ ދެ ފަރާތަށް ބޯ ހޫރަމުންނެވެ.

ހަމަ އެވަގުތެވެ. ދޮރުގައި ޓަކި ޖަހާލައިފިއެވެ. އޭނާ އަވަސް އަވަހަށް މޫނު ސާފުކޮށްލުމަށްފަހު ފުން ނޭވާއެއް ދޫ ކޮށްލިއެވެ. އަދި ހަމަޖެހޭ ގޮތް ދައްކަމުން މަޑުމަޑުން ގޮސް ދޮރު ހުޅުވާލުމާއެކު އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ.

" އެތެރެއަށް ވަނަސް އެންމެ ރަނގަޅުތަ؟" ނަދީމް އެހިއެވެ.

އެއާއެކު އަރޫޝާ ހިޔާލެއް ފިކުރެއް ނެތި ނަދީމްއަށް ޖާގަ ދިނެވެ. އަރޫޝާ ހުރީ ދޮރު ލައްޕާލަން ވެސް ނޭނގިފައި ހުރި ފިޔަވަޅުމަތީގައެވެ.

" އަހަރެން މި އައީ ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެގެން. ދޮރު ލައްޕާލާފައި އަޑުއަހާލެވިދާނެތަ؟" ނަދީމް ބުންޏެވެ.

ނަދީމް އެދުނު ފަދައިން އަރޫޝާ އައިސް ނަދީމްގެ ކުރިމަތީގައި ހުއްޓުނެވެ. ކޮޓަރީގެ ދިމަދިމާލަށް ނަޒަރު ހިންގާލުމަށްފަހު ނަދީމް ވާހަކަ ދައްކަން ފެށިއެވެ.

" މަންމަމެން... ވަރަށް ބޭނުންވޭ އަހަރެމެން ދެ މީހުން ކައިވެނި ކުރަން. އެހެންވެ އަހަރެން މި ކައިވެންޏަށް އެއްބަސް ވީ." ނަދީމް ބުންޏެވެ.

ދެ އަތުގެ އިނގިލިތަކާ ކުޅެލަކުޅެލާ އަރޫޝާ ހުރީ އިސްޖަހާލައިގެންނެވެ. ހިތް އަވަސްވެފައެވެ.

" އަހަރެން ވަރަށް ލޯބިވާ ކުއްޖަކު ހުރޭ. " ނަދީމް ބުންޏެވެ.

ސިހިފައި އަރޫޝާއަށް ބަލައިލެވުނީ ކަންބޮޑުވުމާއެކުއެވެ. އޭނާއަށް ވީ ގޮތް ފެނި ނަދީމް އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

" އެކަމަކު ދުވަހަކުވެސް އަހަންނަކަށް އޭނައާ ކައިވެންޏެއް ނުކުރެވޭނެ. އަހަރެން މި ވާހަކަ މި ބުނީ ސިއްރުކުރަން ބޭނުން ނުވާތީވެ. އަހަރެން އޭނަ ދެކެ އަދިވެސް ވަރަށް ލޯބިވޭ. އަހަރެމެން ދެ މީހުން ވަކިވީ ވެސް މަޖުބޫރު ވެގެން. " ނަދީމް ބުންޏެވެ.

އަރޫޝާއަށް އިސްޖެހުނެވެ. ދިރިއުޅުމެއް ފެށުމާއެކު ނިމުންވެސް އަތުވެއްޖެޔޭ އޭނާއަށް އެ ވަގުތު ހީކުރެވުނެވެ. ދިރިއުޅުމުގެ އުފާވެރިކަން ދުވަހަކުވެސް އޭނާއަކަށް ނުލިބޭނޭ ހިތަށް އެރިއެވެ.

" ކައިވެނި ކުރެވޭއިރު އެއްވެސް ކަމެއް ސިއްރު ކުރާކަށް ބޭނުމެއް ނުވޭ. އެހެންވެ އެ ވާހަކަ ބުނެލަން ބޭނުންވީ. " އަރޫޝާ ބުނާނެ އެއްޗަކަށް ބެލުމެއް ނެތި ނަދީމް ނިކުމެގެން ދިޔައެވެ.

މަޑުމަޑުން ގޮސް އޭނާއަށް އެނދުގައި އިށީނދެލެވުނެވެ. ނަދީމް ބުނި ޖުމްލަ، އަރޫޝާއަށް އެތައް ގޮތަކަށް އަޑު އިވުނު ކަހަލައެވެ. އެހެން މީހަކު ދެކެ ލޯބިވެޔޭ އޭނާ ބުނި ބުނުމަކީ އަރޫޝާގެ ހިތަށް ވަރަށް އަސަރު ކުރުވި ޖުމްލައެކެވެ.

" ދެން؟ އޭގެ މާނައަކީ އަހަރެމެން ކައިވެނި މި ކުރަނީ ނަމަކަށޭތަ؟ ނޫނީ ނަދީމްއަށް ދުވަހަކު ވެސް އަހަރެން ދެކެ ލޯތްބެއް ނުވެވޭނެޔޭތަ؟ ފިރިއަކަށް ވިޔަސް ނަދީމްގެ ލޯބި އަހަންނަކަށް ނުލިބޭނެޔޭތަ؟ ކައިވެނީގެ އުފާވެރިކަން މި ދިރިއުޅުމުގައި ނުވާނެޔޭތަ؟" މޭގައި އަތް ޖައްސާލައިގެން އިނދެ އަރޫޝާ ބުނަމުން ދިޔައެވެ.

" ހާދަ ބައިވަރު މިސްކޯލެއް؟" ދާއިންއަށް ބުނެވުނެވެ.

އަރޫޝާގެ މިސްކޯލްތައް ފެނި ދާއިންއަށް ހިނިތުންވެވުނެވެ. އަދި އޭނާ މަތިން ހަނދާންވެއްޖެތާއޭ ވެސް ހިތާހިތާ ބުނެވުނެވެ.

މާލެއަށް ދާން އައިސް ދާއިން ހުރީ ޖެޓީ މަތީގައެވެ. އޭރުވެސް އަރޫޝާގެ މިސްކޯލްތަކުން އޭނާގެ ހިތަށް ވަނީ އުފާވެރިކަން ލިބިފައެވެ.

އަރޫޝާއާ ވާހަކަ ދައްކާ ހިތުން ކެތްމަދުވެފައި ހުރެ ދާއިން ގުޅާލިއެވެ.

އެނދުމަތީގައި އޮތް ފޯނު ރިންގުވާން ފެށުމުން އަރޫޝާ ތެޅިގަނެފައި ފޯނަށް ބަލައިލިއެވެ. ދާއިންގެ ނަން ފެނުމުން އޭނާއަށް ފޯނުގައި ދެ އަތުން ހިފަހައްޓައިލެވުނެވެ. މިހާރު މާ ލަސްވެއްޖެއެވެ. ދެން ގުޅުމުގެ ބޭނުމެއް ނެތޭ ހިތަށް އެރުމާއެކު ފޯނު ކެނޑުނެވެ. ރޮމުން ރޮމުން އަރޫޝާ އަވަސް އަވަހަށް ދާއިންގެ ނަންބަރު ބްލޮކް ކޮށްލައިފިއެވެ.

އިތުރަށް ދާއިންގެ އަޑު އަހާކަށް ވެސް އޭނާ ބޭނުމެއް ނޫނެވެ. ކުރިމަތިވެފައިވާ ތޫފާނުން ދާއިންއަކަށް ދެނެއް އޭނާ ސަލާމަތެއް ނުކޮށްދެވޭނެޔޭ އަރޫޝާގެ ހިތަށް އެރިއެވެ. ވީ އިރު ދާއިންއާ ވާހަކަ ދައްކައިގެން އިތުރަށް ހިތަށް އުނދަގޫތަކެއް ދޭކަށް އަރޫޝާ ބޭނުމެއް ނުވިއެވެ.

" ބްލޮކް ކޮއްލިއްޔޭ. ތި ވާނީ ގޮތް ދައްކާލީ ކަމަށް. ބަހައްޓަބަލަ! އަދި ގުޅާނެ. މަށަށް އެނގެޔޭ އަންހެން ކުދިން ޖައްސާ ވައްތަރުތައް. އެ މީހުން ބޭނުންވާނީ އެ މީހުންގެ ފައިބުޑަށް އަބަދުވެސް އަހަރެމެން ފިރެހެނުން ދާން. ބްލޮކް ކޮށްލި މީހާ އަންބްލޮކް ކޮށްފަ ގުޅަން ދެން ހުރޭ." އާބިދު ބުންޏެވެ.

ނަމަވެސް ދާއިން އިނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ.

( ނުނިމޭ)

މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.

(ނިމުނީ)