ސަރުކާރުން 2025 ވަނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
މިއީ މި އަހަރުގެ ބަޖެޓަށް ވުރެ 1.6 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މަޖިލީހަށް ބަޖެޓް ހުށަހަޅުއްވައި ދެއްވީ، މިއަދު މެންދުރުފަހު 1:00 ގައި ފެށި ޖަލްސާގައި މާލީ ވަޒީރު މޫސާ ޒަމީރެވެ.
މި ބަޖެޓްގައި އަންނަ އަހަރުގެ އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، މީގެ ތެރެއިން 2.6 ބިލިއަން ރުފިޔާއަކީ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އަދަދެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓު ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ހިނގާނެ ކަމަށް ލަފާކޮށްފައިވަނީ 12.4 ބިލިޔަން ރުފިޔާއެވެ.
މި ބަޖެޓްގައި ވަނީ ދައުލަތުގެ ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކާއެކު 6.6 ބިލިޔަން ރުފިޔާ ސަލާމަތްކުރެވޭނެކަމަށް ލަފާކޮށްފައެވެ.
މި ބަޖެޓަކީ ޤައުމުގެ އިޤްތިޞާދީ ދުވެލި އިތުރުކޮށް، އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް އަމާޒުކޮށްފައިވާ ބަޖެޓެއް ކަމަށް މާލީ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. އަދި މި ބަޖެޓުގައި ތަޢުލީމާއި ޞިއްޙަތު ދާއިރާއަށް ޚާއްޞަ އިސްކަމެއް ދީފައިވާ ކަމަށްވެސް ވުޒާރާއިން ބުނެފައިވެއެވެ.
ޤާނޫނު ބުނާގޮތުން ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ކުރިން، ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!