ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓު ދިރާސާކުރަން އެކުލަވާލި ބަޖެޓު ކޮމިޓީގެ މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހޮވައިފިއެވެ.

މިއަދު ހެނދުނު 10:15 ގައި ފެށި ބަޖެޓް ދިރާސާކުރާ ކޮމެޓީގެ ބައްދަލުވުމުގައި މުގައްރިރަކަށް ފަޒާދު ހޮވީ ކޮމެޓީގެ އަޣުލަބިއްޔަތުންނެވެ. ކޮމެޓީގެ ނައިބަކަށް ހޮވާފައި ވަނީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.

Ad
rt

ޖުމުލަ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 24 އޮކްޓޯބަރު 2024 ގައެވެ.

ސަޕްލިމެންޓްރީ ބަޖެޓުން އެންމެ ބޮޑު ބައެއް ހޭދަކުރަން ހުށަހަޅާފައި ވަނީ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށެވެ. އެއީ ފަސް ބިލިއަން ރުފިޔާގެ ބަޖެޓުން ދެ ބިލިއަން ރުފިޔާއެވެ.

މި ބަޖެޓްގެ މުހިންމު ބައިތަކަށް ބަލާއިރު ޕީއެސްއައިޕީ ޕްރޮޖެކްޓްތަށް ކަނޑައަޅާ ދެ ބިލިއަން ރުފިޔާގެ އިތުރުން ސަބްސިޑީ (ތެޔޮ، ކާޑު، ކަރަންޓާއި ނަރުދަމާ އާއި ފެނުގެ ހިދުމަތް) އަށް އެއް ބިލިއަން ރުފިޔާ، ސްޓޫޑެންޑް ލޯނަށް 458 މިލިއަން ރުފިޔާ، ކޮންޓިންޖެންސީ ބަޖެޓުގެ ގޮތުގައި 650 މިލިއަން ރުފިޔާ، ސަރުކާރު ހިއްސާވާ ކުންފުނިތައް: 441 މިލިއަން ރުފިޔާ، އެންސްޕާ އަށް 263 މިލިއަން ރުފިޔާ، މެޑިކަލް ކޮންޒިއުމަބަލްސް އަށް 200 މިލިއަން ރުފިޔާ އަދި މުސާރަ އަށް 24 މިލިއަން ރުފިޔާ ހިމަނާފަވެއެވެ.

މި ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ނިންމަން ދީފައި ވަނީ އެއް ދުވަހުގެ މުހުލަތެވެ.