މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގަތުމަށް ތާވަލް ކުރި ބައްދަލުވުން ކެންސަލްކޮށްފިއެވެ.
އެމްއެމްއޭ އިން މަޖިލީހަށް ފޮނުވި ސިޓީއެއްގައި ބުނީ ގަވަރުނަރު އަލީ ހާޝިމް އަލާސްކަންފުޅާ އުޅުއްވާތީ މިއަދު އޮފީހަށް ވަޑައިނުގަންނަވާ ކަމަށެވެ. އެހެންވެ، މަޖިލީހުގެ ކޮމިޓީއަށް މިއަދު އޭނާއަށް ހާޒިރުވެވަޑައިނުގެންނެވޭނެ ކަމަށް އެ ސިޓީގައިވެއެވެ.
މާލިއްޔަތު ކޮމިޓީގެ އެ ބައްދަލުވުން ބާއްވަން ހަމަޖެއްސީ މިއަދު 11:00 އަށެވެ. އަލީ ހާޝިމް މީގެކުރިން ވެސް ކޮމިޓީ އަށް ހާޒިރުވެވަޑައިގަތުމަށް ކޮމިޓީ ބައްދަލުވުމެއް ޝެޑިއުލް ކުރިއެވެ. އެކަމަކު، އެ ބައްދަލުވުން ވަނީ ކުއްލި ގޮތަކަށް ފަސްކޮށްފައެވެ.
އެމްއެމްއޭގެ ގާނޫނުގައި ބުނާ ގޮތުން އެ އޮތޯރިޓީގެ ގަވަރުނަރާއި ޑެޕިއުޓީ ގަވަރުނަރު އައްޔަންކޮށް، ވަކިކުރާނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
ހާޝީމް މަޖިލިހުގެ ކޮމިޓީއަށް ހާޒިރު ކުރާއިރު، ހާޝިމް އެ މަގާމުން ވަކިކުރުމުގެ މަސައްކަތް މާލިއްޔަތު ކޮމިޓީން ވަނީ ފަށައިފައެވެ. އެ މައްސަލަ ކޮމިޓީ އަށް ހުށަހެޅުއްވީ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ.
ނާޒިމް ވަނީ ގައުމުގެ އިގްތިސޯދު ހީނަރުވެ، އަލުން އަނބުރާ އިޔާދަ ކުރަން އުނދަގޫ ހިސާބަކަށް ގައުމުގެ އިގްތިސޯދު ނިކަމެތިވެގެން ދިޔައިރު، އެމްއެމްއޭގެ ގާނޫނުގައި ބަޔާން ކުރާ މަގްސަދުތައް ހާސިލް ކުރެވިފައި ނެތް ކަމަށް ވިދާޅުވެފައެވެ. އަދި އެމްއެމްއޭގެ މައިގަނޑު އެއް އަސާސްކަމުގައިވާ މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިނގަމުންދާކަން ފެންނަމުން ނުދާ ކަމަަށް ނާޒިމް ވިދާޅުވެފައި ވެއެވެ.
އެގޮތުން ރާއްޖޭގައި ހިންގާ ބޭންކްތަކާއި ފައިނޭންޝިއަލް އިންސްޓިއުޓްތަކުން އާއްމުންނަށް ލޯނު ދޫކުރާ މިންވަރު ނުސީދާކޮަށް ހިފަހައްޓާ، ބެންކްތަކުގެ ރިޒާވް، އެމްއެމްއޭގައި ބެހެއްޓުމަށް ގަވަރުނަރު ބާރު އަޅުއްވާފައިވާ ކަމަށް ނާޒިމް ވިދާޅުވެފައި ވެއެވެ. ނާޒިމް ވިދާޅުވީ މިގޮތަށް އަމަލު ކުރުމުގެ ސަބަބުން އިގްތިސޯދު ތެރޭގައި ދައުރުވަމުންދާ ފައިސާ މަދުވެ، އިގްތިސޯދީ މަސައްކަތްތައް ހުއްޓި، ގައުމުގެ އިގްތިސޯދުގެ ދުވެލި މަޑުޖެހިފައިވާ ކަމަށެވެ.
އެމްއެމްއޭއަކީ 1981 ވަނަ އަހަރު ގާނޫނުގެ ދަށުން އެކުލަވާފައިވާ ރާއްޖޭގެ މަރުކަޒީ ބޭންކެވެ. އެ ބޭންކްގެ މައިގަނޑު މަގްސަދުގެ ތެރޭގައި ފައިސާ ނެރުމާއި، ފައިސާ ލިބެން ހުންނާނެ ގޮތް ހަމަޖެއްސުމާއި، ދިވެހި ރުފިޔާގެ ބައިނަލްއަގްވާމީ އަގު ކަނޑައެޅުމާއި ބޭންކިންގ އާ ބެހޭ މަނިޓަރީ މުއާމަލާތްތަކާއި ބެހޭ ކަންތައްތަކުގައި، ސަރުކާރަށް ލަފާ ދިިނުމުގެ ހިދުމަތްތައް އަދާ ކުރުންވެސް ހިމެނެއެވެ. އަދި ރާއްޖޭގެ މާލީ ކަންތައްތައް ހަރުދަނާ ގޮތެއްގައި ކުރިއެރުވުމަށްޓަކައި، ބޭންކްގެ މުއާމަލާތާއި ބެހޭ ކަންތައްތަކުގައި، ސަރުކާރަށް ލަފާ ދިނުމުގެ ހިދުމަތްތައް އަދާ ކުރުމާއި، އެެކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުންވެސް ހިމެނެއެވެ.
އޭގެ އިތުރުން ރާއްޖެއާ ރާއްޖެއިން ބޭރުގައި ރާއްޖޭގެ މަނިޓަރީ ހަރުދަނާކަން ހިފެހެއްޓުމާއި، ރާއްޖޭގައި ހަމަޖެހޭ ރަނގަޅު އިގްތިސޯދީ ތަރައްގީއެއް ގެނެވޭފަދަ ގޮތެއްގައި މާލީ ހާލަތު ކުރިއެރުވުންވެސް ހިމެނެއެވެ.
އަލީ ހާޝިމް، އެމްއެމްއޭގެ ގަވަރުނަރަކަށް އައްޔަން ކުރީ ސެޕްޓެމްބަރު 2019 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!