އޯޒެން ރިޒާވް ބޮލިފުށި ރިސޯޓްގެ ވެރިޔާ ހުސައިން ޝަރީފް ކުއްލި ގޮތަށް އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، އާއިލާއަށް ތައުޒިޔާ ފޮނުއްވައިފިއެވެ.
ރައީސް ޑރ. މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވި ގޮތުގައި ހުސެއިން ޝަރީފަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ތަޖުރިބާކާރު ގައުމީ ހިދުމަތްތެރިއެކެވެ. އަދި އޭނާއަކީ މިސްކިތް ބިނާ ކުރެއްވުމާއި ނިކަމެތީންނަށާއި ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުން ފަދަ ކަންކަމުގައި އިހްސާންތެރި ބޭފުޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ހުސެއިން ޝަރީފް އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، އާއިލާ އަށް ތައުޒިޔާ ދަންނަވާ ކަމުގައި ރައީސް ވިދާޅުވިއެވެ.
"މަރުހޫމް ހުސައިން ޝަރީފް އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ އާއިލާއަށް ތައުޒިޔާ ދަންނަވައި ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުއާކުރަމެވެ. ސުވަރުގޭގެ ދާއިމީ ނިއުމަތުގައި، މާތްﷲ ގެ ތަނަވަސްވެގެންވާ ރަޙްމަތާ ނިއުމަތުގައި މަރުޙޫމް ހުސައިން ޝަރީފް ލަހައްޓަވާށިއެވެ. އާމީން" ރައީސް ވިދާޅުވިއެވެ.
ހުސައިން ޝަރީފަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފުގެ އެއްބަފާ ބޭބެއެވެ. ހުސެއިން ޝަރީފް ވަނީ ސޯސަން މަގުގައި ހުންނަ އިބްރާހިމް މިސްކިތް އަމިއްލަ ހަރަދުގައި ބިނާކޮށް ދެއްވައިފައެވެ.
އޭނާ ވަނީ އެކި ގޮތް ގޮތަށް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވައިފައެވެ. ހާއްސަކޮށް ކޮވިޑް-19 ގެ ތެރޭގައި ފޯރުކޮށްދިން އެހީތެރިކަން ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!