ހުޅަނގު މޫސުން ފެށި، ވައިބާރުވެ ވިއްސާރަވެ މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.

މިކަމާއި ގުޅިގެން އެ ކައުންސިލުން ނެރުނު އިލްތިމާސްގައި ބުނެފައިވަނީ މިދުވަސްވަރަކީ ހުޅަނގު މޫސުމުގެ ގަދަ ވަޔާއެކު ވިއްސާރަކުރާ ދުވަސްވަރަކަށްވާތީ، ރުއްރުކުން ހިކިފަނާއި ކާށި އަދި ގަސްގަހުން ހިކިފައިވާ ގޮފިފަދަ ތަކެތި ވެއްޓެމުން އަންނަ ކަމަށާއި، އެހެންކަމުން އާންމު ފަރުދުންގެ ގޯތިގެދޮރުގައި ހުންނަ ރުއްތައް ސާފުކޮށް، ގަސްގަހުގައި ހިކިފައި ނުވަތަ ވަޔާއިއެކު ފަސޭހައިން ވެއްޓޭގޮތަށް ހުރި ގޮފިތައް ކޮށާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެދޭ ކަމަށެވެ.

Ad
rt

އުސްކޮށް ހުންނަ އިމާރާތްތަކުގެ ޓެރެސް ނުވަތަ ބެލްކަނި ފަދަ ތަންތަނުގައި ވަޔާއިއެކު އެއްލާލާފަދަ ގޮތަކަށް ބެހެއްޓިފާހުރި ތަކެތި ރަނގަޅަށް ހައްޔަރުކޮށް ރައްކާތެރި ގޮތަކަށް ބެހެއްޓުމަށާއި، ފުރާޅު ނުވަތަ ބިއްގަނޑު ފަދަ ތަންތަނުގައި ޖަހާފައި ހުންނަ ޓިނު އަދި ފިލާ ފަދަ ތަކެތި ވަޔާއެކު އެއްލާނުލާފަދަ ގޮތަކަށް ހައްޔަރުކުރުމަށް ވެސް އެ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން ހުޅަނގު މޫސުމުގެ ވިއްސާރައާއި ގުޅިގެން ތަންތަނުގައި ފެންހަރުލައި މަދިރި އާލާވުމުގެ ފުރުސަތު ބޮޑުވެގެންދާތީ އެކަމަށް ސަމާލުވުމަށް ވެސް އެ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

މިހާރު މުޅި ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ އަންނަނީ ކުރަމުންނެވެ. ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރު ފަތުރުކުރާ ފަރާތްތަކުން ވެސް އެކަމަށް ސަމާލުވުމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.