ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނު އުވައިލަން ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
ޤާނޫނު ނަންބަރު 2/2005 (ވަޒީރުންނާ ސުވާލުކުރުމުގެ ޤާނޫނު) އުވާލުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ މެންބަރު، މަޖިލީހުގެ ނައިބު ރައީސް އަހްމަދު ސަލީމް (ސައްލެ) އެވެ.
އެ ގާނޫނު އުވައިލަން ހުށަހެޅި ސަބަބުތަކުގެ ގޮތުގައި ބިލުގައި ބުނެފައި ވަނީ ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނަކީ ދިވެހިޖުމްހޫރިއްޔާގެ މިހާރުގެ ޤާނޫނުއަސާސީއަށް ޢަމަލު ކުރަން ފެށުމުގެ ކުރިން ހެދި ޢަމަލު ކުރަމުން އަންނަ ގާނޫނެއްކަމުން، ޤާނޫނު އަސާސީގައި ވަޒީރުންނާއި ސުވާލުކުރުމުގެ ފުރުސަތު ލިބިދީފައި އޮތުމާއެކު އެ ގާނޫނު އެކުލަވާލާފައި އޮތީ ވަޒީރުންނާ ސުވާލުކުރަން އޮންނަ ފުރުސަތު ހަނިވާ ގޮތަށްކަމަށެވެ.
މީގެއިތުރުން ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވައިދުގައިވެސް ވަޒީރުންނާ ސުވާލު ކުރުމުގެ އުސޫލުތައް ކަނޑައެޅިފައިވާތީ އެ ގާނޫނު އުވާލުމަށް ހުށަހެޅީ ކަމަށް ބުނެފައިވެ އެވެ. އެހެންވެ ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނަކީ މިހާރަށް ބޭނުން ހިފޭ ގާނޫނެއްކަމަށް ނުބެލެވޭކަމަށް ބިލްގައި ބުނެފަވެއެވެ.
މި ބިލްގެ ފުރަތަމަ ކިޔުން މިހާރު ވަނީ އިއްވާފައެވެ.
މިގާނޫނު އުވާލަން ހުށަހެޅިއިރު، ވަޒީރުންނަށް ޖަވާބުދާރިވުމަށް ކުރިން ދީފައި އޮތް 14 ދުވަހުގެ މުއްދަތު ކުރުކުރުމާއި ވަކި މައުލޫއަކަށް ސުވާލު ކުރަން ޖެހޭ ގޮތަށް އޮތް އޮތުން ދާދިފަހުން ވަނީ އުވައިލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!