މިހާތަނަށް ބެލި ބެލުމުން ކުރީ ސަރުކާރުން ސިނަމަލޭ ބްރިޖްގެ މެއިންޓަނަންސްގައި ބޮޑެތި އިހުމާލުތަކެއް ވެފައިވާކަން ހާމަވެފައިވާކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ސިނަމާލޭ ބްރިޖަށް އަރާއިރު ހުންނަ ބޯޑުގެ ލައިޓުތައް ހަލާކުވެ، ދަބަރު ޖަހައިފައި ހުރުމުން ގިނަ ބަޔަކު ވަނީ މީގެ ކުރިންވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

Ad
rt

ރައްޔިތުންގެ ހުރި މި ކަންބޮޑުވުންތަކާއެކު އައު ސަރުކާރުގެ ކޮންސްޓްރަކްޝަން މިނިސްޓްރީއާއި ސްޓެލްކޯ ގުޅިގެންދަނީ އެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ފަށައިފައެވެ.

މި މަސައްކަތްތަކާ ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސެއިން ފަހުމީ ވިދާޅުވީ ފުރަތަމަ ބެލިބެލުމުންވެސް ބޮޑެތި އިހުމާލުތަކެއް ވެފައިވާކަން ހާމަވެފައިވާކަމަށެވެ.

ބްރިޖް މޮނިއުމަންޓަށް ކަރަންޓު ދިނުމަށް ބޭނުންކޮށްފައިވާ 10 ޑީސީ ސަޕްލައި ޔުނިޓުގެ ތެރެއިން 7 ޔުނިޓަކީ މައްސަލަ ޖެހިފައިވާ ޔުނިޓުތައްކަން ފާހަގަވެފައިވާކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި ގިނަ ލެޑުތައް ހަލާކުވެފައިވާކަމަށާއި، މޮނިއުމަންޓް ހަރުކުރުމަށް ޖަހާފައިވާ ބްރެކެޓުތަކާއި، އިސްކުރުތަކުގައި ދަބަރުޖަހާފައިވާތީ، ބަދަލުކުރަންޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ފަހުމީ ވަނީ ގައުމީ މިފަދަ ބޮޑެތި އެސެޓުތަކަކީ އަބަދުވެސް ރަނގަޅަށް ބަލަހައްޓަންޖެހޭ ތަންތަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ރައީސެއްގެ ގޮތުގައު ތަޖުރިބާކާރު އިންޖިނިއަރަކު ހުންނެވުމުން މި ސަރުކާރުން މިފަދަ ގައުމީ ބޮޑެތި އެސެޓުތައް ރަނގަޅަށް ބަލަހައްޓާ އެންމެންގެ ރައްކާތެރިކަން ކަށަވަރުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.