ރައީސް ޑރ. މުޙައްމަދު މުޢިއްޒު، "މޯލްޑިވްސް ޒަކާތު ހައުސް" ނަމުގައި ސަރުކާރުގެ އިދާރާއެއް މިއަދު އުފައްދަވައިފިއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއަށް ދިވެހިބަހުން ބޭނުންކުރަން ހަމަޖައްސަވާފައިވާ ރަސްމީ ނަމަކީ "ދިވެހިރާއްޖޭގެ ޒަކާތު ހައުސް" އެވެ.

Ad
rt

ރައީސް މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓު، ‘’ހަފުތާ 14’’ ގައި ވެސް ބަޔާންކޮށްފައިވާ މި އިދާރާ ހިންގާނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ދަށުންނެވެ.

މިތަނަކީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައި ރައީސް އުފައްދަވާފައިވާ ތަނެކެވެ.

މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ޙައްޤުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ.

މީގެ އިތުރުން ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިޞާބު އިޢުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ހިމެނެއެވެ.