ކުރީގެ އަދަދާއިގުޅޭ،

" ދެން ވައި ފިލުވާލަން އޭނަ ސެޓުކޮށްލަބަލަ! "

Ad
rt

ހާނިމް ބުނެލީ ހިނިގަނޑެއް ޖަހާލަމުންނެވެ. އެއާއެކު ފުން ވިސްނުމެއްގައި އިނދެ މާހިލް ދުރަށް ބަލައިލިއެވެ.

***

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. މާހިލް ހިނގައިގަތީ ރަށުގައި ހުރި އެންމެ ފެންވަރު ރަނގަޅު ރެސްޓޯރެންޓާ ދިމާލަށެވެ. ރީނާގެ ދަޢުވަތު ޤަބޫލު ކުރި ނަމަވެސް އޭނާގެ އެއްވެސް ޝައުޤުވެރިކަމެއް ނެތެވެ. ހިނގަމުން ދިޔައިރުގައިވެސް ފޯނުން ގޭމް ކުޅުމެއް ނުހުއްޓުނެވެ. ރެސްޓޯރެންޓްގެ ބޭރު ފާރުގައި ލެނގިލައިގެން ހުރެވުނީވެސް ގޭމުގެ އަވައިގައި ޖެހިގެންނެވެ. ހަމަ އެވަގުތެވެ. ރީނާ ގުޅަން ފަށައިފިއެވެ.

" ޝިޓް! "

ގޭމްގެ މުހިއްމު ވަގުތު ކޮޅެއްގައި ކޯލް އައުމުން މާހިލަށް ފުރަތަމަ ބުނެލެވުނީ އެފަދައިންނެވެ. ނަމަވެސް އޭނާ ރީނާގެ ފޯނަށް ޖަވާބު ދިނެވެ.

" އަދިވެސް ނާންނަންތަ؟ "

ރީނާ އަހާލީ ލަސްވެގެން އަހާފަދަ ގޮތަކަށެވެ.

" ނޫނޭ! ބޭރުގައި މިހުރީ؟ ކޮން ދިމާލަކަށް ދާންވީ؟"

މާހިލްއަށް އަހާލެވުނީ އެހާމެ އަވަހަށެވެ.

" އެންމެ ބިއްދޮށުގައި ހުރި ހަޓަށް އާދޭ! އަހަރެން މިއިނީ އެތަނުގައި"

މާހިލް އައިކަން އެނގުމުން ރީނާގެ ހިތަށް ހަމަޖެހުން ލިބުނު ފަދައެވެ. އެހެންކަމުން އޭނާގެ ރާގު މިފަހަރު ބަދަލު ވެއްޖެކަން މާހިލަށްވެސް ފާހަގަ ކުރެވުނެވެ. އެތެރެއަށް ވަދެގެން ގޮސް މާހިލް މިސްރާބު ޖެހީ ރީނާ އިން ހަޓާ ދިމާލަށެވެ. އެއީ އެހެން މޭޒުތަކާ ވަކިން، ތަންކޮޅެއް ދުރުގައި ހުރި މޭޒެކެވެ. އެސަރަޙައްދު އަލިކޮށްފައިވަނީވެސް އުއްބަތީގެ ފަނޑު އަލިންނެވެ. އެހެންކަމުން، އެއީ ލޯބިވެރިންނަށް ހާއްސަ މޭޒެއްކަން މާހިލަށްވެސް އެނގުނެވެ.

" ހައި! "

މާހިލް އައިސް އިށީނުމާއެކު ރީނާ ނުހަނު ލޯބިން ބުނެލިއެވެ. މާހިލް ބޯޖަހާލަމުން ހިނިތުންވެލީ ރީނާގެ މޫނަށް ބަލައިލަމުންނެވެ. އުއްބައްތީގެ އޮރެންޖް ކުލައިގެ ފަނޑު އަލިން ރީނާގެ ހިނިތުންވެފައިވާ މޫނާއި ދެލޯ މާހިލަށް ރީތިކޮށް ފެނުނެވެ. އޭރުވެސް އޭނާގެ ބޮޑު ދެލޯ އަމާޒުވެފައި ހުރީ ސީދާ މާހިލްގެ މޫނަށެވެ.

" އަހަރެންގެ ދަޢުވަތު ޤަބޫލު ކުރީމަ ވަރަށް އުފާވެއްޖެ! "

މިފަހަރުވެސް ވާހަކަ ދެއްކީ ރީނާއެވެ.

" އެއީ ދެން އެހާ ވަރުގެ ކަމެއް ނޫން! އަހަރެން މިހާރަކަށް އައިސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކެފޭތަކަށް އަރާލަން! ކޮފީއެއް ބޯލީމަ ވަރަށް ހިތްހަމަޖެހެއެއްނު"

މާހިލް ވާހަކަ ދެއްކީ އާދައިގެ ގޮތަކަށެވެ.

" ކޯއްޗެއް މާހިލް ކާން ބޭނުމީ؟ މިރޭ ހަމައެކަނި ކޮފީއަކުން ފުއްދާލައިގެން ނުވާނެ! މިރޭ ވާނެ ކޮންމެވެސް އެއްޗެއް ކާން"

ދުރުން އަންނަ ވެއިޓަރއަށް ބަލައިލަމުން ރީނާ ބުނެލިއެވެ. އެއާއެކު މޭޒުމަތީގައި ދެއަތް ބާއްވާލަމުން މާހިލް ހީލިއެވެ.

" ކޮއްތުރޮއްޓެއް ކާލާނީ ދޯ"

ބަނޑުހައިވެފައި ހުރިވަރުން މާހިލް ބޭނުންވީ ރަނގަޅަށް ކާލާށެވެ.

" އަހަރެން ބޭނުންވަނީ ސޭންޑްވިޗެއް! "

" ހާދަ ކުޑަގޮތެއް؟ ރީނާ އާއްމުކޮށް ވަރަށް މަދުންތަ ކަނީ؟ "

ރީނާ އެހެން ބުނުމުން ދައްކާނެ އިތުރު ވާހަކައެއް ނެތިގެން ކަހަލަ ގޮތަކަށް މާހިލް ސުވާލު ކުރިއެވެ.

" ހޫމް! ފަލަވެދާނެތީ ވަރަށް ނުކަން! އެހެންވެ އެއްނު މިހާ ފިޓްކޮށް މި ހުންނަނީ"

އަމިއްލަ ނަފްސާމެދު ފަޚްރުވެރިވަމުން ރީނާ ބުންޏެވެ. އެއާއެކު އަނެއްކާވެސް މާހިލް ހީލިއެވެ. އޯޑަރ ނެގުމަށްފަހު ވެއިޓަރ ދިޔުމުން ރީނާ ފުން ނަޒަރަކުން މާހިލަށް ބަލަން ފެށިއެވެ. ރީނާ ހިތްއެދޭ ފަދަ މައުޟޫއަކަށް މާހިލް ވާހަކަ ނުދައްކައިގެން އޭނާ އިނީ ކޮންމެވެސް ވަރަކަށް ނުތަނަވަސްވެފައެވެ. އޭނާއާ ބެހޭގޮތުންވެސް އެއްވެސް އެއްޗެއް އޮޅުން ފިލުވަން މާހިލް ބޭނުން ނުވާހެން ރީނާއަށް ހީވާން ފެށިއެވެ.

" އަހަރެން ގެނައިން ކުޑަކުޑަ ހަދިޔާއެއް! "

ރީނާގެ އަޑަށް ފޯނަށް މާހިލް ދިޔައީ ސިހިގެންނެވެ. އޭރުވެސް އޭނާ އިނީ ފޯނަށް ބަލާށެވެ.

" ކީ..ކީކޭ؟ "

" އަހަރެންގެ އަލަތު.. އުމްމްމ އެކުވެރިޔާއަށް ގިފްޓެއް ގެނައީމޭ މިބުނީ"

ލުއި ހިނިތުންވުމެއްގައި އިނދެ ރީނާ ބުންޏެވެ. އެއާއެކު މޭޒުމަތީގައި ފޯނު ބާއްވަމުން މާހިލް ހީލިއެވެ.

" ސޮރީ އިނގޭ! ގޭމް ކްލޯޒް ނުކޮށް ހުރީމަ މިބަލައިލެވުނީ ފޯނަށް! އެކަމަކު ދެން ބަހައްޓާނީ! ގެއަށް ގޮސް ބަލާނީ! "

މާހިލް އަނެއްކާވެސް ރީނާއަށް ހިނިތުންވެލިއެވެ. އެއާއެކު އޭނާގެ ކައިރީގައި އޮތް ދަބަހުން ކުޑަކުޑަ ކޮތަޅެއް ނަގައި، މާހިލްގެ އަތަށް ދިއްކޮށްލަމުން ބުންޏެވެ.

" އުއްމީދު ކުރަން މި ހަދިޔާ ޤަބޫލު ކުރާނެ ކަމަށް! އަހަރެމެންގެ ފްރެންޑްޝިޕަށް އަދި މިވީ އެންމެ ދެތިން ދުވަސް! އެހެންވީމަ އަދި ދެވޭނީ މިކަހަލަ ހަދިޔާއެއްތާ ދޯ"

ރީނާގެ ވާހަކަތައް އަޑު އަހަން އިނދެ މާހިލް އެ ކޮތަޅުގައި ހިފީ، ނުހަނު ހައިރާންވެފައި އިނދެއެވެ.

" އެތެރެ ބަލައިލަބަލަ! "

ހެވިފައި އިނދެ ރީނާ ބުންޏެވެ. ކުރު ހިނިގަނޑެއް ޖަހާލުމަށްފަހު މާހިލް ކޮތަޅު ތެރެއިން ނެގީ ކުޑަކުޑަ ފޮށިގަނޑެކެވެ. އެހެން އިނދެ އިރުއިރުކޮޅުން އޭނާއަށް ރީނާގެ މޫނަށްވެސް ބަލައިލެވެއެވެ.

" ސަވޭޖް؟ އާހް! "

ސެންޓް ފުޅި ފެނުމާއެކު މާހިލްގެ ތުންފަތްމައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. ފޮށިގަނޑު ކަނޑާލުމަށްފަހު އޭނާ އަވަސް އަވަހަށް އަތުގެ ނުފުށަށް ސެންޓް ބުރުވާލުމަށްފަހު ވަސް ބަލައިލިއެވެ.

" އޮރިޖިނަލް؟؟ "

ހައިރާންކަމާއެކު މާހިލް ރީނާގާތު އަހާލިއެވެ. މާހިލްގެ މޫނަށް ބަލަހައްޓައިގެން އިން ރީނާ މަޑުމަޑުން ބޯ ޖަހާލީ މަސްތީ ހިނިތުންވުމެއްގައި އިނދެއެވެ.

" ކޮންތާކުން؟ "

އަނެއްކާވެސް މާހިލަށް އަހާލެވުނެވެ. އެއާއެކު ރީނާ ދެފަރާތަށް ބޯ ހޫރާލީ ތަންކޮޅެއް ބާރަށް ހީލަމުންނެވެ.

" އިއްޔެ އަހަރެންގެ ރައްޓެއްސެއް ބޭރުން އައީ! އޭނަ ގާތު ބުނެގެން ޑިޔުޓީފްރީއިން ގަތީ! "

" ކިހިނެއް އެނގުނީ އަހަންނަށް އެންމެ މީރުވަސްދުވަނީ މީގަ ކަމެއް؟ "

މާހިލަށް އަދިވެސް އިނދެވުނީ ހެވިފައެވެ. މާހިލްގެ ހިނިތުންވެފައިވާ މޫނަށް ބަލަން ޝައުޤުވެރިކަމާއެކު ރީނާ އިނެވެ.

" އެނގިގެންނެއްނޫން! ތިއީ ވަރަށް މަޝްހޫރު ސެންޓެއްނު! ދެން އަހަރެން ވަރަށް އުފާވެއްޖެ މާހިލަށް ކަމުދާ އެއްޗަކަށްވީމަ"

ދެކޮނޑު ހިއްލާލަމުން ރީނާ ބުނެލީ ބޯވެސް އަރިކޮށްލަމުންނެވެ.

" އަސްލު ކަމުދިޔައީ އޮރިޖިނަލްވީމަ! ގޭ ފިހާރައަށްވެސް ގެނެޔޭ! އެކަމަކު މީގެ ފޭކް... ދެން އެވެސް ޖަހަން"

އަތުގައި އޮތް ސެންޓްފުޅި ކޮތަޅުގެ އެތެރެއަށް ވައްޓާލަމުން މާހިލް ހިނިގަނޑެއް ޖަހާލީ ރީނާގެ މޫނަށް ބަލައިލަމުންނެވެ. އެހިނދު ފަރުވާތެރިކަމާއެކު މާހިލްގެ މޫނަށް ބަލަހައްޓައޮގެން އިން ރީނާގެ މޫނުމަތީގައިވާ އުފާވެރިކަން މާހިލަށް ވަޒަން ކުރެވުނެވެ. އޭނާގެ ނަޒަރުގައި އާދަޔާ ޚިލާފް ގޮތެއް ހުރިކަން ފާހަގަ ކުރެވުނެވެ. ކޮންމެވެސް ވަރަކަށް ހިތް ނުތަނަވަސްވީ ނަމަވެސް މާހިލް އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

" އަހަރެން ވަރަށް ލަދުގަނެއްޖެ... އަހަންނަށް އެއްވެސް އެއްޗެއް ނުގެނެވުނީމަ."

" އަހަރެންގެ ދަޢުވަތަކަށް އަންނައިރު ހަދިޔާ ގެންނާކަށް ނުޖެހޭނެ! މާހިލް މިތަނަށް އައިސްދިނީތީ އަހަރެން ވަރަށް އުފާވެއްޖެ"

ފުން ނޭވާއެއް ދޫކޮށްލަމުން ރީނާ ބުނެލިއެވެ. އެއާއެކު މާހިލަށް ހިނިތުންވެލެވުނެވެ.

" ވާހަކައެއް ބުނަންތަ؟ އަހަރެންގެ އެންމެ އިޝާރާތަކަށް އަހަންނާމެދު ތިހާ ގާތް ގުޅުމެއް އުފައްދަން ބޭނުންވީ ކީއްވެތަ؟ "

މާހިލް ބޭނުންވީ ރީނާގެ އަސްލު މަޤްޞަދު ހޯދާށެވެ. އެކުވެރިކަމަށްވުރެ ގާތްކަމެއް ރީނާ ބާއްވަން ބޭނުންވާކަން އޭރުވެސް މާހިލަށް އިޙްސާސް ކުރެވެމުން ދެއެވެ. މާހިލްގެ ސުވާލު އަޑުއެހުމަށްފަހު އަނެއްކާވެސް ރީނާ ދޫކޮށްލީ ފުން ނޭވާއެކެވެ. އަދި އިސްޖަހާލައިގެން ކުޑައިރުކޮޅަކު އިނުމަށްފަހު މާހިލްގެ މޫނަށް ބަލައިލިއެވެ.

" އެންމެ އިޝާރާތަކުންވެސް މީހެއްގެ ހިތާ ކުޅެލެވިދާނެކަން އެނގޭތަ؟ އާހް!... އެންމެ އިޝާރާތަކުންވެސް ހިތުގެ ޖަޒްބާތުތައް ހޭލައްވާލެވިދާނެކަން އެނގޭތަ؟ އަދި އެ އިޝާރާތުގެ ސަބަބުން މޭގައި އޮތް ހިތް ދޫލިގެން ހިނގައިދާނެކަން އެނގޭތަ؟ "

ޖެހިލުމެއްނެތި ރީނާ ދޫކޮށްލި ކޮންމެ ޖުމްލައަކުން މާހިލަށް ލިބެމުން ދިޔައީ ނުތަނަވަސްކަމެވެ. ނުސީދާގޮތަކަށް އޭނާ އެބުނަނީ މާހިލްދެކެ ލޯބި ވެވުނު ވާހަކަކަން މާހިލަށް ޔަޤީން ކުރެވުނެވެ. އެހެންކަމުން އިތުރަށް އެންމެ ސުވާލެއް ކުރާކަށްވެސް މާހިލް ބޭނުމެއް ނުވިއެވެ. ރީނާގެ ވާހަކަތައް އަޑުއެހުމަށްފަހު އޭނާއަށް ވެވުނީ މަޖުބޫރީ ހިނިތުންވުމެކެވެ.

" ކީއްވެ އެއްޗެއް ނުބުނީ ؟ އަހަރެން ބޭނުންވަނީ...."

ރީނާ ސުވާލުކޮށްލީ އަސަރާއެކުގައެވެ. ވަގުތަކީ އޭގެ އިރުކޮޅެއް ކުރިން އެމީހުން އޯޑަރ ކުރި ކާއެއްޗެހި ހިފައިގެން ވެއިޓަރ އައިސް ހުއްޓުނު ވަގުތެވެ. އެހެންކަމުން ރީނާގެ ވާހަކައަށް ކުޑަ އިރުކޮޅެއްގެ މެދުކެނޑުމެއް އައި ނަމަވެސް ވެއިޓަރ ދިޔުމާއެކު އަނެއްކާވެސް ރީނާ ވާހަކަ ފެށިއެވެ.

" އަހަރެން ބޭނުންވަނީ މިކަމާމެދު މާހިލްދެކޭ ގޮތް ބަލައިލަން! "

އިސްޖަހާލުމަށްފަހު މާހިލަށް ދެލޯ ބޮޑުކޮށްލެވުނީ އެތެރެއަށް ނޭވާ ހިފަހައްޓާލައިގެން އިނދެއެވެ. ކުއްލިއަކަށް ކުރިމަތި ކުރުވި ސުވާލަށް ރީނާ އެދޭ ކަހަލަ ޖަވާބެއް އޭނާއަކަށް ނުދެވޭނެކަން ޚުދު އޭނާއަށް އެނގެއެވެ. ނަމަވެސް އުއްމީދުން ފުރިގެން އައިސް އިން ރީނާގެ ހިތް ދެރަކޮށްލާނެ ހިތްވަރެއްވެސް އޭނާގެ ކިބަޔަކު ނެތެވެ. ފުން ނޭވާއެއް ބޭރަށް ދޫކޮށްލުމަށްފަހު މާހިލްް ރީނާގެ މޫނަށް ބަލައިލީ ހިނިތުންވުމާއެކުގައެވެ.

" އަސްލު އަހަރެން ބުނީމެއްނު ހާނިމްގާތު މަޖަލަކަށް އެހެން ބުނީމަ އޭނަ އަހަންނަށް ލަނޑުދޭން ވެގެން ދިޔައީއޭ ތި މީހުން ގާތަށް! ދެން އަދި އަހާލަންތަ؟ ނަންބަރުދޭށޭ ބުންޏަސް އެހާ ފަސޭހައިން ފިރެހެނަކަށް ނަންބަރު ދިނީ ކީއްވެ؟ އަހަންނަކީ ރީނާއާ އެއްވެސް އިރެއްގައި ވާހަކަ ދައްކާ އުޅުނު މީހެއްވެސް ނޫން.. ގޮތް ނޭނގޭ މީހަކަށް ނަންބަރު ދިނީމަ ހަމަ ހިތަށް އެރީ އަހާލާނަމޭ!"

މާހިލްގެ ގެ ވާހަކަތައް އަޑުއަހަން އިނދެ ރީނާއަށް ހިނިތުން ވެލެވުނެވެ.

" މިހާރުވެސް އަހަންނާމެދު އިތުބާރު ގެއްލިއްޖެދޯ"

" ނޫން..އެހެންނެއް ނޫން.. ހިތުގައި އޮތް ސުވާލެއްވީމަ.."

މާހިލް އަވަސް އަވަހަށް ޖަވާބު ދިނެވެ. އެއާއެކު އަނެއްކާވެސް ރީނާ ވާހަކަ ދައްކަން ފެށިއެވެ.

" ނަންބަރު ދޭށޯ ބުނީމަ އަހަރެން ބަލައިލިން! އެވަގުތުވެސް އަހަންނަށް އަސްލު މާހިލް ވަރަށް ރީތިވި! ދެން.. އަހަރެންގެ އެއްވެސް ބިޓެއް ނުހުންނާތީވެ ހިތަށް އެރީ ނަންބަރު ދޭންވެއްޖެޔޭ.. ވާހަކަ ދައްކާލީމަ ގަޔާވާ ކަހަލަ ގޮތެއްވެސް ހުރެދާނެޔޭދޯ! އަސްލު އަހަރެން ހީކުރީ އަހަރެންގެ ނަންބަރު ހޯދީ ސީރިއަސް ވެގެން ކަމަށް.. މާހިލް އިނީވެސް ވަރަށް ލަދުން ކަހަލަ ގޮތަކަށް! ދެން ނޭނގެ... ހަމަ ދޭހިތްވީ! އަދި ދުވަހަކުވެސް އަހަރެންގެ ނަންބަރު ހޯދަން ފިރެހެން ކުއްޖަކު ނޫޅޭ ވިއްޔަ! ވެދާނެ މަގޭ ބޭބެ ރުޅިގަދަކަމުން ބިރުން ކަމަށްވެސް.."

އަޑުއަހަން އިން މާހިލް ބޯ ޖަހާލަމުން ހީގަތެވެ.

" ދެން ވާހަކަ ދައްކާލެވުނީމަ އަހަންނާ ގަޔާވީތަ؟ "

އެއްބުމަ ހިއްލާލަމުން މާހިލް އަނެއްކާވެސް ސުވާލު ކުރިއެވެ. އެހިނދު ލަދުގަނެފައި އިން ރީނާ މަޑުމަޑުން ބޯ ޖަހާލިއެވެ.

" ތެދުތެދަށް ބުނާނަމަ އަަހަންނަށް މާހިލް ވަރަށް ކަމުދޭ! ސިފައާ އެއްވަރަށް ވާހަކަ ދެއްކުމުގައިވެސް ހުންނަނީ އަހަރެންގެ ހިތް ދަމައިގަންނަ ފަދަ ގޮތެއް"

" އަހަރެން އަދި ނުދެކެން ތިހާ ކެރޭ އަންހެން ކުއްޖެއް! މިތާ އެތެރޭގައި ރީނާ ބަވާލާފައި އަހަރެން ގޮއްސިއްޔާޔޯ؟"

ކުރިމަތީގައި ހުރި ކޯކްތަށީގައި ހިފަމުން މާހިލް ބުންޏެވެ. އެއާއެކު އަނެއްކާވެސް ރީނާ ދެކޮނޑު ހިއްލާލިއެވެ.

" ހަމަ އެންމެ ރަނގަޅު! އޭރުން ދެވަނަ ފަހަރަށް މާހިލާމެދު ވިސްނާނެ ޖާގައެއް ނެތްކަން އަހަންނަށްވެސް ޔަޤީންވާނެތާ"

މަޑުމައިތިރިކަމާއެކު ރީނާ ބުންޏެވެ. އެއާއެކު އަނެއްކާވެސް ދެމީހުންގެ ދެމެދަށް ވެރިވީ ހަމަހިމޭންކަމެވެ.

" އަހަރެންގެ މައިންބަފައިން ވަކިވީ ހިސާބުން ފެށިގެން އަހަންނާ އަހަރެންގެ ބޭބެ ބަލާ ބޮޑުކުރީ ބައްޕަ ފަރާތު ބޮޑުބޭބެއެއް! ބޮޑުބޭބެ ނިޔާވުމާއެކު ބޭބެއަށް ވީ އިތުރު ޕްރެޝަރެއް! ބައްޕައާއި މަންމަވެސް އަހަރެމެން ދެމީހުން ގެންދަން ބޭނުންވި. އެއީ އަސްލު ބޮޑުބޭބެގެ ހުރިހާ ފައިސާއެއް އަހަރެމެންނަށް ހިބަކޮށްފައި އޮތީމަ! ބޭބެ، ވިޔަފާރިފަށައި އަމިއްލަ ފައިމައްޗަށް ތެދުވީ ބޮޑުބޭބެގެ އެހީގައި! މިއަދު އަހަރެމެން ބޮޑެތިވީމަ މައިންބަފައިންނަށް އަހަރެމެން ފެނިއްޖެ! އެކަމަކު ދެން އަހަރެންވެސް ބޭނުމެއް ނޫން ދާކަށް.. ބޭބެއަކީ ރުޅިގަދަ މީހެއްގެ ގޮތުގައި މުޅި ރަށަށް މަޝްހޫރުވެފައިވަނީވެސް ބޭބެ އަހަންނަށް ދޭ ރައްކާތެރިކަމުގެ ސަބަބުން. އެއީ އަސްލު ވަރަށް މާތް އިންސާނެއް! އަހަރެންގާތު މީހަކަށް، އިންނަން އަހަންވެސް ނުކެރެނީ ބޭބެ ދެކެ ބިރުން!"

ރީނާގެ އަޑުގައި އެކުލެވިގެންވާ އަސަރުތަކުން މާހިލްގެ ހިތް ރަހުމުން ފުރުނެވެ.

" އެހެންތަ؟ ރީނާދެކެ ބޭބެ ހާދަ ލޯބިވެޔޭދޯ"

މާހިލް އަހާލިއެވެ.

" ހޫމް.. ބޭބެގެ ހުރިހާވެސް މީހަކީ ހަމަ އަހަރެން! ބޭބެ ކުރި ދެ ކައިވެނިވެސް ރޫޅުނީ، ބޭބެ އަހަންނަށް ހަރަދުކޮށް އަހަންނާމެދު ހާއްސަ ސަމާލުކަމެއް ދޭތީ ފަހަރިމެން ރުޅި އައިސް އަބަދު ޒުވާބު ކުރަނީ.. ބޭބެ އަހަންނަށްޓަކައި ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ."

ރީނާގެ ވާހަކަތަކުން މާހިލް ކޮންމެވެސް ވަރަކަށް ޖެހިލުންވިއެވެ. އިތުރަށް ބުނާނެ އެއްޗެއްވެސް އޭނާއަކަށް ނޭނގުނެވެ.

" ދެން މާހިލް ބުނެބަލަ! މާހިލްއަށް އަހަރެން ކަމުދޭތަ؟ އަހަރެންވެސް ބޭނުމެއް ނޫން ބޭކާރު ގޮތުގައި އެއްވެސް މީހަކަށް އުނދަގޫ ކުރާކަށް! އަދި މީހަކަށްޓަކައި ކަރުނަ އޮހޮރާކަށްވެސް ބޭނުމެއް ނޫން"

ރީނާއަކީ ތަފާތު ކުއްޖެއްކަން މާހިލަށް ޔަޤީން ކުރެވުނެވެ. އެހާ ކެރިގެން ކުރިމަތިލާކަށް ކޮންމެކޮންމެ މީހަކަަށް ނުކެރޭނެކަން އޭނާއަށް އެނގުނެވެ. ރީނާގެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގިފައި އޭނާއަށް އިރުކޮޅަކު އިނދެވުނީ އެކަމާމެދު އިތުރަށް ވިސްނާލާށެވެ. އެއަށްފަހު އަނެއްކާވެސް ފުން ނަޒަރަކުން ރީނާގެ މޫނަށް މާހިލަށް ބަލައިލެވުނެވެ. އޭރުވެސް ރީނާ އިނީ މާހިލްގެ ފަރާތުން އުފާވެރި ޖަވާބެއް ލިބޭނެ ކަމުގެ އުއްމީދުގައިކަން މާހިލަށް އެނގެއެވެ.

" ލައިކް...ވޭ! ލައިކްވާގޮތެއް ހުރޭ!... ދެން.. މިގުޅުން ކުރިއަށް ދޭތޯ ބަލަމާ! އަހަރެމެން ދެމީހުންނަށް ވާހަކަ ދެއްކިދާނެދޯ! "

މާހިލް އެހެން ބުނުމާއެކު ރީނާގެ މޫނުމަތިން ފެނުނީ ލަދުވެތި ހިނިތުންވުމެކެވެ.

" ރީނާ ؟ "

ހަމައެވަގުތެވެ. ތަންކޮޅެއް ދުރުން އިވުނު އަޑަށް ރީނާއަށް ބަލައިލެވުނެވެ. އެއާއެކު ދުރުގައި ހުރި އޭނާގެ ބޭބެ ފެނި، ރީނާއަށް ކޮޅަށް ތެދުވެވުނެވެ. އެއްފަހަރު ރީނާގެ މޫނަށް، އަނެއް ފަހަރު ބޭބެގެ މޫނަށް ބަލައިލަ ބަލައިލާ މާހިލްއަށް އިނދެވުނެވެ.

" ފާތުންއާއެކު ކޮފީއަށް އަންނަ ވާހަކައެއްނު ބޭބެ ގާތު ބުނީ ؟ "

މޭޒާ ދިމާލަށް ހިނގައިގަންނަމުން ބޭބެ ބުނެލީ މާހިލަށް ބަލަހައްޓައިގެން ހުރެއެވެ. އެއަޑުގައި ކޮންމެވެސް ވަރެއްގެ ހަރުކަށިކަމެއް ހުރިކަން މާހިލަށް ފާހަގަ ކުރެވުނެވެ. ހިތްބިރުގަނެފައި އިން މާހިލަށްވެސް ރީނާއަށް ބަލައިލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.

( ނުނިމޭ)

މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.

(ނިމުނީ)