ރައްޔިތުންގެ މަޖިލިސްގެ ނައިބު ރައީސްގެ މަގާމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ސައްލެ) މިރޭ އިންތިޚާބު ކޮށްފިއެވެ.

މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ވެސް ހުންނެވި ސައްލެ، މަޖިލީހުގެ ނައިބު ރައީސް ކަމަށް އިންތިޚާބު ކުރީ މިރޭ 20:30 ގައި އެކަމަށް ފެށި މަޖިލީހުގެ ޖަލްސާގައެވެ.

Ad
rt

މިރޭގެ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސަކު އިންތިޚާބު ކުރަން ނަން ހުށަހަޅަން ރިޔާސަތުން ހުޅުވާލުމުން އެމްޑީޕީން ވަނީ ސައްލެގެ ނަން ހުށަހަޅާފައެވެ. ސައްލެގެ ނަމަަކީ އެމްޑީޕީގެ ޕީޖީ ގްރޫޕުން އެ މަގާމަށް ހުށަހެޅުމަށް ފާސްކޮށްފައިވާ ނަމެވެ. ސައްލެގެ ނަން ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ. އެނަމަށް ތާއީދު ކުރެއްވީ އެމްޑީޕީގެ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމް އެވެ.

ސައްލެގެ ނަން ހުށަހަޅައި ތާއީދު ލިބިފައިވަނިކޮށް، އެމްޑީޕީގެ ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން ޝިޔާން ވަނީ ނައިބު ރައީސަކަށް ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރުގެ ނަން ހުށަހަޅާފައެވެ. އެ ނަމަށް ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ތާއީދުކުރެއްވިއެވެ.

މި އިންތިޚާބުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތީން ފަސް މެންބަރުންގެ ކޮމެޓީއެއްގެ ބެލުމުގެ ދަށުން ސިއްރު ވޯޓެއް ނަގައިގެންނެވެ.

މި އިންތިޚާބުގައި ސައްލެ އަށް ވަނީ 51 ވޯޓު ލިބިފައެވެ. މި އިންތިޚާބުގައި ސައްލެ އާއި ވާދަކުރި ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރަށް ވަނީ 23 ވޯޓު ލިބިފައެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމަށް ސައްލެ އިންތިޚާބު ކުރީ އެ މަގާމުގައި ކުރިން ހުންނެވި ގަލޮޅު އިތުރު ދާއިރާގެ މެންބަރު އީވާ ޢަބުދުﷲ މިއަދު އިސްތިއުފާ ދެއްވުމުންނެވެ. އީވާ އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް ހުށަހެޅުނު އިތުބާރުގެ މައްސަލައިގެ ވޯޓަށް އެހުމުގެ ކުރިން ދިފާއުގައި ވާހަކަ ދައްކަން ލިބިދިން ވަގުތުގެ ބޭނުން ހިފުމަށްފަހުއެވެ.

ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. މަޖިލީހުގެ ރައީސް ކަމަށް އަސްލަމް އިންތިޚާބު ކުރީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ނަޝީދު މިއަދު ހަވީރު އިސްތިއުފާ ދެއްވުމުން 13 ނޮވެމްބަރު 2023 ގައެވެ.