ޑްރެސިންގޓޭބަލްގެ ކުރިމަތީގައި ހުރި ގޮނޑީގައި އަހަރެން އިށީނދެލީ އޮފީހަށް ދާން ތައްޔާރުވާށެވެ. އަހަންނަކީ އަބަދުވެސް ރީތިކަމަށް ވަރަށް ލޯބިކުރާ އަންހެން ކުއްޖަކީމެވެ. ޚާއްސަކޮށް އޮފީހަށް ދާއިރު އަހަރެން ބަލަނީ ވީހާވެސް ބޮޑަށް ނަލަވެގެން ދެވޭތޯއެވެ. އަހަންނަށް ލިބޭހާ ފައިސާ، ޚަރަދު ކުރަނީވެސް އަހަރެންގެ ޒީނަތަށް ބޭނުންވާ ސާމާނު ގަތުމަށެވެ. އަހަރެން ދެކޭގޮތުގައި އެފަަދަ ޚަރަދުތައް ކުރުމަކީ ޚުދު އަހަރެންގެ އަމިއްލަ އުފަލެވެ. މިދުނިޔޭގެ އުފާވެރިކަން ހޯދުމަށްޓަކައި މަސައްކަތް ކުރަންވެސް ޖެހޭނީ ހަމަ ތިމާ އަމިއްލައަށެވެ. އަހަރެންގެ ފަހަތުން އިނގިލި ދިއްކުރަމުން އަންނަ މީހުން ދައްކާ އެއްވެސް ވާހަކައެއް އަހަރެން އަޑެއް ނާހަމެވެ. އަހަންނަށް އެންމެ މުހިއްމުވަނީ އަހަރެންގެ އުފަލެވެ. އަހަރެންގެ ހިތްހަމަޖެހުމެވެ.
ޑްރެސިންގ ޓޭބަލް މަތީގައި ހުރި ހައެއްކަ ސެންޓް ފުޅީގެ ތެރެއިން އަހަންނަށް އެންމެ މީރުވަސްދުވާ ވިކްޓޯރިއާ ސީކްރެޓް ފުޅި ނެގުމަށްފަހު އެފުޅިއަށް ބަލައިލެވުނީ ހިނިތުންވެލަމުންނެވެ. އަދި އަހަރެންގެ ދޮންދޮން، ހިމަ ކަނދުރާއަށް ސެންޓް ބުރުވާލީ އެއަށްވުރެވެސް ބޮޑަށް ހެވިފައި އިނދެއެވެ. އެއަށްފަހު އަހަރެންގެ މަޑުމުށި ކުލައިގެ ކުރު އިސްތަށިގަނޑުގައި ރަތްކުލައިގެ މަލެއް ހަރުކޮށްލީމެވެ. ކަންފަތާއިދިމާލުގައި އެމާ ހަރުކޮށްލުމުން އަހަރެންގެ އަލި މޫނަށްވެސް އިތުރު ހިތްގައިމުކަމެއް އައިސްފައިވާކަން ފާހަގަ ކުރެވުނެވެ. އަނެއްކާވެސް އަހަންނަށް ހީލެވުނެވެ. މިހިނިތުންވުމަކީ ބަޔަކު ހަސަދަވެރި ވިޔަސް، ޤުދުރަތުން އަހަންނަށް ދެއްވާފައިވާ ނުހަނު އަގުބޮޑު ނިޢުމަތެކެވެ. ހެވިފައި އިނދެ މޫނު ރީތި ކުރަން ފެށީމެވެ. މަޑުމަޑުން އިނދެ މޭކަޕްކޮށް ނިންމާލުމަށްފަހު އަހަރެން ތެދުވީ ވަގުތު ކައިރި ވެފައިވާކަން އެނގޭތީއެވެ. ނަމަވެސް އަހަރެންގެ ލޫޅާފަތި، ރީތި ހަށިގަނޑު ބަލައިނުލާ ހިނގައިގަންނަ ހިތެއް ނުވިއެވެ. ކަކުލާއިހަމައަށް އަރާ ގަޔަށް ބާރު ރަތްކުލައިގެ ހެދުން އަހަންނަށް ނުހަނު ގުޅެއެވެ. ދެފަރާތަށް ހަށިގަނޑު ބަނޑިބަނޑި ލައްވާލުމަށްފަހު އަވަސް އަވަހަށް ކޮޓަރި ދޮރާއި ދިމާއަށް ހިނގައިގަތީ އެނދުމަތީގައި އޮތް ކުޑަ ދަބަސްވެސް ހިފައިގެންނެވެ.
އޮފީހަށް ވަނުމާއެކު އަހަރެން ދެކެ ލޯބިވާ ރައްޓެހިން އަހަންނަށް ގޮވާލާ، ލޯބިން ވާހަކަ ދައްކާ ހެދިއެވެ. ނަމަވެސް އަހަރެންދެކެ ހިތްހަމަނުޖެހޭ މީހުން އެމީހުންގެ ކަޅު ހިތުގައި އަތްއަޅައިގެން ތިބެ، ގަދަކަމުން ހިނިތުންވެލަމުން ދިޔައެވެ. އެހެނަސް އެމީހުންނާމެދު އަހަރެންގެ ހިތުގައި އެއްވެސް ޝަކުވާއެއް ނެތެވެ. ސަބަބަކީ އެމީހުންގެ ހިތްހަމަނުޖެހުމަކީ އަހަންނަށް ޤުދުރަތުން ދެއްވާފައިވާ ރީތި ސޫރަކަން އެނގޭތީއެވެ. އެމީހުން ވާހަކަ ފަތުރާ ގޮތުންނަމަ އަހަންނަށް ވަޒީފާގެ ކުރިއެރުންތައް ލިބެނީ އަހަރެންގެ ރީތިކަން، ވެރިންގެ ދަންތުރަ ތަކުގެ ޝިކާރައަކަށްވެ އަހަރެން ބެދިގެންނެވެ. ނަމަވެސް އެއީ އަހަރެން ޤަބޫލު ކުރާ ކަމެއް ނޫނެވެ. ވަޒީފާއަށް އަހަރެން އިޙްލާސްތެރިވާވަރު އެނގޭނީ ޚުދު އަހަންނަށެވެ. ކުރިއަށްދާން އަހަރެން ކުރާ މަސައްކަތާއި ދެކޭ ފޮނި ހުވަފެންތައްވެސް އަހަރެން ނޫން އިތުރު މީހަކަށް ނޭނގޭނެއެވެ. އެހެންކަމުން މީހުންގެ ތެރޭގައި އަހަރެން އުޅެނީ ވަރަށް ވިސްނައިގެންނެވެ.
އާދައިގެ މަތިން މިއަދުވެސް އަހަރެން މީޓިންގ ރޫމަށް ދިޔައީ ކޮމްޕެނީގެ ވެރިންގެ ބައްދަލް ވުމުގައި ބައިވެރިވާން ފުރުޞަތު ލިބުމުންނެވެ. ބައްދަލް ވުމުގެ ޔައުމިއްޔާ ބަލަހައްޓަނީ ޚުދު އަހަންނެވެ. އިދާރީގޮތުން ބަލަހައްޓަންޖެހޭ އެންމެހާ ލިޔެކިޔުންތައް ރައްކާކުރަނީވެސް ހަމަ އަހަންނެވެ. އެމަސައްކަތްތައް ކުރުމުގައި އަހަރެން ފަރުވާތެރިވާތީ އަބަދުވެސް އަހަންނަށް ވެރިންގެ ތަޢުރީފް ލިބެއެވެ. އެއީ އަހަންނަށް ލިބުން ޙައްޤު ތައުރީފުކަން އަހަރެން ޤަބޫލު ކުރަމެވެ.
" މިހާރު މި ކޮމްޕެނީން މަސްދަޅު ބޭރަށް އެކްސްޕޯޓު ކުރަން ނިންމާފައިވާތީ، މާލެއިން އެބަ ވަޑައިގަންނަވާ އަޅުގަނޑުމެންގެ މަސައްކަތްތައް ބައްލަވަން ހެޑްއޮފީހުގެ އިސްވެރިއެއް! އިތުރު ބާވަތްތައްވެސް އެކްސްޕޯޓު ކުރެވިދާނެކަމަށްވެސް ލަފާ ދެއްވެވި! ދެން ނާޝްއަށް އެބައޮތް ވަރަށް ބޮޑު މަސައްކަތެއް! އެބޭފުޅާ ވަޑައިގެންނެވީމަ އަޅުގަނޑުމެންނާއެކު މީޓިންގތަކުގައި ބައިވެރިވެ ޔައުމިއްޔާތައް ބަލަހައްޓަންޖެހޭނެ.. "
މަސް ފެކްޓްރީގެ ރަށުގައި ހުންނަ ގޮތްޕާއި ޙަވާލުވެ ހުރި ރިޔާޒް ބުނެލިއެވެ. އަހަރެންގެ ނަން އިވުމާއެކު ކޮންމެވެސް ވަރަކަށް ހާސްވެ، ނޭވާ އަވަސްވާގޮތްވިއެވެ. އެއާއިއެކު ރިޔާޒާއެކު ދެން ތިބި ހުރިހާ އެންމެންގެ މޫނުމަތިންވެސް ހިނިތުންވުން ފާޅު ވެގެން ދިޔައެވެ.
" ޖެހިލުންވީތަ؟ އަޅުގަނޑުމެން އެންމެ އިތުބާރު ކުރާ އެންމެ އަޙްލާޤް ރަނގަޅު ކުއްޖަކީ ނާޝް! އެހެންވެ މިކަން މި ޙަވާލު ކުރީ! މާބޮޑު ކަމެއް ނުޖެހޭނެ! މަސްބަންދު ކުރުމާ ލޮނު އެޅުމުގެ ކަންތައްތަކާއި ދެން މިތާ ކުރާ ހުރިހާ މަަސައްކަތްތަކެއް ބަލާލައި، އިތުރަށް ކިޔައިދޭން ވަޑައިގަންނަވާ ބޭފުޅެއް އެއީ! އެބޭފުޅާ ދެއްވާ އިރުޝާދުތައް ނޯޓުކޮށް ކަންކަން ކޮށްލަން ޖެހޭނެ! ދެން މިކޮޅުގެ ފައިސާގެ ކަންތައްތައްވެސް ޗެކްކުރާނެ! "
ފަސޭހަކަމާއެކު ރިޔާޒް ވާހަކަ ދެއްކި ނަމަވެސް އަހަރެން އިނީ ވަރަށް ބޮޑަށް ހާސްވެފައެވެ. އެފަދަ މަތީ ބޭފުޅަކާއެކު ވަގުތުކޮޅެއްވެސް ހޭދަކުރަން އަހަންނަކަށް ނުކެރޭނެއެވެ. ނަމަވެސް އޮފީހުން އަންގައިފިނަމަ އެއްވެސް ކަމެއް ނުކޮށް ދޫކޮށްލުމަކީ އަހަރެންގެ އާދައެއް ނޫނެވެ.
" ނާޝް ހީވަނީ ކޮންމެވެސް ކަމަކާ ފިކުރު ބޮޑުވެފައި ހުރިހެން.."
މީޓިންގ ރޫމުން ނިކުތް ގޮތަށް ރިޔާޒް އަހަރެން ގާތު އެހިއެވެ. އެއާއެކު އަހަރެން ހީލީމެވެ. ގަދަަކަމުންނެވެ. އެއްވެސް ކަމެއް ނުވާނެޔޭ ބުނާކަށް އަހަރެން ބޭނުމެއް ނުވެއެވެ.
" މީޓިންގ ރޫމްގައި ސީސީ އަޅުވާފައި ހުންނާތީވެ ޕަރސަނަލްކޮށް އެއްވެސް ވާހަކައެއް ދައްކާކަށް ނުކެރޭ! އަހަންނަށް ފާހަގަ ކުރެވުނު ނާޝް ވަރަށް ހާސްވިކަން! "
ރިޔާޒް އެހެން ބުނުމާއެކު އަހަންނަށް ބަލައިލެވުނީ ހައިރާންކަމާއެކުގައެވެ.
" ސީސީއޭ! މާލެއަށް ފެންނާނެތަ؟ "
އަހަންނަށް އަހާލެވުނީ ހިތްހަމަ ނުޖެހޭ ގޮތަކަށެވެ.
" އާނ! އަހަރެމެންގެ މީޓިންގތަކުގައި ބައެއް ފަހަރު ހެޑްއޮފީހުންވެސް ބައިވެރިވާނެ! އަބަދަކު އެމީހުން ނުތިބޭނެ އެއަށް ބަލާކަށް! "
ހިނިގަނޑެއް ޖަހާލަމުން ރިޔާޒް ބުނެލިއެވެ. އަހަރެންވެސް އޭނާއާ ބައިވެރިވެލުމުގެ ގޮތުން ހީލީމެވެ.
***
ޖެހިގެން އައި ދުވަހު އަހަރެން އޮފީހަށް ދިޔައީ އިއްޔެ އޮފީހުން ގެއަށް އައި އިރަށްވުރެ މާ ޙާލު ދެރަކޮށެވެ. ހިތް ހުންނަނީ ބިރުގަނެފައެވެ. ދުވަހަކުވެސް ނުދަންނަ އިސްވެރިޔަކާ ވާހަކަ ދައްކާނެ ގޮތެއްވެސް ނޭނގެއެވެ. ކެބިންގައި އިން އިރުގައިވެސް އަހަންނަށް ވިސްނެނީ އެކަމާއެވެ.
" ދުވަހަކުވެސް އަހަރެމެންނަށް ތިކަހަލަ މަސައްކަތެއް ކުރާކަށް ނުލިބޭ! އަހަރެން ހިތަށް އަރާ މި އޮފީހުގެ ވެރިންނަށް އަހަރެމެން ނުފެންނަނީބާވައޭ! ދޯ މަރީ؟ "
ކޮމްޕިޔުޓަރަށް ބަލަހައްޓައިގެން އިންދާ އަހަރެން ސިހިގެން ދިޔައީ، ކެބިންއަށް ވަދެގެން އައި އާނިޔާ އާއި މަރީގެ އަޑަށެވެ. އެމީހުންގެ މޫނުމަތީގައި ހިނިތުންވުން ހުރި ނަމަވެސް، ހިތުގައި އޮތީ ހަސަދަކަން އަހަންނަށް އެނގުނީ އެމީހުން ދޫކޮށްލި ޖުމްލައިންނެވެ. އަހަންނަކީ އެގޮތަށް ބުނެލާ އެއްޗެއްސަށް ރައްދު ދޭ މީހަކަށް ނުވާތީ ހިނިތުންވުމަކުން ފުއްދާލީމެވެ.
" ހޭ ޔޫ މިތާތަ އިންނަނީ؟ މިހާރު އެމީހަކު އޮފީހަށް އަތުވެދާނެ.. ނާޝް ޖެހޭނެއެއްނު ކޮންމެހެންވެސް ދާން!"
ހިނިގަނޑެއް ޖަހާލުމަށްފަހު މަރީ ބުނެލިއެވެ. އެއާއިއެކު ފަހަތަށް ގޮނޑި ދަމާލަމުން އަހަރެން ތެދުވެއްޖައީމެވެ. އަދި މޭޒުމަތީގައި އޮތް ދަބަސް ނަގާ ކޮނޑުގައި އަޅުވާލުމަށްފަހު ބުނެލީމެވެ.
" ހޭ ހަނދާންކޮށްދިނީތީ ތޭންކްސް.. މަސައްކަތުގައި އިނީމަ ހަނދާން ނެތިފައޭ މިއިނީ!"
މަރީގެ ކޮނޑުގައި އަތް ޖައްސާލަމުން އާނިޔާއަށް ނިތް އެއްލުމަށްފަހު އަހަރެން އަވަސް އަވަހަށް ނިކުތީމެވެ.
***
މީޓިންގ ރޫމުގެ ދޮރުގައި ޓަކި ޖަހާލުމާއެކު އެތެރެއަށް ވަނުމަށް ހުއްދަ ލިބުނެވެ. އެހެންކަމުން ނޭވާ ހިފަހައްޓާލައިގެން އަދި އެހާމެ ލަދުން ހުރެ އަހަރެން އެތެރެއަށް ވަނީމެވެ. އިސްޖެހި ގޮތަށް އެއްވެސް މީހަކާ ދިމާލަށް ބަލައިލާކަށްވެސް އަހަންނަކަށް ނުކެރުނެވެ. މަޑުމަޑުން އިށީނދެލުމަށްފަހު ކުރިމަތީގައި އޮތް ފައިލްގައި ކޮއްޓާލަ ކޮއްޓާލަ އަހަންނަށް އިނދެވުނީއެވެ.
" މިއީ އެޑްމިންގައި މަސައްކަތްކުރާ ކުއްޖެއް! ނާޝް! އަޅުގަނޑު ދެންމެ އިޝާމަށް މި ދިނީ ނާޝްގެ ނަންބަރު..އަޅުގަނޑަށް ނުގުޅިއްޖެ ޙާލަތުގައި ނާޝްއާ ކޮންޓެކްޓް ކުރެއްވީމަ ހުރިހާ ކަމެއްވެސް ހަމަޖެހޭނެ! "
ރިޔާޒްގެ ވާހަކަތައް އަޑު އަހަން އަހަންނަށް އިނދެވުނީ ލަދުރަކި ހިނިތުންވުމެއްގައެވެ. ރިޔާޒްގެ ވާހަކަތައް އަޑުއަހާފައި އިޝާމް އެއްވެސް އެއްޗެއް ބުނާއަޑެއް އަހަންނަކަށް ނުއިވުނެވެ. އެހެންކަމުން ސިއްރުސިއްރުން އެހާމެ ވަގު ލޮލަކުން އަހަރެން އިޝާމްއަށް ބަލައިލީމެވެ. އެއާއިއެކު އިސްޖަހަން މަސައްކަތް ކުރި ނަމަވެސް އަހަންނަށް އިޙްސާސް ކުރެވުނީ އަހަރެންގެ މޫނުގައި ބަޔަކު ހިފަހައްޓައިގެން ހުރި ކަހަލަ ގޮތެކެވެ. އިޝާމްގެ މޫނަށް ހުއްޓުނު އަހަރެންގެ ނަޒަރު، އެހެން ދިމާލަކަށް ނުގެންދެވުނެވެ. ކުޑަކޮށް ދެބުމަ ހިއްލާލެވި، ދެތުންފަތް ދުރުކޮށްލެވުނެވެ. އޭރުވެސް އިޝާމް ދިޔައީ ހެވިފައި އިނދެ ރިޔާޒާ ވާހަކަ ދައްކަމުންނެވެ.
" އޯކޭ! ކަންތައްތައް ބަލައިލަން ދާން ހަވީރު ނިކުންނާނީ! ދެން ބުނަންތަ؟ އަހަންނާ އެހާ މާތްބަހުން ވާހަކަ ނުދައްކައްޗޭ! އަހަރެން ބޭނުންވަނީ ވަރަށް ކޫލް މާޙައުލެއްގައި މަސައްކަތްކުރަން! ބައްޕަ ދުރުވީމަ ތިހެން ވާހަކަ ދައްކާނީ! "
އަވަސް އަވަހަށް ތެދުވަމުން އިޝާމް ވާހަކަ ދެއްކީ ރިޔާޒާއެވެ. އޭނާ ރިޔާޒާ ވާހަކަ ދައްކަން ފެށުމުން އަހަރެން އަނެއްކާވެސް އިސްޖަހާލީމެވެ.އިޝާމްގެ ވާހަކައާއި ރާގުގައި އެއްވެސް ބީރައްޓެހިކަމެއް ނެތެވެ. އަހަންނަށް އެއްވެސް އިޝާރާތެއް ކުރުމެއްނެތި އިޝާމް ރިޔާޒްގެ ފަހަތުން ނިކުމެގެން ދިޔައެވެ. އެއާއިއެކު އަހަންނަށް ދެލޯ މަރާލެވުނެވެ. އެއީ އަޖައިބެއްފަދަ ފިރެހެންވަންތަ ކަމެކެވެ. އެއްމިޔަކުން އޭނާ ހީލާއިރު، ކޮލުގައި އިންނަ އަޑިކޮޅުގެ ސަބަބުން އަހަންނަށް އޭނާ އިތުރަށް ރީތިވިއެވެ. ފުޅާ ބައިމައްޗާއެކު އޭނާގެ ވަރުގަދަ ހަށިގަނޑު ފެނި އަހަންނަށް ދެފަހަރަކު އިސްޖަހާލެވުނެވެ. އަހަންނަށް އިޝާމް ފެނުނީ ކުޑަ ވަގުތު ކޮޅަކަށެވެ. މަދު ސިކުންތު ކޮޅަކަށެވެ. ނަމަވެސް އެހިނދުކޮޅުގެ ތެރޭގައި އަހަރެންގެ ހިތުތެރޭގައިވާ ނާރުތައް ހިތްގައިމު އަޑަކުން ސަރިންދާ ފުމެން ފެށި ކަހަލައެވެ. އެއާއެކު އުލްފަތުގެ ހިތްހަމަޖެހުމަކުން އަހަންނަށް ހިނިތުންވެލެވުނެވެ. އެހިނދު އަހަރެންގެ ހިތުގެ ފަރުދާ ކަހާލެވުނީ ހިތަށް ފަރުވާއެއް ހޯދުމަށެވެ.
ގެއަށް ދިޔަގޮތަށް ގޮސް އަހަންނަށް އެނދުމައްޗަށް ވެއްޓިގަނެވުނެވެ. އޭރު ހަށިގަނޑުގައި ދައުރުވަމުންދާ ލޭނާރުތައް ކެކެމުން ދެއެވެ. ހިނިތުންވުން އަހަރެންގެ މޫނުމަތިން ފިލައިގެން ނުދިޔައެވެ. އާޖަޒްބާތުތަކެއް ހިތުގައި އާލާވަމުންދާކަން އަހަންނަށް އެނގެއެވެ. ހިތުގައި ޖަހަމުންދާ ވިންދުތައް އަވަސް ވަމުންގޮސް ހަމައިން ނެއްޓެން އުޅޭހެން ހީވިއެވެ. އެއާއިއެކު ދެލޯ މަރާލުމަށްފަހު، މޫނުގައި އަތްހިންގާލެވުނެވެ. އޭރުވެސް ލޮލުގެ ތެރެއިން ފެންނަމުންދަނީ އިޝާމްއެވެ. އޭނާ ހީލާގޮތް ފެންނަހެން ހީވުމާއެކު އަހަންނަށް އެނދުމަތީގައި ފުރޮޅިގަނެވުނެވެ. ޔަޤީނެވެ. އަހަންނަށް ފުރަތަމަ ފަހަރަށް މީހަކު ދެކެ ލޯބި ވެވިއްޖެއެވެ. މީގެ ކުރިން މިފަދަ އިޙްސާސްތަކެއް އަހަންނަކަށް ނުކުރެވެއެވެ. އެންމެ ފަހުން އެނދުގައި ނޯވެވިގެން ކޮޅަށް ހުރެ އެނދުމަތީގައި ފުމެން ފެށުނެވެ. އޭރުވެސް ހިތަށް ކުރަމުންދާ ބާރު ކުޑައެއް ނޫނެވެ.
***
ހަވީރުގެ ހިތްގައިމު ވަގުތެވެ. އަހަންނަށް އެންމެ ރީތި ކްރީމް ކުލައިގެ ކުރުތާއާއި ދޫ ޖިންސް ގަޔަށް މަހާލައިގެން އެހާމެ ރީތި ވެގެން އަހަރެން ނިކުތީމެވެ.
" ދަރިފުޅު ސައި ނުބޮންތަ؟ "
ދޮރުމަތީގައި ހުއްޓެމުން މަންމަ ބުނެލިއެވެ. މަންމަގެ އަޑަށް އަހަރެން ފަހަތް ބަލައިލީމެވެ. ހިނިތުންވުމުގައި ހުރި މަންމަ ފެނުމުން ތަންކޮޅެއް ބާރަށް އައިސް އަވަސް އަވަހަށް މަންމަގެ ކޮލަށް ބޮސްދިނުމަށްފަހު ދެކޮލުގައި ހިފާލެވުނެވެ. އަހަރެން އެހާ ބޮޑަށް އުފާވެފައި ހުރުމުން މަންމަވެސް އަހަންނަށް ބަލަންފެށީ ސުވާލުގެ ނަޒަރަކުންނެވެ. ނަމަވެސް ސުވާލެއް ކުރުމުގެ ކުރިން އަހަރެން ހިނގައިގަތީ ދުވަމުން ކަހަލަ ގޮތަކަށެވެ. ހިތްއަވަސް ވެފައި ހުރުމުގެ ސަބަބުން ދެވޭ ނުދެވޭ ގޮތެއްވެސް އަހަންނަކަށް ނޭނގެއެވެ. އޮފީހަށް ވަދެފައި ފައިލެއް ހިފައިގެން އަހަރެން ހިނގައިގަތީ ތަންކޮޅެއް ބާރަށެވެ. ލޮނުމަސް އަޅާ ސަރަހައްދަށް އަހަންނަށް ދެވުނު އިރު ރިޔާޒާއެކު އިޝާމްވެސް އެތާ ހުއްޓެވެ. އިޝާމް ފެނުމާއެކު އަނެއްކާވެސް އަހަރެންގެ ވިންދުތައް އަވަސްވާން އުޅޭހެން ހީވާން ފެށިއެވެ. ހަލަބޮލިވަމުންދާ އިޝްޤީ ޖަޒްބާތުތައް ބޭރުވަމުންދާ ކަހަލައެވެ. ދުރުގައި ހުރެ ހިތް ފުރެންދެން އަހަރެން އޭނާއަށް ބެލީމެވެ. ޓީޝާޓާއެކު ސޯޓު ލާތީ، އޭނާގެ ހެދުން އެޅުންވެސް އަހަންނަށް މާ ކަމުގޮއްސިއެވެ. އިޝާމްގެ ހަރަކާތްތަކަށް ބަލަން އިރުގަނޑެއް ވަންދެން އަހަންނަށް ހުރެވުނެވެ. އެހެން ހުރެ، ސިއްރު ސިއްރުން އަހަރެން އޭނާގެ އެތައް ފޮޓޯއެއް ނެގީމެވެ.
" ހޭ! ނާޝް.. އާދެބަލަ!"
ރިޔާޒަށް އަހަރެން ފެނުމާއެކު އަހަންނަށް ގޮވަން ފެށިއެވެ. އެމީހުން ތިބި ދިމާލަށް މިސްރާބު ޖެހުމާއެކު އަހަރެންގެ ހިތުގެ ނާރުތައް ފުއްޕަން ފެށިއެވެ. ލޭ ހިނގުން އަވަސްވެ، ގައިން ހީބިހި ނަގަން ފެށިއެވެ. ދެޖީބަށް އަތް ޖަހާލައިގެން އިޝާމް ހުރީ ލޮނުމަސް އަޅާމީހުންގެ މަސައްކަތްތައް ބަލާށެވެ. ސިއްރުން އިޝާމަށް ބަލަމުން ގޮސް، ލަސްފިޔަވަޅުތަކެއްގައި ގޮސް އަހަރެން ހުއްޓުނީ ރިޔާޒްގެ ކަނާތްފަރާތުގައެވެ.
" ނާޝް! މި ސަރަހައްދު ބަދަލު ކުރަން ޖެހިއްޖެޔޭ! އިޝާމް ބުނަނީ މީހުން އުޅޭ ހިސާބާ ތަންކޮޅެއް ކައިރިވީމަ ފަހަރެއްގައި ޝަކުވާއެއް އަތުވެދާނެތީ އަވަހަށް މިކަން ޙައްލު ކުރާށޭ ދޯ އިޝާމް"
ރިޔާޒް އިޝާމަށް ބަލައިލަމުން ބުންޏެވެ. އެއާއިއެކު ބޮޑު ނޭވާއެއް ދޫކޮށްލަމުން އަހަރެން އިޝާމަށް ބަލައިލީ އޭނާގެ ނަޒަރު އަހަންނަށް ސީދާވާނެކަމަށް ހީކޮށެވެ. ނަމަވެސް އަހަރެންގެ ހީކުރުން ކުށްހީއަކަށް ބަދަލުވެ ދިޔައީ އަހަންނާމެދު އޭނާގެ މާބޮޑު ޝައުޤުވެރިކަމެއް ނެތްކަން އިޙްސާސް ކުރެވުމުންނެވެ. ރިޔާޒަށް ޖަވާބުދެމުން އާނއެކޭ ބުނެ އޭނާ ބަލައިލީ ރިޔާޒަށެވެ. ހިތުގައި ޖެހުނުލެއް ބޮޑުކަމުން އަހަންނަށް އިސްޖަހާ ލެވުނެވެ. އޭރު އަހަރެންގެ ހިތް އަހަންނަށް މަލާމާތްކުރާހެން ހީވެއެވެ. ނިހާޔަތަށް އަހަރެން އޭނާދެކެ ލޯބިވާއިރު އޭނާއަށް އެކަން އިޙްސާސްވެސް ނުވެއެވެ. އޭނާއަށް ދައްކަން އަހަރެން ކިތަންމެ ރީތިވިޔަސް އަހަންނާ ދިމާލަށް ބަލާލަންވެސް އޭނާގެ ހިތް ނޭދޭ ކަހަލައެވެ.
" ނާޝް"
މިފަހަރުވެސް އަހަރެން ސިހުނީ ރިޔާޒްގެ އަޑަށެވެ.
" އެހެންވީމަ މިރޭ އޮފީހަށް ނިކުންނަންޖެހޭނެ އިނގޭ! އާންމު އުނދަގުލަކަށްވެ، ކައުންސިލްގައި މީހުން މައްސަލަ ޖެއްސިއްޔާ އަހަރެމެންގެ ކުންފުނީގެ އަގު ވެއްޓޭނެކަމަށް އިޝާމްވެސް އެ ބުނީ! އެހެންވީމަ ބިން ގަންނަން ބޭނުންވާކަމަށް ލިޔެ، ކައުންސިލަށް ސިޓީއެއް ތައްޔާރުކުރަންވާނެ"
ގާތްގޮތަކަށް ރިޔާޒް ވާހަކަ ދެއްކި އިރުގައިވެސް އިޝާމް ހުރީ ލޮނުމަސް އެޅުމުގެ މަސައްކަތް ކުރާ މީހުންނަށް ބަލާށެވެ.
" ލައްބަ! މިރޭ އަށެއް ޖަހާއިރު ދާނަން އޮފީހަށް"
އަހަރެންގެ ހިމަ އަޑުން، އެހާމެ މަޑުން ބުނެލީމެވެ.
" ހިނގާ ދެން ކޮފީއަކަށް އަރާލަންދާން.. ނާޝްވެސް ހިނގާ އަހަރެމެންނާ ބައިވެރިވެލަންދޯ"
ދެމީހުންނަށް ވަކިވަކިން ބަލައިލަމުން ރިޔާޒް ބުނެލިއެވެ. އެއާއިއެކު އަތުގައި އޮތް އައިނު ލޮލުގައި އަޅާލަމުން އިޝާމް ބުންޏެވެ.
" އާނ! ހިނގާ ދަމާ.. "
ރިޔާޒަށް ހިނިތުންވެލަމުން އިޝާމް ފަހަނަ އަޅައި ދިޔައީ އަހަރެންގެ ކުރިމަތިންނެވެ. އެހެނަސް އޭނާ އަހަންނާމެދު އެއްވެސް ފަރުވާލެއް ނުބެހެއްޓިއެވެ. އަހަރެންގެ ހިތުގައި ވޭނީ ތަދެއްގެ އަސަރު ފާވާންފަށައިފިއެވެ. ހަށިގަނޑުން ވަރުދޫވާ ކަހަލަ އިޙްސާސެއް ކުރެވުނީ އުފާވެރިކަމުގެ އެއްވެސް އިޝާރާތެއް އޭނާގެ ސަަބަބުން އަހަންނަށް ނުލިބުނީތީއެވެ.
" ނާޝް! ނުދަނީތަ؟ "
ހައެއްކަ ފޫޓު ދުރަށް ގޮސް ރިޔާޒް ފަހަތް ބަލައިލި އިރުގައިވެސް އަހަންނަށް ހުރެވުނީ ހުރި ފިޔަވަޅުމަތީގައެވެ. ރިޔާޒް ހުއްޓުމުންވެސް އިޝާމް ދިޔައީ ކުރިއަށް ހިނގަމުންނެވެ.
" ލައްބަ! އަޅުގަނޑު ދާނީ މިވަގުތު ގެއަށް..."
އަތުގައި އޮތް ފައިލް ގަޔާލައި ފިއްތާލަމުން އަހަންނަށް ބުނެވުނެވެ. އޭރު އަހަރެންގެ ލޮލުގައި ކަރުނައިގެ އަސަރުތައް ވިދަން ފަށައިފިއެވެ. ރިޔާޒް ބުނާނެ އެއްޗަކަށް މަޑުކުރުމެއްނެތި އަހަރެން އަވަސް އަވަހަށް އެނބުރި ގަތީމެވެ. އަދި ލަސް ފިޔަވަޅުތަކެއްގައި ހިނގައިގަތީ ހަށިގަނޑަށް ލުޔެއް ލިބޭތޯ ފުންނޭވާއެއް ދޫކޮށްލުމަށްފަހުގައެވެ. ހިނގަމުން ގޮސް ލަސްލަހުން އަހަންނަށް ފަހަތް ބަލައިލެވުނެވެ. އަދި އިރުކޮޅަކު އެދިމާލަށް ބަލަން ހުރެވުނެވެ. އަހަންނާދިމާލަށް ބަލައިވެސް ނުލާ އިޝާމްގޮސް އޮބާލައިފިއެވެ. ހިމޭންވެފައިވާ އަހަރެންގެ ހިތުގެ ވިންދު އާދަޔާ ޚިލާފަށް ލަސްވާން ފަށައިފިއެވެ. އެހެންކަމުން ހަށިގަނޑުން ވަރު ދޫކޮށްލައިގެން ހުރެ އަހަރެން މިސްރާބު ޖެހީ ގެއާ ދިމާލަށެވެ.
***
ދެތިން ދުވަސް ފާއިތުވެ ގޮއްސިއެވެ. އިޝާމް ފުރާ ދުވަސްވެސް އެހާމެ ކައިރި ވެއްޖެއެވެ. އޭނާގެ ފަރާތުން އަހަންނަށް ކުޑަވެސް އިޝާރާތެއް ނުވެއެވެ. އެންމެ ކުޑަމިނުން އަހަންނާ ދިމާލަށް ބަލައިވެސް ނުލައެވެ.
" ހީވަނީ އަހަރެންދެކެ ބިރުން އުޅޭހެން.. ކީއްވެތަ؟ އަހަރެން ލޮލުން ބޮލުން ހަނާ އަޅާއިރުގައިވެސް އިޝާމަށް އަހަރެން ނުފެންނަނީ ކީއްވެތަ؟ "
ކޮމްޕިޔުޓަރ ކައިރީ އިނދެ އަހަންނަށް މަޑުމަޑުން ބުނެލެވުނެވެ. އަހަރެންގެ މަސައްކަތްތައް މިހާރު އެހާމެ ލަހެވެ. ގިނަ ވަގުތު އަހަންނަށް އިނދެވެނީ އިޝާމްގެ ޚިޔާލުތަކުގައެވެ. އޭނާގެ އެ ލޯބި ހިނިތުންވުން އަބަދުވެސް ލޯ ކުރިމަތީގައި ސިފަ ވޭވޭ ހުރެއެވެ. ވާހަކަ ދައްކާއިރު މޫނުމައްޗަށް ވެރިކުރުވަމުންދާ ޝުއޫރުތަކަށް ބަލާ ފޫހި ނުވެއެވެ. އޭނާގެ ހަނދާން އާވާ ކޮންމެ ފަހަރަކު އަހަންނަށް ގޮނޑީގައި ލެނގިލެވެއެވެ. އަދި އިޝާމާއެކު މަސްތުވީ މަންޒަރުތައް ބެލެއެވެ. ހުވަފެންތައް ދެކެވެއެވެ. ކުލަޖެހޭނެ ކަމުގެ އުއްމީދު ކިތަންމެ ކުޑަ ނަމަވެސް ދުވަހެއް ދުވަހަކަށް އަހަރެންގެ ހިތުގައި އިޝާމްގެ ލޯބިދަނީ ވަރުގަދަ ވަމުންނެވެ. ކުލަ ގަދަ ވަމުންނެވެ.
" އޭ ވައިބަރ ނުބަލަނީތަ؟ މާދަމާ ރޭ ބޮޑު ޕާޓީއެއް ދެނިއްޔޯ... އިޝާމްގެ ފަރާތުން އޮފީސް އެންމެންނަށް! އެހެންވެ ބީޗު ސެޓުކުރަން ދާށޯ ޖަހާފައި އެބައޮތް"
ތެޅެމުން ފޮޅެމުން އައިސް މަރީ އަހަންނަށް ޚަބަރު ދިނެވެ. އެއާއެކު މޭޒުމަތީގައި އޮތް ފޯނާ ދިމާލަށް އަހަރެންގެ ނަޒަރު ހުއްޓިގެން ދިޔައެވެ.
" އޭނަ ފުރަނީ އޭގެ އަނެއް ދުވަހު"
މަރީ އިތުރު ކޮށްލިއެވެ. އެހިނދު އަަހަރެންގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލު ވެގެން ދިޔައެވެ.
" އެ..އެހެންތަ؟ އެހެންވީމަ ދާންވާނެދޯ! "
ހިންދިރުވާލަމުން އަހަރެން ބުނެލީމެވެ. އޭރު އަހަރެންގެ ހިތުގެ އުދާސްތައް ބޭރުވާން އުޅޭހެން އަހަންނަށް ހީވެއްޖެއެވެ.
" މަރީ! އަހަރެން އެބަ އަންނަން.. "
އަވަސް އަވަހަށް ކެބިން އިން ނިކުމެގެން މީޓިންގ ހޯލާ ދިމާލަށް މިސްރާބު ޖެހީމެވެ. އަހަންނަށް އެތަނަށް ވަނުމުގެ ހުއްދަ ދީފައި އޮތުމުން ބޭނުން ކޮންމެ ވަގުތަކު އަހަރެން އެތަނަށް ދަމެވެ. އެހެންކަމުން އެތަނަކީ އޮފީހުގެ އެންމެ ހިތްގައިމު ތަނެވެ. އެ ކޮޓަރިއަކީ އަހަންނަށް އެންމެ ހިތްފަސޭހަ ތަންވެސް މެއެވެ.
ބާރުބާރަށް ގޮސް މީޓިން ހޯލަށް ވަދެވުމާއެކު އަހަންނަށް ގިސްލެވެން ފެށުނެވެ. ލޮލުން އަންނަ ކަރުނައިގެ ސަބަބުން މޭކަޕް ހަޑިވެދާނެތީ އިނގިލިތަކުން އަހަރެން ދިޔައީ ކަރުނަތައް ފުހެމުންނެވެ.
" އިޝާމް "
އަހަރެންގެ ފޯނުގައި ހުރި އިޝާމްގެ ފޮޓޯތައް ބަލަމުން އަހަންނަށް އޭނާގެ ނަން ކިޔާލެވުނެވެ. އެ ކޮންމެ ފޮޓޯއެއްގައިވެސް ފެންނަމުންދަނީ އެ އުފާވެރި ހިނިތުންވުމެވެ. ދެލޯ މަރާލަމުން ފޯނު ސްކްރީނުގައި އަހަންނަށް ތުންފަތް ޖައްސާލެވުނެވެ. އެހިނދު ލޮލުތެރެއަށް ގިނަ ވެފައި ހުރި ކަަރުނަތައް ކޯތާފަތް މައްޗަށް ނީރާލިއެވެ.
" ތި ޖާދުވީ ހިނިތުންވުމުގެ ސަބަބުން އަންހެން ކުއްޖެއްގެ ހިތް ޝިކާރަ ކުރެވިއްޖެކަން އެނގޭތަ؟ "
އަތުގެ ނުފުށުމުން މޫނުމަތީގައިވާ ކަރުނައިގެ ތެތްކަން ހިއްކާލަމުން އަހަންނަށް ބުނެވުނެވެ.
" އަޅެ އެންމެ ފަހަރަކުވެސް އަހަންނާ ދިމާލަށް ބަލައިވެސް ނުލާ! ކީއްވެތަ އިޝާމް؟ "
އިޝާމްގެ ފަރާތުން ޖަވާބެއް ނުލިބޭނެކަން އެނގި ހުރެވެސް އަހަންނަށް ހަމަ ވާހަަކަ ދެއްކެނީއެވެ. ފަރުވާއެއް ދޭނެ މީހަކު ނެތަސް ހިތުގެ ރިހުންތައް ބޭރު ކުރެވެނީއެވެ. އަޑުއަހާނެ މީހަކު ނެތަސް ޝަކުވާތައް އިއްވެނީއެވެ. އިރުގަނޑެއް ވަންދެން އަހަރެން އެތަނުގައި އިނުމަށްފަހު، މޫނު ސާފުކޮށްލައިގެން ބޭރަށް ނިކުތީމެވެ.
****
އަތިރިމަތީގައި ޑިނަރނައިޓަށް ތައްޔާރު ކުރަމުންދާކަން އަހަންނަށް އެނގެއެވެ. ނަމަވެސް ރޭގައި ރަނގަޅަށް ނުނިދުމުގެ ސަބަބުން އަހަރެން ހުރީ ވަރަށް ބޮޑަށް ބޮލުގައި ރިއްސާފައެވެ. އެހެންކަމުން އެމީހުންނާ ބައިވެރި ވާކަށް އަހަންނެއް ނުދަމެވެ.
" ތައްޔާރު ކުރަން ނަޔަސް... ޑިނަރއަށް އަންނަން ވާނެ! "
ރިޔާޒްގެ މެސެޖް ކިޔާލަމުން އަހަރެން ފޫހި ގޮތަކަށް ފޯނު އެނދުމައްޗަށް ހޫރާލީމެވެ.
އަހަރެން ދާންވީ ކީއްކުރަން ހެއްޔެވެ؟ ފަހު ފަހަރަށް އިޝާމްގެ ސޫރަ ދެކިލަން ހެއްޔެވެ؟ އެ ހިނިތުންވުމުން ހިތް ކަތިލަން ހެއްޔެވެ؟ ނޫނީ އަހަރެން އޭނާދެކެ ވީ ލޯބި ކަފުންކޮށް ޖަނާޒާ ބާއްވަން ހެއްޔެވެ؟ ނޫނެކެވެ. އަހަރެން ނުދާނަމެވެ. އެ ލޯބީގެ ހިތިކަން އަހަރެންގެ އަރުގައި މިހާރުވެސް އެބަ ލައެވެ. އެއީ އަހަންނަށް ދުވަހަކުވެސް ލިބޭނެ ލޯތްބެއް ނޫނެވެ. އޭނާގެ އެއްވެސް ޝައުޤުވެރިކަމެއް އަހަންނަކަށް ނެތެވެ. އޭނާ އަހަރެންދެކެ ލޯބިވާނީ ދެން ކިހިނަކުން ހެއްޔެވެ؟
އެނދުމަތީގައި އިނދެގެން އަހަންނަށް ފިކުރު ކުރެވެން ފެށުނެވެ. ރޭ ފަތިސްވަންދެންވެސް އަހަރެން އިނީ އެގޮތުގައި ވިސްނާ ފިކުރު ކުރާށެވެ.
***
ރިޔާޒްގެ އާދޭހަށް އަހަރެން ޑިނަރ ނައިޓަށް ދިޔައީ އެއްވެސް ވަރަކަށް ދާހިތަކުން ނޫނެވެ. މޫޑު ކިތަންމެ ގޯސްވެފައި ވީނަމަވެސް އަހަރެން ދިޔައީ އަހަރެންގެ ގޮތުގައެވެ. ފަލަކުން ނައްޓާލައިގެން އައިސް ހުރި ހަނދެއްފަދައިން އަހަރެން ރީތިވީމެވެ. އެއީ އިޝާމްގެ އެންމެ ބަލާލުމަކަށްވެސް އަހަރެންގެ ހިތް އެދޭތީއެވެ. އޭނާގެ އިޝާރާތަކަށް އިންތިޒާރު ކުރެވޭތީއެވެ. އަދި އެލޯތްބަށް އުއްމީދު ކުރެވޭތީއެވެ.
ހިމުން ދޮން ފަސްގަނޑުމަތީގައި އެންމެން ހޭލަމޭލަވެ އުޅެއެވެ. މާކަރީ ލައިޓަކާއެކު ރީތި ޕާޓީ ލައިޓްތަކެއްވެސް ގަސްތަކަށް އަޅުވާފައި ހުއްޓެވެ. އެހެންކަމުން ތުނޑިއަށް ވެރިވެފައިވަނީ ހިތްގައިމު ކުލަވަރެކެވެ. ސްޕީކަރަކުން ލޯބީގެ މަޑުމަޑު މިޔުޒިކެއްގެ އަޑު އިއްވަމުން ދެއެވެ. އެހެންކަމުން އަހަރެންގެ ހިތް އިތުރަށް އިޝްޤީ އޮއިވަރެއްގައި ޖެހި ބެހެމުންދާ ކަހަލައެވެ. އެންމެންގެ ތެރެއިން އަހަރެން ހޯދަމުން ދިޔައީ އިޝާމެވެ. ގިނަ މީހުން އޭރުވެސް ތިބީ ކެއުމުގައި މަސްޣޫލްވެއެވެ. ލަސްފިޔަވަޅުތަކެއްގައި ހިނގަމުން ދަނިކޮށް އަހަރެންގެ ހިތުގެ ވެރިޔާ ފެނިއްޖެއެވެ. އޮފީހުގެ ދެތިން ފިރެހެނުންނާއެކު ހީ ސަކަރާތް ޖެހުމުގައި އޭނާ ހުއްޓެވެ. ދުރުގައި ހުރެގެން ސިއްރުސިއްރުން އިޝާމަށް ބަލަން ހުއްޓާ ކުއްލިއަކަށް އަހަންނަށް ފެނުނީ ބާރު ފިޔަވަޅުތަކެއްގައި އިޝާމް އެމީހުންގަނޑުގެ ތެރެއިން ނިކުތް މަންޒަރެވެ. އެއާއެކު އެންމެންގެ އަތްބަޑި ތިލައިގެ އަޑާއި ހަޅޭކުގެ އަޑުވެސް އިވިގެން ދިޔައެވެ. އެކަމުގައި އިސްވެ ހުރީ ރިޔާޒެވެ.
އެންމެންގެ ނަޒަރު ހުއްޓިފައިވާ ދިމާލަށް އަހަންނަށްވެސް ބަލައިލެވުނެވެ. އޭރު މާދުރުން ހެވިފައި ހުރެ އަންހެން ކުއްޖަކު އާދެއެވެ. އޭނާގެ އަތުގައި ހިފައިގެން ފަސްވަރަކަށް އަހަރުގެ ކުޑަ ފިރެހެން ކުއްޖަކު ހުއްޓެވެ. ވާނުވާ ނޭނގޭ ޙާލު އަހަންނަށްވެސް ހުރެވުނީ ބަލަހައްޓައިގެންނެވެ.
" އިޝާމްގެ ވައިފް ދޯ"
ކައިރީގައި ހުރި މީހަކު ބުނެލި އަޑު އިވުނެވެ.
" އާނ! އަޅެ އެ ކުޑަކުއްޖާވެސް އިޝާމާ ހާދަ ވައްތަރޭ! ހީވަނީ އިޝާމް ކުޑަކޮށްލާފަ ހުރިހެން.. އެއީ އޭނަގެ ދަރި ދޯ!އެމީހުން އެއައީ ސަޕްރައިޒަކަށް ކަންނޭނގެ"
ދެން ހުރި މީހާ އެހެން ބުނުމާއެކު އަހަންނަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އެންމެ ފަހު ވަގުތާ ޖެހެންދެންވެސް އަހަރެން އުއްމީދު ކުރީމެވެ. އުޝާމްގެ ލޯތްބަށް އިންތިޒާރު ކުރީމެވެ. ބަލަން ބޭނުން ނުވި ނަމަވެސް އަހަންނަށްވެސް ހުރެވުނީ އިޝާމަށް ބަލާށެވެ. އެ އަންހެން ކުއްޖާ ގާތަށް އޭނާ ގޮސް ހުއްޓުމާއެކު އެކުއްޖާ އިޝާމްގެ ގައިގައި ކުޑަކޮށް ލެނގިލިއެވެ. އެއާއިއެކު އަހަންނަށް ދެތުންފަތް ބާރުކޮށްލެވުނެވެ. އަންހެން ކުއްޖަކު އިޝާމާ އެހާ ގާތްވީތަން ފެނުން އަހަރެންގެ ހިތަކަށް ހިމޭނަކުން ނޯވެވުނެވެ. ނަމަވެސް އަހަރެން ކެތްކުރީމެވެ. އެވަގުތު އަހަރެން ބަލަހައްޓައިގެން ހުއްޓާ، އޭނާގެ އަތުގައި އޮތް ތަނޑިދިގު ރަތް ފިނިފެންމާ އިޝާމްގެ އަތަަށް ދިއްކޮށްލި މަންޒަރު ފެނުނެވެ. އެއާއެކު އިޝާމް އަވަސް އަވަހަށް ކުޑަކުއްޖާ އުރާލަމުން ކޮލަށް ބޮސް ދިނެވެ. އެކުއްޖާވެސް އިޝާމްގެ ކަރުގައި އެލިގަތީ ނުހަނު އުފަލުންނެވެ.
މަސްހުނި ވެގެން އޭރު ހުރިހާ އެންމެން ތިބީ އެމަންޒަރު ބަލާށެވެ. އަހަރެންގެ ލަގޮނޑިވަޅު ހިނދެމުން ދިޔައީ ނޭވާ ކުރުވާން ފެށުމުންނެވެ. ހިތަށް ކެތް ނުކުރެވިގެން އަވަސް އަވަހަށް ފުރަގަސް ދިނީމެވެ. އަދި މޫނުމައްޗަށް ފައިބާފައި ހުރި އިސްތަށިތައް ދެއަތުން ކަންފަތު ބުޑަށް ގެންދިޔުމަށްފަހު މޫނު ފުހެލީމެވެ. އޭރުވެސް ދެލޮލުން ފެންތައް ފައިބަމުން ދިޔައެވެ. ފަޔަށް ބާރުލައިފައި އެނބުރި ދާން އަހަރެން ހިނގައިގަތީ ދުވަހަކުވެސް ފަހަތް ނުބަލާނެކަމަށް އަހަރެންގެ ހިތަށް ވަޢުދުވަމުންނެވެ. އަދި އަހަރެންގެ ހިތް ކަތިލި އެ ހިނިތުންވުން އަބަދަށް ލޮލުގެ ތެރެއިން ފުހެލަމުންނެވެ.
" ނާޝް! "
ބާރުބާރަށް ހިނގާފައި ދުރަށް ދަނިކޮށް، ކަންފަތުގައި ޖެހުނީ އެއަޑަކުން އަހަރެންގެ ނަމުން ގޮވާލާތޯ އިންތިޒާރު ކުރި އަޑެވެ. އެ ޖާދުވީ އަޑުން އަހަރެންގެ ދެފައިގައި ކަސްތޮޅު އެޅިގެން ދިޔައެވެ. އެހެންކަމުން އަވަސް އަވަހަށް އަހަރެން ފަހަތް ބަލައިލީމެވެ. އޭރު އަވަސް ފިޔަވަޅުތަކެއްގައި އިޝާމް އަހަންނާ ދިމާލަށް އާދެއެވެ. އެ ލޯބި ހިނިތުންވުމުގައެވެ. އޭރު އޭނާގެ އަންހެނުންނާއި ދަރިފުޅުވެސް އޭނާގެ ފަހަތުން އާދެއެވެ. ފުރަގަހަށް ދެއަތް ލައިގެން އައިސް އިޝާމް އަހަރެންގެ ކުރިމަތީގައި ހުއްޓުމުން އަހަންނަށް އިސްޖަހާލެވުނެވެ. އޭނާގެ މޫނަށް ބަލާނެ ހިތްވަރު އަހަރެންގެ ކިބައިގައި ހަމަ ނެތީއެވެ. އަނގައިން ބުނާނެ ވަރުވެސް ނެތެވެ. އެއަށްވުރެ ބޮޑަށް އަހަރެންގެ ސިކުނޑިވަނީ ވަރުބަލި ވެފައެވެ.
" ނާޝް! "
އޭނާ ދެވަނަ ފަހަރަށް އަހަންނަށް ގޮވާލިއެވެ. ޔަޤީނެވެ. އޭނާ އެއުޅެނީ އޮފީހުގައި އަހަރެން ކުރި މަސައްކަތްތަކަށް ތަޢުރީފު ކުރާށެވެ. އަހަރެންގެ ހިތް ކަޅުވެދާނެތީ އަހަންނާ އަނގައިން ބުނެލާށެވެ. އެފަދަ އެއްޗެހި ހިތަށް އަރާވަރުން އަހަންނަށް އުނދަގޫ ވަމުންދެއެވެ. ކިތަންމެ ހިތްވަރުކޮށް، ކެތްކުރި ނަމަވެސް އަހަރެންގެ ލޮލަކަށް ކެތެއް ނުކުރެވުނެވެ. އޭރުވެސް ލޮލުތެރޭގައި ކަރުނަތައް ގަޑުބަޑު ކުރަމުން ދެއެވެ.
" ވިލް ޔޫ މެރީ މީ؟ "
ސިހިފައި އަހަންނަށް އޭނާގެ މޫނަށް ބަލައިލެވުނީ ހައިރާންކަމާއެކުގައެވެ. އަތުގައި އޮތް ފިނިފެންމާ އަހަންނަށް ދިއްކޮށްގެން އޭނާ ހުރީ އެ ހިނިތުންވުމަކަށް އަހަރެން ދަހިވެތިވެފައިވާ ހިނިތުންވުމުގައެވެ. އިޝާމް އަހަންނާ ދިމާލަށް ބަލަހައްޓައިގެން ހުއްޓާ ފެނުނު މިއީ ފުރަތަމަ ފަހަރެވެ. އެހެންކަމުން އޭނާގެ ލޮލުގެ ތެރެއަށް އަހަންނަށް ފީނައިގަނެވުނެވެ.
" ޖަވާބެއް ނުދޭނަންތަ؟ "
ފިޔަވަޅެއް ކުރިއަށް އެޅުމަށްފަހު އިޝާމް ބުނެލިއެވެ. އަހަންނަށް ހަމަ ބިމަށް ފޭބުނުހެން ހީވީ އަދިކިރިޔާއެވެ. އެހިނދު އަހަންނަށް ބަލައިލެވުނީ އިޝާމްގެ ފަހަތުގައި ހުރި ޒުވާން އަންހެންކުއްޖާއާ ދިމާލަށެވެ. އަހަރެންގެ ނަޒަރު އޭނާއަށް ހުއްޓިފައި ހުރުމުން އިޝާމް ފަހަތަށް އެނބުރި އޭނާއަށް އައުމަށް އިޝާރާތްކޮށްލިއެވެ. އޭނާ އައިސް އިޝާމްއާ އަރާ ހަމަވުމާއެކު އިޝާމް އޭނާގެ ކޮނޑަށް އަތް ވައްޓާލިއެވެ.
" މިއީ އަހަރެންގެ ކޮއްކޮ އައިޝާ! ދެން މިހުރީ އައިޝާގެ ދަރިފުޅު.. އަހަންނާ ވަރަށް ވައްތަރުދޯ!"
އިޝާމްގެ ޖުމްލައިން ބޭއިޙްތިޔާރުގައި އަހަންނަށް ހިނިތުންވެލެވުނެވެ. ހަމަޖެހުމުގެ ނޭވާއެއްވެސް އަހަންނަށް ލެވުނީ އަދިކިރިޔާއެވެ.
" ދެންވެސް ދޮންބެގެ ސުވާލަށް ޖަވާބު ދީބަލަ! "
ވަރަށް ހެވިފައި ހުރެ އައިޝާ ބުނެލީ މަޖާ ރާގަކަށެވެ. އެއާއިއެކު ދެތުންފަތް ތެންމާލަމުން އަހަންނަށް އިޝާމްގެ މޫނަށް ބަލައިލެވުނެވެ. އަނެއްކާވެސް އިސްޖަހާލެވުނީއެވެ. ގަތް ލަދުންނެވެ.
" ނާޝްއަށް އެނގޭތަ އަހަރެން މިރަށަށް މިއައީ ، ދޮންބެއަށް މިރަށުން މީގެ ފިނިފެންމަލެއް ނުލިބިގެން މި ހިފައިގެންނޭ! އަހަރެންގާތު ބުނީ މިރެޔަށް އަންނަންވާނެޔޯ ކޮންމެހެންވެސް.."
އައިޝާގެ ވާހަކަތައް އަޑުއަހަން ހުރި އިޝާމްގެ މޫނުމަތީގައި އޭރުވަނީ ލަދުރަކި ކަމެވެ. އައިޝާ މާ ގިނަ ވާހަކަ ދައްކަން އުޅޭތީ އޭނާ އަވަހަށް ވާހަކަ ދައްކަން ފެށިއެވެ.
" ދެން ކޮއްކޮ ދޭބަލަ އެއްޗެއް ކާލަން! "
އޭރު އަހަރެމެންނާ ދިމާލަށް ރިޔާޒްވެސް އަންނަތަން އަހަންނަށް ފެނުނެވެ. އޭނާ ފެނުމުން އަހަރެން އިތުރަށް ލަދުގަތެވެ.
" ކޮބާ ނާޝް! އަހަރެންވެސް މި ސަޕްރައިޒްގައި ބައިވެރިވަން އެނގޭ! އަހަންނަށްވެސް ކައިވެނި ސައިދޭން ވާނެ!"
އަބަދުވެސް މަޖާކުރަން ފޯރި ހުންނަ ރިޔާޒްގެ ޖުމްލައާއެކު އެންމެންނަށްވެސް ހީގަނެވުނެވެ.
****
ރޭގަނޑުގެ ދަން ވަގުތެކެވެ. ދޮންވެލިގަނޑަށް ފައިބަމުންދާ ތެތްފިނިން ވެލިގަނޑު އޮތީ ތެތްވެފައެވެ. އިޝާމްގެ މޭގައި ބޯ ޖައްސާލައިގެން އަހަންނަށް އިނދެވުނީ ދުނިޔޭގެ ހުރިހާ އުފަލެއް އުނގަށް ލައިގެން ކަހަލައެވެ. އިޝާމްގެ ވަރުގަދަ އަތުން އަހަރެންގެ ބޮލުގެ އިސްތަށިގަނޑާއި ކުޅެމުންދެއެވެ. ހިތަށް ލިބޭ އަރާމަކުން އަހަންނަށް އިނދެވުނީ ދެލޯ މަރާލައިގެންނެވެ.
" ނާޝްއަށް ހީވަނީތަ އަހަންނަށް ނާޝް ފެނުނީ މިރަށަށް އައިފަހުންނޭ! "
އިޝާމް ވާހަކަ ދެއްކީ ލޯބިން ފުރިގެންވާ އަސަރުގަދަ އަޑަކުންނެވެ. އޭނާގެ އަޑު އިވެމުންދާ ވަރަކަށް އަހަރެންގެ ހިތް ހީވަނީ ވިރިދާނެހެންނެވެ.
" އިޝާމްއަށް އަހަރެން ފެނުނީ މިރެއެއް ނޫންތަ؟ މިރޭ އެކަނި އިޝާމް އަހަންނާ ދިމާލަށް ބަލައިލީވެސް"
ލަދުން އިނދެ އަހަރެން ބުނެލީ ޝަކުވާގެ ރާގަކަށެވެ. އަހަރެން އެހެން ބުނުމާއެކު އިޝާމް ލާނެތް ގޮތަކަށް ހީގަތެވެ.
" އަހަރެން މިރަށަށް މިއައީވެސް ނާޝް ހަމަލޮލުން ދެކިލަން ވެގެން"
އިޝާމް ބުނެލީ އަހަރެންގެ ކަންފަތް ދޮށުގައެވެ. އެއާއިއެކު އަހަންނަށް ތެޅިގަނެވިފައި އިޝާމާ ދުރަށް ޖެހިލެވުނެވެ. އަދި ސުވާލުގެ ނަޒަރަކުން އޭނާއަށް ބަލަން އިނދެވުނެވެ.
" މީޓިންގ ހޯލްގައި ހުންނަ ސީސީ ކެމެރާގެ ކޮންޓްރޯލް އޮންނާނީ އަހަރެންގެ އަތުގައި! މާލޭ އޮފީހާއި މިރަށުގެ އޮފީހުގެ ހުރިހާ ކެމެރާއެއްވެސް ބަލަހައްޓަނީ ހަމަ އަހަރެން.. ނާޝް މި އޮފީހަށް ވަތް ފުރަތަމަ ދުވަހުން ފެށިގެން އަހަންނަށް ނާޝް ވަރަށް ކަމުދިޔަ! ވަރަށް ދުވަސްވެއްޖެ މިރަށަށް ނާދެވިގެން އުޅެނީވެސް."
އަހަރެންގެ މޫނަށް ބަލަހައްޓައިގެން އިނދެ އިޝާމް ވާހަކަ ދެއްކިއެވެ. އަދި އޭނާގެ މަޑު އަތްތިލަ އަހަރެންގެ އަތާ ގުޅުވާލުމުން އަހަރެން ބުނީމެވެ.
" ދެން ކީއްވެ ނުބުނީ؟ ކީއްވެ އަހަންނާ އެހާ ދުރުދުރުން އުޅުނީ؟ އަހަރެންގެ ނަންބަރު ރިޔާޒް ދިނީމަވެސް އެއްވެސް ކަމެއްގައި އަހަންނަށް ގުޅައިވެސްނުލާ! "
އިޝާމް އޭރު ކަންތައް ކުރިގޮތުން އަހަރެން ހިތުގައި ޖެހުނު ވަރުން އަދިވެސް ޝަކުވާ ކުރާހިތްވަނީއެވެ. އެހެންކަމުން އެކަމާ ގުޅިގެން ނުކުރެވި ހުރި ހުރިހާ ޝަކުވާތަކެއް ކުރީމެވެ.
" ދެން މިރަށަށް ފުންމާލާގޮތަށް އަހަރެން ކިހިނެއް ނާޝްއަށް ލޯބި ހުށަހަޅާނީ؟ އަސްލު މިރަށަށް މިއައީ މިތަނުގެ މަސައްކަތްތައް އޮބްޒާރވް ކުރާކަށް ނޫން.. "
ކަތި ނަޒަރަކުން އަހަންނަށް ބަލައިލަމުން އިޝާމް ބުންޏެވެ. އެހިނދު ލަދުން އަހަރެން އިސްޖަހާލީމެވެ.
" އަހަރެން މިއައީ ނާޝް ހޯދަންވެގެން..."
އަހަރެންގެ ކޮނޑުގައި ދަތްދޮޅި ޖައްސާލަމުން އިޝާމް ބުންޏެވެ. އެވަރުންވެސް އަހަރެން އިނީއެވެ. ލަދުރަކި ގޮތަކަށް ހެވޭތީ ބަލައިލަން ނުކެރިފައެވެ.
" އެންމެ ފުރަތަމަ މީޓިން ހޯލަށް ނާޝް އައި ދުވަހު އަހަންނަށް ވަރަށް ބެލިކަން އެނގޭ! ދެން މަސްލޮނު އަޅާތަނަށް ގޮސްވެސް އަހަރެންގެ އިޝާރާތެއް ވޭތޯ ވަރަށް ބެލީމެއްނު.. އައިޝާކޮއްކޮ އައީމަ ދެރަވެގެން މޫނު އަނބުރާލާފައި ދިޔައީވެސް ހަމަ އަހަރެން ބަލަހައްޓައިގެން ހުއްޓާ! ވަގުވަގަށް ފޮޓޯ ނެގިކަންވެސް އަހަންނަށް އެނގޭ! މިވަރުން ދެން ނާޝްއަށް އަހަރެން ކަމުދާކަން އަހަންނަށްވެސް އެނގެންވާނެ އެއްނު"
އަހަރެންގެ ހަރަކާތްތައް ވަރަށް ރަނގަޅަށް އިޝާމް ދެނެގަނެފައި ހުރި ކަން އެނގުމުން އިންތިހާއަށް އަހަރެން ލަދުގަތެވެ. އޭނާއަށް ބަލަހައްޓައިގެން ހުރެ އެއްޗެއް ބުނަން ނުކެރިގެން އިޝާމްގެ ތަނަވަސް މޭގެ ހޫނުކަން އިޙްސާސްވާހާ ގާތަށް އަހަރެން ޖެހިލީމެވެ. އަދި އޭނާގެ މޭމަތީގައި މޫނު ޖައްސާލަމުން ބުނީމެވެ.
" އަހަރެން ވަރަށް ލޯބިވޭ! "
" ލަވް ޔޫ ޓޫ! މުޅި އުމުރަށް އަހަރެންގެ ހިތުގައި ރަނިކަން ކުރާނީ ހަމައެކަނި ނާޝް!"
އިޝާމް އޭނާގެ ދެއަތުން އަހަރެން ހިމާޔަތްކޮށްލިއެވެ. މުޅި ދުނިޔޭގެ ރައްކާތެރިކަމާއި ހިމާޔަތް ލިބުނުހެން އެވަގުތު އަހަންނަށް ހީވިއެވެ. އެއާއިއެކު އަހަންނާ އިޝާމްގެ ލޯބީގެ ދުނިޔޭގެ މަންޒަރުތައް ކުރިމަތިން ފެންނަމުން ދިޔަ ކަހަލައެވެ. އަދިވެސް އިޝާމް ހީލާ ގޮތުން އަހަރެންގެ ހުރިހާ ހިއްސެއް އޭނާއާ ދިމާލަށް ދަމައިގަނެއެވެ. އޭނާގެ ކޮންމެ ހަރަކާތެއްގައިވަނީ މަސްތުކުރުވާފަދަ އަސަރުތަކެކެވެ. އޭނާގެ މޭގެ އެންމެ ފުނުގައި އަހަރެންގެ ލޯބި ރައްކާކުރާނެކަމަށް އިޝާމް ބުނަމުން ދިޔައެވެ. އެހެންކަމުން އިޝާމްގެ އަތުގައި ހިފައިގެން އަހަރެން އޭނާގެ ދުނިޔެއަށް ވަނީ ދުވަހަކުވެސް ވަކިނުވާން ވަޢުދުވަމުންނެވެ.
-ނިމުނީ-
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!