ތުރުކީވިލާތުން ދިވެހިރާއްޖެއަށ ްދޭ ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތަކާއި، ސްކޮލާޝިޕް ފުރުޞަތުތައް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ.
މި މަޝްވަރާކުރައްވާފައި ވަނީ، ތުރުކީވިލާތުގެ މިނިސްޓަރ އޮފް ނޭޝަނަލް އެޑިއުކޭޝަން، ޔޫސުފް ތެކިން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއިއެކު އިއްޔެ ކުރިއަށް ގެންދެވި ބައްދަލުކޮށްލެއްވުމުގައެވެ.
ތުރުކީގެ ރައީސް، އުރްދުޣާންގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން މިހާރު ތުރުކީ ވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އަންކާރާގައި ހުންނަ ޕްރެޒިޑެންޝަލް ޕެލަސްގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ދެ ބޭފުޅުން ވެސް ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ފާހަގަ ކުރައްވާފައެވެ.
ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ ދެމެދުގައި މަތީ ތަޢުލީމާއި ތަމްރީނު ދިނުމުގެ ރޮނގުން އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވާއިރު، ތުރުކީވިލާތަކީ އަތްފޯރާ އަގެއްގެ ރަނގަޅު ފެންވަރުގެ މަތީ ތަޢުލީމު ދިވެހިންނަށް ފޯރުކޮށްދޭ ޤައުމެއްކަން ރައީސް މުޢިއްޒު ވަނީ ފާހަގަ ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތަކާއި، ސްކޮލަރޝިޕް ފުރުޞަތުތައް އިތުރުކުރުމާ ގުޅޭގޮތުން ރައީސް މުޢިއްޒު އާއި ތުރުކީވިލާތުގެ މިނިސްޓަރު ވަނީ މަޝްވަރާ ކުރައްވާފައިވާއިރު، އުނގެނުމުގައި އިތުރު އެހީތެރިކަން ބޭނުންވާ ދަރިވަރުންނާ މުޢާމަލާތްކުރާ މުދައްރިސުންނަށާއި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން އެކި ދާއިރާތަކުން ތަމްރީނުދިނުން މުހިންމު ކަމުގައި ރައީސް ޑރ. މުޢިއްޒު ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން، އާރތް ސައިންސްއާއި، މެޑިސިންއާއި، ޗައިލްޑް ކެއާރ އާއި، ތެރަޕީ، އަދި ރިހެބިލިޓޭޝަން ފަދަ މުހިންމު ދާއިރާތަކުން ތަމްރީނުގެ ފުރުޞަތުތައް އިތުރުކުރެވޭނެ ގޮތްތައް ފަހިކުރުމަށް ރާއްޖެއިން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ރައީސް ވިދާޅުވެފަ ވެއެވެ.
މިމަހުގެ 26 އިން މިއަދުގެ ނިޔަލަށް ތުރުކީވިލާތަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!