އުދުހެމުންދާ ކޮކާލެއް ފަދައިން އަހަރެން އުޅެމުން ދިޔައީ ވަރަށް މިނިވަންކަމާއެކުއެވެ. އާއިލާގެ އެންމެ ހަގު ދަރިފުޅުކަމުން މަންމައާއި ބައްޕަގެ އިތުރުން ދައްތަމެންނާއި ބޭބެމެންގެ ލޯބިވެސް އަހަންނަށް ލިބެނީ އިންތިހާއަށެވެ. އަހަރެމެން ދިރިއުޅެމުން ދިޔައީ ވަރަށްވެސް ތަނަވަސް ދިރިއުޅުމެކެވެ. އަހަންނަށް މަދުވާ އެއްވެސް އެއްޗެއް، ނުލިބޭ އެއްވެސް އުފަލެއްވެސް ނެތް ކަހަލައެވެ. މީހުން ބުނާތީ އަޑުއަހަމެވެ. އަންހެން ކުއްޖެއްގެ އުފާވެރިކަން ފެށޭނީ މީހަކާ އިނދެ ޖަވާޒީ ޙަޔާތެއް ފެށުމުންނެވެ. ނަމަވެސް އަހަރެންގެ ކައިވެންޏަކީ މި ދުނިޔެމަތިން އަހަންނަށް ތަޙައްމަލްކުރަން ޖެހުނު އެންމެ ހިތްދަތި ދުވަސްތަކެވެ. އެންމެ ބޮޑު އިމްތިޙާނެވެ. ދެވަނަ ފަހަރަށް ފިރިހެނެއްގެ މަޅީގައި ޖެހިދާނެތީ ފިރިހެނުންދެކެ ބިރުގަންނަން ޖެހުނު މައިގަނޑު ސަބަބެވެ. މިއީ އަހަރެންގެ ވާހަކައެވެ.
އެއީ މީގެ އަހަރުތަކެއް ކުރިއެވެ. އޭރު އަހަރެންގެ ޢުމުރުން 18 އަހަރެވެ. އަހަރެންގެ އެންމެ ޗާލާކީ ދުވަސްކޮޅެވެ. އެއިރެއްގައި އެންމެ މަޝްހޫރު ކުރާ ހުރިހާ ހެދުމެއް އަހަރެންވެސް ލަމެވެ. އަހަންނާ އެއްފުރާ ފިރެހެން ކުދިންގެ ހިތްތައް ކަތިލަނީ އަހަރެންކަމުގައި އަހަރެންގެ އެކުވެރިން ބުނެއެވެ. ނަމަވެސް އެމީހުންނާމެދު އަހަރެން އެއްވެސް ޝައުޤެއް ނުހުރެއެވެ.
ކުރު ދަތުރެއްގައި އަހަރެން މާލެ ދިޔައީ ދައްތައެއްގާތު މަޑުކޮށްލާށެވެ. އޭރު އަހަރެންގެ ބެސްޓްފްރެންޑް ނަޝާވެސް ދިރިއުޅެނީ މާލޭގައެވެ. ނަޝާއަކީ ދީނަށް ލޯބިކުރާ ސާދާ މިޒާޖެއްގެ ކުއްޖެކެވެ. އަހަންނަށް އަބަދުވެސް ހެޔޮ ނަޞޭޙަތްދޭ ރަނގަޅު އެކުވެރިއެކެވެ.
އޭރު ނަޝާވެސް އުޅެނީ ޅައުމުރުގައި މީހަކާ އިނދެ ވަރަށް އުފަލުގައެވެ. ކައިވެނީގެ ފޮނި މީރުކަމާއި އޭނާގެ ފިރިމީހާގެ ރަނގަޅު ވާހަކަ އަހަރެންގާތު ދައްކައެވެ. އަދި މައިންބަފައިންދެކެ ބިރުން ނުކުރެވި ހުންނަ އެތައް ކަމެއް ފިރިމީހާއާއިއެކު ތަޖުރިބާ ކުރެވޭ ކަމުގައި އޭނާ ބުނެދިނެވެ. އެގޮތުން ފިރިމީހާއާއިއެކު ރާއްޖެތެރޭގެ ރަށްރަށް ގޮސްލައި، ބޭނުން ކޮންމެ އިރަކު ދަތުރުގޮސް މަޖާކޮށް، ސިކުނޑީ ތާޒާކޮށްލެވޭކަމުގައި ބުންޏެވެ. އަހަރެންވެސް ނަޝާ ފަދައިން ކައިވެންޏެއް ކުރާހިތްވިއެވެ. އެހެންކަމުން އަހަރެންގެ ވިސްނުން ހުރިގޮތް ނަޝާއާ ހިއްސާކުރީމެވެ.
ކަންތައްތައް ފަހިވެގެން ދިޔައީ ހީވެސް ނުކުރާހާ ބާރު މިނުގައެވެ. ނަޝާގެ ފިރިމީހާގެ ވަރަށް ގާތް އެކުވެރިއެއް ( ހައިލަމް) ކައިވެނި ކުރުމަށް އަންހެން ކުއްޖަކު ހޯދައިދިނުމަށް އެދިފައިވާކަމުގައި ނަޝާ ބުންޏެވެ. ނުވެސް ދަންނަ މީހަކާ ކައިވެނިކުރަން އަހަރެން ބޭނުން ނުވާ ވާހަކަ ނަޝާ ގާތު އަހަރެން ބުނީމެވެ. ދަސްކުރަން ވަގުތު ބޭނުންވާ ކަމުގައިވެސް ބުނީމެވެ. ނަމަވެސް ނަޝާގެ ޚިޔާލު އެކަމުގައިވެސް އަހަންނާ ތަފާތެވެ. އޭނާ އަހަންނަށް ވިސްނައިދިނީ ދީނީ ގޮތުންނެވެ. އިސްލާމްދީނުގައި މީހުންނާއި ރައްޓެހިވުމެއް ނޯވެއެވެ. އެކަމުގެ ސަބަބުން ފާފަވެރިވުން ނޫން ކަމެއް ނުވާނެއެވެ. ދެމީހުން ފެނިލާށެވެ. ކަމުދަންޏާ ކައިވެންޏާއި ހަމައަށް ދާާނީއެވެ. ހައިލަމްއަކީ ދީނަށް ލޯބިކުރާ ވަރަށް ޞާލިޙް ކުއްޖެކެވެ. ރައްޓެހިވެގެން އުޅޭކަށް އޭނާވެސް ބޭނުމެއް ނުވާނެއެވެ. ނަޝާގެ ބަސްތަކުން އަހަރެން ފާޑަކަށް ފިނިވާންފެށިއެވެ. ޙަޤީޤަތުގައި އަހަރެންވެސް ބޭނުންވަނީ އެފަދަ މާތް މީހެކެވެ. އަހަރެންވެސް އެންމެ ނަމާދެއްވެސް ނާޅަމެވެ. ދީނަށްޓަކައި އަހަންނަށް ބަރާބަރަށް ކުރެވޭ ކަމަކީ ހަމައެކަނި އެއީއެވެ. ނަމަވެސް އެފަދަ މީހަކާއެކު ޙަޔާތް ވޭތު ކުރަން ޖެހިއްޖެނަމަ އަހަރެންގެ މުޅި ދިރިއުޅުން އިސްލާޙްވެގެން ދާނެކަން ޔަޤީނެވެ. އަދި ދީން އުނގެނުމުގެ ފުރުޞަތުވެސް އަހަންނަށް ލިބޭނެއެވެ. އަހަރެން އެއްބަސްވުމުން ހައިލަމަށް އަހަރެންގެ ނަންބަރު ނަޝާ ދިނެވެ.
އެއްދުވަހެއްގެ މެންދުރެވެ. އަހަރެން ދެކިލަން ހައިލަމް އަންނާނެ ވާހަކަ ބުނުމުން ދޮރުމައްޗަށް ނިކުމެލީމެވެ. އަހަރެން ބަލަހައްޓައިގެން ހުއްޓާ ދުރުން އައި ސައިކަލެއް މަގު އެއްފަރާތުގައި މަޑުކޮށްލިއެވެ. އެއީ ހައިލަމްކަން އަހަންނަށް ޔަޤީންކުރެވުނީ އޭނާ އަތުން ހައި ޖަހާލީމައެވެ. ރައްދުގައި އަހަރެން ހިނިތުންވެލީމެވެ. އޭނާގެ ތުނބުޅި ކޮންމެވެސް ވަރަކަށް ދިގެވެ. ލައިފައިހުރީ އަތްދިގު ގަމީހަކާއި ފަޓްލޫނެކެވެ. ފައިކުރިވެސް ހުރީ ބުރިކޮށްފައެވެ. ފެންނަ ފެނުމަށްވެސް އޭނާއަކީ ސުންނަތަށް ލޯބިކުރާ މީހެއްކަން އަހަންނަށް އެނގުނެވެ. އެމޫނުމަތިން އަހަންނަށް ފެނުނީ މައުސޫމްކަމެވެ. ބަލާބެލުމަށް އޭނާއަކީ ވަރަށް މަޑުމައިތިރި މިޒާޖެއްގެ މީހެކެވެ. އެދުވަހު ފޯނުން އޭނާގެ އަޑު ޖެހުމުންވެސް އަހަންނަށް އެކަން އެނގުނެވެ. ހެވިފައި އަހަރެން އޭނާއަށް ބަލަހައްޓައިގެން ހުއްޓާ އޭނާ އައިކޮޅަށް ސައިކަލްގައި ދިޔައެވެ.
އެދުވަހަށްފަހު އަހަރެމެން ފޯނުން ވާހަކަ ދައްކަން ފެށީމެވެ. އަހަންނާމެދު ހިތްހަމަޖެހޭކަމުގައި އޭނާ ބުންޏެވެ. އަހަރެންވެސް ހަމަ އެފަދައެވެ. އެހެންކަމުން ފޯނުން ދެތިން މަސް ވަންދެން ވާހަކަ ދެއްކުމަށްފަހު، އަހަންނާ އަވަހަށް ކައިވެނިކުރަން ބޭނުންވާކަމުގައި ހައިލަމް ބުންޏެވެ. އޭރު އޭނާ ބުނަމުން ދިޔައީ އޭނާގެ މަންމައާއި ބައްޕައަކީ ދެރަށު ދެމީހުން ކަމެވެ. ކައިވެނި ކުރުމުގެ ކުރިން ހަދަން ޖެހޭ ކޯސް ހެދުމަށް ދިޔުމުގެ ކުރިން އޭނާގެ ރެޖިސްޓްރީ އޮންނާނީ ކޮން ރަށެއްގައިތޯ އަހަރެން އެހީމެވެ. ކުރު ހިނިގަނޑެއް ޖަހާލުމަށްފަހު އޭނާއަކީ މާލޭ މީހެއްކަމުގައި އޭނާ ބުންޏެވެ. އަހަންނަށް ހައިރާންކަން ލިބުނެވެ. އޭނާ އަހަންނަށް އޮޅުވާލަންވީ ސަބަބެއް ނޭނގުނެވެ. ކުރިން އެހެން ނުބުނީ ކީއްވެތޯ އެހުމުން ބުނީ އާއްމުކޮށް މާލޭ މީހުންނާ ރާއްޖެތެރޭ މީހުން ކައިވެނިކުރާނީ ގެދޮރާއި މުދަލުގެ ދަހިވެތިކަމުގައިކަމަށެވެ. އެހެންވެ، އަހަންނަކީ މުދަލާހެދި އުޅޭ މީހެއްތޯ ބަލައިލަން ހައިލަމް ބޭނުންވީކަމުގައި ބުންޏެވެ. އެފަދަ ގޮތަކަށް އޮޅުވާލުމުން އަހަރެން ކުޑަކޮށް ހިތްހަމަވެސް ނުޖެހުނެވެ. ނަމަވެސް އޭނާ އަހަންނާމެދު ރުހިފައި ހުރި ވަރުން އެކަމާ މާ ބޮޑަކަށް އަޅައެއް ނުލަމެވެ. މައިންބަފައިންގެ ގެ ހަދާތީ އޭނާ އޭރު އުޅެމުންދިޔައީ ކުއްޔަށެވެ. ދިރިއުޅުމަށްޓަކައި އޭނާއަށް މަހެއްގެ މައްޗަށް އޭރު ހަ ހާސްރުފިޔާވެސް ނުލިބެއެވެ. ނަމަވެސް އޭނާ ބޭނުންވަނީ ކައިވެނި ކުރާށެވެ.
ކައިވެނިކުރަން ބޭނުންވާ ވާހަކަ އާއިލާއާ ހިއްސާކުރީމެވެ. ހައިލަމްއާ އަހަރެެންގެ މައިންބަފައިން ބައްދަލްކުރިއެވެ. އެމީހުންނަށްވެސް ހައިލަމް ކަމުދިޔައެވެ. އޭނާގެ މަޑުމައިތިރިކަމާއި އަޙްލާޤެވެ. ދީނީކަންކަމަށް ދޭ އަހަންމިއްޔަތުކަން އޭނާއަށް ބަލައިލުމުންވެސް އެނގެއެވެ. އަހަރެންގެ ބައްޕައަށްވެސް އޭނާ ކަމުދިޔައީ އެހެންވެއެވެ.
އަހަންނަކީ އަބަދުވެސް ރީތި ވެޑިންގޑްރެސްއެއް ލައިގެން އާއިލާއާ ހުރިހާ ރަޙްމަތެރިންނާއެކު ބޮޑު ޕާޓީއެއް ބޭއްވުމުގެ ހުވަފެން ދެކެމުންދިޔަ ކުއްޖަކީމެވެ. އަހަރެންގެ އެ ހުވަފެން ކުލަނުޖެހި ފަނޑުކޮށްލީ ހައިލަމެވެ. އެކަމާ އޭނާ މުޅީން ދެކޮޅެވެ. އޭނާގެ އަތުގައި ފައިސާ ނެތްނަމަ އަހަރެންގެ އާއިލާއިންވެސް ޕާޓީ ބާއްވައިދޭނެކަމަށް ބުނުމުންވެސް ހައިލަމް އެކަމާ އެއްބަހެއް ނުވިއެވެ.
" ލައިގެ އާއިލާގެ މީހުންގެ އަތުން ފައިސާގެ އެހީތެރިކަން ހޯދައިގެން ޕާޓީ ބޭއްވިއްޔާ އަހަރެން ޖެހޭނީ މުޅި ޢުމުރު އެމީހުންގެ ދަށުވެފައި ހުންނަން!"
މިއީ އޭނާ އަހަންނާދިމާލަށް ބުނެލި ޖުމްލައެވެ. އަހަރެން ދެރަވިއެވެ. ނަމަވެސް ކައިވެނި ކުރެވެން އުޅޭތީ އެކަމުގެ އުފާވެރި ޖަޒްބާތުގައި ޖެހި، އަހަރެން އެހާ ބޮޑަކަށް އަޅައެއް ނުލަމެވެ. ހުރިހާ ކަމެއްވެސް ރޭވިގެން ދިޔައީ ހައިލަމް ބޭނުންވާ ގޮތަށެވެ. ދަޢުވަތުދިނީ ހަމައެކަނި ދެފަރާތުގެ އާއިލާގެ މަދު ބަޔަކަށެވެ.
****
އޭރު އަހަރެންގެ ޢުމުރުަން 19 އަހަރު ވެއްޖެއެވެ.. ހައިލަމަށް 24 އަހަރެވެ. ކައިވެނި ކުރެވި ފުރަތަމަ އަހަރު ފާއިތުވަމުންދެއެވެ. ފުރަތަމަ ކަމަކަށް އޭނާ އަހަރެންގެ ހެދުން އެޅުމުގެ ވައްޓަފާޅި އެއްކޮށް ބަދަލު ކޮށްލިއެވެ. ކުރިންވެސް އަހަރެން ލާ އެއްޗެހި އެހާ ކުރެއް ނުވާނެއެވެ. ނަމަވެސް ބޮޑުކޮށް ޝޯލް އަޅައި އަބާޔާއަށް ބަދަލުކުރީ އޭނާގެ އެދުމަށެވެ. އެ އަހަރުގެ ތެރޭގައި އޭނާ އަހަންނަށްޓަކައި ވަގުތު ހުސްކުރިއެވެ. ސައިކަލްބުރު ޖަހާލަންވެސް ގެންދެއެވެ. އޭރުވެސް އޭނާ ދިޔައީ މަޑުމަޑުން އަހަރެންގެ ޅަ ސިކުނޑިއާ ކުޅެމުންނެވެ. އެގޮތުން ހައިލަމް ނުރުހޭ އެކުވެރިން އަހަންނަށް ޖެހުނީ ދޫކޮށްލާށެވެ.އަހަރެންގެ އާއިލާގެ ފިރެހެން ކަޒިންސް ގެ ނަންބަރުތައް ބްލޮކް ކުރަން ޖެހުނެވެ. އެމީހުންނަކީ އެއްބަނޑު އެއްބަފާ ބޭބެމެންގެ ގޮތުގައި ދެކިގެން އެކުގައި އުޅެބޮޑުވި ކުދިންނެވެ. އެމީހުންގެ އިތުރުން ހުރިހާ އެކުވެރިންގެ ނަންބަރުތައްވެސް ބްލޮކް ކުރަން ޖެހުނެވެ. ވާހަކަ ދެއްކުންވެސް މަނާކުރިއެވެ. އެހެންކަމުން އަހަންނަށް ހުރިހާ އެކުވެރިންވެސް ގެއްލުނެވެ. އަދި އެކުވެރިންގެ ނަފްރަތާއި މަލާމާތް ރައްދުވިއެވެ. އެމީހުން ދެކޭގޮތުގައި މާލޭ މީހަކާއި އިނދެވުނީމަ އަހަރެން އެމީހުން އެއްފަރާތްކޮށްލީއެވެ. އަހަރެން ފޮނި ބޮޑުވީއެވެ. އެފަދަ ބަސްތައް އަޑު އިވުމުން ހާދަ ދެރަވިއެވެ. ނަމަވެސް އެއީ ފިރިމީހާގެ ނިންމުންކަން އަހަރެން ސިއްރުކުރީމެވެ. ހަމައެކަނި ހައިލަމަށްޓަކައެވެ.
ކުރިން އަހަންނަކީ ސޯޝަލް މީޑިއާގެ ދާދާއެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް އޭނާއާ ކައިވެނިކުރުމަށްފަހު ސޯޝަލް މީޑިއާ އަހަންނަށް މުޅިންހެން ބަންދުވިއެވެ. ވަރަށް ކެތްކުރީމެވެ. އޭނާ ރުހޭ ގޮތަށް ހުރިހާ ކަމެއްވެސް ކުރެވޭތޯ މަސައްކަތްކުރީމެވެ.
އަހަރެން އުޅެމުން އައީ މައިންބަފައިންނާއެކު މުއްސަނދި ދިރިއުޅުމެކެވެ. ބޭނުންވާ ކޮންމެ އެއްޗެއް އޭރު އަހަންނަށް ލިބުނެވެ. ނަމަވެސް ހައިލަމް ބުނެދިނީ ފިރިމީހާއަށް ލިބޭ މިންވަރަށް ރުހިގެން އުޅުމަށެވެ. އަހަރެން އެކަމާ އެއްބަސްވީ ހިތުން ރުހުމުންނެވެ. އަހަރެންގެ މާލީ ޙާލަތު އާއިލާގެ އެއްވެސް މީހަކަށް އަންގައިގެން ނުވާނެކަމަށް ހައިލަމް އޮންނަނީ ބުނެފައެވެ. އަހަރެން އެކަންތައްތައް ސިއްރުކުރީމެވެ. އޭރު ކޯހެއް ހަދަން އަހަރެން ޔުނިވަރސިޓީއަށްވެސް ދަމެވެ. އަތުގައި އޮންނަނީ އެންމެ ދެ ހެދުމާއި އެއް ބުރުގަލެވެ. ދޮވެދޮވެގެން އެއް އަހަރު ވަންދެން އަހަރެން ލައިގެން އުޅުނީ އެ ދެހެދުމެވެ. ވަރަށް އުނދަގޫވެސްވިއެވެ. ނަމަވެސް އަހަރެންގެ ޙާލަތު އެއްވެސް މީހެއް ގާތަކު ނުބުނަމެވެ.
އުނދަގޫ ދަތި ދިރިއުޅުމެއް އުޅެމުން ދަނިކޮށް އޭނާގެ ގެ ހަދާ ނިމި އަހަރެމެންނަށްވެސް އެއް އެޕާރޓްމަންޓް ލިބުނެވެ. ދެމީހުންނަށް ވަކިން ދިރިއުޅެވޭގޮތް ވުމުން ނިހާޔަތަށް އަހަރެން އުފާކުރީމެވެ. ނަމަވެސް ކަންތައްތައް ވެގެން ދިޔައީ އަހަރެން ހީކުރި ގޮތަކަށް ނޫނެވެ. އަހަރެންގެ އެއްވެސް އެކުވެރިއެއް އަދި އާއިލާގެ މީހެއްވެސް އެގެއަށް ވެއްދުން މަނާ ކުރިއެވެ. އެއްބަނޑު އެއްބަފާ ދައްތަމެންނާއި ބޭބެމެން އަދި އެމީހުންގެ ދަރިންވެސް ގެނެސް ހެދުން އޭނާ މަނާކުރިއެވެ. ހުއްދަ އޮތީ ހަމައެކަނި އަހަރެންގެ މައިންބަފައިންނަށެވެ. އެގޮތް އަހަންނަށް ކަމަކު ނުދިޔައެވެ. މާލޭގައި ދިރިއުޅޭ ކޮއްކޮމެން ގެއަށް ގެންނަން އަހަރެން އިންތިހާއަށް ބޭނުންވެއެވެ. އެމީހުންނާއެކު ސަކަރާތްޖަހާލާ ހިތްވެއެވެ. މަޖާ ކުރާ ހިތްވެއެވެ. ނަމަވެސް އެކުދިން ގެއަށް ގެނައުމުގެ ހުއްދަ ނެތްއިރު، އެމީހުންނާއެކު ބޭރަށް ދިޔުމުގެ ހުއްދަވެސް އަހަންނަކަށް ނުދެއެވެ.
ހައިލަމްގެ އަގު ހިފަހައްޓަން، އޭނާއަށް ކުރާ ޤަދަރާ އިޙްތިރާމަކުން އަހަރެން އަބަދުވެސް އޭނާގެ ރަނގަޅުވާހަކަ އެންމެން ގާތު ދައްކަމެވެ. ނަމަވެސް ފަހުން ފަހުން އައިސް އަހަރެން ހައިލަމްދެކެ ފޫހިވާން ފެށީއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އޭނާގެ ޤަވާޢިދުތައް މާ ބޮޑަށްވެސް ހަރުކަށިވީއެވެ. އަހަންނަށް އޭރު އިޙްސާސްވީ އަހަންނަކީ އަޅުވެތިކޮށްފައިވާ މީހެއްކަމެވެ.
ދިރިއުޅުމަށްޓަކައި އޭނާ ވިޔަފާރިއެއް ފެށުމަށް މަސައްކަތްތަކެއް ކުރިއެވެ. އެެއީ އަހަރެންވެސް ވަޒީފާއަކަށް ވަތް ދުވަސްކޮޅެވެ. އަހަރެންގެ މުސާރަ ނަގަނީ އޭނާއެވެ. ފިރިމީހާގެ ކަންތައްތަކުގައި އަނބިމީހާ އެހީވާންޖެހޭނެޔޭ ބުނާ އުޞޫލު އަހަންނަށް އޭނާ ހަނދާންކޮށްދޭވަރުން ހުރިހާ ފައިސާއެއް އޭނާއަށް ދޭން އަހަންނަށް މަޖުބޫރުވިއެވެ. އަހަރެންގެ ވަޒީފާގެ ގޮތުން ބައެއް މަސްމަހު ވިހި ހާސް ރުފިޔާވެސް އަހަންނަށް ލިބެއެވެ. ނަމަވެސް އޭގެން އެއްހާސް ރުފިޔާވެސް އަހަރެންގެ މަންމައަށްދޭން އޭނާ ނުރުހެއެވެ. އޭނާ ބުނާގޮތުން ނަމަ އެންމެ ފުރަތަމަ އިސްވާނީ ދެމީހުންގެ ދިރިއުޅުމުގެ ކަންތައްތަކެވެ. އެކަމަކު އަހަންނަށް ކިޔަވައިދީ ކޯސް ހަދައިދިނީ އަހަރެންގެ މައިންބަފައިންނެވެ. އެކަން އަހަރެން ހަނދާނެއް ނުނެތެއެވެ. ރަށުގައި އުޅޭ ކޮއްކޮމެންނަށް ޢީދުޢީދުގައި ހަދިޔާ ފޮނުވަން ބޭނުންވާ ވާހަކަ ބުންޏަސް އޭނާ އިންކާރު ކުރެއެވެ. އެއީ އެހާވަރުން ކުރަންޖެހޭ ކަމެއްތޯ އަހައި އަހަރެން ރޮއްވާލައެވެ. އަހަރެންގެ އެކައުންޓް ބަރާބަރަށް ޗެކް ކުރާނީވެސް އޭނާއެވެ. ފައިސާ ހުރިވަރާއި، މީހަކަށް ފައިސާފޮއްޗެއް ދީފައި ހުރިތޯވެސް ބަލައެވެ. އެއީ އަހަރެން ބުރަކޮށް މަސައްކަތްކޮށްގެން ހޯދާ ލާރިއެވެ. އަހަންނަކީ އާއިލާއަށާއި ރައްޓެހިންނަށް އެހީވާން ބޭނުންވާ މީހެކެވެ. ނަމަވެސް އޭނާގެ ނުފޫޒުން އަހަންނަށް އެމަގުވެސް ވަނީ ބަންދުވެފައެވެ.
ހައިލަމްގެ ހިތްހަމަޖެހުމަށްޓަކައި އެކުވެރިންނާއި ސޯޝަލް މީޑިއާ އަހަރެން ދޫކޮށްލީމެވެ. ނަމަވެސް އޭނާ އަހަންނަށް ޝައްކު ކުރަން ފެށުން ވެގެން ދިޔައީ އޭނާދެކެ އިތުރަށް ފޫހިވާންޖެހުނު ސަބަބެވެ.. އަހަރެންގެ ފޯނު ޤަވާއިދުން ޗެކްކޮށް ގުޅާފައި ހުންނަ މީހުން ބަލައެވެ. އަހަރެން ބޯހާސް ކުރުވަން ތަފާތު ސުވާލުތައް އުފައްދައެވެ. އަހަންނަށް ކިރިޔާވެސް ހަމަޖެހުމެއް ލިބެނީ އޮފީހަށް ދާ ވަގުތެވެ. ނަމަވެސް އަހަރެންގެ ޑިޔުޓީގަޑި ނިމުމަށްފަހު އަހަރެން އަންނަންޖެހޭނީ ސީދާ ގެއަށެވެ. އޮފީހުގައި އެކުގައި އުޅޭކުދިންނާއިއެކު ސައެއްބޯލަން ދިޔުަމަކީވެސް ބޮޑު ކުށެކެވެ. އޮފީހުން ނިކުންނައިރު އަހަރެން ހިނިތުންވެފައި ހުރުމަކީ އަދި މާބޮޑު ކުށެކެވެ. ގެއިން ބޭރުގައި ހިނިތުންވެލުމަކީވެސް އަހަންނަށް މަނާ ކަމެކެވެ. އޭނާ އަހަރެން އޮފީހަށް ފޮނުވަނީވެސް ފައިސާގެ ބޭނުމުގައޭ ހީވާން ފެށުމުން ވަޒީފާއަށް ދާހިތްވެސް ކެނޑުނެވެ. އެއްބަނޑުއެއްބަފާ ދައްތަމެން ނުވަތަ ބޭބެމެންނާއެކުގައިވެސް ތަންތަނަށް ދިޔުން އަހަންނަށް މަނަލެވެ. އެމީހުން މާލެ އަންނަ ފަހަރަކު، އެމީހުންނާއިއެކު ވިޔަފާރި ކުރަން ދިޔުމަކީ އަދި އަމުދުން ހަރުކަށި ޢިބާރާތުން މަނާކޮށްފައި އޮންނަ ކަމެކެވެ. ކީއްވެކަން އެނގޭ ހެއްޔެވެ؟ އެމީހުންނަށް އެއްޗެހި ގަނެދީފާނެތީއެވެ. ހަދިޔާއެއް ދީފާނެތީއެވެ. އަހަރެންގެ ހިތަށް ކިހާ އަސަރެއް ކުރާނެ ހެއްޔެވެ؟ ކިހާ ރުޅިއެއް އަންނާނެ ހެއްޔެވެ؟
ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް އަހަރެން ދިޔައީ ނަފްސާނީ ގޮތުން ބަލިކަށިވަމުންނެވެ. ކޮންމެ ކަމެއްވެސް ދީނުގައި އޮންނަ ގޮތޭ ބުނެ، އޭނާ އަހަންނަށް އަމުރު ހިންގާއިރު ގިނަ ފަހަރު އޭނާ މިސްކިތަކަށް ނުދެއެވެ. ފަތިސްނަމާދަށް ހޭލަނީ އަހަރެން އޭނާއަށް ގޮވާގޮވާ ރުޅި ގަދަވާ ފަހުންނެވެ. އެހެންކަމުން މަޑުމަޑުން އަހަރެންގެ ވިސްނުންވެސް ބަދަލުވާން ފެށިއެވެ. އޭނާދެކެ ރުޅި އާދެވެން ފެށުނެވެ. އެއީ މާލޭގެ ރީތި ގެއެކެވެ. އެހެނަސް އެތާ އެތެރޭގައި އެންމެ މިނެޓެއް ހޭދަކުރުމަކީވެސް އަހަންނަށް ވޭނަކަށް ވިއެވެ. ނޭވާ ފިތޭހެން ހީވާ ފަހަރު އާދެއެވެ. އެތަނުން ނިކުމެގެން ގޮސް ހަމަނޭވާާލާން އަހަރެން ހުންނަނީ ކެތްމަދުވެފައެވެ. އަހަންނަށް މިނިވަންކަމާއިއެކު ކުރެވޭ އެއްވެސް ކަމެއް ނެތެވެ. އެންމެ ކުޑަމިނުން އެނދުގައި އަޅަންޖެހޭނީ އޭނާ ބުނާ ބެޑްޝީޓެކެވެ. ކޮޓަރީގައި އެއްޗެހި ތަރުތީބު ކުރަން ޖެހޭނީ އޭނާ ބުނާ ގޮތަކަށެވެ. ގޭތެރޭގެ ކަންތައްތަަކުގައިވެސް އަހަންނަކީ އެންމެ ދަށް މީހާގެ ގޮތުގައި އޭނާ އަހަންނަށް އިޙްސާސްކޮށް ދިނެވެ.
ސައިކަލްބުރެއް ޖަހާލަން ދާން އެދުނަސް، ރެސްޓޯރެންޓަކަށް އެއްޗެއް ކާލަން ދާން އެދުނަސް ފިރެހެނުންނަށް ފެންނާނެޔޭ ބުނެ އޭނާ އިންކާރު ކުރެއެވެ. ނަމަވެސް ފައިސާގެ ބޭނުމުގައި އޭނާއަށް އަހަރެން ވަޒީފާއަށް ފޮނުވެޔޭ އަހަރެންގެ ހިތަށް އަރައެވެ. އެތަނުގައި އުޅޭ ފިރެހެނުންނާ އަނގައިންބުނޭތޯވެސް އޭނާ ބަލައެވެ. މުސާރަ ލިބުމާއިއެކު ގޭގެ ބިލްތަކާއި ބަދިގެއަށް ބޭނުންވާ ސާމާނުގަނެ، އޭނާގެ އަންނައުނާ ޖެހެންދެން ގަންނަނީ އަހަންނެވެ. ހައިލަމަށް ލިބޭ ފައިސާ، ވިޔަފާރިއެއް ފަށަން އުޅޭ ކަމަށްބުނެ އޭނާ ބަހައްޓަނީއެވެ. އެހުރިހާ ކަމަކަމަށް ރުހިގެން އުޅޭއިރުގައިވެސް އަހަރެން ބައްޔެއްވިޔަސް އޭނާގެ ސަމާލުކަމެއް ނުލިބެއެވެ. އެނދުމަތީ ނުތެދުވެވިފައި އޮތަސް އެންމެ ކުޑަމިނުން ލިބޭ ބްރޭކްގައިވެސް ގެއަށް ނާދެއެވެ. އަހަންނަށް އެހީވެދެނީ އަހަރެންގެ އެއްބަނޑުއެއްބަފާ މީހުންނެވެ. އެކަމަކު އޭނާ ބައްޔެއް ވެއްޖެނަމަ އަހަރެން ޑިޔުޓީ އޮފް ކޮށްގެން ގޭގައި މަޑުކޮށް އޭނާއަށް އަޅައިލަމެވެ. އެވަރު އޭނާ ނުދަންނާތީ އަހަރެން އަބަދުވެސް ހިތާމަ ކުރީމެވެ.
ކައިވެންޏަށް ހަތަރު އަހަރު ވީ އިރުގައިވެސް ދިރިއުޅުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ދެމީހުންގެ އުފަލަށްޓަކައި ކުރެވުނު އެއްވެސް ކަމެއް ނެތެވެ. އަހަރެން ޗުއްޓީ ނަގަނީ އޭނާ ބުނާ ދުވަސްވަރަކަށެވެ. ނަމަވެސް ޗުއްޓީ ނަގައިގެން އަހަރެން އިންނަން ޖެހެނީ ގޭގައެވެ. އަހަރެން އުފާކޮށްލަން އަހަރެން ގޮވައިގެން ތަންތަނަށް ދިޔުމަކީ އޭނާއަށް ކުރެވުނު ކަމެއް ނޫނެވެ.ކަންތައްތައް ހައްތަހާ ދަނީ މައްޗަށެވެ. ފަހަކަށް އައިސް އޭނާގާތު ޝަކުވާ ކުރެވެއެވެ. ބަދަލުގައި އޭނާ އަންނަނީ ރުޅިއެވެ. ނަމަވެސް އެ ކަންތައްތަކަށް ކެތް ނުވާނެ ކަމަށްބުނެ އަހަރެން ރޮއި ހަދަމެވެ. އަހަރެންގެ ސިކުނޑިއަށް ބާރު ބޮޑުވާކަމަށްބުނެ ކޮންމެވެސް ވަރެއްގެ މިނިވަންކަމެއް ދިނުމަށް އެދި ހަޅޭއްލެވެއެވެ. ގައިގެ އެތަން މިތަނުގައި ތަޅައިހެދެއެވެ. އެ ދިރިއުޅުމުގައި އުޅުމަށްވުރެ، ދުނިޔެ ދޫކުރުންވެސް މާ ރަނގަޅުކަމުގައި ހީކުރެވުނެވެ.
އެ އަހަރެވެ. އަހަރެންގެ މަންމައާއި ބައްޕަ ބޭސްފަރުވާއަށް މާލެ އައިސް ހުރީ އަހަރެންގާތުގައެވެ. މަންމައާއި ބައްޕަ ގޮވައިގެން ބޭރަށް ދާންވެސް އޭނާގެ ހުއްދައެއް ނޯވެއެވެ. ނަމަވެސް އަހަންނަކީ އަހަރެންގެ މައިންބަފައިންގެ ދެލޮލުގެ ނޫރެވެ. އެމީހުން އަހަރެން ބަލައިބޮޑުކުރީ ދެލޮލުގެ ކޮއި ފަދައިންނެވެ. އެހެންކަމުން އަހަންނަށް އައިސްފައިވާ ބަދަލުތައް އެމީހުންނަށް އޮޅޭނެހެއްޔެވެ؟
އެއްދުވަހު މަންމަމެންނާއެކު އަހަރެން ބޭރަށް ދިޔައީމެވެ. އެކަން އޭނާއަށް ގޯސްވީއެވެ. ބޭރަށް ގޮސް އަންނަންދެން އެކަމާ އޭނާ އަހަންނަށް އެއްޗެހި ގޮވީ މެސެޖުންނެވެ. މައިންބަފައިންނަށް ހުރިހާ ވާހަކައެއް އަހަރެން ހިއްސާކުރީވެސް އެދުވަހެވެ. އެދުވަހު ސިކުނޑިއަށް ލިބުނު ޕްރެޝަރަކުން ހިތަށް ކެތް ނުކުރެވުނީއެވެ. ރޮއިރޮއިފައި އަހަރެން ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. އަޑުއެހުމަށްފަހު، ބައްޕަ ބޭނުންވީ މައްސަލަ ޙައްލުކޮށްދޭށެވެ. ހައިލަމްއާވެސް ވާހަކަ ދެއްކިއެވެ. ނަމަވެސް އަހަރެން ގޮތްދުލެއް ނުކުރަމެވެ. މަންމައާއި ބައްޕައަށް ކިޔައިދޭން ބޭނުންވެފައި ހުންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. އަހަންނަށް ހުރީ އެހިތްވަރު ނުލިބިފައެވެ.ބިރުންނެވެ. ބުނަން ނުކެރިފައެވެ. ޖެހިލުންވެގެންނެވެ. އެހެންކަމުން އަހަރެންގެ ހިތުގައިވާ ހުރިހާ އެއްޗެއް ނެރެވުނު ދުވަހު، ބޭނުންވަނީ އަވަހަށް އެތަނުން ސަލާމަތްވާށެވެ. ބައްޕަމެން ކިތަންމެ ޙައްލުކުރަން ބޭނުން ވިޔަސް އެއީ ނުވާނެ ކަމެއްކަން އެއީ ރޭގަނޑު ފަދައިން އަހަންނަށް އެނގެއެވެ. އަހަރެން ހައިލަމްގާތު ބަހައްޓާފައި މަންމަމެން ދާ ދުވަސް އެއީ އޭނާ އަހަރެން މަރާލާނެ ދުވަހޭ އަހަރެންގެ ހިތަށް އެރިއެވެ. އެހެންކަމުން ހައިލަމްއާއެކު އުޅެން ބޭނުން ނުވާކަމަށް ތަކުރާރުކޮށް ބައްޕަގާތު ބުނީމެވެ. ރޮއިފައި ކިޔައިދިނީމެވެ. އެންމެފަހުން ގޮތް ނިންމަން ބައްޕަ ދޫކޮށްލީ އަހަރެންގެ އަތްމައްޗަށެވެ. އަހަރެން އެގެއިން ނިކުންނަން އުޅުމުން ހައިލަމް އާދޭސްކުރިއެވެ. އިތުރު ފުރުޞަތެއް ދޭން އެދުނެވެ. ނަމަވެސް އެ ފުރުޞަތު ދޭތާ އެތައް ދުވަހެއް ވެއްޖެއެވެ. ކޮންމެ ރެޔަކު ރޮއި އާދޭސްކުރި އަޑު އޭނާއެއް ނޭހިއެވެ.
" ފޮއްޓަށް އެއްޗެހި އަޅައިގެން ރޮމުން ރޮމުން ކިތައްރޭ އަހަރެން ކޮޓަރިން ނިކުންނާނީ؟ އެކަމަކުވެސް ދާން ނުކެރިގެން އެނބުރި ކަލޭ ފައިބުޑަށް އަންނަން! އެގޮތަށް އަހަރެން ކިތައް ފުރުޞަތު ދިނިން.. އެކަމަކު ދެން ނުވާނެ ހައިލަމް! "
އެދުވަހު އަހަރެން އޭނައާ ދިމާލަށް ބުނީމެވެ. އާނއެކެވެ. އަހަރެން އޭނާއަށް އެތައް ފުރުޞަތެއް ދިނީމެވެ. ނަމަވެސް އަހަރެންގެ އިޙްސާސްތައް އޭނާއަށްވީ ކުޅޭކުޅޭ އެއްޗަކަށެވެ. އަނިޔާއަކީ ހަމައެކަނި އަތުންފައިން ދެވޭ އެއްޗެއް ނޫންކަން އަހަރެން ތަކުރާރުކޮށް އޭނާއަށް ބުނެދިނީމެވެ. ނަމަވެސް އޭނާ އޭރުވެސް ހުރީ އޭނާގެ ގޮތުގައެވެ. އަހަންނަށް އޭނާ ކައިރިން ސަލާމަތްވެވުނީ ވަރަށް ހިތްވަރުންނެވެ. މައިންބަފައިންނަށް އޭނާގެ ވާހަކަތައް ކިޔައިދެވުނީ ވަރަށް އުނދަގުލުންނެވެ. ހަތަރު އަހަރު އެގޮތުގައި ކެތްކުރުމަށްފަހު އެދުވަހު އަހަރެންގެ ކެތްތެރިކަން ކޮޅުންލީއެވެ.
ޅައުމުރުގައި ކުރެވުނު ކައިވެނި ރޫޅިއްޖެއެވެ. ހައިލަމްގެ ސަބަބުން ދިރިއުޅުން މަތިން ފޫހިވިއެވެ. އިތުރަށް ކައިވެންޏެއް ކުރާހިތެއް ނުވިއެވެ. ތާއަބަދަަށް އެކަނި އުޅެން ބޭނުންވިއެވެ. އެގެއިން ނިކުމެގެން އައި އިރު އަހަރެންގެ އުފާވެރިކަންވީ އަހަރެން ދޫކޮށް ގޮހެވެ. ހިނިތުންވާކަށް ނޭނގެއެވެ. ގެއްލުނު ރައްޓެހިން ފެނުމުންވެސް ދެރަވެ ރޮވެއެވެ. ދުރުކޮށްލެވުނު އާއިލާގެ މީހުން ދިމާވުމުން ލަދުގަނެއެވެ. ބޭރަށް ނިކުންނަން ބިރުގަނެއެވެ. މަގެއްގެ މަތިންވެސް އޭނާ ފެނިދާނެތީ ހުރެވެނީ ސިހިސިހިއެވެ. އޭގެ ފަހުން މުޅި ދިރިއުޅުން ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިއްޖެއެވެ. އަހަންނަށް ފަރުވާދޭން އާއިލާގެ މީހުން ތިބީ ތައްޔާރަށެވެ. ހަމައަކަށް އެޅުނީ ވަރަށް ދުވަހުންނެވެ. ކައުންސެލިންގ ނަގައިގެންނެވެ. ވަރަށް ގިނަ މީހުންގެ ހެޔޮދުޢާއިންނެވެ. އަދި މީހުން ދިން ހިތްވަރުންނެވެ.
ދުނިޔެ މަތިން ފޫހިވެ، އެކަނިވެރިކަމުގައި އޮޔާ ބެހެނިކޮށް އަހަރެންގެ އަތުގައި ހިފާލީ ހިތްހެޔޮ އޯގާތެރިއެކެވެ. ދީލަތި ހިތެއްގެ މަދަދުވެރިއެކެވެ. ނިވިފައިވާ އުއްމީދުގެ އަލިކަން އަހަރެންގެ ހިތަށް ފޯރުކޮށްދިނީ އޭނާއެވެ. ހަތަރުފާރު ތެރޭގައި އެކަނިވެފައިވަނިކޮށް ދުނިޔޭގެ އަލިކަމުގެ ތެރެއަށް ނެރެދިނީ އޭނާއެވެ. ބަލިވެފައިވާ ހިތަށް ޝިފާ ލިބުމަށް މެދުވެރިވީވެސް ހަމަ އޭނާއެވެ. މާޒީމަތިން ހަނދާން ނައްތާލައި އަލުން ދިރިއުޅުން އާރާސްތު ކުރުމަށްޓަކައި އޭނާ އަހަންނަށް އެހީތެރިވެދިނެވެ.
މިއަދު އަހަންނަކީ ލޯބިލޯބި ކުއްޖެއްގެ މަންމައެކެވެ. އެދުވަހު ގެވެށި އަނިޔާ ލިބިލިބި، ނަފްސާނީގޮތުން މީހާ ބަލިކަށިވެ، ބޭރަށް ނިކުންނަން ނުކެރި އިންނަމަ މިއަދުވެސް އަހަރެން އިންނާނީ އެޙާލުގައެވެ. އަހަރެން ފަދައިން ކިތަންމެ މީހަކު އެފަދަ އަނިޔާވެރިކަމުގައި ދިރިއުޅުން ވޭތު ކުރާނެކަން އަހަންނަށް ކަށަވަރެވެ. އަނިޔާއަކީ ހަމައެކަނި ޖިސްމާނީގޮތުން ކުރާ އަނިޔާއެއް ނޫނެވެ. ނުބައި ހެއްލުންތަކަށް އަޅުވެތިކޮށް ސިކުނޑިއާ ކުޅެލުމާއި އަހަރެމެންނަށް ލިބޭ ފައިސާގެ ބޭނުމުގައި އަހަރެމެން ކޮންޓްރޯލްކޮށް ބާރުގެ ބޭނުން ކުރުމަކީ ނަފްސާނީގޮތުން ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. އެކުވެރިންނެވެ. ނުތިބޭށެވެ. އުފާވެރިކަމާއިދިމާލަށް ދާން މަސައްކަތްކުރާށެވެ. ގެއްލުމުގެ ތެރެއަށް ތިމާ ނުވެއްޓޭށެވެ. ކިތަންމެ ފަހަރަކުވެސް ވެއްޓިދާނެއެވެ. ނަމަވެސް ހިތްވަރާއިއެކު ތެދުވެ އަނިޔާއާ ދުރަށް ބާރަށް ހިނގައިގަންނާށެވެ. އަހަރެންވެސް އެތައް ފަހަރަކު ވެއްޓުނެވެ. ނަމަވެސް މާތްﷲ ގެ އިރާދަފުޅުން މިއަދު އަހަރެން މިވަނީ އަޅުވެތިކަމުން ސަލާމަތްވެފައެވެ. މިހާރު މިއުޅެނީ ލޯބިވާ ދަރިފުޅާއި ފިރިމީހާގެ ލޯބީގެ ހިޔަލުގައެވެ.
ނިމުނީ
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!