އައްޑޫ ސިޓީ މަރަދޫފޭދޫ ދާއިރާގެ ކައުންސިލަރު ހާލިދާ މުހައްމަދު "ދަ ޑިމޮކްރެޓްސް" އަށް ސޮއި ކުރައްވައިފިއެވެ.

އޭނާ އެ ޕާޓީ އަށް ސޮއި ކުރައްވާފައިވަނީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި ފޭދޫގައި ރޭ ބޭއްވި ޖަލްސާގައެވެ.

Ad
rt

ހާލިދާ "ދަ ޑިމޮކްރެޓްސް" އަށް ސޮއި ކުރެއްވުމުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ވިދާޅުވީ މިއީ އެ ޕާޓީއަށް ލިބުނު އުފަލެއް ކަމަށާއި އަދި މިއީ ރައްޔިތުންގެ މެދުގައި އެ ޕާޓީގެ މަގުބޫލުކަން އޮތް މިންވަރު ހާމަވާ ކަމެއް ކަމަށެވެ.

ހާލިދާއަކީ، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގައި މަރަދޫފޭދޫ ކައުންސިލަށް ހޮވިވަޑައިގެން މެމްބަރެކެވެ.

އެމްޑީޕީން ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓެއް ހޮވުމަށް ބޭއްވި ޕްރައިމަރީގައި މަރަދޫފޭދޫ ދާއިރާގެ ގޮނޑި، ހާލިދާ ކާމިޔާބު ކުރެއްވުމާ ގުޅިގެން އެ ދުވަސްވަރު މަރަދޫފޭދޫ އެމްޑީޕީގެ މެންބަރުންގެ މެދުގައި ވަނީ ގިނަ ހިތްހަމަނުޖެހުން ތަކެއް އުފެދިފައެވެ. އަދި އެ ހަމަނުޖެހުންތަކާއެކު އެމްޑީޕީގެ ހަރަކާތްތަކާ ހާލިދާ އުޅޫއްވީ ވަރަށް ދުރުގައެވެ.

އަބަދުވެސް އެމްޑީޕީއަށް ބޮޑު މެޖޯރިޓީއެއް އޮންނަ އައްޑޫ ސިޓީ ކައުންސިލްގައި ހިމެނޭ 13 މެންބަރުންގެ ތެރެއިން މިހާރު ތިއްބެވީ އެ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ 7 މެންބަރުންނެވެ.