މިއަދަކީ ރައްޔިތުންގެމަޖިލީހުގެ ތާރީޚުގައި ލަދުވެތިދުވަހެއް ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.

ޝިފާޢު މިހެން ވިދާޅުވީ، ބަންޑާރަނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި ޖަވާބުދާރީވެވަޑައިގަތުމަށް މިއަދު ރިފްއަތުގެ އަރިހުގައި މަޖިލީހަށް ވަޑައިގަތް ބަންޑާރަނައިބު އޮފީހުގެ ދެ ވެރިންކަމަށްވާ، ޑެޕިއުޓީ އެޓާނީ ޖެނެރަލް ހަދީޖާ ޝަބީން އާއި ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް) އަނގަބަހުން ފުރައްސާރަ ކުރި މައްސަލާގައެވެ.

Ad
rt

ދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރުގެ ފުރައްސާރައާއި ގުޅިގެން ޝިފާޢު ވިދާޅުވީ، މިއަދަކީ ރައްޔިތުންގެމަޖިލީހުގެ ތާރީޚުގައި ލަދުވެތިދުވަހެއް ކަމަށެވެ.

ސަލީމް ފުރައްސާރަކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާލް ނަސީމް ވަނީ ޓްވީޓާގައި ހިއްސާ ކުރައްވާފައެވެ. އެއަށްފަހު ''ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާ ވަޒީރުންނާއިއެކު ތިއްބަވާ އަންހެންނުންނަށް ކުޑައިމީސްކޮށް، ފޮށެންފެށުނު މިދުވަހަކީ 19ވަނަ މަޖިލީހުގެ ހަޔާތުގަ ކަޅު، ހުތުރު ދުވަހެއް'' ކަމަށް މީކާއީލް ވިދާޅުވެފަވެއެވެ.

''ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވި އަންހެން ދެކަބަލުންނަށް ފުރައްސާރަކުރުން ބަލައެއް ނުގަނެވޭ'' މީކާއީލްގެ ޓްވީޓް ހިއްސާ ކުރައްވަމުން ޝިފާޢު ވިދާޅުވެފަވެއެވެ.

މިއަދުގެ ޖަލްސާގައި ސަލީމް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި ބަންޑާރަނައިބުގެ ދެފަރާތުގައި ތިއްބެވީ 18 އަހަރު ނުފުރޭ ދެކުދިން ކަމަށް ހީވާކަމަށް ވިދާޅުވެ ފުރައްސާރަ ކުރައްވާފައެވެ.

މި މައްސަލާގައި މަޖިލީހުގެ އެހެން ބައެއް މެންބަރުންގެ ނުރުހުން ވެސް ވަނީ ސަލީމަށް އަމާޒުވެފައެވެ.