ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކުލަބް ޕޯލްސްޓާގެ 21 ވަނަ ޤުރުއާން މުބާރާތުގެ އެއްވަނަ އެ ރަށު ހުދުވިލާ އަޒާ އިބްރާހިމް އަސްލަމް ކާމިޔާބު ކޮށްފިއެވެ.

މި މުބާރާތުގެ އިނާމް ދިނުމުގެ ޖަލްސާ ބާއްވާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިހަވަންދޫ މަދަރުސާ ހޯލުގައެވެ. މުޅި މުބާރާތުން އެއްވަނަ ހޯދީ އަޒާ އިބްރާހީމް އަސްލަމެވެ. އެއްވަނައަށް ޕޯލްސްޓާގެ ފަރާތުން ވަނީ 5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

Ad
rt

މުބާރާތުގެ ދެވަނަ ވަނީ ތިން ދަރިވަރަކު ހޯދާފައެވެ. އެ ދަރިވަރުންނަކީ ފާޠިމަތު ނަދުވާ / ރިވާ، އައިޝަތު މައިހާ މާހިރު / ރަށްމެދުގެ އަދި މުހައްމަދު އާޔަން އަހުމަދު / އާރު އެވެ. މުބާރާތުން ދެވަނަ ހޯދި ކޮންމެ ދަރިވަރަކަށް ޕޯލްސްޓާގެ ފަރާތުން ވަނީ 3000 (ތިންހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

މުބާރާތުގެ ތިންވަނަ ދެ ދަރިވަރަކު ވަނީ ހޯދާފައެވެ. އެ ދަރިވަރުންނަކީ މަރްޔަމް ޒީޝާން އަބްދުﷲ / ރޯޝަނީގެ އިތުރުން ޔައިޝާ ޔާސިރު އިބްރާހިމް / ދޭލިޔާގެ އެވެ. ތިންވަނައަށް ހޮވުނު ކޮންމެ ދަރިވަރަކަށް ޕޯލްސްޓާގެ ފަރާތުން ވަނީ 2000 (ދެހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

މި މުބާރާތުގެ ހާއްސަ އެހީއަށް ބޭނުންވާ ބައިން ވަނަތަށް ހޯދާފައި ވަނީ އާމިނަތު އަޝްފާ / ރޯޒަރީ އަދި އަލްޔާން ޒަވްލް ހަމްދޫން / ޖަވާހިރުވާދީ އެވެ.

މިއީ މެދުނުކެނޑި ޕޯލްސްޓާއިން މި މުބާރާތް ކުރިއަށް ގެންދިޔަ 21 ވަނަ އަހަރެވެ. މިއީ އިހަވަންދޫގައި ބާއްވަމުން އަންނަ އެންމެ ގިނަ ދުވަސްވީ ޤުރުއާން މުބާރާތެވެ.

މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ރީތިކޮށް ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރުއާން ކިޔެވުމުގެ ރޫހު އަށަގެންނެވުމާއި އެކަމަށް ހިތްވަރު ދިނުމުގެ އިތުރުން ޤުރުއާން ރީތިކޮށް ކިޔެވުމުގެ މައިދާނުގައި ދަރިވަރުންގެ މެދުގައި ވާދަވެރިކަން އުފެއްދުމާއެކު ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތްތަކަށް ބޭނުންވާ ބައިވެރިން އެ ރަށުގައި އުފެއްދުމެވެ.