" މިރޭ އުޝާވެސް އަހަރެމެންގެއަށް އަންނަންވާނެ! މާދަމާ ހެނދުނު ކައިވެނި އޮންނާނެއެއްނު! ބިޔުޓީޝަން ރައީފާވެސް އެގަޑިއަށް ގެއަށް އަންނާނެ! "
ނަވީން ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން އިން އުޝާ ކޮންމެވެސް ވަރަކަށް ޖެހިލުންވަމުންދިޔައެވެ. އޭރުވެސް އޭނާގެ ސިކުނޑީގައި އެނބުރެމުންދަނީ ގެއަށް ގޮސް އަމީރާމެންނާ ކުރިމަތިލާނެ ގޮތެވެ. ޚާއްސަކޮށް ޒައިންއާ ދިމާވާކަށް އޭނާ އެއްގޮތަކަށްވެސް ބޭނުމެއް ނުވެއެވެ.
***
" މިރޭ ގޭގަ މަޑުކޮށްލަން ބޭނުންވަނީ!" ޖާބިރު ފެނުމާއެކު އުޝާ ބުނެލިއެވެ. އެއާއެކު ޖާބިރުގެ މޫނުމަތި ނުތަނަވަސް ވެގެން ދިޔަތަން އުޝާއަށް ފެނުނެވެ. އުޝާގެ ފަހަތުގައި، ދެޖީބަށް އަތްޖަހާލައިގެން ހުރި ނަވީން ލޮލުގެ އިޝާރާތުން އެކަމަށް ރުހުމަށް ޖާބިރުގާތުން އެދުނެވެ. އެއާއެކު ޖާބިރު ހިނިތުންވެލަމުން ވާހަކަ ދައްކަން ފެށިއެވެ.
" އެންމެ ރަނގަޅު! މާދަމާ ހެނދުނު ދިހައެއް ޖަހާއިރު ގާޟީ ވަޑައިގަންނަވާނެ މިގެއަށް! ތައްޔާރުވެވޭހާ މޫސުމުގަ އުޝާވާނެ މިގެއަށް އަންނަން.. "
އުޝާ ބޯޖަހާލީ ކައިރީގައި ހުރި ނޫޙު އުރާލަމުންނެވެ.
****
ހާސްހިތަކައިގެން އުޝާ ގެއަށްވަނެވެ. އޭރު ނިދިއައިސްގެން ނޫހުއަށް ރޮވެމުންދެއެވެ. ނޫޙު އުރާލައިގެން އޭނާ މަޑުމަޑުން ސިޑިން އެރިއެވެ. އެއްވެސް މީހަކަށް ނުފެނި ކޮޓަރިއާ ހަމައަށް ވަދެވުމުން އުޝާގެ ހިތަށް ފިނިކަން ލިބިގެންދިޔައެވެ.
" ދަރިފުޅު ކޯއްޗެއްތަ މިރޭ ކެއީ؟ "
ނޫޙު އެނދުގައި ބާއްވަމުން އުޝާ އަހާލީ ބޮލުގައި ފިރުމާލަމުންނެވެ.
" ނަގެޓްސްއާ ޗިޕްސް ދިނީ.. އެ ކާފަ މާ ރަނގަޅު މަންމީ! "
ބާލީހުގައި ބައްދާލަމުން ނޫޙު ބުނެލިއެވެ. އެއާއެކު އުޝާއަށް ހިނިތުންވެލެވުނެވެ. އަދި މަޑުމަޑުން ނޫޙުގެ ބޮލުގައި އަނެއްކާވެސް ފިރުމާލެވުނެވެ.
" ދަރިފުޅު އެގެއަށް ދާހިތްވޭތަ؟ އެގޭގަ އެއްކޮށް އުޅެން ދާހިތްވޭތަ؟ "
ނޫޙު ބުނާނެ އެއްޗެއްގެ އިންތިޒާރުގައި އުޝާއޮތީ ނޫޙުގެ މައުސޫމް މޫނަށް ބަލަހައްޓައިގެންނެވެ.އޭރު ނޫޙުގެ ދެލޯ ކުޑަވަމުންދިޔައެވެ.
" ހުމް. ވަރަށް މަޖާ. ކުޅޭއެއްޗެހިވެސް ގެނައި މާ ގިނައިން..މާދަމާވެސް ދާނަން.." އެހިސާބަށް ބުނެވުމާއެކު ނޫޙުއަށް ނިދުނެވެ. ހިނިތުންވެލަމުން އުޝާ ނޫޙުގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު ނޫޙުއާ ދާދި ގާތު އޮށޯވެލާ ހަމަޖެހިލިއެވެ.
" އުޝާ! "
އުޝާއަށް ތެޅިގަނެފައި ތެދުވެވުނީ އަމީރާގެ އަޑުންނެވެ. އޭރު އަމީރާ ހުރީ ކޮޓަރީގެ ދޮރުމަތީގައެވެ. އަވަސް އަވަހަށް އުޝާ ތެދުވެގެން އައިސް އަމީރާގެ ކުރިމަތީގައި ހުއްޓުނީ އަމީރާ ދައްކަން އުޅޭ ވާހަކައެއް އަޑުއަހާ ހިތުންނެވެ.
" ކީކޭ މަންމާ؟" އަވަސް އަވަހަށް އުޝާ ބުނެލިއެވެ. އެއާއެކު އަމީރާ އިސްޖަހާލިއެވެ. އޭނާގެ އެ ހަމަހިމޭންކަމަކީ މީގެ ކުރިން ދުވަހަކުވެސް އުޝާއަށް ފެނިފައިނުވާ ކަމެކެވެ.
" ބުނެބަލަ މަންމާ! " އަމީރާގެ ކޮނޑުގައި އަތް ޖައްސާލަމުން އުޝާ އަހާލީ ލޯތްބާއެކުއެވެ. އެއާއެކު ފުންނޭވާއެއް ދޫކޮށްލަމުން އަމީރާ އުޝާގެ މޫނަށް ބަލާލިއެވެ. އޭރު އޭނާގެ ލޮލުގެ ތެރެއިން ކަރުނައިގެ ވިދުން އުޝާއަށް ފެނުނެވެ.
" އުޝާ!" އުޝާގެ ނަން ބުނެވުމާއެކު އަމީރާއަށް އިތުރަށް އެއްޗެއް ބުނާނެ ހިތްވަރެއް ނުލިބުނެވެ. އެހެންކަމުން އޭނާ ވަގުތުން އުޝާއަށް ފުރަގަސްދިނެވެ.
" އުޝާ! ޒައިން... ޒައިން.." އަމީރާ ބުނަން އުޅުނު ޖުމްލަ ނުބުނެވިގެން އޭނާއަށް ގިސްލެވެން ފެށުނެވެ. އެހެންކަމުން އުޝާގެ ހިތް ކުރިއަށްވުރެ މާބޮޑަށް ތެޅެންފެށިކަން އޭނާއަށް އިޙްސާސްކުރެވުނެވެ. އަވަސް އަވަހަށް އުޝާގޮސް އަމީރާގެ ކުރިމައްޗަށް އެރިއެވެ. އަދި ޒައިންގެ ކޮޓަރިއާދިމާލަށް ބަލާލަމުން އެހިއެވެ.
" ޒައިން ކޮޓަރީގައި އުޅޭތަ؟ " އެއާއެކު އަމީރާ ބޯޖަހާލިއެވެ. އުޝާ އެކޮޓަރިއަށް ވަންނަން އެނބުރިލި އިރުގައިވެސް އަމީރާ ހަމަ އެހުރިތަނުގައި ހުއްޓެވެ. އެކޮޓަރިއަށްވަނީ އުޝާ އެކަންޏެވެ. އެއާއެކު އެނދުމަތީގައި ނިދިފައި އޮތް ޒައިން ފެނި، އަނެއްކާވެސް ހިތުގެ ހިނގުން އަވަސްވެގަތެވެ. އެދިމާލަށް އުޝާ ހިނގައިގަތްއިރުގައިވެސް އޭނާގެ ނަޒަރު ހުއްޓިފައިވަނީ ޒައިންއާ ދިމާލަށެވެ. އެނދުކައިރީގައި ހުއްޓި ޒައިންގެ މޫނަށް ބަލަން އިރުކޮޅަކު އުޝާއަށް ހުރެވުނެވެ. އެހިނދު އެ މޫނުގައި ފިރުމާލާހިތްވިއެވެ. ބޭއިޙްތިޔާރުގައި އުޝާއަށް އެނދުގައި އިށީނދެލެވުނެވެ. މަގަތުގައި އިށީނދެ އިން އިރުގައިވެސް އޭނާއަށް ބެލެނީ ޒައިންގެ މޫނަށެވެ. އެއާއެކު މަޑުމަޑުން އަތް ޚަރަކާތްކުރެވުނެވެ. ނަމަވެސް އޭނާ ކެތްތެރިކަން އިސްކޮށް، އަވަސް އަވަހަށް އެތަނުން ތެދުވެ، ނިކުންނަން ހިނގައިގަތެވެ. ނަމަވެސް ކުރިއަށް އެޅި ފިޔަވަޅުމަތީގައި ހުންނަން މަޖުބޫރުވީ އޭނާގެ އަތުގައި ޒައިން ހިފާލުމުންނެވެ.
" ކީއްވެ ތިދަނީ؟ ކީއްވެ އަހަންނާ ދުރަށްދާން ތި އުޅެނީ؟ "
އުޝާގެ އަތުގައި ހިފުނުލެއް ބާރުކަމުން އުޝާއަށް ތަދުވާނެކަން ޒައިންއަށް އެނގުނެވެ. އެއާއެކު އެއަތުން ދޫކޮށްލުމަށްފަހު ފުންމައިގެން ޒައިން ތެދުވިއެވެ.
" ސޮރީ! ސޮރީ!.. ތަދުވިތަ؟ " އުޝާގެ އަތްތިލައިގައި ބޮސްދެމުން ޒައިން އަހާލިއެވެ. އެއާއެކު ދެމީހުންގެ ހަތަރުކަޅި ބައްދަލްވިއެވެ.
" މަޑުކުރޭ! ނުދޭ! އަހަރެންގާތު ހުރެދީ އުޝާ! މިއަދު އުޝާ ފިޔަވާ އަހަރެންގެ ކާކު ހުރީ؟ އަހަރެން ވަރަށް ލޯބިވެޔޭ!"
އުޝާގެ ދެކަންފަތާދިމާލުން އިސްތަށިގަނޑުގެ ތެރެއަށް އަތްކޮއްޕާލުމަށްފަހު ޒައިން، އުޝާގެ މޫނުގައި ހިފަހައްޓާލިއެވެ.
" އަހަންނަށް އެނގޭ އަހަރެން ފިޔަވާ އެއްވެސް މީހަކުދެކެ އުޝާއަށް ލޯބި ނުވެވޭނެކަން.. އުޝާ ބޭނުންވަނީވެސް އަހަންނެއްނު! މީ ދޮގެއްތަ؟ "
ޒައިން ވާހަކަ ދެއްކީ ނުހަނު އަވަހަށެވެ. ޒައިންގެ އެ ވާހަކަތަކުންނާ ޢަމަލުތަކުން އުޝާއަށް ނުހަނު އުނދަގޫވާން ފެށިއެވެ.
" މިހާރު އަހަންނަކީ ހަމައެކަނި އުޝާގެ މީހެއް! އަހަންނާ، ނޫޙުއާ އުޝާ ދެން އުޅޭނީ އެކުގަ. އަހަރެމެން އެންމެން މުޅި ޢުމުރު ހޭދަކުރާނީ އެކުއެކީގަ! ނިކަން ލޯބިން.."
އެހެން ބުނުމަށްފަހު ޒައިން މަސައްކަތްކުރީ އުޝާގެ ހަށިގަނޑު އޭނާގެ އަތުގެ ހިމާޔަތުގެ ދަށަށް ގެންނާށެވެ. ނަމަވެސް އުޝާ ތެޅިގަނެފައި ދުރަށް ޖެހިލީ، ޒައިންގެ މޭގައި އަޅާ ދުރަށް ކޮއްޕާލަމުންނެވެ. އެއާއެކު ލޯބިން ފުރިފައިވީ ޒައިންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެއްޖެއެވެ. ކަންބޮޑުވުމާއި ހާސްކަމުގައި ހުރެ އުޝާއަށް އޭނާ ބަލަމުންދިޔައެވެ. އޭރު މާނޭވާ ލެވިލެވި ހުރި އުޝާގެ ދެލޮލުން ފެންތައް ފައިބަމުންދިޔައެވެ.
" ތި ހުވަފެން ދެކިދެކި އަހަރެން ވަރުބަލި ވެއްޖެ! އަހަންނަށް ފިރިއެއްގެ ލޯބި، އަދި ނޫޙުއަށް ބައްޕައެއްގެ ލޯބި އެންމެ ބޭނުންވި ދުވަހު ޒައިންކޮބާ؟ އަހަރެމެންނަށް އެންމެ އަޅާލުން ބޭނުންވި ދުވަހު ޒައިންކޮބާ؟ އޭގެ ބަދަލުގަ އެހެން އަންހެނެއް ގެނެސް، އިތުރު ދަރިޔަކު ހޯދާ، އަހަންނާ ނޫޙު ބާކީ ކޮށްލީ! އެދުވަހު އަހަރެން ނިންމިން ނޫޙަކީ ހަމައެކަނި މަގޭ ދަރިއެއްކަން.. މިހިތަށް ލިބުނު ވޭން، އެދުވަހު ޒައިންއަކަށް ނޭނގުނު! އެހެންވީމަ.. އެހެންވީމަ... އެހެންވެ... އަހަންނާ އަހަރެންގެ ދަރިފުޅު ގޮވައިގެން މުޅި އުމުރު ވޭތުކުރާނެ މީހަކު އަހަރެމެންގެ ޙަޔާތަށް އަތުވެއްޖެ ޒައިން! ދެން އަހަރެމެން ޒައިން ބޭނުމެއް ނޫން.. ބޭނުމެއް ނޫން..."
ތުންފަތްމަތީގައި އަތް އަޅައިގެން ހުރެ އެންމެ ފަހުގެ ޖުމްލަ ބޭރުކޮށްލުމަށްފަހު އުޝާ ދުއްވައިގަތީ ޒައިންއަށް އެއްޗެއް ބުނެލާނެ އެއްވެސް ފުރުޞަތެއް ނުދީއެވެ. ދުވެފައި ނިކުތް އުޝާ ފެނި، ބޭރުގައި ހުރި އަމީރާ ނުހަނު ކަންބޮޑުވެއްޖެއެވެ. އެހެންކަމުން ބާރުބާރަށް ގޮސް އޭނާވަނީ ޒައިންގެ ކޮޓަރިއަށެވެ.
" ދަރިފުޅާ! ޒައިން.. ޒައީން.."
މުށިތައްމަތީ އިށީނދެ، އެނދުގައި ބުރަކަށިޖައްސާލައިގެން ބުދެއް ފަދައިން ހުއްޓުން އަރާފައި އިން ޒައިންގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެން އިނދެ އަމީރާ ބާރަށް ގޮވަމުން ދިޔައެވެ. އޭނާ ޒައިންގެ ކޮލުގައި އަތް ޖައްސާލުމާއެކު ޒައިން ބަލާލިއެވެ.
" މަންމާ! އުޝާ ބުނީ... އުޝާ ބުނީ.. އުޝާ ބުނީ..." ބުނަން އުޅުނު ޖުމްލަ ނުބުނެވިގެން ޒައިން ހުއްޓާލީ ދެތުންފަތް ތުރުތުރުލަމުންދާތީއެވެ. އޭރު އޭނާގެ ދެލޯވަނީ ރަތްވެފައެވެ. ބޮލުގެ އިސްތަށިތައް އެގޮތް މިގޮތަށް ލޯމައްޗަށް ހުރީ ފައިބާފައެވެ.
" ދެން މިހާރު ތިވާހަކަ ދައްކާނެ ކަމެއްނެތޭ! އެނދަށް އަރާފަ ހަމަޖެހިލަން ހިނގާ! " ދަރިފުޅުގެ އެޙާލު ފެނި ހިތްދަތިވި ނަމަވެސް ޒައިންގެ ކުރިމަތީގައި ރޯކަށް އަމީރާ ބޭނުމެއްނޫނެވެ. އެހެންކަމުން އޭނާ ދެއްކީ ހިތްވަރެވެ.
" ނޫޅޭން.. ނޫޅެން..."
މަންމަގެ އަތް ފޮޅުވާލުމަށްފަހު ޒައިން ކޮޅަށް ތެދުވީ ހަޅޭއްލަވައިގަންނަމުންނެވެ.
" އުޝާ ބުނީ.. އުޝާއާ ނޫޙުގެ ޙަޔާތަށް މީހަކު އަތުވެއްޖެޔޯ! އުޝާދެން އަހަރެން ބޭނުމެއް ނުވޭ! އަހަރެންދެން ކީއްކުރަން ދުނިޔޭގަ ހުންނަންވީ؟ ބުނެބަލަ މަންމާ! އަހަރެން ކީއްކުރަން ދުނިޔޭގަ ހުންނަންވީ؟ އަހަރެން ހާދަ ދުވަހެއް ވެއްޖެޔޭ އެކަމާ ވިސްނާތާ..އަހަރެންގެ ލޯމަތީގައި އުޝާ ކުރާ ހިތާމަ ނުފެންނާތީއެއް ނޫނޭ ދެލޯމަރައިގެން އުޅުނީ.. ނޫޙު އެކަނި އުޅޭކަން ނޭނގޭތީއެއް ނޫނޭ އަޅާނުލާ އުޅުނީ.. މަންމަމެންނަށް އެނގެއެއްނު ކީއްވެގެންކަން.. އަހަންނަށް މަޖުބޫރުވީ ކީއްވެކަން އެނގެއެއްނު.. "
ޒައިންއަށް ރޮވިއްޖެއެވެ. އިތުރަށް އޭނައަކަށް ވާހަކައެއްވެސް ނުދެއްކުނެވެ.
" ދޭ! މަންމަވެސް ދޭ ... ދޭ ދޭ! "
އަމީރާގެ އަތުގައި ހިފައިގެން ގޮސް ބޭރަށް ނެރެލީވެސް ހަމަ ޒައިންއެވެ. އޭނާ ދޮރުލެއްޕުމާއެކު އަމީރާއަށް ރޮވިއްޖެއެވެ. އޭރު ސިޑިން އަރައިގެން ފަހުމީވެސް އަންނަތަން ފެނުނެވެ.
" ފަހުމީ..." ގޮތް ހުސްވެފައިހުރެ އަމީރާއަށް ގޮވާލެވުނެވެ.
" ޒައިން ހަމައެއް ނޫން.. އޭނަ ރަނގަޅެއްނޫން.. އޭނަ އުޅެނީ ވަރަށް ފާޑަކަށް..." ދެރަވެފައި ހުރެ އަމީރާ ވާހަކަ ދެއްކިއެވެ. އެއާއެކު ފަހުމީގެ މޫނުމަތިންވެސް ހިތާމައިގެ އަސަރުތައް ފާޅުވާންފެށިއެވެ.
" ދެން ކީއްކުރާނީ.؟ އަހަންނަށް ހީވަނީ ޑޮކްޓަރަކަށް ދައްކާލަންވީހެން.. އެހެންޏާ ނޫޅޭ ގޮތަކަށް އެއުޅެނީ.." ފަހުމީގެ ޖުމްލައަށް އަމީރާ ބޯޖަހާލިއެވެ. އެއާއެކު އެމީހުން ސިހުނީ އުޝާ ކޮޓަރި ހުޅުވާލުމުންނެވެ. އުޝާ ފެނުމާއެކު ދެމީހުންނަށްވެސް ބަލާލެވުނީ ގޮތްހުސްވެފައިވާ ގޮތަކަށެވެ.
" މަންމާ! ބައްޕާ! އަހަރެން ބޭނުން މިރޭ ނަވީންމެންގެއަށް ބަދަލުވާން."
އުޝާގެ ނިންމުން އަޑުއިވުމާއެކު އަމީރާ ތެޅިގަތެވެ. ފަހުމީގެ ގައިން އަތްދޫކޮށްލުމަށްފަހު އޭނާ އުޝާއަށް ކުރިމަތިލިއެވެ.
" އުޝާގެ ސަބަބުން އަހަރެންގެ ދަރިފުޅު އެހާ ޙާލުގައިވަނިކޮށް އުޝާގެ އުފަލުގައި އަހަރެމެން ބައިވެރިވާނެކަމަށް އުޝާ އުއްމީދުވެސް ނުކުރާތި.." އަމީރާ އެފަދަ އެއްޗެއް ބުނެފާނެކަމަކަށް އުޝާ ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ.
" އަމީރާ.. އޭ! ކޮންފާޑަކަށް ތި ވާހަކަ ދައްކަނީ؟" ފަހަތުން އައިސް ފަހުމީ އަމިރާގެ ދެކޮނޑުގައި ހިފާލިއެވެ. އޭރު އުޝާއަށް ހުރީ ރަނގަޅަށްވެސް ރޮވިފައެވެ.
" ޒައިންއަށް އެޙާލު ޖެއްސީ އުޝާއެއް ނޫނޭ! ހުރިހާކަމެއް ރަނގަޅަށް އެނގިހުރެ، އަމީރާ މިއަދު އެފަކީރާ ދިމާލަށް ކީކޭ ކިޔަންތަ ތިއުޅެނީ؟" ފަހުމީ ތަންކޮޅެއް ބާރަށް އެހެން ބުނުމުން އަމީރާ އިސްޖަހާލިއެވެ.
" އަހަންނަށް ރަނގަޅީ އުޝާ މިހާރުން މިހާރަށް ދިޔައްޔާ!! ފަހުމީ! ޖާބިރަށް ގުޅާފަ ބުނޭ އުޝާ ގެންދާށޭ!.. އަނެއްކާވެސް މަގޭ ދަރިއަށް އުޝާ ފެނުނިއްޔާ އޭނަގެ ޙާލަތު ދަށަށް ދާނީ.. "
އެހެން ބުނުމަށްފަހު އަމީރާ ބާރުބާރަށް ސިޑިން ފައިބައިގެން ތިރިއަށް ދިޔައެވެ. ރޮވިފައި ހުރި އުޝާއަށް ބަލާލަމުން ފަހުމީ އުޝާގެ ކޮނޑުގައި އަތްޖައްސާލިއެވެ.
" މަންމަ އެހުރީ ވަރަށް ބޮޑަށް ދެރަވެފަ! މިހާރު ޒައިންއާމެދު ނޫނީ އިތުރު އެއްވެސް ކަމަކަށް މަންމައެއް ނުވިސްނާނެ! އެއްޗެއް ހީނުކުރާތި... ބައްޕައަށްވެސް ރަނގަޅީ މިރޭ އުޝާ ދިޔައްޔާ! އެހެން ނޫނީ އަނެއްކާވެސް މަންމައަށް އެއްޗެއް ބުނެވިދާނެ.."
ފަހުމީ އެހެން ބުނުމުން އުޝާއަށް ރަނގަޅަށްވެސް ރޮވުނެވެ.
" ބައްޕާ! އަހަރެން ކުރިންވެސް ބުނިން އަހަރެންގެ މައިންބަފައިންނަކީވެސް އަދި އާއިލާއަކީވެސް ތީއޭ! މިއަދު މަންމަ އެގޮތަށް ކަންތައްކުރީމަ އަހަންނަށް އުފަލުގަ ހުރެވިދާނެތަ؟ އަހަރެން ދާންވެސް މިއުޅެނީ މަސްލަޙަތަށްވިސްނާފަ! އިތުރަށް މިގޭތެރޭގެ މަސްލަޙަތު ގޯސްވެދާނެތީ.."
" ބައްޕައަށް އެނގެޔޭ ހުރިހާ އެއްޗެއްވެސް.. ހުއްޓާލައިގެން ތައްޔާރުވޭ އަވަހަށް.. ޖާބިރަށް މިގުޅަނީ.." ފަހުމީގެ އޯގާތެރި ބަސްތަކުން އުޝާގެ ހިތަށް ކުޑަނަމަވެސް ފިނިކަމެއް ލިބުނު ކަހަލައެވެ.
(ނުނިމޭ)
ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (35)
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!