އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އުފެދިގެން ވޭތުވި އަހަރުތަކުގައި އެ އިދާރާއަށް އަނބުރާ ހޯދުނު ފައިސާގެ އަދަދަށްވުރެ އެ އިދާރާ ހިންގުމަށް އިމާރާތްތަކަށް ދެއްކި ކުލީގެ އަދަދު މާ ބޮޑުކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ވިދާޅުވެއްޖެއެވެ.
މަޝްހޫރު ޤާނޫނީ ވަކީލު، ޢަލީ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްގެ 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 6 ވަނަ ޖަލްސާގައި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު ހުށަހަޅުއްވާފައިވާ، ދައުލަތުގެ އޮފީސްތަކާއި އިދާރާތައް ހިންގުމަށާއި ގުދަންކުރުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަކުގެ ޢިމާރާތްތައް ދައުލަތުން ކުއްޔަށް ހިފުމަށް ގިނަ ޢަދަދެއްގެ ފައިސާ ހޭދަކުރަން ޖެހިފައިވާތީ، މިކަމަށް އަވަސް ޙައްލެއް ހޯދުމަށް ހުށަހަޅުއްވާފައިވާ ޤަރާރަށް ބަހުސް ކުރައްވަމުންނެވެ.
ބަހުސްގައި ޢަލީ ވިދާޅުވީ އެ ޤަރާރާއި ގުޅިގެން އޭގައި ވާކަމަކާމެދު ފުންކޮށް ވިސްނާލަން ޖެހޭ ކަމަށެވެ. އަދި އަލީ ވަނީ މިސާލެއްގެ ގޮތުން އޭސީސީ ނަންގަވައި ވާހަކަ ދައްކަވާފައެވެ. މިގޮތުން މިސާލަކަށް އޭސީސީން ގެއެއްގެ ހަތަރު ބުރި ކުއްޔަށް ނެގީމައި ނުކުންނަ ނަތީޖާއަކީ ކޮބައިތޯ ސުވާލު ކުރެއްވިއެވެ.
އަލީ ވިދާޅުވީ، އޭސީސީން ގެއެއްގެ ހަތަރު ބުރި ކުއްޔަށް ނަގައިގެން އެތަނަށް ދަނީ ފައިސާ ދައްކަމުން ކަމަށެވެ. އޭސީސީއަކީ ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވަން ހެދި މުއައްސަސާ ކަމަށާއި، 2008 އިން ފެށިގެން އެތަން އުފެދިފައިވާ ކަމަށް ޢަލީ ވިދާޅުވިއެވެ.
''އެހެންނަމަވެސް ވޭތުވި 15 އަހަރުގެ ތެރޭގައި އޭސީސީން މީސް މީހުންގެ އިމާރާތްތަކަށް ދެއްކި ކުލި މާބޮޑޭ އިއްޒަތްތެރި ރައީސް، އެމީހުންނަށް ރިކަވަރ ކުރެވުނު އެއްޗަކަށްވުރެ ބޮޑަށް'' ޢަލީ ވިދާޅުވިއެވެ.
ޢަލީ ވިދާޅުވީ އެ މުއްދަތުގައި އެ ކޮމިޝަނަށް ކުރެވުނު މަސައްކަތަށްވުރެ ބޮޑަށް، މީސްމީހުންނާއެކު އެއްބަސްވުންތައް ހަދައި ކުލި ދައްކަން ކުރެވުނު މަސައްކަތް މާ ގިނަ ކަމަށެވެ.
''ހަގީގަތުގައި މިހާރު ރައްޔިތުން އެބަ ސުވާލު އުފައްދާ ރާއްޖޭގައި އެންޓިކޮރަޕްޝަން ކޮމިޝަނެއް ހަމަ މިގޮތައް އޮންނަންވީތޯ؟ ނޫނީ އެހެނިހެން މައްސަލަތައް ބަލާހެން ފުލުހުންގެ އިދާރާއިން ކޮރަޕްޝަންގެ މައްސަލަތައް ބަލަންވީތޯ؟'' އަލީ ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!