ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރޭ ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑާއި ޕްރިމިއާ ލީގުގެ ޗެލްސީ ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ޑޯޓްމަންޑުން ކާމިޔާބު ކޮށްފިއެވެ. ރޭ ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ޗެލްސީގެ މައްޗަށް ކުރި ހޯދާފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 63 ވަނަ މިނެޓުގައި ޑޯޓްމަންޑަށް ކާމިޔާބު ކޮށްދީފައި ވަނީ ކަރީމް އަޑޭމީއެވެ. ޑޯޓްމަންޑުން އުފެއްދި ކައުންޓަ އެޓޭކެއްގައި އަޑޭމީ ވަނީ އަމިއްލަ ހާފުން ބޯޅަ ހިފައިގެން ގޮސް ސިޓީގެ އެންޒޯއާއި ކީޕަރު ކައިރިން ނައްޓާލުމަށް ފަހު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

Ad
rt

ފަހަކަށް އައިސް ލަނޑު ޖެހުމުގައި ޗެލްސީއަށް ދިމާވެފައިވާ މައްސަލަ، އެ ޓީމަށް ވަނީ މި މެޗުގައި ވެސް ކުރިމަތިވެފައެވެ. ނަމަވެސް މި މެޗުގައި އެ ޓީމުން ވަނީ ނުރައްކާތެރި ހަމަލާތަކެއް ޑޯޓްމަންޑްގެ ގޯލަށް އަމާޒުކޮށްފައެވެ. ފެލިކްސްއާއި ރީސް ޖޭމްސްގެ އިތުރުން އެންޒޯ ހެނާންޑޭޒްގެ ހަމަލާތަކުގެ ހުރަހަކަށް ވީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ޑޯޓްމަންޑްގެ ކީޕަރެވެ.

މި ދެ ޓީމް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅޭނީ އަންނަ މަހު ހަތްވަނަ ދުވަހު ޗެލްސީގެ ދަނޑުގައެވެ. މުބާރާތުގެ ކުއާޓާއިން ޗެލްސީން ޖާގަ ހޯދަން ބޭނުންނަމަ އެ މެޗުން ދެ ލަނޑުގެ ތަފާތަކުން މޮޅުވުން މި ވަނީ މަޖުބޫރު ވެފައެވެ.

ރޭ ދެވަނަ ބުރުގައި ކުލަބް ބްރޫޖްއާއި ބެންފީކާ ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާއާއި ގާތަށް ބެންފީކާ މި ވަނީ ޖެހިލާފައެވެ. އެ ޓީމަށް ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ ޖޯ މާރިއޯއާއި ޑޭވިޑް ނެރެސްއެވެ.