ތިލަދުންމަތީ ހުނަރުވެރިން: ސަމަދުބޭ ކަނބުރުވެރިކަން ކުރާތާ 52 އަހަރު، ބޭނުންވަނީ ހިތްވަރު!

ސަމަދުބޭ ކަނބުރު ގޭގައި
ސަމަދުބޭ ކަނބުރު ގޭގައި

އެންމެ ފުރަތަމަ ކަނބުރުވެރިކަމުގެ މަސައްކަތްތައް ފެންނަން ފެށީ ބައްޕަގެ ކަނބުރުގެއިންނެވެ. އޭރު ބައްޕަ ގާތަށް ގޮސް ކަނބުރުގޭގައި ހުންނަނީ ކޮންމެހެން އެ މަސައްކަތް ދަސްކުރާކަށް ނޫނެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް ފެންނަ ކަންތައްތަކަށް ވާތީ ކަނބުރުވެރިކަމަށް ކޮންމެވެސް ވަރަކަށް އޭރު ޝައުޤުވެރިކަން އުފެދުނެވެ.

ށ. ކަނޑިތީމު ޢަބްދުއްސަމަދު ޙުސައިން (ސަމަދުބޭ) މަދަރުސީ ޙަޔާތް ނިންމާލީ ރަށު މަދަރުސާއިންނާއި މާލޭ އީ.ޕީ.އެސް އިންނެވެ. އެއަށްފަހު އާމްދަނީ ހޯދުމަށް ކޮންމެވެސް ކަމެއް ކުރަން ބޭނުންވިއެވެ. އެހެންކަމުން ޢުމުރުން 18 އަހަރުގައި ކަނބުރުގޭގެ ދޮރު ހުޅުވާލީ އުއްމީދާއި ފޮނި ހުވަފެންތަކާއެކުގައެވެ. އެއީ ބުރަ މަސައްކަތެއްކަން އެނގޭ ޙާލު އެހާ ޅަ ޢުމުރުގައި އެމަސައްކަތް އޭނާ ފެށީ އެކަން ކުރެވޭނެކަމުގެ ފުރިހަމަ އިތުބާރާވެސް އެކުގައެވެ.

މިހާރު ޢުމުރުން 70 އަހަރުގެ ސަމަދުބޭ މި މަސައްކަތް ކުރާތާ 52 އަހަރު ވެއްޖެއެވެ. ޒުވާން ޢުމުރުގެ ދުވަސްތައް ހޭދަކުރީ އެ ބުރަ މަސައްކަތައިގެންނެވެ. އެެހެނަސް ފޫހިކަމެއް، ވަރުބަލިކަމެއްނެތި، މިހާރުވެސް ރެޔާ ދުވާލު ވޭތުކުރަނީ ކަނބުރުގޭގައެވެ. ރަށުންނާއި، ރަށުން ބޭރުން ލިބެމުންދާ މަސައްކަތްތައް ބަރާބަރަށް ނިންމައެވެ. އަލިފު އަތޮޅުން ފެށިގެން ތިލަދުންމަތީގެ ރަށްރަށުންވެސް ސަމަދުބޭއަށް މަސައްކަތް ލިބެއެވެ. އޭގެ އިތުރުން ރޮށިދަމާގޮނޑި، ރޯލު، އެސްއެސް ފޯއްވަޅި އަދި ތާސް ފަދަ އެއްޗެހި ރާއްޖެއިން ބޭރަށްވެސް ފޮނުވައެވެ. މިއީ އޭނާގެ ދުވަސްވީ ދިގު ދަތުރުގެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ސަމަދުބޭގެ ބައެއް އުފެއްދުންތައް

" އެއް އިރަކުވެސް މަސައްކަތް ނުލިބި ހުއްޓި ހުންނާކަށް ނުޖެހޭ! އަބަދުވެސް އޮންނަނީ ފުލްވެފަ! "

މިއީ ޑިމާންޑް ބޮޑު މަސައްކަތެއްކަން އަންގައިދެމުން އޭނާ ބުންޏެވެ.

ސަމަދުބޭ ޤަބޫލުކުރާގޮތުގައި މިހާރު ވެސް އާމްދަނީ ހޯދުމަށްޓަކައި ކުރަން މިއީ ވަރަށް ރަނގަޅު މަސައްކަތެކެވެ. އެކަމުގެ ހެއްކެއްގެ ގޮތުން އޭނާ ބުނީ 10 ދަރީން ބޮޑުކޮށް، ތަޢުލީމުދީ، އަމިއްލަ ފައިމައްޗަށް ތެދުވެ، ވަޒީފާތަކާއިހަމައަށް އެކުދިންނަށް ވާޞިލްވެވުނީ ކަނބުރުވެރިކަމުން ހޯދި ފައިސާއިން ކަމަށެވެ.  ސަމަދުބޭގެ ބައްޕައަކީ ކަނބުރެއްގެ އިތުރުން ކިއްސަރުވަޑާމާއި ތެދުވި ވަޑާންކުރި މީހެކެވެ. ހަމަ އެގޮތަށް ސަމަދުބޭއަކީ ވެސް އެހުރިހާ ހުނަރެއް ލިބިފައިވާ ކުޅަދާނަ ހުނަރުވެރިއެކެވެ.

ދިވެހީންގެ މަސްވެރިކަމާއި ދަނޑުވެރިކަމުގައި އަދި ވަޑާންކުރުމުގައިވެސް ބޭނުންކުރާ ގިނަ ސާމާނަކީ ދިވެހި ކަނބުރުވެރިކަމުގެ ތަކެއްޗެވެ. މީގެ އިތުރުން ބަދިގޭގައި ގެންގުޅޭ ބައެއް އާލާތްތަކަކީވެސް ކަނބުރުވެރިކަމުން އުފައްދާ އެއްޗެއްސެވެ. ހަމަ މިފަދައިން ސަމަދުބޭގެ ކަނބުރުގެއިން ވެސް އެފަދަ އެތައް އެއްޗެއް އުފައްދާފައިވެއެވެ. އެގޮތުން ނަގިލި، ކަތިވަޅި، މަސްވަޅި، ކޮށާވަޅި، ކަނޑިބުރި، ގަސްނޮޅާ ވަޅި، ބުރުމާކަށި، ޓިނުކަފާކަތުރު އަދި ހުނިގޮނޑިތިލައާއި ފުރޯ ފަދަ ތަކެއްޗަކީ ކަނބުރުގޭގައި އިނދެ، ތަޅައިގެން އުފައްދާ ތަކެއްޗެވެ. އަދި އިހުޒަމާނުގައި މާކެޔޮޅުކަމު ބޭނުންކުރި މިޔަރު ބާނާ ބުޅިއަކީވެސް ސަމަދުބޭ ވަރަށް ފޯރީގައި ހެދި އެއްޗެކެވެ. މިހާރު އެންމެ އާންމު މަސައްކަތަކަށް އޭނާ އުފައްދަނީ އެލްމިނިއަމް ވިރުވައިގެން ހަދާ ތާސްފަދަ އެއްޗެއްސެވެ. ކުރީޒަމާނުގައި މީހުން ގެންގުޅެފައި ހުރި ތާސްތާހުގެ ސައިޒްތަކަށް ނަމޫނާ ހަދައިގެން އެ ސައިޒްތަކަށް މިހާރުވެސް ސަމަދުބޭ އަންނަނީ ތާސް ހަދަމުންނެވެ. ތާސް އަޅަން ފަށާތާ ދެދުވަސް ތެރޭގައި ވިއްކާލެވޭވަރު ވާކަމަށް ސަމަދުބޭ ބުންޏެވެ.

ސަމަދުބޭގެ ބައެއް އުފެއްދުންތައް

އިހުޒަމާނުގައި މި މަސައްކަތް ކޮށްއުޅެނީ އަތުގިރުނބާ ބޭނުންކޮށްގެން ކަމުގައި ވިޔަސް މިހާރު އޭނާ މިކަން ކުރަނީ ކަރަންޓްގެ އެހީގައެވެ. އެހެން ނަމަވެސް މި މަސައްކަތަކީ ބުރަ ކަމެއްކަމުގައި އޭނާ ފާހަގަކުރިއެވެ.

" ފޮޓޯއަކުން ވީޑިޔޯއަކުން ފެނުނީމަ އަދި ތި ފެނުނީއެއް ނޫން! މި މަސައްކަތުގެ ބުރަކަމެއް އިޙުސާސް ކުރެވޭނީ، މަސައްކަތް ކުރާތަން ހަމަލޮލަށް ފެނުނީމަ!''

ކަނބުރުވެރިކަމުގެ މަސައްކަތްތައް ކުރަނިކޮށް ހަމަލޮލުން ޚުދު އަޅުގަނޑުވެސް ނުދެކެމެވެ. ސަމަދުބޭގެ ވާހަކައިން އެމަސައްކަތް ކުރާތަން ބަލާލުމުގެ ޝައުޤުވެރިކަން އުފެދިގެން ދިޔައެވެ. މި މަސައްކަތް ރާއްޖޭގައި ދެމި އޮންނާނީ، މި ފަންނަށް މީހުންގެ މެދުގައި ޝައުޤުވެރިކަން އުފެދިގެން ކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ. މިހާރުވެސް ކަނބުރުވެރިކަމުން އުފައްދާ ތަފާތު އެކިއެކި ސާމާނުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރަމުންދެއެވެ.

ކަނބުރުވެރިކަމުގައި މުޅި ޢުމުރު ހޭދަކުރަމުން އަންނަ ސަމަދުބޭގެ ހިތުގައި ޅަ ދުވަހު އޮތް ލޯބި މިއަދުވެސް މިކަމަށް އެބައޮތެވެ. ރާއްޖެއިން މިކަން ފަނޑުވެގެން ދާކަށް އޭނާ ބޭނުމެއްނޫނެވެ. އަދި އާއިލާގެ ތެރޭގައިވެސް މިކަން ދެމެހެއްޓެނިވި ކަމެއްގެ ގޮތުގައި ކުރުމަށް އޭނާ ބޭނުންވެއެވެ. އެހެންކަމުން މިހާރުވެސް ސަމަދުބޭ އަންނަނީ އޭނާގެ ދަރިޔަކު މި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިކޮށް، އެކަން ދަސްކޮށްދެމުންނެވެ.

ސަމަދުބޭ އާއި އޭނާގެ ދަރިފުޅު ކަނބުރުގޭގައި މަސައްކަތުގައި

ސަމަދުބޭ ދެކޭގޮތުގައި މި މަސައްކަތް ކުރުމަށް ޒުވާނުން ޝައުޤުވެރި ނުވަނީ، މިއީ ބުރަ، ބޮޑު ކަމަކަށް ވާތީއެވެ. ރިސޯޓްތަކުން ފަސޭހައިން ވަޒީފާ ލިބި، ކިޔަވައިގެން ފިނިކޮޓަރިތަކުގައި ވަޒީފާ އަދާކޮށްގެން އާމްދަނީ ލިބޭތީ، މިފަދަ މަސައްކަތްތައް ކުރުމަށް ޒުވާނުން ބޭނުން ނުވަނީކަމުގައި އޭނާ ދެކެއެވެ. ނަމަވެސް މިއީ ގޭގައި ހުރެގެން އާމްދަނީ ހޯދުމަށްޓަކައި ކުރަން ވަރަށް ރަނގަޅު މަސައްކަތެއް ކަމުގައި ސަމަދުބޭ ބުންޏެވެ.

" ތެދެއް! ކަނބުރުގެއަކަށް ވަނިއްޔާ އަޅި ބުރާނެ! އަޅި ބުރިޔަސް ކަނި ބުރިޔަސް މިކަން ފެށުނީމަ ވަރަށް ކުރާހިތްވޭ! ކަނބުރުގެއަށް ވަދެފަ ނިކުންނަ ހިތެއްނުވެ! ރޭގަނޑު 11 ޖަހާއިރުވެސް ހަމަ އިނދެވޭ ދަގަނޑު ތަޅާލަ ތަޅާލަ! "

ހިނިގަނޑެއް ޖަހާލަމުން އުފާވެރި ރާގެއްގައި ސަމަދުބޭ ބުނެލިއެވެ.

ސަމަދުބޭ އާއި އޭނާގެ ދަރިފުޅު މަސައްކަތުގައި

 

މި މަސައްކަތުގައި ސަމަދުބޭއަށް އެހީތެރިކަން ނުލިބޭ ހަމަ އެކަކުވެސް ނެތެވެ. ގާތްތިމާގެ މީހުންނާއި ރަޙުމަތްތެރިންނެވެ. ރަށުމީހުންނާއި ރަށުން ބޭރު މީހުންނެވެ. މަސައްކަތަށް ވިރުވަން ބޭނުންވާ ސާމާނު ހޯދުމަށް ރަށްރަށަށް ގުޅާލުމުންވެސް، އަގަކާނުލާ އެތަކެތި ސަމަދުބޭއަށް ފޯރުކޮށްދޭ ފަރާތްތަކަށާ އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް މިފުރުޞަތުގައި އޭނާ ޝުކުރު އަދާކުރެއެވެ.

ސަމަދުބޭ ކަނބުރު ގޭގައި

ކަނބުރުވެރިކަމަކީ ރާއްޖޭގެ އަތްތެރި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ވަރަށް ބުރަ މަސައްކަތެކެވެ. ކާބަފައިންގެ ޒަމާނުއްސުރެ، މިއަދާ ހަމައަށްވެސް މިއީ ދިރި އޮތް ކަމެކެވެ. އަދި ރާއްޖޭގެ ތާރީޚުގައިވެސް ކަނބުރުވެރިކަމަކީ ވަރަށް ކުރީއްސުރެ ކުރަމުން އަންނަ ކަމެކެވެ.އެގޮތުން ސަމަދުބޭއަކީ ރާއްޖޭގައި އެންމެ ގިނަ ދުވަހުގެ މުއްދަތަކަށް މި މަސައްކަތް ކުރަމުންދާ އެކަކެވެ. އެއީ ތިލަދުންމަތި ފަޚުރުވެރިވާފަދަ ހިތްވަރުގަދަ،  މޮޅު، ފަންނުވެރިއެކެވެ. ސަމަދުބޭ ބުނާ ގޮތުން މިކަމަށް ބޭނުންވަނީ ހިތްވަރެވެ. ހިތްވަރާއެކު ގަޔާވެގެން މަސައްކަތްކޮށްފިނަމަ ކަނބުރުގެއިން ނިކުންނަ ހިތެއް ނުވާނެއެވެ.

" ތިލަދުން" އިން އެދެނީ ސަމަދުބޭއަށް ކަނބުރުވެރިކަމުގައި ފަހި ދުވަސްތަކެއް ދެއްވާ ދުޅަހެޔޮ ޞިއްޙަތެއްގައި ލެއްވުމެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *