ވަގުތީ ބޭނުންތަކުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ޤާބިލުކަން އިތުރުކުރުމާއި އެއްބާރުލުން ދިނުމުގައި ޤައުމީ މަޞްލަޙަތުތަކަށް އިޙްތިރާމްކުރެވި، ކޮންމެ މެންބަރު ޤައުމަކަށްވެސް އެ ޤައުމެއްގެ ތަރައްޤީގެ މިސްރާބު އަމިއްލައަށް ކަނޑައެޅުމުގެ އިޚުތިޔާރު އޮންނަންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެންޓީގާ އެންޑް ބާބިޔުޑާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގެ އެގްޒެކެޓިވް ސެޝަން 2 ގައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކޮމަންވެލްތުން ވިލުންތެރި ބައިވެރިވުންތަކަށް އިސްކަންދޭނެ ތިން ދާއިރާއެއް ފާހަގަކުރައްވާފައެވެ.

Ad
rt

އެގޮތުން ނައިބު ރައީސް ފާހަގަކުރެއްވި ތިން ކަމަކީ، މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކޮށް އިސްނަގައިގެން މަސައްކަތްކުރުމަށް މީހުން ބާރުވެރިކުރުވުމާއި، ޤައުމީ ލަނޑުދަނޑިތަކަށް އިޙްތިރާމްކުރުމާއެކު އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ޤާބިލުކަން އަށަގެންނެވުމެވެ. މީގެއިތުރުން ކުރިމަތިވާ ގޮންޖެހުންތައް ޙައްލުކުރުމަށް އެންމެން ގުޅިގެން ޢަމަލީ މަސައްކަތްތަކަކަށް ބަދަލުކުރުމަކީވެސް އިސްކަންދޭންޖެހޭ މުހިންމު ދާއިރާއެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މޫސުމީ ވިލުންތެރިކަމުން ފެށިގެން ޑިޖިޓަލް ޓްރާންސްފޮމޭޝަނާ ހަމައަށް ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށްޓަކައި ތަޖުރިބާ ޙިއްޞާކުރުމާއި، ޢަމަލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ގުޅިގެން ޙައްލުތައް ހޯދުމުގައި އެއްބާރުލުން އިތުރުކުރުމަށް ގޮވާލެއްވިއެވެ. އަދި ކޮމަންވެލްތް ވަރުގަދަވުމަކީ ޤައުމުތަކުގެ އަމިއްލަ ބާރާއި ޤާބިލުކަމުގެ މައްޗަށް ބިނާވެ ކުރިއެރުމަށް މަގުފަހިކޮށްދޭ ޖަމާޢަތަކަށް ކޮމަންވެލްތްވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ތަރައްޤީގެ އަމާޒުތަކަށް އަލިއަޅުއްވާލައްވަމުން، 2040 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމުގެ އަމާޒު ނައިބު ރައީސް ވަނީ ތަކުރާރުކުރައްވާފައެވެ. އަދި 2030 ވަނަ އަހަރުގެ ނިޔަލަށް ޑިޖިޓަލް އިގުތިސާދަކީ ޖީޑީޕީގެ 15 އިންސައްތައަށް ހެދުމަށާއި، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހަކަތައިގެ 33 އިންސައްތައަކީ އިޢާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތައްވެސް އެމަނިކުފާނު ހިއްސާކުރެއްވިއެވެ.

މި ލަނޑުދަނޑިތަކަކީ އިތުރަށް ވިލުންތެރި ރާއްޖެއެއް ބިނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ބައެއްކަން ބަޔާންކުރައްވަމުން، ޤައުމީ ތަރައްޤީގެ އެންމެ ބޮޑު ބާރަކީ އަދި އޭގެ މަންފާ ޙައްޤުވާ ބަޔަކީ ރައްޔިތުން، ޚާއްޞަކޮށް ޒުވާނުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ޒުވާނުންނަށް ހުނަރާއި، ޢިލްމާއި، ފުރުޞަތުތައް ފަހިކޮށްދިނުމަކީ މި ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް ކުރެވޭ ވުނަކުރުމެއް ކަމުގައި ވިދާޅުވިއެވެ.

ބޭރުން އަންނަ ގޮންޖެހުންތަކަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ދުނިޔޭގެ ސަޕްލައި ޗޭނަށް އަރާ ބުރޫތަކާއި އިޤްތިޞާދީ ނުރައްކާތަކުގެ ސަބަބުން، ދުރުރާސްތާގެ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށާއި ވުނަކުރުމަށް ޤައުމުތަކަށް އޮތް ފުރުޞަތު ހަނިވަމުންދާ ކަމަށެވެ. އަދި ވިލުންތެރިކަން އިތުރުކުރަނިވި ބައިވެރިވުންތަކުގެ ތެރެއިން، ޤައުމުތަކުގެ މި މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގައި ކޮމަންވެލްތަށް ވަރަށް މުހިންމު ދައުރެއް އަދާކުރެވޭނެކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.