މިއީ 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ތ. އަތޮޅު ރަށެއްގައި ހިނގާދިޔަ ހަގީގީ ހާދިސާއެއްގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ. ރަށާއި މީހުންގެ އަސްލު ވަނަވަރު ހިމަނާފައި ނުވަނީ ޢާއިލާގެ އެދުމުގެ މަތިންނެވެ.
* ފަތަން އިނގުނު ނަމަ ކޮއްކޮ ސަލާމަތް ކުރެވުނީހޭ މިއަދުވެސް ހިތަށް އަރާ!
*ކޮއްކޮ އޮޔާ ދިޔައީ ލޯކުރިމަތީ!
*ސަލާމަތަށް އެދި ކޮއްކޮ އަހަންނަށް ގޮވާލިއަޑު އަދިވެސް ހީވަނީ އިވޭހެން!
އަސަރާއިއެކު ނުހާ (އަސްލުނަމެއްނޫން )ކިޔައިދިނެވެ.
އޭރު އޭނާއަށް އެންމެ ހަތް އަހަރެވެ. ނުވަ އަހަރުގެ ދޮންބެ އަދި ހަތަރު އަހަރުގެ ކޮއްކޮއާއިއެކު ނުހާ ދިޔައީ ކައިރިގެއަކަށް ކުންނާރު ބިންނާށެވެ. މަޖަލާ ސަކަރާތުގައި ތިއްބާ އެމީހުންނަށް އިވެންފެށީ ބަޔަކު ހަޅޭއްލަވާ އަޑެވެ. އެހެންވެ އެގޭ ފާރުބުރިމަތިން ފުންމާލައިގެން އަވަހަށް ގެއަށް އައީކަމުގައި ނުހާ ބުންޏެވެ. ވާނުވާ ނޭނގޭ ޙާލު ތިން ކުދިންވެސް ތިބީ އަތުގުޅާލައިގެން ގޭގެ ވަލުފަރާތު ދޮރުކައިރީގައެވެ. ކޮއްކޮގެ ދެއަތުގައި ހިފަހައްޓައިގެން ބިރުގަނެފައިވާ ޙާލު ނުހާމެން ތިއްބެވެ. އެވަގުތު މަންމަވީ ދައްތަ ޓިޔުޝަނުން ބަލާގޮހެވެ. އަޑުގަދަވަމުން އައިސް ބަލަހައްޓައިގެން ތިއްބާ " ޕްރެޝަރުގައި " އައި ރާޅުން ދޮރު ދިޔައީ ނެއްޓިގެންނެވެ. އަދި ބާރުމިނުގައި އައި ލޮނުގަނޑާއިއެކު ނުހާގެ އަތުން ކޮއްކޮ ދޫވެއްޖެއެވެ. ކޮއްކޮއާއި ދޮންބެވެސް އެހެން ދިމާލަކަށް އޮޔާ ދަމައިގަތްތަން ނުހާއަށް ފެނުނުކަމަށްވެއެވެ. ބާރު އޮޔާއެކު ނުހާގެންގޮސް އޮތީ ގިފިލީގައެވެ. ގިފިލިތެރޭގައި ހުރި ދެ ގުޅި ދޭތެރޭގައި ނުހާގެ ބޯ ތާށިވެ ފެންމަތީގައި އޭނާއަށް އޮންނަން ފުރުޞަތު ލިބުނެވެ. އެހެނަސް ދެން އޭނާއަށް ޖެހުނީ މަރާ ހަނގުރާމަކުރާށެވެ. ގިފިލި ފާރު ފުނޑުފުނޑުވެގެން އޭނާގެ ގައިމައްޗަށް ވެއްޓުނެވެ. އެއާއިއެކު ދެ ގުޅިވެސް ދުރުވެ، އޭނާ ދިޔައީ އަޑިއަށެވެ.މައްޗަށް އަރާނެ އެއްވެސް ފުރުޞަތެއް އޭނާއަކަށް ނުލިބުނެވެ. ބިރުވެރި އެވަގުތުކޮޅު ސިފަކޮށްދޭން ނުހާއަށް މިހާރުވެސް އުނދަގުލެވެ. އުމުރުން ހަގުކަމުން ސަލާމަތްވާން ހަދާނެ ގޮތެއްވެސް އޭނާއަކަށް ނޭނގެއެވެ. ތެޅިތެޅި އޮއްވާ ކުއްލިއަކަށް ލޮނުގަނޑުތެރެއިން މީހަކު އޭނާ ދަމައިގަތެވެ. ބާރު އޮޔާއެކު އައިސް، އެމީހާ އޮތީ ގިފިލީގައި ހުރި ގަހެއްގައި ހިފަހައްޓައިގެންނެވެ.
ގިފިލީގެ ފާރު ވެއްޓިފައި އޮތުމުގެ ސަބަބުން ބޭރުވެސް އެއްކޮށް ފެންނަން އޮތެވެ. ވަރުބަލިކަމާއި ބިރުވެރިކަމުގައި ލޮނުގަނޑުގެ ތެރޭގައި އޮއްވާ ކުއްލިއަކަށް ލޮލުގައި އަޅައިގަތީ ނުހާގެ ލޯބިވާ ކޮއްކޮއެވެ. ލޮނުގަނޑުގެ މަތިން ފެންނަނީ ކޮއްކޮގެ ބޯ އެކަންޏެވެ. އޭރު ބާރުބާރަށް އޮޔާއެކު ކޮއްކޮ ގެންދެއެވެ.
" ކުޑާއްތާ! އާދޭ ކޮއްކޮ ސަލާމަތްކުރަން "
ނުހާއަށް ތެޅިގަނެވުނެވެ. ނުހާގެ ގައިގައި ހިފަހައްޓައިގެން އޮތް މީހާ ގާތު ކޮއްކޮ ފެނުނު ވާހަކަ ބުނުމާއެކު އޭނާ ބަލާލަންވާއިރަށް ކޮއްކޮ ގެއްލުނެވެ. ވީ އެހާވެސް ކުޑަ ހިނދުކޮޅެކެވެ. އެ ސަރަޙައްދުގައި ކޮއްކޮގެ ހިލަމެއްވެސް ނެތެވެ. ނުހާ ގަދަ ހަދަމުން ދަނީ ކޮއްކޮ ހޯދަން ދާށެވެ. ރާޅުގެ އޮއިވަރު މަޑުވީ އިރުގައިވެސް އެބޭބެ ނުހާ ދުލެއް ނުކުރިއެވެ. ނުހާގެ މަންމައައިސް ދަރިފުޅު ދޫކުރާށޭ ބުނުމުންވެސް ދުލެއް ނުކުރިއެވެ. ހިތަށްލިބުނު ބިރުވެރި ކަމެއްގެ ސަބަބުން އެބޭބެވެސް އޮތީ ޝޮކެއްގައެވެ.
މަންމައާއިއެކު ނުހާ އާއި ދޮންބެ އަތިރިމައްޗަށް އައީ ބައްޕަ ގާތަށްކަމުގައި ނުހާ ބުންޏެވެ. އާއިލާގެ އެންމެން ހަމަވީ އިރުގައިވެސް ކޮއްކޮއެއް ނެތެވެ. ހާސްހިތަކައިގެން ކޮއްކޮ ކޮބައިތޯ ނުހާ ސުވާލުކުރިކަމުގައި އޭނާ ބުންޏެވެ. ދޮންބެވެސް އެތައް ފަހަރަކު ކޮއްކޮ ކޮބައިތޯ ބައްޕަގާތު ސުވާލުކުރިއެވެ. އެވަގުތު އަތުގެ އިޝާރާތުން ބައްޕަ ދެއްކީ އަތިރިމަތީގައި ހުރި އުސް، ސްޓޭޖެވެ.
" އޮރެންޖް ކުލައިގެ ފޮތިގަނޑެއް އޮޅާފައި ކޮއްކޮ އޮތްގޮތް އަދިވެސް އަހަންނަށް ސިފަވޭ! އެލޯބިލޯބި މޫނު ފެނި، އަހަންނަށް ހީވީ ދެންމެ ދެންމެ ލޯހުޅުވާލަފާނެހެން " ކުރަކިވެފައިވާ އަަޑަކުން ނުހާ ކިޔައިދިނެވެ.
ފަޅުތެރޭގައި އޮތް ދޯންޏެއް ސްޓާޓްކޮށްލިވަގުތު އޭގެ ދަށުން ކޮއްކޮގެ ހަށިގަނޑު ފެނުނުކަމުގައި އޭނާ ބުންޏެވެ. އެކުޑަކުޑަ ދަރިފުޅު ނެތްކަމުގެ ހިތްދަތިކަން މިއަދުވެސް އެއާއިލާދަނީ ތަޙައްމަލް ކުރަމުންނެވެ. އެދަރިފުޅު އެދިޔައީ ދުނިޔޭގައި ހޭދަކުރި ހަތަރު އަހަރު ދުވަހުގެ ފޮނި ހަނދާންތައް ދޫކޮށެވެ.
ދުނިޔޭގައި ހުރި އިރު، ކޮއްކޮގެ އެންމެ ފަހުވަގުތު ހޭދަކޮށްފައިވަނީ ނުހާއާއި ދޮންބެއާ އެކުއެވެ. އެހަނދާންތައް ދުވަހަކުވެސް އެމީހުން ހިތުން ފިލައިގެން ނުދެއެވެ. ތިން މީހުން އެއްކޮށް އޮޔާ ދަމައިގަތްވަގުތު ކޮއްކޮގެ އަތުން ދޫވީ އަހަރެންގެ އަތެވެ. ނަމަވެސް ދޮންބެ އޭރުވެސް އޮތީ ކޮއްކޮގެ އަތުގައި ބާރަށް ހިފަހައްޓައިގެންނެވެ. ރުކެއްގައި ބައްދައިގަނެގެން ދޮންބެ އޮތީ ސަލާމަތް ހޯދާށެވެ. އެހެނަސް ގަދަ އޮޔާއެކު ދޮންބެގެ އަތުގެ ތެރެއިން ކޮއްކޮގެ އަތް ދޫވީ ކުއްލިއަކަށެވެ. ދެމީހުން ދެތަންވެ، ދޮންބެއަށް ކޮއްކޮ ގެއްލުނީއެވެ. ލޯބިވާ ކޮއްކޮ ، އެފުން ލޮނުގަނޑުގެ ތެރެއަށް ދޫވީ ޚުދު ދޮންބެގެ އަތުގެ ތެރެއިންނެވެ. އެކަމާމެދު ދެރަވެ ދޮންބެއަށްވެސް ނަފްސާނީގޮތުން ވަރަށް އަސަރުކުރުވިއެވެ. އޭރު ދޮންބެގެ ޙާލަތު ގޯސްވެ، އިރުއިރުކޮޅުން ހޭވެރިކަންފިލާ ގޮސް އަނބުރައިގަނެއެވެ. އެންމެ ކުޑަދަރިފުޅު މުޅި އުމުރަށް އަތުން ބީވުމުގެ ހިތާމައިގައި ވަނިކޮށް ދެން ތިބި ދެދަރީން ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓުނެވެ. ގޮތް ހުސްވެފައިވާ އެމަންމައާއި ބައްޕަގެ ލަނގޮޑިއަށް ކުރާނެއަސަރު ބަޔާންކޮށްދޭން އަހަންނަށް ދައްޗެވެ. ކަމަކާ ދެރަވެ، ހާސްވެ މާބޮޑަށް ވިސްނަން ޖެހިއްޖެ ނަމަ މިހާރުވެސް ނުހާއަށް " ޕެނިކް އެޓޭކް " އަންނަ ކަމުގައި ނުހާ ބުންޏެވެ. އެއީ އެ ކާރިޘާއަށްފަހު މިއަދާ ހަމައަށްވެސް ނުހާ ތަޙައްމަލްކުރަމުންދާ ކަމެކެވެ.
ގިނަ މީހުން ބުނާގޮތުން ސުނާމީ ކާރިޘާއަކީ ހާދަހާ ކުރިއެކެވެ. އެކަމުގެ ސަބަބުން، މިހާރު އެހާބޮޑަށް ހަމަ ހިތްދަތި ވެދާނެހެއްޔެވެ؟ އެހެން ބުނާ މީހުންނަށް ނުހާ ދޭން ބޭނުންވާ ރައްދަކީ އެދުވަހު ކުރި އިޙްސާސް މިހާރުވެސް އޭނާއަށް ކުރެވޭކަމެވެ. ކޮއްކޮގެ ހަނދާންތަކާއި އެހިތްދަތި ވަގުތު މިހާރުވެސް އިއްޔެވީކަމެއްހެން ހަނދާންހުންނަކަމެވެ. އަތުން ދޫވުމަށްފަހުގައިވެސް ކޮއްކޮ އެންމެ ފަހުން ފެނުނީ އޭނާއަށެވެ. އެ ކުޑަކުޑަ ކުއްޖާގެ އެންމެ ފަހު ވަގުތުކޮޅު ސަލާމަތަށްއެދި ގޮވީވެސް އޭނާގެ ނަމުންނެވެ. އޭނާއަށް ކޮއްކޮ ސަލާމަތްކޮށް ނުދެވުމުން މިއަދުވެސް އަމިއްލަ ނަފްސު ކުށްވެރިކުރެވެއެވެ. 18 އަހަރު ފާއިތުވެފައިވީ ނަމަވެސް ކޮއްކޮގެ ހަނދާންތައް ތާޒާކަމާއެކު އޭނާގެ ސިކުނޑީގައި ކުރެހިފައިވެއެވެ. ކޮއްކޮދެކެ ވާ ލޯބި އެހިތުގައިވަނީ ބިންވަޅު ނެގިފައެވެ.
ކަންކަމާއި ދެރަވެ ހިތްދަތިވުމުން ނުހާއަށް ދެވެނީ ސުނާމީބިނާ ކައިރިއަށެވެ. ބިނާގެ ކޮންމެ ހޮޅިއެއް ނިސްބަތްވަނީ ސުނާމީ ކާރިޘާގައި ނިޔާވި މީހަކަށެވެ. އެބިނާ އޭނާއަށް ޚާއްސަ ސަބަބަކީ އެއީކަމަށްވެސް ވެދާނެއެވެ. ސުނާމީ ބިނާއަކީ އެދުވަހުގެ ރަމްޒީ ހަނދާނެކެވެ. އެހެންކަމުން އެތަން ރައްކާތެރިކޮށް ބެލެހެއްޓުމަކީ އެންމެންވެސް ކުރަންޖެހޭނެ ކަމެއްކަމުގައި ނުހާ ދެކެއެވެ،
2004ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވީ އާދިއްތަ ދުވަހަކީ ރާއްޖެދުށް އެންމެ ބިރުވެރި ކާރިޘާއެވެ. އެދުވަހަކީ ރާއްޖޭގެ ރައްޔިތުން ދުވަހަކުވެސް ހިތުންފިލާނެ ދުވަހެއްނޫނެވެ. އެ ކާރިޘާގައި ރާއްޖެއިން 82 މީހުން ނިޔާވެފައިވެއެވެ. އަދި 26 މީހުންވަނީ ގެއްލިފައެވެ. ނުހާ ފަދައިން އެފަރާތްތަކުގެ އާއިލާތަކުން މުޅި އުމުރަށްވެސް އެހަނދާންތައް އާކުރާނެއެވެ. އެހިތްދަތިކަން ތަޙައްމަލް ކުރާނެއެވެ. އަދި އެދުވަހުގެ ބިރުވެރިކަން އިޙްސާސްކުރާނެއެވެ. މާތްﷲ އެ އާއިލާތަކަށް ކެތްތެރިކަން ދެއްވާ އެފުރާނަތަކަށް ހެޔޮރަޙްމަތް ލައްވާށި! އާމީން
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!