އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޢަބުދުﷲ (މުހައްމާ) ހިމެނޭހެން އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ބަޔަކު ރޭ ހައްޔަރުކޮށްފިއެވެ.

މި މީހުން ހައްޔަރުކޮށްފައި ވަނީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރަން ގޮވައިލާ އިދިކޮޅުން ވެރިރަށް މާލޭގައި މުޒާހަރާ ރޭ ކުރި މުޒާހަރާގެ ތެރެއިންނެވެ.

Ad
rt

ޕީޕީއެމްގެ ރަސްމީ ޓްވީޓާއިން ބުނެފައިވާ ގޮތުގައި އެ މުޒާހަރާގެ ތެެރެއިން 15 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ޕީޕީގެ ސެނެޓަރުން ކަމަށްވާ މުހައްމާ އާއި، ސަނާހް އާއި ޕީއެންސީގެ ސެނެޓަރުން ކަމަށްވާ އަހްމަދު އަދުނާނާއި، އަޒްހަރާއި، ޝަހީދު އާއި، ޕީޕީއެމްގެ ޔޫތު މެންބަރުންކަމަށްވާ މާނިއު އާއި، ޝަމޫން، މިސްބާހް އާއި އަދި ހެންވޭރު ދެކުނު ދާއިރާގެ ނައިބު ރައީސް ޝައްމާން ހިމެނެއެވެ.

ޔާމީންގެ މައްޗަށް ޙުކުމްކުރީ އިއްޔެ އިރޮއޮއްސެނިކޮށެވެ. އެ ހުކުމަށްފަހު އިދިކޮޅުން ރޭ ވަނީ މާލޭގައި މުޒާހަރާ ކޮށްފައެވެ. އެ މުޒާހަރާގެ ބައިވެރިން ހިފަހައްޓައިގެން ތިބި ކަރުދާސްތަކުގައި ޔާމީން މިނިވަންކުރަން ގޮވާލާފައިވާއިރު، ޙުކުމް ކުރީ އިންޑިއާ އެމްބަސީން އަންގައިގެން ކަމަށް ވެސް ބުނެފަ ވެއެވެ. އަދި އެއީ އުންސުރު ހަމަނުވާ ''ޙަރާމް'' ހުކުމެއް ކަމަށް ވެސް ބުނެފަވެއެވެ.

ވ. އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ޙުކުމް ކޮށްފައިވާއިރު، އެ މައްސަލާގައި ޔާމީންގެ މައްޗަށް އިއްވާފައި ވަނީ، 11 އަހަރުގެ ޖަލު ހުކުމަކާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެކެވެ. އަދި ޖޫރިމަނާ ފައިސާ އިއްޔެއިން ފެށިގެން ހަ މަސް ތެރޭގައި ދައުލަތަށް ދައްކަން ވެސް އަންގާފަވެއެވެ. މި ހުކުމް ދެމި އޮތްހާ ހިނދަކު، އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ގެއްލޭނެ އެވެ.