ސްކޫލް ބަންދާއި ދިމާކޮށް އަހަރެމެން އާގެއަށް ބަދަލުވީމެވެ. އެއީ އަލަށް އާބާދުވާ ސަރަޙައްދަކަށްވާތީ އެހިސާބުގައި މީހުން ދިރިއުޅޭ މާގިނަ ގެތަކެއް ނުހުރެއެވެ. އަހަރެމެންގެ ގެއާއި އެކު ދެތިން ގެއެއް ފިޔަވާ ދެން މުޅިންވެސް ހުރީ ރާނަން ފަށާފައިވާ ގެތަކެވެ. އެހެންކަމުން އެސަރަޙައްދު އޮންނަނީ ދިރުންނެތް ތަނަކަށްވެފައެވެ. އެހިސާބުގަނޑުގައި ކުރިން ހުރި ބޮޑެތި ބިޔަ ގަސްތަކާއި ރުއްތައް ގެދޮރު އަޅަން މިހާރު ހުރީ ކަނޑާފައެވެ. އެހެނަސް ވިނަބޯ ޖަންގައްޔެއްފަދަ ގެވަޅުތައް ބައިވަރެވެ. އަހަރެމެން ދިރިއުޅޭ ގެ ވަށައިގެންވެސް އޮންނަނީ އެފަދަ ތަންތަނެވެ. އެހެންވެ ރޭގަނޑު އަހަރެމެން އެއްގޮތަކަށްވެސް ބޭރަކަށް ނުދަމެވެ.

ރޭގަނޑުގެ ހަމަހިމޭންވަގުތެވެ. އަހަރެން އޮތީ ފޯނުން ފިލްމެއް ބަލާށެވެ. އަހަރެންގެ ތިން އަހަރުގެ ދަރިފުޅު ޝެލީ ދާދި ގާތުގައި ނިދާފައި އޮތެވެ. ކުއްލިއަކަށް އަހަރެން ސިއްސައިގެން ދިޔައީ ބާރުބާރަށް ދަރިފުޅު ރޮއިގަތުމުންނެވެ. ދަރިފުޅު ހުއްޓުވަން އަހަރެން އެތައް މަސައްކަތެއް ކުރީމެވެ. އެހެނަސް ވާ ކަމެއް ނޭނގެއެވެ. ހަމަ ރޮނީއެވެ. ހިތަށް ކެތްނުވެގެން އަހަރެންގެ ފިރިމީހާ ނާޒިމްއަށް ގުޅީމެވެ. ޝެލީއަށް ކޮންމެވެސް ކަމެއް ވާކަމަށްބުނެ އަވަހަށް ގެއަށް އައިސްދިނުމަށް އެދުނީމެވެ. ފޯނު ބޭއްވުމަށްފަހު އަވަސް އަވަހަށް ދަރިފުޅު އުރާލީމެވެ. އޭރު ރޮއިރޮއި ވަރުބަލިވެގެން ޝެލީ އަހަރެންގެ ކޮނޑުމައްޗަށް ދެމިއްޖެއެވެ.

Ad
rt

އެދަރިފުޅަކީ އަހަރެމެން ދެމީހުންގެވެސް ލޮލުގެ ފިނިކަމެވެ. ފުރާނައެވެ. އަދި އަހަރެމެންގެ ޙަޔާތުގެ އުފަލެވެ. އަހަރެމެންނަށް ޝެލީ ލިބުނީ ކައިވެންޏަށް ދިހަ އަހަރު ވީ ފަހުންނެވެ. ވިހެއުމުގެ ތެރޭގައި ދިމާވި ކަމެއްގެ ސަބަބުން އަހަރެންނަށް ދެން ދުވަހަކުވެސް ދަރިއަކު ނުލިބޭނެކަމަށް ޑޮކްޓަރ ވިދާޅުވެފައިވާތީ އަހަރެމެންގެ ދިރިއުޅުމުގެ އަސްލަކީ ޝެލީއެވެ. ވީއިރު އެދަރިފުޅު ގައިގައި ކޫރުމެއްވެސް އެޅެން އަހަރެމެން ބޭނުންވާނެ ހެއްޔެވެ؟ އެދެލޮލުން ކަރުނަތިއްކެއްވެސް ވެއްޓުނަދޭނެ ހެއްޔެވެ؟ ޝެލީ އުރާލައިގެން ދެކޮޅަށް ހިނގާލަހިނގާލަ އަހަރެން ހުރީމެވެ. އިސާހިތަކު ފިރިމީހާ އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. އޭރު ޝެލީއަށް އޮތީ ނިދިފައެވެ. އޭނާ އައިސް އަހަރެންގެ ކޮނޑުމަތިން ޝެލީ ނަގާ މަޑުމަޑުން އެނދުގައި ބާއްވާލިއެވެ. އޭރުވެސް އެދަރިފުޅު މަޑުމަޑުން ގިސްލާކަން އަހަންނަށް ފާހަގަ ކުރެވުނެވެ. އެހެންކަމުން ދުރުގައި ހުންނަ ހިތް ނުވެގެން އަހަރެން އަނެއްކާވެސް ޝެލީގާތު އޮށޯވެލީމެވެ.

" އެވާނީ ހުވަފެނެއް ފެނުނީ ކަމަށް! " ނާޒިމް އަހަރެންގާތު އޮށޯވެލަމުން ބުނެލިއެވެ.

" ވެދާނެ ތިހެން ކަމަށްވެސް! އެކަމަކުވެސް ހާދަ ވަރަކަށޭ އެރުއީ! އަހަރެން އަދިވެސް ހުންނަނީ ހިތް ބިރުގަނެފަ! "

ނާޒިމް އަހަންނަށް ވަރަށް ވިސްނައިދިނެވެ. ކޮންމެ ކަމަކަށްވެސް ކެތްތެރިވުމަށް ނަޞޭޙަތްދިނެވެ. ދަރިފުޅުދެކެ ލޯބިވާންވާނީ، ކޮންމެ ކަމެއް ދިމާވިޔަސް ކެތްކުރެވޭ ވަރަށް ކަމުގައިވެސް ބުނެދިނެވެ. އޭނާގެ ބަސްތައް އިވި އަހަރެންނަށް އޮތީ ރޮވޭގޮތްވެފައެވެ.

" މާދަމާ! އަހަރެން މިއުޅެނީ ރައްޓެހިންތަކަކާއެކީގަ ފާނަ ބާނަން ދާން! ފަހަރެއްގަ އާދެވޭނީ ރޭގަނޑުހެން ހީވަނީ! އެކަނި އޮންނަން ނުކެރެންޏާ އަހަރެންގެ މަންމަގެއަށް ނިދަންދޭ އިނގޭ! "

ނާޒިމް ލޯތްބާއިއެކު އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. އަހަރެން އެގޮތަށް އެއްބަސްވީމެވެ. ނާޒިމް މަސައްކަތްކުރަނީ އަމިއްލަ މީހެއްގެ ކުންފުންޏެއްގައި މާލޭގައެވެ. ޗުއްޓީ ބަންދާ ދިމާކޮށް މިފަހަރު ރަށަށް އެއައީ އަހަންނާއި ޝެލީ އާގެއަށް ބަދަލުކުރާށެވެ.

ނަމާދުކޮށްލައިގެން އަހަރެން އޮތީ ޝެލީގާތު އޮށޯވެލައިގެންނެވެ. އެވަގުތު ނާޒިމްއައީ މިސްކިތުންނެވެ. އަދި އަހަރެން ގާތު ކޮފީއެއް ހަދަން ބުނެ، ޝެލީގެ މޫނާއިދިމާއަށް ގުދުވެލާ ދެކޮލަށް ބޮސްދިނެވެ.

" ބައްޕަގެ ފުއްގަނޑު.. ހާދަ ލޯތްބެއްވެޔޭ! "

އެއީ އަބަދުވެސް ނާޒިމް ޝެލީއާއި ދިމާލަށް ލޯބިން ބުނާއެއްޗެކެވެ. އެމަންޒަރު ބަލަން ހުރެ ލިބުނު ހިތްހަމަޖެހުމާއެކު އަހަރެން ކޮޓަރިން ނިކުތީމެވެ. ފަހަތުން ނާޒިމްވެސް ނިކުތެވެ.

" އެމަންޖެ މިހާރު ވަރަށް ލޯބި ވާހަކަ ދައްކާދޯ! މާލެ ދާހިތްވެސް ނުވޭ! ރަށުން ވަޒީފާއެއް ހޯދައިގެން އަންނަންވީ! "

ފިރިމީހާގެ އެ ވާހަކައިން އަހަރެން ވަރަށް އުފާވިއެވެ. މިއީ އަހަރެންގެ އުފަން ރަށެއް ނޫނެވެ. އެހެންކަމުން އާއިލާގެ މީހުންނަކީވެސް ހަމައެކަނި ފިރިމީހާގޭ މީހުންނެވެ. އަހަންނަކީ ރަށުތެރެއަށް ނިކުމެ އުޅޭ މީހަކަށް ނުވާތީ އަހަރެންގެ މާގިނަ އެކުވެރިންނެއްވެސް ނުތިބެއެވެ.

" އަހަރެންވެސް ވަރަށް ދެކެން ބޭނުންވާ ދުވަހެއްތީ "

ކޮފީތަށި ދިއްކޮށްލަމުން އަހަރެން ބުނެލީމެވެ.

" އަހަރެން ބޭނުންވަނީ އަބަދުވެސް ޝެލީ ފެންނަ ފަށުގައި އުޅެން. އަހަރެމެންނަށް ދެން އިތުރު ކުއްޖަކު ނުލިބޭނެޔޭ ހިތަށް އަރާ ކޮންމެ ފަހަރަކު ޝެލީދެކެ ވާ ލޯބި އިތުރުވޭ! "

ނާޒިމް އެދައްކަނީ ހަމަ އަހަންނަށްވެސް ވާގޮތެވެ. އަހަރެންގެ ހުރި ނުކުޅެދުންތެރިކަމަކުން ދެން އެއުފާ ނުލިބޭނެކަން އަހަންނަށްވެސް އެނގެއެވެ. އެކަމަކު އެހިތާމައިން ދުރަށްދެވެނީ އަހަރެމެންގެ ލޯބި ދަރިފުޅު ޝެލީ އަހަރެންގާތުގައި ހުންނާތީއެވެ.

ކޮފީތަށި ބޯލުމަށްފަހު ނާޒިމް ތައްޔާރުވީ މަހަށް ދާށެވެ. ޗުއްޓީއަށް އަންނަ ކޮންމެ ފަހަރަކުވެސް ގުރޫޕް ހަދާފައި މަހަށް ދިޔުމަކީ އޭނާގެ އާދައެކެވެ. ނާޒިމް ދިޔުމުން އަހަރެން އޮށޯތީ ކުޑަކޮށް ނިދާލާށެވެ.

ސިހިފައި ހޭލެވުމާއެކު އަތުގައި އަޅާފައިއޮތް ގަޑިއަށް ބަލާލީމެވެ. އޭރު ގަޑިން 9 ޖަހަން ކައިރިވެއްޖެއެވެ. އޭރުވެސް ޝެލީއޮތީ ނިދާފައެވެ. ހެނދުނު ސައިބޯން ރިހަ ބަލައި އަންނާށޭ ނާޒިމްގެ މަންމަ ބުނެފައި އޮތް ހަނދާންވެގެން އަވަސް އަވަހަށް އަހަރެން ތައްޔާރުވީ އެގެއަށް ދާށެވެ. ނިދާފައި އޮތް ޝެލީންގެ ކޮލުގައި ދެފަހަރަކު ކޮއްޓާލުމުން ފުރޮޅިލާފައިވެސް ނިދަނީއެވެ. އެހެންކަމުން އަދިވެސް އެމަންޖެ ނިދި ހަމަނުވަނީކަން އަހަންނަށް އެނގުނެވެ. ނިދާފައި އޮތްގޮތް ލޯބިކަމުން ދަރިފުޅުގެ ދެކޮލަށް ދޮނެއް ދިނުމަށްފަހު އަހަރެން ކޮޓަރިން ނިކުމެ ތަޅުލީމެވެ. އަދި ބޫޓުހަރުން ބޫޓެއްގެ ތެރެއަށް ތަޅުދަނޑިލުމަށްފަހު ބައިސްކަލަށް އަރާ ދުއްވާލީމެވެ. ޝެލީ ހޭލަންވާއިރަށް ނާދެވުނިއްޔާ އޭނާ ރޯނެތީ އަހަރެން ހުރީ ކޮންމެވެސް ވަރަކަށް ހިތް ނުތަނަވަސްވެފައެވެ. އެނބުރުނުހާ ބާރަކަށް ފައިން އަނބުރަމުން ގޮސް، ބައިސްކަލް މަޑުކޮށްލީ މައިދައިތަގޭ ދޮރުމައްޗަށެވެ. ޝެލީ އޮތީ ނިދާފައިކަމާ އަވަހަށް ގެއަށް ދާންޖެހޭނެ ވާހަކަ ބުނުމުން ނާޒިމްގެ މަންމަވެސް ހަރަކާތްތައް އަވަސްކޮށްލިއެވެ. މަތިޖެހި ބޯތައްޓަކަށް ރިހައަޅާ، ކޮތަޅަކަށްވެސް ލައިދިނެވެ.

ހަމަ އެވަގުތެވެ. ކުއްލިއަކަށް ބާރު އަޑުފަށްގަނޑެއް އިވެން ފެށިއެވެ. އަހަންނަށްވުރެ ކުރިން މަގުމައްޗާއި ދިމާއަށް ދުއްވައިގަތީ މަންމައެވެ. އޭރު އަހަރެން ހުރީ އެގޭ ބަދިގެ ދޮރުމަތީގައެވެ. ދެލޮލުން ބަލަން ބޭނުން ނުވި ނަމަވެސް އަހަންނަށް ފެނުނު މަންޒަރުން ބިރުން ފިތްކަނޑައިގެންދާވަރުވިއެވެ. ބާރު އޮޔާއެކު ރާޅުގަނޑު އައިސް އަހަރެންގެ ފައިދަށުން ދެމިގަނެގެން ދިޔައީ އަހަރެންވެސް ގޮވައިގެންނެވެ. ހިތަށް ލިބުނު ބިރުވެރިކަމާއެކު ހިތް ހީވަނީ ހަށިގަނޑުގެ ތެރެއިން ފުންމާލަފާނެހެންނެވެ. އޭރު އެކީ އެކައްޗަކަށް އިވެމުންދަނީ ކުދިބޮޑު އެންމެންގެ ރުއިމުގެ އަޑެވެ. ބައެއް ބޮޑެތި ފާރުތައް ފުނޑުފުނޑުވެގެން ފައިބާ މަންޒަރު އަހަންނަށް ސިފަވީ ވަރަށް ވެސް ބިރުވެރިކޮށެވެ. ދަރިފުޅު ނިދާފައި އޮތް ހަނދާންވުމާއެކު އަހަރެންގެ ހެޔަށް ގޮތްވިއެވެ. ހިތާއި ސިކުނޑި މަސައްކަތްކުރާވަރު އަވަސްވެ، އަހަންނަށް ވީނުވީއެއް ނޭނގުނެވެ.

ހޭވެރިކަން ވީ، މީހަކު އަހަރެން ނަގަން މަސައްކަތްކުރަނިކޮށެވެ. އޭރު ނުރިއްސާ އެންމެ ތަންކޮޅެއްވެސް ގަޔަކުނެތެވެ. އަތުގެ އެތަންމިތަނުން ލޭ އަންނަތަން ފެނެއެވެ. އޭރު އަހަރެންގެ ހަނދާނަކަށް އެއްވެސް އެއްޗެއް ނާދެއެވެ. ކުރިމަތީގައި ހުރި ނުދަންނަމީހާ ރޮވިފައިހުރެ އަހަރެންގެ އަތުގައި ހިފާ ތެދުވެވޭތޯ ބަލާށޭ ކިޔައެވެ. އަހަރެން މަޑުމަޑުން ވަށައިގެންވާ މާޙައުލަށް ލޯހިންގާލީމެވެ. ރޮއި ހޭރެމުން ދުވެދުވެފައި އުޅޭ މީހުންތައް ފެނުމުން އަހަރެން ހައިރާންވީމެވެ. ގާތަކާއި ކުނިބުނިން މުޅި ހިސާބުގަނޑުއޮތީ ގޮނޑުވެފައެވެ. ކުއްލިއަކަށް އަހަންނަށް ފެނުނީ ކުޑަކުއްޖެއް އަތްދަނޑިމައްޗަށް ލައިގެން އަޑުގެ ކޮޅަށް ރޯން އިން ފިރެހެނެކެވެ. އެހިސާބުން އަހަރެންގެ ސިކުނޑި ކޮންމެވެސް ވަރަކަށް މަސައްކަތްކުރަން ފެށިކަހަލައެވެ.

" ޝެލީ! ދަރިފުޅާ! މަގޭ ޝެލީ! " އަހަންނަށް ބުނެވުނެވެ.

އަހަރެންގެ ކުރިމަތީގައި ހުރެ އަހަރެން ނަގަން މަސައްކަތްކުރަމުންދިޔަ ބޭބެގެ ދެއަތް ފޮޅުވާލުމަށްފަހު އަހަރެން އަމިއްލައަށް ތެދުވީމެވެ. ތެދުވެވުނުހެން ހީނުވެ އަހަރެން ވެއްޓުނެވެ. ދެފައިގައި ހިނގާލާނެވަރެއްނެތެވެ. އޭރު އަހަރެން ތުރުތުރުއަޅަމުންދެއެވެ. ނުތެދުވެވުމުން ފިރުކެން ފެށީމެވެ. އަހަންނަށް ހުރެވުނީ ރަށުގެ ކޮން ހިސާބެއްގައިކަމެއްވެސް އަހަންނަކަށް ނޭނގެއެވެ. ބަލާލާ ކޮންމެ ދިމާލެއްވަނީ ސުންނާފަތިވެ، ދޮވެލާފައެވެ. ބައެއް ގެތައް ހުރިތަނުގައި ހުރީ ބިމާހަމަވެފައިވާ ގާތަކެވެ. ގަސްގަހާއި ރުއްތައްވެސްވަނީ މުލުން ލުހިގެން ވެއްޓިފައެވެ.

" މަގޭ ދަރިފުޅު... މަގޭ ދަރިފުޅު... " އެނޫން އެއްޗެއް އަހަންނަކަށް ނުކިޔެއެވެ.

އެހެން މީހުންނެކޭ އެއްގޮތަށް އަހަންނަށްވެސް އަޑުންއަޑުނަގާ ރޮވެނީއެވެ. ލޮލަށް ފެންނަން ހުރި ތަންތަން ބިމާހަމަވެފައިވާތީ އަހަރެންގެ ގޭގައި ނިދާފައި އޮތް ފުރާނަފަދަ ލޯބިވާ ދަރިފުޅުގެ ޙާލަކީ ކޮބައިބާއޭ ހިތަށް އެރުމާއެކު އަހަރެންގެ ރުއިމުގެ އަޑު ގަދަކޮށްލެވެއެވެ. ދަތި ޙާލުން ކޫއްތެމުން އަހަރެން ކުރިއަށް ދާންފެށީމެވެ. ކޮޅަށް ތެދުވެވޭ ޙާލު ހިނގަމުން ވެއްޓުނީމަ، ފިރުކެމުން ގޮސް އަހަންނަށް ގެ ހުންނަ ސަރަޙައްދަށް އާދެވުނެވެ. އެހިސާބުގައި އެންމެ ގެއެއްވެސް ފެންނަން ނެތުމުން އަހަންނަށް ލިބުނީ ޝޮކެކެވެ. ކުރިއަށްދާނެ ހިތްވަރެއް ނުލިބުނެވެ. އަހަރެންގެ ގޭގެ އެއްބައި ނެތެވެ. ބައެއްފާރުތައްވަނީ ވެއްޓިފައެވެ. ފައިގައި ކަސްތޮޅު އެޅިފައިވީ ނަމަވެސް އަހަރެން ހިތްވަރުކުރީމެވެ. ދަރިފުޅު ދިރިހުއްޓާ ފެންނާނެކަމަށް އުއްމީދުކުރީމެވެ. މާތްﷲއަށް ވަކީލުކޮށް ދުޢާކުރަމުން އަހަރެން އެދިމާލަށް ދިޔައީމެވެ. ވަރަށް އުނދަގުލުން ހިނގަމުންގޮސް އަހަރެން ހުއްޓުނީ ގޭގެ ކުރިމަތީގައެވެ. ނުވެއްޓި ހުރީ ކޮޓަރީގެ ފާރުތަކެވެ. އެހެން ހުރިހާ ފާރެއް ވެއްޓި ފުނޑުވެފައި ހުރުމުގެ ސަބަބުން އަހަންނަށް އެތަނަށް ވަދެވޭ ގޮތެއް ނުވިއެވެ. އޭރު ގިނަ ޢަދަދެއްގެ ބަޔަކު އައިސް އަހަރެން ވަށާލައިފިއެވެ. އެމީހުން ބައެއްފަހަރު އަހަރެން ހިފަހައްޓަން އުޅޭހެންވެސް ހީވެއެވެ. އެހެނަސް އެތަނަށް ވަންނަން އަހަރެން ބޭނުންވިއެވެ.

" މީތަ ގެއަކީ؟ ގޭގައި އިތުރު މީހަކު އުޅޭނެތަ؟ "

އބޭބެ އަހަންނާ ވާހަކަ ދައްކާގޮތުން އޭނާއަށް އަހަރެން ނޭނގެނީކަން އަހަންނަށް އެނގުނެވެ. މޭގައި އަތް އަޅައިގެން ހުރެ އަހަރެން ރޮމުން ރޮމުން ވާހަކަ ދައްކަން މަސައްކަތްކުރީމެވެ. އޭރު އަހަރެންގެ އަޑު ނިކުންނަނީ ކިރިޔަ ކިރިޔާއެވެ.

" ދަ..ދަ..ދަރިފުޅު...." ގެއާއިދިމާއަށް އަތް ދިއްކޮށްގެން ހުރެ އަހަރެން ކިޔަމުންދިޔައީމެވެ.

" ހަމަޖެހޭ! އެކޮއި ހަމަޖެހޭ! އެތަނަށް އެ ވަންނަނީ މީހުން! އިރާދަކުރެއްވިޔާ ސަލާމަތުން ދަރިފުޅު ފެންނާނެ! " އެބޭބެ އޯގާތެރިކަމާއެކު ބުނެލިއެވެ.

އަހަރެން ހިމޭންވި ނަމަވެސް ރުއިމެއް ނުހުއްޓުނެވެ. ބާރުބާރަށް ރޮވެމުންދިޔައެވެ. އެއްލި ކަޅިއަކުން އަހަންނަށް ފެނުނީ އަހަރެންގެ ތިން އަހަރުގެ ޝެލީ މީހެއްގެ އަތްދަނޑިމަތީގައި އޮއްވައެވެ. ދެއަތް އޮތީ ދެފަރާތަށް އެލިފައެވެ. ކަނދުރާ އާއި ބޮލުގައިވެސް އެއްވެސް ބާރެއް ނެތެވެ. ދަރިފުޅުގެ ގައިގައި އެއްވެސް ކަމެއްނެތްކަން އަހަންނަށް އެވަގުތު ފާހަގަކުރެވުނެވެ. ޝެލީ ގޮވައިގެން އަންނަ މަންޒަރު އަހަންނަށް ފެންނަނީ ބިރުވެރި މަންޒަރެއްގެ ގޮތުގައެވެ. އަހަންނަށް މައިތިރި ވެވުނެވެ. އެދިމާ ނުބަލަން ވެގެން އަހަރެން ބެލީ އެހެން ދިމަދިމާލަށެވެ. އެމީހުން އަހަންނާ ކައިރިވާ ވަރަކަށް އަހަރެން އެމީހުންނަށް ފުރަގަސްދެމުންދިޔައީމެވެ. އެންމެ ފަހުން އަހަންނަކަށް ނުހިފެހެއްޓުނެވެ. ހުރިތަނަށް ތިރިވެ ބާރުބާރަށް ރޯންފެށީމެވެ. އެއާއިއެކު އެމީހުން އައިސް ޝެލީ ބާއްވާލީ އަހަރެންގެ ކުރިމަތީގައެވެ. އެއީ ހަމަ އަހަރެންގެ ދަރިފުޅެވެ. އެމައުސޫމް މޫނެވެ. އެ ކުޑަކުޑަ ދެއަތްތިލައެވެ. ފަންފަން އިސްތަށިކޮޅުގައި ރޭގައި ޝެލީ އަމިއްލައަށް ޖަހާލި ރަބަރު އަދިވެސް އެބައޮތެވެ. ލައިގެން އެއޮތީ އަހަރެންގެ ދެއަތުން ލެއްވި ހުދުކުލައިގެ ހެދުމެވެ. އެއީ އެދަރިފުޅަށްޓަކައި އަހަންނަށް ކޮށްދެވޭނެ އެންމެ ފަހުގެ ޚިދުމަތްކަމެއް އޭރަކު ނޭނގެއެވެ. އަދިވެސް އެއޮތީ އަހަރެންގެ ބަނޑުދަށުގައި އޮވެގެން ނިދާލިގޮތަށްހެއްޔެވެ؟ ދެން އެދެލޮލެއް ނުހުޅުވާނެހެއްޔެވެ؟ ލޯބިލޯބި ޅަ އަޑުން މަންމާއޭ ކިޔާ ހަމަ ގޮވާނުލާހެނެއްޔެވެ؟ އަހަންނަށް އިނދެވުނީ ދަރިފުޅުގެ މޫނަށް ބަލާށެވެ.

" އެގޮއްޔަ ފެނުނީ އެނދާ އަލަމާރިޔާ ދޭތެރޭގަ ތާށިވެފައި އޮއްވާ! އެކޮޓަރީގައި ހުރި އެއްޗެހިތައްވެސް ހުރީ ހަލާކުވެފައި.. ލޮނުގަނޑު އެބަހުރި އަލަމާރީގެ މެދަށްވުރެ މައްޗަށް އަރާފައި! "

މާދުރުން ވާހަކަ ދެއްކި މީހެއްގެ އަޑަށް ދެކަންފަތުގައި އަތްއަޅާ ނޫނެކޭ ބުނެ އަހަންނަށް ހަޅޭއްލަވައިގަނެވުނެވެ. ދަރިފުޅުގެ ގައިމައްޗަށް ވެއްޓިގަނެ ބާރުބާރަށް ރޯންފެށުނެވެ. ދަރިފުޅުގެ މޫނުގެ އެތަންމިތާ ބޮސްދޭންފެށުނެވެ.

އެވަގުތު އަހަރެންގެ ކުރިމަތިން ސިފަވާންފެށީ އެބިޔަ ރާޅެވެ.އަހަރެންގެ ގޭގެ ފާރުތައް ބިމާ ހަމަވި މަންޒަރެވެ. އެއަޑަށް ދަރިފުޅަށް ހޭލެވި ރޮއިގަތްއަޑު ކަންފަތަށް އިވުނު ކަހަލައެވެ. ދޮރު ފޫއަޅުވާލާ، ބާރުމިނުގައި އައި ލޮނުގަނޑު ،ކޮޓަރިތެރެއަށް ވައްދާލިތަން އަހަންނަށް ފެންނަ ކަހަލައެވެ. ލޮނުގަނޑުގެ ތެރެއަށް އަހަރެންގެ ފުރާނަ ފަދަ ލޯބިވާ ދަރިފުޅު ގެނބިގެން ދާތަން އަހަރެންގެ ޚިޔާލުގައި އެނބުރެން ފެށިއެވެ. އެކުޑަކުޑަ ކުއްޖާ ސަލާމަތްވާން ތެޅިތެޅި އޮތްތަން ލޯ ކުރިމަތިން ކުލަވާންފެށިއެވެ. އެދަރިފުޅު ބިރުގަންނާނެވަރާ، އަހަންނަށް ގޮވަން މަސައްކަތްކުރާނެވަރު ހިތަށް އަރާ ބާރުބާރަށް އަހަންނަށް އެދަރިފުޅުގެ ހަށިގަނޑުގައި އޮޅުލައިގަނެވުނެވެ. އެންމެ ފަހަރަކުވެސް ލޯހުޅުވާލާތޯއެވެ. އެއްގޮތަކަށްވެސް ޝެލީން މިދުނިޔެ ދޫކުރީކަމަށް އަހަރެން ޤަބޫލެއް ނުކުރަމެވެ. ޝެލީ ނަގާ އަހަރެންގެ މެޔާލާ ބޮނޑިކޮށްގެން ރޮއިރޮއި އިންދާ އަހަރެންގެ ބޮލަށް ގޮތެއްވާކަމުގެ އިޙްސާސްކުރެވުނެވެ. މަޑުމަޑުން ލޮލުގެ އަލިކަން ފަނޑުވަމުންގޮސް އަހަރެންގެ ހޭވެރިކަން ގެއްލިއްޖެއެވެ.

ވަރުބަލިވެފައިވާ ދެލޯ ހުޅުވާލުމާއެކު އަހަންނަށް ފެނުނީ އަހަރެންގެ ލޯބިވާ ފިރިމީހާ ނާޒިމްއެވެ. އަހަރެން ބޭނުންވީ ބާރަށް ރޮއިގަންނާށެވެ. އެހެނަސް ރޯން އުޅެއުޅެ އަހަންނަކަށް ނުރޮވުނެވެ. އެހިނދު ނާޒިމް ރޯތަން އަހަންނަށް ފެނުނެވެ. އެތަންފެނި އަހަރެން ގާތަށް އައީ ހިންޏެވެ.

" ބޮޑު ފިރެހެނެއް ތި ރޮނީ ؟" ހީހީފައި ނާޒިމްއަށް މަލާމާތްކުރީމެވެ. ނާޒިމް އަހަރެންގެ އަތުގައި ހިފަހައްޓަން މަސައްކަތްކުރި ނަމަވެސް އަހަރެންނަށް އެކަންތައްވީ ހަޑިކަމަކަށެވެ. އެންމެންތެރޭގައި އޭނާ ލަދުގަންނަވާލީމެވެ. އެއްވެސް މީހެއް އަހަންނާ ކައިރިވިޔަކަ ނުދެމެވެ. އަހަރެން ބޭނުންވަނީ ހަމައެކަނި އަހަރެންގެ ދަރިފުޅެވެ. އެދަރިފުޅު އަދިވެސް އޮންނާނީ ނިދާފައެވެ. ހޭލަންވާއިރަށް ސައިހަދަން ދާންޖެހޭނެއެވެ. އަހަރެންގެ އަތުގައި ރިހަ ބޯތައްޓެއް އެބަހުއްޓެވެ. އެހިފައިގެން ނިކުތީ ބައިސްކަލް ހޯދާށެވެ.

" ނާޒިމް އަހަރެންގެ ބައިސްކަލް ގެއްލިއްޖެ! މިތާ ބެހެއްޓީ އެކަމަކު ނެތް! ދެން މިޖެހުނީ އެހާ ދުރަށް ހިނގާފަ ދާން! ޝެލީ މިހާރު ހޭލައިގެން ރޯނެ! އަހަރެން މިދަނީ ގެއަށްދާން! "

އޭރުވެސް އަހަރެން އޮތީ ބިންމަތީގައި ފަތުރާފައިވާ ރިޔަލެއްގެ މަތީގައެވެ. ވަރަށް އުނދަގުލުން ތެދުވެ ހިނގައިގަތުމުން ނާޒިމް އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. އަދި ވަރަށް ބާރަށް އަހަރެންގެ ދެކޮނޑުގައި ހިފާ ތަޅުވައިގަތެވެ.

"ޕިސް.. މި ރިހަބޯތަށި ވެރިދާނެޔޭ! " އަހަރެން އެހެން ބުނިއިރުގައިވެސް ނާޒިމްގެ ދެލޮލުން ފެންތައް ފައިބާތަން އަހަންނަށް ފެނެއެވެ. އެހެނަސް އަހަންނަށް އެއީ މާބޮޑުކަމެއް ނޫނެވެ. އަހަރެން އަޅައެއްވެސް ނުލަމެވެ. އަހަރެންގެ ފަހަތުން ނާޒިމް އައެވެ. ހޯދާ ހޯދާވެސް އަހަންނަކަށް ގޭގެ ދޮރެއް ނުފެނުނެވެ. ކުނިބުނިން ފުރިފައިވާ އެ ސަރަޙައްދުގައި އިތުރަށް ހިނގާކަށްވެސް ނޭނގުނެވެ. ވަރުބަލިވެގެން އަހަރެން އިށީނީ ގަލެއް މަތީއެވެ. އެވަގުތު ނާޒިމް އައިސް އަހަރެންގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެން އިށީނދެ އަހަރެންގެ ދެކަކުލުގައި އަތްޖައްސާލިއެވެ.

" އަހަރެމެންގެ ދަރިފުޅު މިދުނިޔޭގަ ނެތޭ! ޤަބޫލުކޮށްބަލަ! އަހަރެމެންގެ ޝެލީންގެ މޫނު އެންމެ ފަހު ފަހަރަށް ދެކެން ބޭނުމިއްޔާ އަހަންނާއެކު ހިނގާ! ދެން އަހަރެމެންނަށް އެ ތުއްތު މޫނު ދުވަހަކުވެސް ނުފެންނާނެ! "

ހިތްވަރުކޮށްފައި ނާޒިމް ވާހަކަ ދެއްކި ނަމަވެސް އޭނާގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަމުންދާތަން އަހަންނަށް ފެނުނެވެ. އޭނާ އަހަރެންގެ އަތުގައި ހިފައިގެން ހިނގައިގަތުމުންވެސް އަހަރެން ގަދައެއް ނަހަދަމެވެ. އެއްވެސް ވާހަކައެއްވެސް ނުދައްކަމެވެ.

މާދުރުން އަހަންނަށް ފެނުނީ އައްޓެއްގެ މަތީގައި އޮތް އަހަރެންގެ ދަރިފުޅެވެ. ހުދުކުލައިގެ ފޮތިގަނޑަކުން އެދަރިފުޅު ބަނދެލާފައިވާއިރު އަހަންނަށް ފެންނަނީ ހަމައެކަނި އެލޯބިލޯބި މޫނުކޮޅެވެ.

" އަދިވެސް ނިދަނީ؟ ދަރިފުޅު ބަނޑުހައެއްވެސް ނުވޭތަ؟ " ޝެލީން ފެނުމާއެކު އަހަންނަށް އިޙްސާސްވީ އޭނާ ބަނޑުހައިވާނެކަމެވެ. އަަހަރެން އުޅުނީ ޝެލީންގެ ބޯދަށަށް އަތްލައްވާލާ، ދަރިފުޅު ނަގާށެވެ. އެހެނަސް ކައިރީގައި ތިބި މީހުން އަހަރެން ހިފެހެއްޓިއެވެ. އަހަރެން ބާރުބާރަށް ތެޅެންފެށީމެވެ. ދަރިފުޅު ބަނޑުހައިވެގެން ރޯއަޑު އިވޭހެން ހީވާތީއެވެ. އެމީހުން އަހަރެން ދަރިފުޅާ ވަކިކުރަން އުޅޭހެން ހީވާތީއެވެ. އިސާހިތަކު ވަރުބަލިވެގެން ގައިން ވަރުދޫވާހެން ހީވިއެވެ.

އަހަރެންގެ ދުނިޔެ ވަރަށް ކުޑަވެއްޖެއެވެ. މިހާރު އަހަންނަށް ދުނިޔެ ފެންނަނީ ދަގަނޑު ތޭރިތަކެއްގެ ދޭތެރެއިންނެވެ. އަހަރެންގެ އެއްވެސް މީހަކު ނެތެވެ. ހަނދާން ހުންނަނީ ހަމައެކަނި އަހަރެންގެ ލޯބިވާ ދަރިފުޅާއި ފިރިމީހާ މަތިން އެކަންޏެވެ. ކޮންމެ ދުވަހެއްގެ އިރުއަރާ އިރު އޮއްސޭނީ ނާޒިމްއާއި ޝެލީގެ އިންތިޒާރުގައި އިންދައެވެ.

އެއްދުވަހަކު އެތަނުގެ ގޯތިތެރެއަށް އަހަރެން ނިކުމެލިވަގުތު ވަރަށް ދަންނަ ފިރެހެނެއް އަހަންނާދިމާލަށް ބަލަހައްޓައިގެން ހުއްޓާ ފެނުނެވެ. އޭނާ ފެނުމުން އަހަންނަށް ބުނެދޭން ނޭނގޭ އަސަރުތަކެއް ކުރުވިއެވެ. މާބޮޑަށް ވިސްނަން ވިއްޔާ އަހަރެންގެ ސިކުނޑިއަށް ކެތެއް ނުވެއެވެ. ބޮލުގައި ރިއްސާ ބައެއްފަހަރު ހޭވެރިކަން ފިލައިގެން ދެއެވެ. އެހެންކަމުން އަހަރެން ނިންމީ އޭނާއަށް ނުބަލާ ހުރުމަށެވެ. އެހެނަސް ސިއްރުންވެސް އަހަންނަށް ބެލެނީއެވެ. ނުދަންނަ މީހަކަށް ބަލާފަދަ ގޮތަކަށެވެ. އޭނާ އެހާ ދެރަވެ ހުރެ އެބަލަނީ ކީއްވެބާއޭ އަހަރެން ހިތަށް އެރިއެވެ. މިތާއުޅޭ އަހަރެންގެ އެންމެ ގާތް އެކުވެރިޔާގާތު އޭނާ އެހުރީ ކޮންމެވެސް ވާހަކަތަކެއް ދައްކާށެވެ. ގޯތިތެރޭގައި ހުރި އުނދޯއްޔެގައި އިނދެ ބާރުބާރަށް ހެއްލަމުން ދިޔައީމެވެ. އެހެން އިންދާ ފެނުނީ އޭނާ ހިނގައިގަތްތަނެވެ. އޭނާ ނިކުމެގެން ދަމުންވެސް ފަސްއެނބުރި އަހަންނާދިމާލަށް ބެލިއެވެ. އޭނާ ބަލާގޮތުން އަހަރެންގާތަށް އަންނަން ހިނގައިގަންނަން އުޅޭހެންވެސް ހީވެއެވެ. އެހެނަސް އަހަރެން އެއްވެސް އިޝާރާތެއް ނުކުރަމެވެ. އެއީ ނުދަންނަ މީހަކަށް ވީތީއެވެ.

" ކާކުމަތިން އެންމެ ހަނދާންވަނީ؟" މަޑުހިނގުމެއްގައި އައިސް އެކުވެރިޔާ އަހާލިއެވެ. އެއާއެކު ހެއްލަމުންދިޔަ އުނދޯލި މަޑުކޮށްލުމަށްފަހު، އުނދޯލީގެ ވާގަނޑުގައި އަހަންނަށް މޫނު ޖައްސާލެވުނެވެ.

" ދަރިފުޅު ނުފެންނަތާ ވަރަށް ދުވަސް ވެއްޖެ. ފިރިމީހާވެސް.... ވަރަށް ހަނދާންވޭ އެ ދެމީހުން މަތިން! ފުރެންޑު ބަލައްޗޭ! އަދި އަންނާނެ އަހަރެން ބަލާ!"

" އިނގޭތަ ދެންމެ އެތާ ހުރެފަ އެދިޔައީ ކާކުކަން؟ "

އޭނާގެ ސުވާލަށް ތުންދަމާފައި އަހަރެން ނޫނެކޭ ބުނީމެވެ.

އޭނާ ހީލަމުން އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. އަދި އިތުރަށް އެއްޗެއް ނުބުނެ އަހަރެން އެތެރެއަށް ފޮނުވާލިއެވެ. އޭނާގެ ބަސްއަހައިގެން އަހަރެން އެތެރެއަށް ވަނީމެވެ.

އެއީ ނާޒިމްކަމެއް އަހަންނަކަށް ނޭނގެއެވެ. ފިރިމީހާ ވަކިކުރަންވެސް އަހަންނަކަށް ނޭނގުނެވެ. އޭނާ އެދިޔައީ މުޅި އުމުރަށް އަހަރެން މިނިވަންކޮށްފައިކަމެއް އަހަންނަކަށް ނޭނގެއެވެ. އަހަރެންގެ ލޯބިވާ ދަރިފުޅު މިދުނިޔޭގައި ނެތްކަމެއްވެސް އަހަންނަކަށް ނޭނގެއެވެ. އަހަރެން އިންތިޒާރު ކުރަމުން މިދަނީ އެދަރިފުޅު އަހަރެން ބަލާ އަންނާނެ ވަގުތަކަށެވެ. އަހަރެންގެ ޢުމުރުގެ ބާކީބައި ހޭދަކުރަންޖެހޭނީ މި " ނުކުޅެދޭމީހުންގެ މަރުކަޒު" ގައިކަމެއް އަހަންނަކަށް ނޭނގެއެވެ. އަދި އެންމެ ރާޅަކުން އަހަރެންގެ ދިރިއުޅުން އިންދިރާސް ވެފައިވާ ކަމެއްވެސް އަހަންނަކަށް ނޭނގެއެވެ. މިހާރު އަހަންނަކީ ކާކުކަމެއްވެސް ޚުދު އަހަންނަކަށް ނޭނގެއެވެ.

(ނިމުނީ)