މަޝްހޫރު ވިޔަފާރި ވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ އުފަން ދުވަސް ފާހަގަ ކުރުމަށް އިންޑިއާގެ ޒުވާން ލަވަ ކިޔުންތެރިޔާ ފާއިޒު ރާއްޖެ އަތުވެއްޖެ އެވެ.

އޭނާ ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އަދި އުއްޗުގެ އުފަން ދުވަހާއި ގުޅިގެން ފާއިޒު ދޭ ޝޯވ އޮންނާނީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި މާދަމާ ރެ އެވެ.

Ad
rt

އެހެންނަމަވެސް އުއްޗުގެ އުފަން ދުވަހަކީ މިއަދެވެ.

އިންޑިއާގެ ސޮނީ ޓީވީ އިން ގެނެސްދޭ ރިއާލިޓީ ޝޯވ، ސްޕަރ ސްޓާރ ސިންގަރ ސީޒަން 2 ގެ އެއްވަނަ ހޯދި ފާއިޒު، ރާއްޖެ އަންނަކަން ހާމަކުރީ މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އޭނާގެ އިންސްޓަގްރާމުގަ އެވެ.

އޭގައި ފާއިޒު ބުނެފައިވަނީ މި ފުރުސަތު ދިން ކަމަށްޓަކައި އުއްޗުއަށް ޝުކުރުއަދާކުރާ ކަމަށާއި މިހުރީ ރާއްޖެއަށް ދިއުމަށް ކެތްމަދުވެފައި ކަމަށެވެ. އަދި މި ޝޯވ ދޭނީ ޑިސެމްބަރ 26 ގައި ކުރެއްދޫ އައިލެންޑް ރިސޯޓުގައި ކަމަށެވެ.

އުމުރުން 14 އަހަރުގައި "ސްޕަރ ސްޓާރ ސިންގަރ ސީޒަން 2" ކާމިޔާބު ކުރި ފާއިޒަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ.

ސްޕަރ ސްޓާރ ސިންގަރ ގެ ޖަޖިންގ ޕެނަލްގައި ހިމެނޭ، ހިމޭޝް ރޭޝަމިޔާ އާއެކު ވެސް މަސައްކަތްކޮށް އޭނާގެ އަޑުން ކިޔާފައިވާ ލަވައެއް ރެކޯޑް ކޮށްފައިވާ ފާއިޒު ވަނީ ޑައިރެކްޓަރު އިމްތިޔާޒް އަލީގެ ކުންފުނިން ހަދާ ފިލްމަކަށް ވެސް ލަވަ ކިޔުމުގެ ފުރުސަތު ވެސް ފާއިޒަށް ވަނީ ދީފަ އެވެ.

މީގެ އިތުރުން އެކްޓަރު، ޕްރޮޑިއުސަރު ސަތީޝް ކޯޝިކްގެ ފިލްމު ކުންފުނިން ހަދާ ފިލްމަކަށް ލަވަ ކިޔުމުގެ ފުރުސަތު ވެސް ފާއިޒަށް ދީ، އެއްބަސްވުމުގައި ވަނީ ސޮއި ކޮށްފަ އެވެ.

ރާއްޖެއަށް އަންނަ އިންޑިއާގެ ތަރިންނާ ބައްދަލުކޮށް، ގާތްގުޅެމެއް ބާއްވަމުން އަންނަ އުއްޗު ވަނީ އިންޑިއާގެ އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާއާ ބައްދަލުކޮށް ހިންދީ ބަހުން ވާހަަަކަ ވެސް ދައްކާފަ އެވެ.

މީގެ އިތުރުން ބައިސްކޯފުން ބޭއްވި ޗަނާޗާ ޝޯވ ގައި ބައިވެރިވުމަށް ރާއްޖެ އައި، ސްރީލަންކާގެ ކުޅަދާނަ ޒުވާން ލަވަ ކިޔުންތެރިޔާ ޔޮހާނީ ދޮލޯކީ ޑި ސިލްވާއާ ވެސް ވަނީ ބައްދަލުކޮށްފަ އެވެ.