ނޫސްވެރިކަމަށް ހުރަސްއެޅޭނަމަ ޑިމޮކްރަސީ ބަލިކަށިވެގެންދާނެކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.
ސައްލެ މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ހުށަހަޅުއްވާފައިވާ ހެއްކާބެހޭ ޤާނޫނަށް އިޞްލާޙް ގެނައުމުގެ ބިލުގެ ބަހުސްގައި މިއަދުގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެ އިސްލާހަކީ، ހެއްކާބެހޭ ޤާނޫނުގެ 136 ވަނަ މާއްދާގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރާ ހާލަތްތައް ބަޔާންކޮށްފައި އޮތްގޮތުން ނޫސްވެރިންގެ ކަންބޮޑުވުންތައް ހުރެގެން އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެ ބޭނުމުގައި ހުށަހަޅާފައިވާ އިސްލާހެއްކަން ފާހަގަކުރައްވަމުން، މިހާރު ޤާނޫނަށް އިސްލާޙް ހުށަހަޅާފައިވާ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދޭ މަސްދަރު ހާމަކުރަން ލާޒިމް ކުރަނީ ދެ ހާލަތެއްގައިކަން ސައްލޭ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެ ދެ ހާލަތަކީ، ގައުމީ ސަލާމަތާއި ގުޅުންހުރި ކުއްތައް އަދި ޓެރަރިޒަމާއި ގުޅުން ހުރި ކުށްތައް ކަމަށް ސައްލެ ވިދާޅުވިއެވެ.
''އިސްލާޙްގައިވާ ގޮތުން މިއިން ހާލަތެއްގައި މަސްދަރު ހާމަކުރަން ޖެހުނަސް އެކަން ލާޒިމްކުރެވެނީ އެ ކުށަކީ ޓެރަރިޒަމާއި ގުޅުންހުރި ކުށެއްގައި ނުވަތަ ގައުމީ ސަލާމަތާއި ގުޅުންހުރި ކުށެއްކަށް ޕްރޮސެކިއުޓާ ޖެނެރަލް މި ޖެހެނީ ހައި ކޯޓުގެ އަމުރެއް ނެރެދިނުމަށް ހުށަހަޅަން، އަދި އެފަދަ އަމުރެއް ނެރެދިނުމުގައި ކޯޓުން ރިޢާޔަތް ކުރާންޖެހޭ ވަރަށް ގިނަ މުހިންމުކަންތައްތަކެއް މި ބިލްގައި ހިމަނާފައިވޭ'' ސައްލެ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ނޫސްވެރިންގެ ދައުރު އަދާކުރަން އިތުބާރުހުރި މަސްދަރުތަކުން މައުލޫމާތު ލިބޭނެ ގޮތްތަކެއް ވަރަށް ފަހިކޮށް އޮންނަންޖެހޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.
''އެކަމަށް ހުރަސްއެޅޭނަމަ ނޫސްވެރިކަން ހީނަރުވާނެކަމީ އެއްވެސް ޝައްކެތް އޮތް ކަމެއް ނޫން، އަދި ނޫސްވެރިކަމަށް ހުރަސްއެޅޭނަމަ ޑިމޮކްރަސީ ބަލިކަށިވެގެންދާނެ ކަމީ ވެސް އެއްވެސް ޝައްކެތް އޮތް ކަމެއްނޫން،'' ސައްލެ ވިދާޅުވިއެވެ.
މަސްދަރު ހިމާޔަތް ކުރުމަށް އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ވިލާތުގެ ޤައުމުތަކުންކަން ފާހަގަ ކުރެވޭކަމަށާއި، ޔޫރަޕްގެ ޤައުމުތަކަށް ބަލާއިރު އޮސްޓްރިއާ، ފަރަންސޭސިވިލާތް، ޖަރުމަނު ވިލާތް، ނެދަލޭންޑް، ނޯވޭ އަދި ސްވިޑަންގައި މަސްދަރު ހާމަކުރަންޖެހޭ ހާލަތެއް ނެތޭ ދެންނެވުމަކީ ކުށަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
''އެމެރިކާއަށް ބަލާއިރު ފެޑްރެލް ލެވެލްގައި މަސްދަރު ހާމަކުރަން ނުޖެހޭ ޤާނޫނެއް މިހާތަނަށް އެކުލަވާލެވިފައެއް ނެތް، އެހެންނަަމަވެސް، 33 ސްޓޭޓެއްގައި ނޫސްވެރިންނަށް އެ ޕްރިވިލެޖް ދިނުމުގެ ގޮތުން ޝީލްޑް ލޯތައް ހެދިފައިވޭ، އޮސްޓްރޭލިއާ، އިނގިރޭސިވިލާތް އަދި ކެނެޑާގައި މަސްދަރު ރައްކާތެރިކުރުމަށް ވަރަށް ބޮޑަށް ފޭވާކޮށް ހުކުމްކޮށްފައި ހުރިތަންފެނޭ'' ސައްލެ ވިދާޅުވިއެވެ.
ސައްލޭގެ ބަހުސްގައި ވަނީ، މަސްދަރު ހާމަނުކުރުމަށް ބާރުއަޅާފައިވާ ގައުމުތަކުގެ ލީގަލް ފްރޭމް ވޯކަށް ބަލާއިރު މަސްދަރުހާމަ ކުރުމަށް އެންގިދާނެ ހަތަރު ހާލަތަކަށް ކޮންމެވެސް ވަރަކަށް ޖާގަދީފައި އޮތްކަން ފާހަގަކުރެއްވޭ ކަމަށް ވިދާޅުވެ، އެ ހާލަތްތައް ވެސް ވިދާޅުވެފައެވެ.
ހެއްކާއިބެހޭ ގާނޫނުގައި ނޫސްވެރިންނަށް މައުލޫމާތު ލިބޭ މަސްދަތު ހާމަކުރަން މަބޫރުވާގޮތަށް އޮތުމުން އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވާތީ އެ ގާނޫނު އިސްލާހުކުރަން ނިންމަވާފައިވާ ކަމަށް، ރާއްޖޭގެ ފުރަތަމަ ބްރޮޑްކާސްޓް އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.
މި ގާނޫނުގެ މި މާއްދާއާއިމެދު ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭގެ އިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!