އިނގިރޭސި ޕްރިމިއާ ލީގުގައި މި ސީޒަންގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ލިވަޕޫލާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ހަނިގޮތަކަށް ލިވަޕޫލުން ކާމިޔާބު ކޮށްފިއެވެ.
ޓޮޓެންހަމްގެ ދަނޑުގައި ރޭ ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ.
މިއީ މި ސީޒަންގައި ލިވަޕޫލަށް ލީގުގައި ރަށުން ބޭރުގައި ހޯދުނު ފުރަތަމަ މޮޅެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވެފައި ވުމުން ރޭގެ މެޗަށް ނުކުތްއިރު ލިވަޕޫލުއޮތީ އެންމެ ރަނގަޅު ހާލަތެއްގައި ނޫނެވެ
މެޗު ފަށައިގެން ލިވަޕޫލުން ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު، އެ ޓީމުން ވަނީ މެޗުގެ ފުރަތަމަ ހާފުގައި ދެ ލަނޑު ކާމިޔާބު ކޮށްފައެވެ. ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ޑާވިން ނުނޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ސަލާހުއެވެ. އޭގެ ފަސް މިނެޓް ފަހުން ޓޮޓެންހަމްގެ އިވާން ޕެރިސިޗް ފޮނުވާލި ނުރައްކާތެރި ހަމަލާ އަމާޒުވީ ލިވަޕޫލުގެ ގޯލުގެ ދަނޑިއަށެވެ.
މެޗުގައި ލިވަޕޫލުން ކާމިޔާބުކުރި ދެވަނަ ލަނޑު 40 ވަނަ މިނެޓުގައި، ޓޮޓެންހަމްގެ ޑިފެންޑަރ އެރިކް ޑަޔާއަށް ހެދުނު ގޯހެއްގެ ފައިދާނަގައި ކާމިޔާބު ކޮށްދީފައި ވަނީ ވެސް ސަލާހެވެ.
ފުރަތަމަ ހާފާއި ޚިލާފަށް މެޗުގެ ދެވަނަ ހާފުގައި ޓޮޓެންހަމް ފެނުނީ މާ ވަރުގަދަ ކޮށެވެ. ދެވަނަ ހާފުގައި މެޗުގެ ކޮންޓްރޯލް އަތުލައި ޓީމް ކުރިއަށް ޖައްސައި ޓޮޓެންހަމުން ވަނީ ލަނޑުޖަހަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. މިގޮތުން އެ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު 70 ވަނަ މިނެޓުގައި ކުލުސެވެންސްކީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ކޭންއެވެ.
މި ސީޒަންގައި ފަހަތުން އަރައި މޮޅުވުމުގެ ރަނގަޅު ރެކޯޑެއް އޮތް ޓޮޓެންހަމުން ނަތީޖާ ހަމަހަމަ ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް ލިވަޕޫލުގެ ޑިފެންސުން ވަނީ މޮޅު ކުޅުމެއް ދައްކައި ޓޮޓެންހަމް ހުއްޓުވާފައެވެ.
މި މެޗުން މޮޅުވި ލިވަޕޫލް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 8 ވަނާގައެވެ. އެ ޓީމަށް 13 މެޗުން ލިބިފައި ވަނީ 19 ޕޮއިންޓެވެ. މެޗުން ބަލިވި ޓޮޓެންހަމް މިވަގުތު އޮތީ ތާވަލުގެ 4 ވަނާގައެވެ. އެ ޓީމަށް 14 މެޗުން ލިބިފައި ވަނީ 26 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!