އުމުރުން 52 އަހަރުގެ މުހައްމަދު ރަފީޤް (ގާރީ ސަރ) އަކީ އިންޑިޔާގެ ޗެންނާއީ އަށް އުފަން ރައްޔިތެކެވެ. 1997 ވަނަ އަހަރު ރާއްޖެ އައިސް އެންމެ ފުރަތަމަ ޤުރުއާން ޓީޗަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ ހދ. ވައިކަރަދޫ ސުލައިމާނިއްޔާ ސްކޫލްގައެވެ. 5 ވަރަކަށް އަހަރު އެރަށުގައި އުޅުމަށްފަހު ކުޅުދުއްފުށީގައި ޤުރުއާން މުދައްރިސެއްގެ ގޮތުގައި މަސައްކަތްކޮށްފައިވެ އެވެ.

ފާއިތުވި ފަނަރަ ވަރަކަށް އަހަރު ކުރިނބީގެ ދަރިވަރުންނާއި އެ ރަށުގެ ރައްޔިތުންނަށް ޤުރްއާން ކިޔަވައިދެމުގައި އޭނާ ހޭދަކުރައްވާފައިވެއެވެ. އޭނާއަށް ދިވެހިންނެކޭ ތަފާތެއް ނެތި ސާފު ދިވެހިބަހުން ވާހަކަދައްކާ، ލިޔަން ކިޔަން ދަނެއެވެ.

Ad
rt

ހދ.ކުރިނބީ ސްކޫލްގެ ޤުރުއާން ޓީޗަރ މުހައްމަދު ރަފީޤް އަށް، ހާޓް އެޓޭކެއްޖެހުމާއި ގުޅިގެން އެމަޖެންސީގައި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ފަރުވާ ދިނުމަށްފަހު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި މާލެ ގެންގޮސްފައި ވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ރެއެވެ. ގާރީ ސަރ މާލެ ގެންދިއުމުގެ އިންތިޒާމް ހަމަޖެއްސުމާއި އެކަން އަވަސް ކުރުމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިސަތު އަލީ އާއި ޑިފެންސް މިނިސްޓްރީން އަދި ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ކަމަށް ކުރިނބީ ސުކޫލު ޕްރިންސިޕަލް ހުސައިން ނާޒިމް ވިދާޅުވި އެވެ.

ޤާރީ ސަރގެ ހާލަތާއި ގުޅޭގޮތުން މި ނޫހަށް މަޢުލޫމާތު ދެއްވަމުން ކުރިނބީ ސްކޫލްގެ ލީޑިން ޓީޗަރ މުޙައްމަދު ލަތީފް ވިދާޅުވެފައި ވަނީ ގާރީ ސަރ އަށް އައިޖީއެމްއެޗްގެ އައިސީޔޫގައި އެއް ހަފްތާވަންދެން ފަރުވާ ދިނުމަށް ފަހު މިހާރު ވޯޑަށް ބަދަލު ކޮށްފައިވާ ކަމަށާއި، މިހާރު ކުޑަކޮށް ވާހަކަ ދައްކާލައި ހެދޭ ކަމަށެވެ.

އިންޑިޔާ ޓީޗަރުންގެ ބޭސްފަރުވާއަށް އެލައިޑް އިންސިއުރެންސް މެދުވެރިކޮށް (100،000) އެއްލައްކަ ރުފިޔާ ކަވަރ ކުރާ ކަމަށާއި ނަމަވެސް ގާރީ ސަރ ގެ އޮޕަރޭޝަނަށް އެކަނި ވެސް (120،000) އެއް ލައްކަ ވިހިހާސް ރުފިޔާ ޚަރަދުވެފައިވާ ކަމަށެވެ. އަދިވެސް ފަރުވާ އެއްކޮށް ފުރިހަމަ ކުރުމަށް ދިގު މުއްދަތެއް ނަގާނެ ކަމަށާއި މި މުއްދަތުގައި ފަރުވާއަށް އަދިވެސް އިތުރު ޚަރަދުތައް ހިނގާނެތީ އާންމުންގެ އެހީތެރިކަމަށް އެދޭ ކަމަށެވެ.

ކުރިނބީ ސްކޫލުން އިސްނަގައިގެން ޤާރީ ސަރ ގެ ފަރުވާގެ އެންމެހާ ކަންކަން ބަލަހައްޓަމުން އަންކަމަށް މިކަމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ، ކުރިނބީ ސްކޫލްގެ ލީޑިން ޓީޗަރ އަހްމަދު ވަޖީހު ވިދާޅުވީ، އެ ސްކޫލްގެ ޓީޗަރުންގެ އިތުރުން ބެލެނިވެރިންނާއި ދަރިވަރުން ވެސް އަންނަނީ ޤާރީ ސަރ އަށް އެހީތެރިވުމަށް ހަރަކާތްތައް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

މިގޮތުން ޤާރީ ސަރ ގެ ބޭސް ފަރުވާއަށް ބޭނުންވާ ފައިސާ ހޯދުމަށް ކުރިނބީ ސްކޫލްގެ ޕީޓީއޭއިން ވަނީ މާދަމާ ހަވީރު އެ ސްކޫލުގައި ކާބޯތަކެތީގެ މައުރަޒެއް ބޭއްވުމަށް ނިންމާފައެވެ. މީގެ އިތުރުން ކުރިނބީ ސްކޫލްގެ ޕްރިފެކްޓް ބޯޑްގެ ފަރާތުން އާދީއްތަ ދުވަހު ފަންޑް ފޮއްޓެއް ބެހެއްޓުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.

ކުރިނބީ ސްކޫލާއި އެރަށު ރައްޔިތުން ޤާރީ ސަރ އަށް އެހީތެރިކަން ފޯރުކޮށްދެއްވުމުގައި ނަމޫނާ ދައްކަމުން އަންނައިރު، އެ ފަރާތުން ގެންދަވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ފަންޑް ހޯދުމުގެ ކެމްޕެއިން ކުރައްވަމުންނެވެ.

ޤާރީ ސަރ އަށް އެހީތެރިވުމަށް

އެކައުންޓް ނަމްބަރު: 7770000088507 (ރުފިޔާ އެކައުންޓް)

އެކައުންޓް ނަމްބަރު: 7730000413113 (ޑޮލަރު އެކައުންޓް)

އެކައުންޓް ނަން: އަހްމަދު ވަޖީހު

އިތުރު މަޢުލޫމާތު: 9643496 / 9977125