ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދަވާ ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން، އިންޑިއާ ސަރުކާރުން ހަދިޔާކުރި 1،200 ގަސް ދިވެހިރާއްޖެއާ ރަސްމީކޮށް ޙަވާލުކޮށްފިއެވެ.

މި ގަސްތައް ދިވެހި ސަރުކާރާ ރަސްމީކޮށް ޙަވާލުކުރުމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ ހުޅުމާލޭގައެވެ.

Ad
rt

މި އެހީއަކީ ރާއްޖޭގެ ރަށްތައް ފެހިކުރުމަށާއި، ތިމާވެށި ޙިމާޔަތްކުރުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އިންޑިއާ ސަރުކާރުން ވެދިން އެހީތެރިކަމެކެވެ.

ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކޮށް، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢެއް އިފްތިތާޙު ކުރައްވާފައެވެ. މިއީ ރާއްޖޭގެ ތިމާވެށި ފެހިކަންމަތީ ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

އިންޑިއާއިން ހަދިޔާކުރި މި ގަސްތަކުގެ ސަބަބުން، ރާއްޖޭގެ ފެހި މާޙައުލު އިތުރަށް ފުޅާކޮށް، ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރަކާއި ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު ދެއެވެ.

މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ތެރެއިން މިފަދަ ތިމާވެށީގެ މުހިންމު މަޝްރޫޢުތަކަށް އެހީތެރިކަން ލިބެމުންދާކަންވެސް މި ރަސްމިއްޔާތުގައި ވަނީ ފާހަގަކޮށްފައެވެ.