ޓްރާންސްޕޯޓް މިނިސްޓްރީގެ ޤަވާޢިދުގެ ދަށުން އިސްރަށްވެހިންނަށް ލުއިތަކަކާއެކު އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން، ހއ. ތަކަންދޫގައި ދިރިއުޅޭ އިސްރަށްވެހިންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން ތަކަންދޫ ކައުންސިލްގެ ރައީސް ޢަބްދުއްރައްޒާޤް "ތިލަދުން"އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ އެ ރަށުގައި ގިނަ އަދަދަކަށް އިސްރަށްވެހިން ދިރިއުޅެމުންދާއިރު، އޭގެ ތެރެއިން ބައެއް ފަރާތްތަކުން ލައިސަންސް ނެތި އުޅަނދު ދުއްވަމުންދާތީ އެ ފަރާތްތައް ޤަވާޢިދުގެ ތެރެއަށް ވެއްދުމުގެ މަޤްޞަދުގައި ހިންގި ޕްރޮގްރާމެއް ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ހުއްދައާއެކު، ތަކަންދޫ ޕޮލިސް ޕޯސްޓާ ގުޅިގެން ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި އެ ރަށުގެ 15 އިސްރަށްވެއްސަކު ވަނީ ބައިވެރިވެފައެވެ.
މި ތަމްރީނު ފުރިހަމަކުރި ބައިވެރިންނަށް މަޢުލޫމާތު ސެޝަން ފުރިހަމަކުރިކަމުގެ ސެޓްފިކެޓް މިހާރު ވަނީ ދީފައެވެ. އަދި އިސްރަށްވެހިންނަށް ކައުންސިލް އިދާރާއިން ލައިސަންސް ދޫކުރުމަށް ހަމަޖެހިފައިވަނީ އެ ސެޓްފިކެޓް ހުށަހެޅުމުން ކަމަށް ވެސް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.
މި އުޞޫލުގެ ދަށުން ދޫކުރާ ޚާއްޞަ ލައިސަންސްގައި ދުއްވުމުގެ ހުއްދަ ލިބެނީ ބެޓެރި އުޅަނދުފަހަރާއި، ރަށު ޕިކަޕުގެ އިތުރުން 3 ފުރޮޅު އަދި 2 ފުރޮޅުލީ ބެޓެރި އުޅަނދެވެ. މީގެއިތުރުން، މި ލައިސަންސްގެ ދަށުން އުޅަނދު ދުއްވޭނީ ހަމައެކަނި ތަކަންދޫގައި، 10 އަހަރު ދުވަހުގެ މުއްދަތަށެވެ.
ކައުންސިލްގެ ރައީސް ޢަބްދުއްރައްޒާޤް އިތުރަށް ވިދާޅުވީ، މި ޕްރޮގްރާމްގެ ދަށުން އުޅަނދު ދުއްވުމުގެ ޓެސްޓު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހު ކަމަށެވެ. ހަމައެއާއެކު، އިސްރަށްވެހިންނަށް ލައިސަންސް ދޫކުރުމަށް ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރުމުގައި ތަކަންދޫ ޕޮލިސް ޕޯސްޓުން ވެދެއްވި އެހީތެރިކަން ފާހަގަކުރައްވައި، ކައުންސިލްގެ ނަމުގައި އެ ފަރާތަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!