ށ. ނަރުދޫ ރަމްޒު ސްޕޯޓްސް އެކަޑަމީން އިންތިޒާމުކޮށްގެން ބާއްވާ، "އިންޓަރ އޮފީސް ފުޓްސަލް މުބާރާތް 2026" އަންނަމަހު ފެށުމަށް ތައްޔާރުވެފައިވާއިރު، އެންމެ ފޯރިއާއެކު ސަޕޯޓް ކުރާ ޓީމް ހޮވުމަށް އެކަޑަމީން ނިންމައިފިއެވެ.

މިކަމާގުޅިގެން، ރަމްޒު އެކަޑަމީގެ ރައީސް ޢަލީ ރަމްޒީ "ތިލަދުން"އަށް ވިދާޅުވީ " ބެސްޓް ސަޕޯޓިން ޓީމް"ގެ މަޤާމު އަލަށް ތަޢާރަފް ކުރުމުގެ މަޤްޞަދަކީ، ދަނޑުމަތީގައި ތިބޭ ކުޅުންތެރިންގެ އިތުރުން، އޮފީސްތަކުގެ ހުރިހާ މުވައްޒަފުން މުބާރާތުގައި ޝާމިލްކުރުމާއެކު، ސަޕޯޓަރުންގެ މެދުގައި ގުޅުން ބަދަހިކޮށް، މުބާރާތުގެ ފޯރި އެންމެ މައްޗަށް ގެންދިޔުންކަމަށެވެ. އަދި ދަނޑުމަތީގައި ތިބޭ ކުޅުންތެރިންނަށް ހިތްވަރު ދިނުމަކީ ވެސް "ބެސްޓް ސަޕޯޓިން ޓީމް" ހޮވުމުގެ އެއް ބޭނުންކަމުގައި ރަމްޒީ ފާހަގަކުރެއްވިއެވެ.

Ad
rt

މީގެއިތުރުން ރަށުގެ މުއައްސަސާތަކަށް އަމާޒުކޮށްގެން، މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ރަށުގެ އެކި މުޢައްސަސާތަކުގައި މަަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށް ބާރު އެޅުމާއެކު ކުޅިވަރުގެ ރޫޙުގެ ތެރެއިން މުޢައްސަސާތަކުގެ ގުޅުން ބަދަހިކުރުންކަމުގައި ވެސް ރަމްޒީ ވިދާޅުވިއެވެ.

ހަމައެކަނި ރަށުގެ މުއައްސަސާތަކަށް އަމާޒުކޮށްގެން މުޅިން އަލަށް ރަމްޒު ސްޕޯޓްސް އެކަޑަމީން ބާއްވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 2026 ޑިސެމްބަރ 3 ވަނަ ދުވަހުއެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ބަންދުވެފައި ވާއިރު، މިހާތަނަށް ބައިވެރިވެފައިވަނީ ޖުމްލަ 4 ޓީމް ކަމަށް އެ އެކަޑަމީން ހާމަކުރެއެވެ.

އެގޮތުން، ނަރުދޫ ކައުންސިލް އިދާރާ، ނަރުދޫ ޞިއްޙީމަރުކަަޒާއި ނަރުދޫ ސްކޫލްގެ އިތުރުން ސްޓެލްކޯ ނަރުދޫ އިންޖީނުގެއިން ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ.

2026 ޑިސެމްބަރ 10 ވަނަ ދުވަހު ފައިނަލްމެޗު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ޗެމްޕިއަނަށާއި ރަނަރއަޕްޓީމަށް ޝީލްޑް، މެޑަލް އަދި ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާކަމަށް ރަމްޒު ސްޕޯޓްސް އެކަޑަމީން ބުނެއެވެ.

މީގެއިތުރުން ފެއަރޕްލޭޓީމާައި، ކިންގް އޮފް ދަ ޓޯނަމެންޓް އަދި ބެސްޓް ކޯޗްގެ އިތުރުން ޓޮޕް ސްކޯރާ އާއި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން ވެސް ހޮވުމަށްވަނީ ހަމަޖެހިފައެވެ.

ރަމްޒް ސްޕޯޓްސް އެކަޑަމީގެ ޢަމާޒަކީ އެއް އަހަރުން އަނެއް އަހަރަށް މި ފަދަ މުބާރާތްތަކުގެ ފެންވަރު ރަނގަޅުކޮށް، މުބާރާތުގެ އިންތިޒާމްތައް އިތުރަށް ފުރިހަމަކޮށް، ރަށުގެ އިޖްތިމާއީ ގުޅުން ބަދަހި ކުރުމުގައި ދެމި އޮތުންކަމުގައި އެކަޑަމީގެ ރައީސް ޢަލީ ރަމްޒީ ވިދާޅުވިއެވެ.