މި ސަރުކާރުން ސިޔާސީ ބޭނުމެއްގައި އެއްވެސް ސިޔާސީ މީހަކު ހައްޔަރު ނުކުރާނެ ކަމަށާއި، ކޮންމެ މީހަކަށް ވިޔަސް ގާނޫނު ހަމަހަމަކަމާއެކު ހިނގާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. އެމަނިކުފާނު ވިދާޅުވީ ގާނޫނީ ހަމަހަމަކަން ދެމެހެއްޓުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް އުސޫލު ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މިހެން ވިދާޅުވީ، ކުރީގެ ވަޒީރެއްގެ މައްޗަށް އުފުލިފައިވާ ތުހުމަތުތަކާ ގުޅިގެން ނޫސްވެރިއަކު ކުރިމަތިކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެ ސުވާލުގައި ވަނީ، ބާރުގަދަ ފަރާތްތަކުގެ މައްޗަށް ގާނޫނު ނުހިނގާ ކަމަށް ދެކެވޭ ވާހަކަތަކާ މެދު ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ ސުވާލު އުފައްދާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިޔާސީ ބޭނުމެއް ހާސިލުކުރުމަށް އެއްވެސް ސިޔާސީ ފަރާތެއް ހައްޔަރުކުރުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި މިހާތަނަށް ވެސް އެފަދަ އެއްވެސް އަމަލެއް ސަރުކާރުން ހިންގާފައި ނުވާނެ ކަމަށާއި، ސިޔާސީ ގޮތުން މީހުން ހައްޔަރުކުރުމަކީ ބަދަލުހިފުމުގެ އަމަލެއްގެ ގޮތުގައި ފާހަގަކުރައްވައި، އެފަދަ ކަންކަން އެމަނިކުފާނު މިހާރު ވާނީ ނިމުމަކަށް ގެންނަވާފައި ކަމަށް ވިދާޅުވިއެވެ.
ނަމަވެސް، ކުރީގެ ވަޒީރަކާ ގުޅޭގޮތުން ފެންމަތިވެފައިވާ މައްސަލައަކީ ވަރަށް ހައްސާސް މައްސަލައެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ތުހުމަތު ކުރެވެނީ ކޮންމެ ފަދަ ބާރުގަދަ ފަރާތަކަށް ވިޔަސް ގާނޫނުގެ ބާރު ފުރިހަމައަށް ހިނގަންޖެހޭނެ ކަމަށެވެ. އެގޮތުން، ގާނޫނު ތަންފީޒު ކުރުމުގެ މަރުހަލާގައި އެ އަމަލެއް ހިންގި ކަމަށް ބެލެވޭ ފަރާތަކާ މެދު ގާނޫނީ އިމުގެ ތެރެއިން "ޑިއު ޕްރޮސެސް" ހިންގުމުގެ ފުރުސަތު ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ގާނޫނީ އިޖުރާއާތުތައް ކުރިއަށްގެންދިއުމަށް މި ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެ ކަމަށާއި، އަދި އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާ ކަމަށެވެ. ކަންކަން ހިނގަންވާނީ ގާނޫނުއަސާސީން ކަނޑައަޅާފައިވާ ހަމަތަކުގެ މަތިން ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.
މި މައުޟޫއުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، "ރޫލް އޮފް ލޯ ތަންފީޒުކުރުން، ޤާނޫނު އަސާސީ ނަގަހައްޓާ ދެމެހެއްޓުން، އިންސާނީ ޙައްޤުތައް ހިމާޔަތްކުރުން، މިހެންގޮސް މިހުރިހާކަމެއް އެއީ މިތަނުގައި ޔަޤީންކަން ލިބިފައިވާ ކަންކަންކަމުގައި ވާންޖެހޭނެ،" ކަމަށެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، އެއްވެސް ހާލަތެއްގައި މިއީ ސިޔާސީ ކަމެއް ނޫން ކަމަށެވެ. އަދި ދުވަހަކުވެސް ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކާ ދޭތެރޭ ފިޔަވަޅު އެޅުމަކީ މިއަދާ ހަމައަށް ވެސް ކުރެއްވި ކަމެއް ނޫން ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު އެރުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!