ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ހަތަރު ބިލަކީ މުހިންމު ފަންނީ ބިލުތަކެއް ކަމަށާއި، އެއީ ނިޒާމީ ބޮޑެތި ބަދަލުތަކެއް ގެންނާނެ ބިލްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް މިއަދު ހުށަހެޅި ބިލްތަކުގެ ތެރޭގައި ހިމެނެނީ މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާ ބެހޭ ބިލާއި، އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ ނާދެވޭގޮތަށް ހުށަހެޅި އިމިގްރޭޝަންގެ ބިލެވެ. މީގެ އިތުރުން އަބުރާ ބެހުމުގެ ބިލާއި، ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު ވެސް މީގެ ތެރޭގައި ހިމެނެއެވެ.

Ad
rt

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަޖިލީހަށް ހުށަހެޅި މި ބިލުތަކަކީ އަވަސްއަރުވާލައިގެން ހުށަހަޅާފައިވާ ބިލުތަކެއް ނޫން ކަމަށެވެ. އަދި އޭގެ ބަދަލުގައި އެއިން ކޮންމެ ބިލެއް ވެސް އެކުލަވާލާފައި ވަނީ ފަންނީ ދިރާސާތަކުގެ އަލީގައި ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކަކީ ނިޒާމީ ގޮތުން ގެންނަންޖެހޭ މުހިންމު ބަދަލުތަކާއި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލައި ހުށަހަޅާފައިވާ ބިލުތަކެއް ކަމަށެވެ. އަދި މި ބިލުތަކުގެ ސަބަބުން ނުކުންނާނެ ނަތީޖާ ރަނގަޅުވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެއީ ދެފުށް ފެންނަ، ހާމަކަން ބޮޑު ނިޒާމެއްގެ ތެރެއިން ރިއަލް އެސްޓޭޓް ވިޔަފާރިއަށް މަގުފަހިކުރުމަށްޓަކައި ސަރުކާރުން ހުށަހެޅި މުހިންމު ބިލެއް ކަމަށެވެ. މީގެ އިތުރުން، ދީނާ ޚިލާފު ކަންކަން ނުކުރެވޭނެ ގޮތަށް މި ބިލު އެކުލަވާލާފައިވަނީ ރާއްޖެއަށް އެންމެ ފައިދާ ވާނެ ގޮތަށް އެ ބިލުގެ މަސައްކަތް އެކުލަވާލުމަށް ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ވެސް ވިދާޅުވިއެވެ.

ހަމައެހެންމެ، މަރުގެ އަދަބު ތަންފީޒުކުރުމުގެ ބިލާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެއީ ރާއްޖެއަށް ނުހ My މުހިންމު ބިލެއް ކަމަށެވެ. އަދި އެ މަސައްކަތް ފުރިހަމަވެ، ޝަރުޢީގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަވުމުން މަރުގެ އަދަބު ތަންފީޒުކުރަން ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤުގެ ބިލަކީ ރާއްޖެ ފަދަ އިސްލާމީ މުޖުތަމަޢަކަށް ނުހަނު މުހިންމު ބިލެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އަބުރާ ބެހުމަކީ މަދަނީ ކުށެއް ކަމަށް ކަނޑައަޅައި ހުށަހެޅި މި ބިލަކީ އަބުރު ރައްކާތެރިކޮށްދިނުމުގެ މަޤްޞަދުގައި ހުށަހެޅި ބިލެއް ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.