ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރި މައްސަލާގެ އިސްތިއުނާފް ހައި ކޯޓުން ބަލައިގެންފި އެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމާއި އެމްޑީޕީގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ޝާހިދު ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އޭނާ ހައްޔަރުކުރީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ޝާހިދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައި ވެ އެވެ.
އެ އަމުރު އިސްތިއުނާފްކުރަން ޝާހިދުގެ ފަރާތުން މިދިޔަ ބުދަ ދުވަހު ހައި ކޯޓަށް ހުށަހެޅި މައްސަލަ މިހާރު ވަނީ ބަލައިގަނެ, ރަޖިސްޓްރީކޮށްފަ އެވެ.
އެ މައްސަލާގައި ހައްޔަރު ކުރުމުގެ އިރުކޮޅެއް ކުރިން ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް ކަމަށެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރާއިރު، އޭނާ ގެންދަވަނީ 2028 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ކެމްޕެއިން ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!