އިސްލާމީ ޝަރީއަތުގައި ކަނޑައެޅިގެން މަނާކޮށްފައިވާ ޖުވާ ކުޅުން ފަދަ ކަންކަމަށް މަގުފަހިވާ އެއްވެސް ވިޔަފާރިއެއް ނުވަތަ ހިދުމަތެއް ގާއިމުކުރުން މަނާކޮށް، އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯންތައް މާސްޓާ ޑިވެލޮޕަރުންނަށް ގިނަވެގެން 99 އަހަރަށް ކުއްޔަށް ދެވޭ ގޮތަށް އެކުލަވާލާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ބިލުގެ އަށްވަނަ ބާބު ހާއްސަކޮށްފައިވަނީ އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯންތަކަށް ހާއްސަ ގާނޫނީ އޮނިގަނޑެއް ތައާރަފު ކުރުމަށެވެ. އެ ބާބުގައިވާ ގޮތުން ރާއްޖޭގައި ރިއަލް އެސްޓޭޓް ވިޔަފާރި ތަރައްގީ ކުރުމަށް މަގުފަހި ކުރުމުގެ ބޭނުމުގައި، މިނިސްޓަރުގެ ލަފާގެ މަތިން ވަކި ހާއްސަ ސަރަހައްދެއް އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގައި ކަނޑައެޅުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

Ad
rt

އެގޮތަށް ކަނޑައަޅާ ޒޯނުތަކުގައި އިސްލާމީ ހަމަތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ބިލުގައި ހަރުކަށި ޝަރުތުތަކެއް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން، އެފަދަ ޒޯނެއްގައި ތަރައްގީކުރާ ތަންތަނަށާއި، ހިންގާ ވިޔަފާރިތަކަށް ނުވަތަ އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް ވެސް ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި އޫރުމަސް އެކުލެވޭ ތަކެތި އަދި އޫރުމަހުން އުފައްދާ ތަކެތި އިމްޕޯޓް ކުރުމާއި، ވިއްކުމާއި، ބޭނުން ކުރުމުގެ ހުއްދައެއް ނޯންނާނެއެވެ. އަދި އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ ޝިއާރުތައް ފާޅުކުރުމާއި، އިހުތިފާލުތައް ބޭއްވުމާއި، އެހެން ދީންތަކަށް އަޅުކަންކުރާ ތަންތަން ހެދުމުގެ ފުރުސަތު މާސްޓަ ޑިވެލޮޕަރު ދީގެން ނުވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގައިވާ ޕްރޮޕަޓީއެއް ގަތުމަކުން، އެ މީހަކަށް ދިވެހިރާއްޖޭގެ ރައްޔިތަކަށްވުމުގެ އެއްވެސް ހައްގެއް ނުލިބޭނެއެވެ. އަދި އިޒްރާއިލްގެ ރައްޔިތުންނަށް ނުވަތަ އިޒްރާއިލް ރައްޔިތުންގެ މިލްކުވެރިކަން ނުވަތަ ހިއްސާއެއް ސީދާކޮށް އަދި ނުސީދާކޮށް އޮންނަ އެއްވެސް ގާނޫނީ ޝަހުސަކަށް ޒޯނުގައިވާ ޕްރޮޕަޓީއެއްގެ ލީސްހޯލްޑް ރައިޓްސް ނުވިއްކޭނެ ކަމަށާއި، ޒޯނެއްގައިވާ ބިމެއް ސަބްލީސް ވެސް ނުކުރެވޭނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ. މީގެއިތުރުން، އެއްވެސް ވަކި ގައުމަކަށް ނިސްބަތްވާ ރައްޔިތުންނަށް ނުވަތަ ކޮންޓްރޯލް އޮންނަ ފަރާތްތަކަށް ރަޖިސްޓްރީ ކޮށްދެވޭނީ ޖުމްލަ ބިންތަކުގެ 25 އިންސައްތައަށް ވުރެ އިތުރުނުވާ މިންވަރަށެވެ.

ޒޯނުތަކުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން ބިލުގައި ބުނެފައިވަނީ، އެ ސަރަހައްދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާނީ ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުން ކަމަށެވެ. އަދި ރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގްލާލަށް ގެއްލުންވާ ފަދަ އެއްވެސް އަމަލެއް މާސްޓާ ޑިވެލޮޕަރު ކޮށްގެން ނުވާނެ ކަމަށާއި އެފަދަ ކަމަކަށް ފުރުސަތު ދީގެން ނުވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ. އޭގެ އިތުރުން، މި ޒޯނުތަކުގައި ފޯރުކޮށްދޭ މުދަލާއި ހިދުމަތް ބެލެވޭނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތް ކަމުގައި ކަމަށާއި، ޓެކްސް ނަގާނީ ވެސް ޓޫރިޒަމް ދާއިރާގެ ރޭޓުގައި ކަމަށް ބަޔާންކޮށްފައިވެއެވެ.

މި ގާނޫނު ތަންފީޒު ކުރުމަށްޓަކައި، 14 ބާބާއި 160 އަށް ވުރެ ގިނަ މާއްދާ އެކުލެވޭ މި ބިލުގެ ދަށުން "ޕްރޮޕާޓީ ރެގިއުލޭޓަރީ އޮތޯރިޓީ" ގެ ނަމުގައި މިނިސްޓްރީގެ ދަށުން ހިނގާ ވަކި އިދާރާއެއް އުފައްދަން ވަނީ ހިމަނައިފައެވެ. މި އޮތޯރިޓީގެ ހިންގުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ޖަވާބުދާރީވާން ޖެހޭއިރު، އޮތޯރިޓީ ހިންގާނެ ޗީފް އެގްޒެކެޓިވް އޮފިސަރަކު އައްޔަން ކުރައްވާނީ މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. ޑިވެލޮޕަރުންނާއި އޭޖެންޓުން ރަޖިސްޓަރީކުރުމާއި، މުދަލުގެ ދަފްތަރު ބެލެހެއްޓުމާއި، އެސްކްރޯ ބޭންކުތައް ކަނޑައެޅުން މި އިދާރާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭއިރު، އޮތޯރިޓީގެ ހިސާބުތައް އޮޑިޓް ކުރާނީ އޮޑިޓާ ޖެނެރަލެވެ.

އާންމުކޮށް މުދާ ގަންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުން، އޮފް-ޕްލޭންކޮށް ވިއްކާ ޔުނިޓުތަކަށް ދައްކާ ފައިސާ ޖަމާކުރަން ޖެހޭނީ ރާއްޖޭގެ ބޭންކެއްގައި ހުޅުވާ ހާއްސަ 'ޕްރޮޖެކްޓް އެސްކްރޯ އެކައުންޓް' އަކަށެވެ. ޑިވެލޮޕަރަށް އެ ފައިސާ ދޫކުރެވޭނީ އިމާރާތުގެ މަސައްކަތް ކުރިއަށްދާ ނިސްބަތަކުންނެވެ. އަދި މަޝްރޫއު ނިމި، ޔުނިޓުތައް ގަންނަ ފަރާތްތަކުގެ ނަމަށް ރަޖިސްޓަރީ ކުރާތާ އެއް އަހަރު ވަންދެން ފައިސާގެ ފަސް ޕަސެންޓް އެކައުންޓުގައި ހިފަހައްޓަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، އޮތޯރިޓީގައި ރަޖިސްޓަރީނުކޮށް އެއްވެސް މަޝްރޫއެއް އިއުލާންކުރުމާއި ވިއްކުން މަނާވާނެ ކަމަށާއި، ބުކިން ފީގެ ގޮތުގައި ނެގޭނެ އެންމެ މަތީ މިންވަރު ގަވާއިދުން ކަނޑައަޅަން ޖެހޭނެ ކަމަށް ބިލުގައިވެއެވެ. އަދި އޮފް-ޕްލޭންކޮށް ގަންނަ ފަރާތްތަކަށް ޕްރޮވިޝަނަލް ރަޖިސްޓަރީއެއް ލިބުމާއެކު، މަޝްރޫއުގެ ކުރިއެރުމާއި އެސްކްރޯ އެކައުންޓުގެ މައުލޫމާތު ހޯދުމުގެ ހައްގު ވެސް ލިބިދެއެވެ. މި ގާނޫނާ ހިލާފުވާ އަމަލަކީ ޖިނާއީ ކުށެއް ކަމުގައިވާ ނަމަ، އިދާރީ ފިޔަވަޅު އެޅުމުގެ އިތުރުން އެކަން ތަހުގީގު ކުރުމަށް ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް އޮތޯރިޓީން ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.