ރަސްމާލެ ހިއްކުމުގެ މުޅި މަޝްރޫޢަށް ކުރިން އަންދާޒާކުރި ވަރަށްވުރެ ބޮޑުތަނުން ޚަރަދު ކުޑަކުރެވިފައިވާ ކަމަށާއި، އެ މަޝްރޫޢު އެއްކޮށް ނިންމުމަށް މިހާރު ހޭދަވާނީ ގާތްގަނޑަކަށް 330 މިލިއަން ޑޮލަރު ކަމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދިޔަ "އަހާ" ފޯރަމްގެ 11 ވަނަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ރަސްމާލެ ހިއްކަން ފެށިއިރު މުޅި މަޝްރޫޢަށް ގާތްގަނޑަކަށް 500 އާއި 700 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ހޭދަވާނެ ކަމަށް ކުރިން ވިދާޅުވެފައިވާނެ ކަމަށެވެ. އެ ހިސާބުތައް އޭރު ބައްޓަންކުރެވުނީ އެ ދުވަސްވަރު ސަރުކާރުން ހިންގަމުންދިޔަ މަޝްރޫޢުތަކަށާއި، އޭރުގެ މާކެޓް ރޭޓުތަކުގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތައް ވެސް ހިމަނައިގެން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ނަމަވެސް، އެކި ކުންފުނިތަކާ ހަވާލުކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދިޔައިރު ވީހާވެސް ޚަރަދު ކުޑަކުރުމަށް ސަރުކާރުން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިހާރު ޚަރަދު ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމެންވާއިރަށް އެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށާއި، އެ ހިސާބަށް ދާއިރު މަޝްރޫޢަށް ހިނގާނީ ގާތްގަނޑަކަށް 330 މިލިއަން ޑޮލަރު ކަމަށް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ އެއިގެ މާނައަކީ މުޅި ރަސްމާލޭގެ 1109 ހެކްޓަރު ހިއްކުމަށްޓަކައި ދަޢުލަތުން ޚަރަދުވާނެ ކަމަށް ލަފާކުރެވޭ އަދަދަކީ 330 މިލިޔަން ޑޮލަރުކަމަށެވެ. އެހެންމަ 500 ހެކްޓަރަށް ބަލާފިކަމުގައިވާނަމަ އެއީ 160 މިލިޔަން ޑޮލަރުވަރުކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

''އެހެންވީމަ ހަގީގަތުގައި އޭރު އަޅުގަނޑުމެން އަަންދާޒާކުރި އަދަދަކީ ކުރީ ސަރުކާރުން ގުޅީފަޅާއި ގިރާވަރުފަޅު ފަދަ މަޝްރޫއަށް ބަލައި އަންދަޒާކޮށްފަ ހުރި އަދަދުތަކެއް. އެހެންނަމަވެސް ސަރުކާރުން އެންމެ ޚަރަދުކުޑަގޮތެއްގައި މަޝްރޫޢު ކުރިއަށްގެންދިއުމަށް ކުރި މަސައްކަތުން 330 މިލިޔަން ޑޮލަރު ޚަރަދުވާނީ،" ވަޒީރު ވިދާޅުވެފަވެއެވެ.

ވަޒީރުގެ ވާހަކާގައި މި މަޝްރޫޢާ ގުޅުވައިގެން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުން ވިދާޅުވީ، ރަސްމާލެ ހިއްކުމަށް މިހާތަނަށް 700 އާއި 1000 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ޚަބަރުތަކެއް ކަމަށެވެ.